ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންގެ އެހީތެރިކަމާ އެކު ޔަހޫދީ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް މިހިންގަނީ ކޮން އަނިޔާވެރިކަމެއް؟
26 ޖުލައި 2026 | އާދީއްތަ 16:38ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ދެ މިސްކިތެއްގައި ހުޅުޖަހައި ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލު ސިފައިން ނާބްލަސްގެ އަވަށަކަށް ވަދެގަނެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ވަޒަންވެރިން ދޭ ހަމަލާތައް 60 އިންސައްތައަށް ވުރެ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގެ އޯލްޑް ސިޓީގައި ބަންދުކޮށްފައިވާ ފިހާރައެއްގެ ބޭރުގައި، ހަތިޔާރު އަޅައިގެން ހުރި އިސްރާއީލުގެ ސިފައިންގެ މީހަކު ފޯރިމަރަނީ. މި ފޮޓޯ ނަގާފައިވަނީ 2026 ޖުލައި 25 ވަނަ ދުވަހު | ގެޓީ އިމޭޖަސް
އިސްރާއީލުގެ ސިފައިންގެ އެހީތެރިކަމާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި އެ ގައުމުގެ ވަޒަންވެރިން ހިންގަމުންދާ ވަރުގަދަ ހަމަލާތަކެއްގައި، ފަލަސްތީނުގެ ހަތަރު މީހަކު މަރާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަދުވެގެން ދެ މިސްކިތެއްގައި ހުޅުޖަހައި، ފަލަސްތީނުގެ އެތައް ބަޔަކު ހައްޔަރުކޮށްފި އެވެ.
ނާބްލަސް ކައިރީގައި އޮންނަ ތަލް އަވަށަށް އިސްރާއީލުގެ ވަޒަންވެރިން ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި، އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ހަތަރު މީހަކު މަރާލުމާ ގުޅިގެން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ދެ މީހަކުވެސް ވަނީ މަރުވެފަ އެވެ.
ހުޅަނގު އައްސޭރީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން އެނގެން ހުރި މުހިންމު ތަފުސީލުތަކަކީ ކޮބައި ހެއްޔެވެ؟
ކަން ހިނގަމުންދާ ގޮތް
ނިމިދިޔަ ހުކުރު ދުވަހު، އިސްރާއީލުން ޣައިރު ގާނޫނީ ގޮތެއްގައި ހަދާފައިވާ ހަވަތު ގިލާދު އާބާދީއާ އިންވެގެން އޮންނަ ތަލް އަވަށަށް 30 އެއްހާ ވަޒަންވެރިން ވަދެގަނެ، ދެ ގެއަކަށް ވަންނަން މަސައްކަތް ކުރުމުން އެ އަވަށުގެ ރައްޔިތުން ވަނީ އެމީހުން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. އެވަގުތު އިސްރާއީލުގެ ވަޒަންވެރިން ވަނީ އާންމުންނަށް އަމާޒުކޮށް ބަޑިޖަހާފަ އެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ފަލަސްތީނުގެ ފިރިހެނަކު ވަނީ ވަޒަންވެރިއެއްގެ އަތުން ބަޑި އަތުލައި އޭނާގެ ގަޔަށް ބަޑިޖަހާފަ އެވެ. އޭގެ ފަހުން އިސްރާއީލު ސިފައިން ވަނީ ބަޑިޖަހައި އެ ފަލަސްތީނު މީހާ މަރާލާފަ އެވެ. މި ހާދިސާގައި އިތުރު ތިން މީހަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވި އެވެ.
އިސްރާއީލުގެ ދެ މީހަކު މަރުވުމާ ގުޅިގެން، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އިތުރު ސިފައިން ފޮނުވާފަ އެވެ.
މި މަރުތަކުގެ ބަދަލު ހިފާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، "ޓެރަރިސްޓުންގެ މަރުކަޒުތަކުގައި" ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށް އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.
ނަތަންޔާހޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަވަށުތަކަށް ވަދެ، އެ ތަންތަން ބަލައި ފާސްކޮށް، ހަތިޔާރު އަތުލައި އަދި މީހުން ހައްޔަރުކުރުމަށް ސިފައިންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
ހުޅުޖެހީ ކޮން މިސްކިތްތަކެއްގައި؟

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބްލަސްގެ ދެކުނުން އޮންނަ ކުސްރާ އަވަށުގައި ހުންނަ އަލް-ރަހްމާ މިސްކިތަށް، 2026 ޖުލައި 26 ގައި އިސްރާއީލުގެ ވަޒަންވެރިން ހުޅުޖެހުމުގެ ހަމަލާއާ ގުޅިގެން އެ މިސްކިތަށް ލިބިފައިވާ ގެއްލުންތައް ފަލަސްތީނުގެ ރައްޔިތަކު ބަލަނީ. | ގެޓީ އިމޭޖަސް
ނާބްލަސްގެ އިރުދެކުނުން އޮންނަ ގުސްރާ އަވަށުގެ ކައުންސިލް ރައީސް އަބްދުލް އަޒީމް ވަދީ ވިދާޅުވީ، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުގެ ވަޒަންވެރިން މިސްކިތެއްގައި ހުޅުޖަހާފައިވާ ކަމަށެވެ. އަދި އެ މިސްކިތުގެ ފާރުތަކުގައި ހީބްރޫ ބަހުން "ޔަހޫދީންގެ ބަދަލުހިފުން" ފަދަ ޝިއާރުތަކާއި، ތަލް އަވަށު ކައިރީގައި މަރުވި އިސްރާއީލު މީހެއްގެ ނަން ލިޔެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވަދީ ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން އެ އަވަށަށް ތަކުރާރުކޮށް ހަމަލާތައް ކުރިމަތިވަމުންދާ ކަމަށާއި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މި ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ތުލްކަރަމް ސިޓީގެ އިރުދެކުނުން އޮންނަ ކޫރު އަވަށުގެ މިސްކިތެއްގައިވެސް ވަޒަންވެރިން ހުޅުޖަހަން މަސައްކަތް ކުރި އެވެ.
އެ އަވަށުގެ ކައުންސިލް މެންބަރެއް ކަމަށްވާ ފަރީދު ޖިޔޫސީ ވިދާޅުވީ، ފަތިސް ވަގުތު ތިން ވަޒަންވެރިއަކު މިސްކިތުގައި ހުޅުޖަހަން އުޅުނު ނަމަވެސް، މިސްކިތުގެ މައި ސަރަހައްދަށް އަލިފާން ފެތުރުމުގެ ކުރިން ނަމާދަށް ގޮސް ތިބި މީހުން އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ އެ އަވަށަށް މިފަދަ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ކަމަށާއި، ހަމަލާދިން މީހުން މިސްކިތުގެ ފާރުތަކުގައި ހީބްރޫ ބަހުން އެކި އެއްޗެހި ލިޔެފައިވާ ކަމަށެވެ.
މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ބައިތު ފުރިކް އަވަށުގެ ގެއެއްގައި އިސްރާއީލުގެ ވަޒަންވެރިން ހުޅުޖަހާ މަންޒަރު ސަލާމަތީ ކެމެރާއަކަށް ވަނީ އަރާފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ވަޒަންވެރިން އެ ގެއަށް ހަމަލާދީ، ގޭގެ އެއްބައިގައި ވަނީ ހުޅުޖަހާފަ އެވެ.
ގެއަށް އަލިފާން ދިނުމަށްފަހު ވަޒަންވެރިން އެ ސަރަހައްދުން ފިލާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް، ލިބުނު ގެއްލުން ކުޑަކޮށްފަ އެވެ.
ވަޒަންވެރިން ދިން ހަމަލާތައް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސް ސިޓީގެ ހުޅަނގުން އޮންނަ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ސައްރާއަށް، އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާއެއްގައި އަންދާލާފައިވާ އުޅަނދުތަކާއި ގެދޮރުގެ ތެރެއިން، ސުންނާފަތިވެފައިވާ ބަދިގޭގެ ފޮޓޯއެއް ފަލަސްތީނު މީހަކު ނަގަނީ | ގެޓީ އިމޭޖަސް
އިސްރާއީލް އާމީ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ވަޒަންވެރިން ވަނީ މަދުވެގެން 30 ހަމަލާއެއް ދީފަ އެވެ.
ސަލާމަތީ ބާރުތަކުގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ރޭޑިއޯއިން ބުނި ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިފަދަ ހަމަލާތައް ވަނީ 63 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފަހު ހަ މަސް ދުވަހު 405 ހާދިސާ ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މަދުވެގެން 660 ހާދިސާ ވަނީ ރިޕޯޓްކޮށްފަ އެވެ.
