ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
26 ޖުލައި 2026 | އާދީއްތަ 18:12ރާއްޖޭގެ ބޭހުގެ ބާޒާރުގައި އޮތް "މާފިއާ" އިން އާސަންދަ މެދުވެރިކޮށް 2000 އިންސައްތައަށްވުރެ ބޮޑު ފައިދާ ނަގަމުންދާތީ، އެކަން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ގަސްތުގައި ބޭހުގެ ދަތިކަން ކުރިމަތިކުރުވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ. މި މައްސަލަ ހައްލުކުރުމަށް "ސްޓޭޓް ފާމާ" މެދުވެރިކޮށް މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގައި ބޭސް ފިހާރަ އެއް ހިންގި ތަނެއް - ރަށްރަށުން ބޭސް ލިބުމުގައި ދަތިތައް ދިމާވެ ބައެއް އަމިއްލަ ބޭސް ފިހާރަތައް މިހާރު ވަނީ ބަންދުކޮށްފައި | އެލަމީ
ދިވެހި ރައްޔިތުންނަށް ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް "ބޭހުގެ މާފިޔާ" އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ބޭހުގެ ވިޔަފާރި ކުރާ ފަރާތްތަކަކީ "މާފިޔާ" އެއް ކަމަށް ވިދާޅުވެފަ އެވެ.
މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ބޭހުގެ ކަންތައްތަކުގައި ކަޑައްތުކުރަމުން މިދަނީ ވަރަށްދަތި ދުވަސްތަކެއް ކަމުގަ އެވެ.
"ބޭހުގެ މާފިއާއެއް މިތާނގައި އޮތީ." މުއިއްޒު ވިދާޅުވި އެވެ.
މިކަމުގެ ހައްލެެެއްގެ ގޮތުން ސަރުކާރުން މެކްސިމަމް ރީޓެއިލް ޕްރައިޒެއް ކަނޑައަޅާފައިވާ ކަން މުއިއްޒު ފާހަގަ ކުރެެއްވި އެވެ.
މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން، އާސަންދައިގެ ތެރެއިން ބޭހުގެ ބައެއް ބާވަތްތަކަށް 2،000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއް، މި މާފިއާއިން ނަގަމުން ދިޔަ ކަމަށެވެ.
"މި ވޭސްޓޭޖް، މި ލީކޭއޭޖް ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ނިމުމަކަށް ގެނައީ."
މުއިއްޒު ވިދާޅުވީ، އޭގެ ނަތީޖާ އެއްގެ ގޮތުން އަހަރަކަށް 500 އެތައް މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމުގަ އެވެ.
މި ފިޔަވަޅު ސަރުކާރުން އެޅުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ގަސްދުގައި ރައްޔިތުންނަށް ހާލުޖައްސަންވެގެން ފަރާތްތަކަކުން ކުރަމުންދިޔަ ކަންތައްތަކަކުން ބޭހުގެ ދަތިކަން އައީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަންތައްތަކަކީ ކޮބައި ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.
ސަރުކާރުން އުފައްދާފައިވާ ބޭސްކުންފުނި - ސްޓޭޓް ފާމާ އިން މިކަން ހައްލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެހެންވީމާ، ސްޓޭޓް ފާރމް އުފައްދައިގެން، ސަރުކާރުގެ ތެރެއިން މަސައްކަތްތައް މިހާރު ފަށާފައި މިއޮތް ކަންތައް އިރާދަކުރެއްވިއްޔާ އެދަނީ ފަހަރަކު ސްޓެޕެއް، ފަހަރަކު ފިޔަވަޅެއް އަޅަމުން."
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ބޭހުގައި ދިމާވެގެން އުޅޭ މައްސަލައަށް ދާއިމީ ޙައްލެއްގެނެވޭނެ ކަމަށެވެ.
ރައްޔިތުން މިކަމުގައި އެއްވެސްވަރަކަށް ކަންބޮޑުވާން ނުޖެހޭގޮތަށް ބޭހުގެ މައްސަލަ އެކީގައި ހައްލުވެގެންދާތަން ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލުކޮށްދޭނަން. އެ ޔަޤީންކަން އަރުވަން، ދިވެހި ލޮބުވެތި ރައްޔިތުންނަށް." ރައީސް މުއިއްޒު ވިދާޅުވި އެވެ.










