އުތުރު ކޮރެއާއިން ޖަޕާން ކަނޑަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފި
6 އޯގަސްޓު 2026 | ބުރާސްފަތި 10:27ޖަޕާނުގެ އަސްކަރީ ބާރުގަދަކުރުމާ ގުޅިގެން އުތުރު ކޮރެއާއިން އިންޒާރުދީފައިވަނިކޮށް، އެ ގައުމުން ޖަޕާން ކަނޑަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފި. ޖަޕާނުން ދިފާއީ ބަޖެޓު ބޮޑުކޮށް އަސްކަރީ ގާބިލްކަން އިތުރުކުރަމުންދާތީ، އުތުރު ކޮރެއާއިން ވަނީ ރަޝިއާއާއެކު ގުޅުން ބަދަހިކޮށް އިތުރު އަސްކަރީ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައި

އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އާންމުކޮށްފައިވާ، ތާރީޚު އެނގެން ނެތް މި ފޮޓޯއިން ފެންނަނީ އެ ގައުމުގެ ސިއްރު ސަރަހައްދަކުން މިސައިލެއް އުދުއްސާލާ މަންޒަރު | ރޮއިޓާސް
ޕެސިފިކް ސަރަހައްދުގައި ޖަޕާނުން އަސްކަރީ ބާރުގަދަކުރަމުންދާ ދިއުމަށް އުތުރު ކޮރެއާއިން ވަރަށް ބޮޑަށް ފާޑުކިޔާފައިވަނިކޮށް، ބުރާސްފަތި ދުވަހު އުތުރު ކޮރެއާއިން ޖަޕާން ކަނޑަށް މަދުވެގެން އެއް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު 2019 ވަނަ އަހަރު ބޭއްވި ސަމިޓް، ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ މެދު އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވި ފަހުން، އުތުރު ކޮރެއާއިން އަންނަނީ އެ ގައުމަކީ "އަނބުރާ ރުޖޫއަނުކުރެވޭނެ" ފަދަ ނިއުކްލިއާ ބާރެއް ކަމަށް ތަކުރާރުކޮށް އިއުލާން ކުރަމުންނެވެ.
ޗައިނާ، ރަޝިޔާ އަދި އުތުރު ކޮރެއާގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތައް އިތުރުވަމުންދާ ކަމަށް ސަރުކާރުގެ އާ ރިޕޯޓަކުން އިންޒާރު ދީފައިވާތީ، ޖަޕާނުގެ އަސްކަރީ ގާބިލްކަން "ކުއްލި ނުރައްކަލުގެ ހާލަތެއްގެ އިހުސާސާއެކު" ވަރުގަދަކުރަން ޖެހޭ ކަމަށް ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖީރޯ ކޮއިޒޫމީ މި ހަފުތާގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައި، އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒުގަދަ ކޮއްކޮ ކިމް ޔޯ ޖޮންގް ވިދާޅުވީ، ޖަޕާނުގެ އަސްކަރީ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، އުތުރު ކޮރެއާގެ ލީޑަޝިޕުން އިތުރު އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭ.ސީ.އެސް) އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އުތުރު ކޮރެއާގެ ވޮންސަން ސަރަހައްދުން ފޮނުވާލި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް، ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ހާއިރު (ޖީ.އެމް.ޓީ އިން 08:00 ގައި) އެ ގައުމުގެ އަސްކަރިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖޭ.ސީ.އެސް އިން ކުރިން ބުނެފައިވާ ގޮތުގައި މި މިސައިލް ފޮނުވާލާފައިވަނީ "އީސްޓް ސީ" ނުވަތަ ޖަޕާން ކަނޑުގެ ނަމުން މަޝްހޫރުވެފައިވާ ކަނޑުގެ ސަރަހައްދަށެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިންވެސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ އެއްޗެއް ފޮނުވާލާފައިވާ ކަމަށެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ކުރި އެހެން ޕޯސްޓެއްގައި ބުނެފައިވަނީ، އެ މިސައިލްގެ ސަބަބުން ޖަޕާނުގެ ސަރަހައްދުތަކަށް މިހާރު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
އުތުރު ކޮރެއާއިން އިތުރު މިސައިލްތަކެއް ފޮނުވާލަފާނެ ކަމަށް ބަލައި، ދެކުނު ކޮރެއާއިން ވަނީ ފާރަވެރިކަން ވަރުގަދަކޮށް ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު އެމެރިކާ އާއި ޖަޕާނާ ހިއްސާކުރަމުންދާ ކަމަށްވެސް ޖޭ.ސީ.އެސް އިން ބުނެފައިވެ އެވެ.