"ނިމިދިޔަ ބަންދު ދުވަސްތަކުގައި، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ ފިކުރުގެ މީހުން ހިންގި 30 ޖިނާއީ ހާދިސާއެއް ވަނީ ރެކޯޑްކުރެވިފައި. މިއީ އާދަޔާ ޚިލާފަށް ގިނަ އަދަދެއް،" ރޭޑިއޯ ރިޕޯޓުގައި ބުނެފައިވެ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން މަދުވެގެން 1,185 ފަލަސްތީނު މީހުން މަރާލާފައިވާއިރު، އޭގެ ތެރޭގައި 250 ކުޑަކުދިން ހިމެނެ އެވެ. އަދި 2026 ވަނަ އަހަރުގެ މިހާތަނަށް އެ ސަރަހައްދުން 87 މީހަކު މަރާލާފައިވާއިރު، އޭގެ ތެރެއިން 21 މީހަކު މަރާލީ އިސްރާއީލުގެ ވަޒަންވެރިންނެވެ.
ހުޅަނގު އައްސޭރީގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓްކުރި ގޮތުގައި، ނިމިދިޔަ ރެއަކީ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުން ނިދިނަގައިލި ބިރުވެރި ރެއެކެވެ. ރައްޔިތުން ތިބީ ބަންދުވެ، އެކަހެރިވެފަ އެވެ. އަލިފާން ނިއްވާ މީހުންނަށް ނުވަތަ އެހެން އެހީތެރިކަމަކަށް ގުޅޭނެ ގޮތެއް ނެތެވެ. ފަލަސްތީނުގެ ފުލުހުންގެ އެހީތެރިކަމެއް ނުލިބޭއިރު، ވަޒަންވެރިންނާއެކު އަންނަ އިސްރާއީލު ސިފައިންގެ ފަރާތުން އެއްވެސް ރައްކާތެރިކަމެއް ނުލިބެ އެވެ.
"ވަޒަންވެރިން ހުޅުޖަހައިފާނެތީ އެމީހުންގެ ގެދޮރު ހިމާޔަތްކުރުމަށާއި، އާއިލާގެ މީހުން ސަލާމަތްކުރުމަށްޓަކައި ފަލަސްތީނު ރައްޔިތުން ތިބީ ނުނިދާ ހޭލަ އެވެ. ފަލަސްތީނު މީހުންނަށް މިއީ ފުރާނައަށް އޮތް ނުރައްކަލެއް،" ނޫރު ބުންޏެވެ.
"އެމީހުންނަށް މިއަދު ގަބޫލުކުރެވެނީ އެމީހުންގެ ހިމާޔަތުގައި ތިބީ ހަމައެކަނި އެމީހުން އަމިއްލައަށް ކަމެވެ."
ހައްޔަރުކުރީ ކިތައް ފަލަސްތީނު މީހުން؟

އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިން، ފަލަސްތީނުގެ ފިރިހެނެއްގެ ދެއަތުގައި ބިިޑިއަޅުވައި އަދި ކަނުބަނދެގެން ގެންދަނީ | ގެޓީ އިމޭޖަސް
ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާ (ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ) އިން ބުނި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރިން އިސްރާއީލުގެ ޖަލުތަކުގައި ތިބި މީހުންވެސް ހިމެނެ އެވެ.
މީހުން ހައްޔަރުކުރުމުގެ ހަރަކާތްތައް ބޮޑަށް އަމާޒުކޮށްފައިވަނީ އިސްރާއީލު ސިފައިން ވަދެގަނެގެން އުޅޭ ނާބްލަސް ގަވަރުނަރޭޓަށެވެ.
މޮނިޓަރިން ގްރޫޕްތަކުން ބުނާ ގޮތުގައި، ވަކިން ހާއްސަކޮށް ތަލް އަވަށުގައި ފުޅާ ދާއިރާއެއްގައި މީހުން ބަލައި ފާސްކުރުމާއި ސުވާލުކުރުން ކުރިއަށްދެ އެވެ.
ހުކުރު ދުވަހުން ފެށިގެން އެ އަވަށުން ހައްޔަރުކުރި މީހުންގެ އަދަދު 80 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ 18 މީހަކު އަދިވެސް ހުރީ ބަންދުގަ އެވެ.










