ބައިނަލްއަގުވާމީ މެޗުތަކަށް އައި ބޭރުގެ ރެފްރީންނަށް ޖިންސީ ޚިދުމަތް ފޯރުކޮށްދިން ކަމަށް ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުތިރާފުވެ، މާފަށް އެދިއްޖެ
8 އޯގަސްޓު 2026 | ހޮނިހިރު 16:26މި މައްސަލަ ފެންމަތިވީ ގައުމީ ކޯޗު އައްޔަންކުރި ގޮތާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން އެ އިދާރާގެ އޮފީސްތައް ފުލުހުން ބަލައި ފާސްކުރަމުންދާ ދަނޑިވަޅެއްގައި. އެ އެސޯސިއޭޝަނުން ބުނި ގޮތުގައި މިއީ މީގެ ކުރިން ހިނގާފައިވާ ކަންކަން ކަމަށާއި، މިހާރު އެފަދަ އަމަލުތައް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް

ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިމާރާތުގައި، 2024 ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި ނޭޝަނަލް ޓީމް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން މީޑިއާގެ ގިނަ އަދަދެއްގެ ނޫސްވެރިން ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް
ދިހަ އަހަރަށްވުރެ ގިނަ ދުވަސް ކުރިން ދެކުނު ކޮރެއާގައި ބޭއްވި ބައިނަލްއަގުވާމީ މެޗުތަކަށް އެ ގައުމަށް ދިޔަ ބޭރުގެ ރެފްރީންނަށް "ޖިންސީ ޚިދުމަތް" ފޯރުކޮށްދިން ކަމަށް މީޑިއާއަކުން ރިޕޯޓްކުރުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މާފަށް އެދިއްޖެ އެވެ.
ދެކުނު ކޮރެއާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ޖޭ.ޓީ.ބީ.ސީ އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ކޮލިފައިން މެޗުތަކަށް އެ ގައުމަށް ދިޔަ ރެފްރީންނަށް، 2011 އަދި 2012 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ކޮރެއާ ފުޓްބޯޅަ އެސޯސިއޭޝަން (ކޭ.އެފް.އޭ) އިން މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވެ އެވެ.
"ޕާލަމެންޓްގެ އަޑުއެހުމަކާއި، މީގެ ކުރިން ދުވަހަކުވެސް ހިންގާފައިނުވާ ފަދަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނަކުން ފާހަގަވި ކަންކަމާއި، އަދި މީގެ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭގޮތުން ފެންމަތިވި ރިޕޯޓްތަކުގެ ސަބަބުން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާތީ އެކަމަށް ނުހަނު އިޚްލާޞްތެރިކަމާއެކު މާފަށް އެދެން. މިއީ އެސޯސިއޭޝަންގެ ތެރޭގައި މަސައްކަތްކުރާ ގިނަ ބަޔަކަށްވެސް އެނގިފައިނުވާ ކަންތައްތަކެއް،" ހޮނިހިރު ދުވަހު ކޭ.އެފް.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖޭ.ޓީ.ބީ.ސީގެ ރިޕޯޓުގައި ހަވާލާދީފައިވަނީ 2016 ވަނަ އަހަރު އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީން ހިންގި ތަހުގީގަކަށެވެ. އެ ތަހުގީގުން ހާމަވި ގޮތުގައި، މާޗް 2011 އާއި މާޗް 2012 އާ ދެމެދު ހަތް ފަހަރެއްގެ މަތިން ބޭރުގެ ރެފްރީންނަށް ކޭ.އެފް.އޭ އިން ވަނީ ނުރަނގަޅު މެހެމާންދާރީއެއް އަދާކޮށްފަ އެވެ. މީގެ ތެރޭގައި ޖިންސީ ޚިދުމަތް ހިމެނޭ ގޮތަށް މަސާޖު ޕާލާތަކަށް ކުރި ޒިޔާރަތްތަކަށް އެސޯސިއޭޝަނުން ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.
"މިފަދަ ނުރަނގަޅު އަމަލުތައް ހިންގުމާއި، އެފަދަ ކަންކަމަށް އެސޯސިއޭޝަންގެ ކޯޕަރޭޓް ކާޑުތައް ބޭނުންކުރުމަކީ މިހާރު އެއްވެސް ހާލެއްގައި ހިނގަމުންދާ ކަމެއް ނޫންކަން އެސޯސިއޭޝަނުން ސާފުކޮށްދެން،" ކޭ.އެފް.އޭގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، ގައުމީ ޓީމުގެ ކޯޗަކަށް ހޮންގް މިއުންގް-ބޯ އައްޔަންކުރުމާ ގުޅިގެން އެ އެސޯސިއޭޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހޮންގް މިއުންގް-ބޯ ކޯޗަކަށް އައްޔަންކުރި މައްސަލައިގައި ހިންގަމުންދާ ތަހުގީގުގެ ތެރެއިން، ސޯލްގެ ފުލުހުން ބުރާސްފަތި ދުވަހު ކޭ.އެފް.އޭގެ އޮފީސްތައް ރެއިޑްކޮށް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެ އެވެ.
ކުރިން 2013 އިން 2014 އަށް ގައުމީ ޓީމަށް އިރުޝާދުދިން ހޮންގް، އަލުން ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އޭނާ އައްޔަންކުރުމާ މެދު ސުވާލު އުފެދުނީ، ބޭރުގެ ކޯޗުން ހޯދުމަށް އެތައް މަހެއް ވަންދެން ކުރި މަސައްކަތް ކޭ.އެފް.އޭ އިން ކުއްލިއަކަށް ހުއްޓާލުމަށްފަހު، ކުރު ބައްދަލުވުމަކަށްފަހު ހޮންގް ހޮވުމާ ގުޅިގެންނެވެ.
މި މައްސަލަ އަލުން ހޫނުވެފައިވަނީ، ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ކެމްޕޭން ނާކާމިޔާބުވެ، ގްރޫޕް ސްޓޭޖުން އެ ގައުމު ކެޓުމާ ގުޅިގެންނެވެ.