އާ އަސްކަރީ ފިކުރެއް
އުތުރު ކޮރެއާއިން ދާދިފަހުން ވަނީ ރަޝިއާއާއެކު އިގްތިސާދީ އަދި އަސްކަރީ ގުޅުން ބަދަހިކޮށްފަ އެވެ. މުހައްލިލުން ބުނާ ގޮތުގައި ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ސިފައިންނާއި ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދިނުމުގެ ބަދަލުގައި، އުތުރު ކޮރެއާއަށް މާލީ އެހީތެރިކަމާއި، ކާބޯތަކެއްޗާއި، ހަކަތަ އަދި އަސްކަރީ ޓެކްނޮލޮޖީ ލިބެމުންދެ އެވެ.
މީގެ އިތުރުން، އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ ދެކުނު ކޮރެއާއަކީ އެ ގައުމުގެ "އެންމެ ބޮޑު ދުޝްމަނު" ކަމަށް އުތުރު ކޮރެއާއިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ބުދަ ދުވަހު ކިމް ޔޯ ޖޮންގް ދެއްވި ހަރުކަށި ބަޔާނަށް ޖަޕާނުގެ ދިފާއީ ވުޒާރާއިން ސީދާ ރައްދެއް ނުދިން ނަމަވެސް، އެ ވުޒާރާއިން ބުނީ ޖަޕާނުގެ ދިފާއީ ގާބިލްކަން ހުރީ "އެންމެ ކުޑަމިނުން ބޭނުންވާ މިންވަރަށް" ކަމަށާއި، އެއީ އެހެން ގައުމުތަކަށް ބިރުދެއްކުމަށް އޮތް އެއްޗެއް ނޫން ކަމަށެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ، އެ ގައުމުގެ އަސްކަރީ ސިޔާސަތަކީ ހަނގުރާމަ ކުރުމަށް އޮތް ސިޔާސަތެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އަމިއްލަ ދިފާއުގައި އަދި ގައުމުގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން ހަނގުރާމަތައް ހުއްޓުވުމަށް އޮތް ސިޔާސަތެއް ކަމަށެވެ.
ޖަޕާނުން ވަނީ 2025 ވަނަ އަހަރުގެ އަސްކަރީ ބަޖެޓު 9.7 އިންސައްތަ އިތުރުކޮށް، 62.2 ބިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ. މިއީ އެ ގައުމުގެ ޖީ.ޑީ.ޕީގެ 1.4 އިންސައްތަ އެވެ. މިއީ 1958 ވަނަ އަހަރަށްފަހު ޖަޕާނުގެ އަސްކަރީ ބަޖެޓު މިހާ މަތިވި ފުރަތަމަ ފަހަރެވެ.
އުތުރު ކޮރެއާގެ މުހިންމު އެކުވެރިއެއް ކަމަށްވާ ޗައިނާއިންވެސް ވަނީ ޖަޕާނުން ގެންގުޅޭ "އާ އަސްކަރީ ފިކުރާ" މެދު ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއުންގް ވަނީ، އޭނާގެ ކުރިން ހުންނެވި ހަރުކަށި ރައީސްގެ ސިޔާސަތު ބަދަލުކުރައްވައި، އެއްވެސް ޝަރުތަކާ ނުލައި އުތުރު ކޮރެއާއާއެކު މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް، އެކަހެރިކޮށް އޮންނަ އުތުރު ކޮރެއާގެ ލީޑަޝިޕުން މިހާތަނަށް އެ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
1950 އިން 1953 އަށް ކުރި ކޮރެއާ ހަނގުރާމަ ނިމުނީ ސުލްހައިގެ އެއްބަސްވުމަކުން ނޫން ކަމަށްވާތީ، ފަންނީ ގޮތުން ބަލާއިރު ދެ ކޮރެއާ އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތެއްގަ އެވެ.










