Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުއަޑުއިވުމުގެ ހިއްސު

ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން

އަޑުއިވުމުގެ ހިއްސަކީ އެއްފަހަރު ގެއްލިއްޖެނަމަ އިއާދަނުކުރެވޭނެ އެއްޗަކަށްވާއިރު، އާންމު ދިރިއުޅުމުގެ ބާރު އަޑުތަކުން ކަންފަތް ރައްކާތެރިކުރުމަށް މާހިރުން އިލްތިމާސްކުރޭ. ޒުވާން އުމުރުގައި ކަންފަތަށް ލިބޭ ގެއްލުންތަކުގެ ނޭދެވޭ އަސަރު އުމުރުގެ ފަހުކޮޅުން ފެންނާނެތީ، އަޑުގަދަ ތަންތަނުގައި އިއަރޕްލަގް ބޭނުންކުރުމަށާއި ކަންފަތަށް އުނދަގުލެއްވާނަމަ ލަސްނުކޮށް ޓެސްޓު ހެދުން މުހިންމު

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 14:39
ޖަރުމަނުގައި ސްކޫލަށް އަލަށް ވަންނަ ކުދިންގެ ސިއްހީ ހާލަތު ދެނެގަތުމަށް އޯޑިއޯމެޓްރީ ނުވަތަ އަޑުއިވުމުގެ ހިއްސު މަސައްކަތް ކުރާ ގޮތް ބަލަނީ

ޖަރުމަނުގައި ސްކޫލަށް އަލަށް ވަންނަ ކުދިންގެ ސިއްހީ ހާލަތު ދެނެގަތުމަށް އޯޑިއޯމެޓްރީ ނުވަތަ އަޑުއިވުމުގެ ހިއްސު މަސައްކަތް ކުރާ ގޮތް ބަލަނީ | ގެޓީ އިމޭޖަސް

އިންސާނާގެ އަޑުއިވުމުގެ ހިއްސަށް ގެއްލުންވަނީ ހަމައެކަނި ބާރު އަޑުފައްގަނޑަކުން ނޫނެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ކަންކަމުގެ ތެރެއިން ވެސް ކަންފަތަށް ގެއްލުންވާ ފަދަ އެތައް ކަމެއް ކުރިމަތިވެ އެވެ.

ކުރިއަށް އޮތް އެތައް އަހަރަކަށް ކަންފަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

އަޑުއިވުމުގެ ހިއްސާއަކީ ގެއްލިގެން ދިއުމަށްފަހު އަލުން އިއާދަކުރެވޭނެ އެއްޗެއް ނޫނެވެ. އެމެރިކާގެ އޯހިއޯގައި ހުންނަ ކްލީވްލޭންޑް ކްލިނިކްގެ އޯޑިއޮލޮޖިސްޓެއް ކަމަށްވާ ވެލެރީ ޕެވްލޮވިޗް ރަފް ވިދާޅުވާ ގޮތުގައި، އެއްފަހަރު އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ، އެ ނިމުނީއެވެ.

އުމުރުން ދުވަސްވާ ވަރަކަށް އަޑުއިވުން ދަށްވާކަން މީގެ ކުރިން އެނގިފައި އޮތް ނަމަވެސް، މިހާރު ވަރަށް ޅައުމުރުގެ ކުދިންގެ ކިބައިން ވެސް އަޑުއިވުމުގެ މައްސަލަތައް ފެންނަމުންދާ ކަމަށް މާހިރުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި ފުރާވަރުގެ ކުދިންނާއި 10 އަހަރުން ދަށުގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

އެމެރިކާގެ އެރިޒޯނާގައި ހުންނަ މެޔޯ ކްލިނިކްގެ އޯޑިއޮލޮޖިސްޓް ޖޭމީ ބޯގްލް ވިދާޅުވި ގޮތުގައި، ޒުވާން އުމުރުގައި ކަންފަތް ރައްކާތެރިކުރުމަށް ގިނަ ފަހަރަށް ސަމާލުކަމެއް ނުދެވެ އެވެ. ނަމަވެސް ޒުވާން ދުވަސްވަރު ކަންފަތަށް ލިބޭ ގެއްލުންތައް ވަގުތުން ފާހަގަނުވި ނަމަވެސް، އުމުރުގެ ފަހުކޮޅުން އޭގެ ނޭދެވޭ އަސަރު ފެންނަން ފަށާނެ އެވެ.

ދިރިއުޅުމުގެ އާންމު އާދަތަކުގެ ތެރޭގައި ހިމެނޭ ކަންކަމުން ވެސް ދިގު މުއްދަތުގައި ކަންފަތަށް ހައިރާންވާ ފަދަ ބޮޑެތި ގެއްލުންތައް ލިބެއެވެ.

އަޑުއިވުމުގެ ނިޒާމު މަސައްކަތްކުރާ ގޮތް

ކަންފަތުގެ އިއަރޑްރަމްގެ އެތެރޭގައި "ކޮކްލިއާ" (cochlea) ކިޔާ ދިޔާ އެއްޗަކުން ފުރިފައިވާ ބައެއް ހުރެ އެވެ. މީގެ ތެރޭގައި އެތައް ހާސް ކުދިކުދި "ލޯލި" ސެލްތަކެއް ހުރެ އެވެ. ކޮންމެ ސެލްއެއްގެ މަތީގައި ނާޒުކު ލޯލިތަކެއް ހުންނައިރު، ތިރީގައި ހުންނަ ނިއުރޯންތައް ގުޅިފައިވަނީ ސިކުނޑިއަށް ސިގްނަލް ފޮނުވައިދޭ ނާރުތަކާ އެވެ.

އަޑުތައް ކަންފަތުގެ ތެރެއަށް ވަންނަނީ ރާޅުތަކެއްގެ ސިފައިގަ އެވެ. މި ރާޅުތަކުގެ ސަބަބުން ކަންފަތުގެ އެތެރޭގައި ހުންނަ ކުދި ލޯލިތައް، ވައިގެ ތެރޭގައި ގަސްގަސް ހޫރޭ ފަދައިން ހޫރެ އެވެ. މި ހޫރުވުންތައް ކަރަންޓު ސިގްނަލްތަކަކަށް ބަދަލުވެ، ސިކުނޑިއަށް ފޯރުމުން އަޅުގަނޑުމެންނަށް އަޑު އިވެ އެވެ.

މާ ބާރު އަޑުތަކަށް ގިނަ ވަގުތު ހުށަހެޅުމަކީ ގަދަ ވަޔެއްގެ ސަބަބުން ގަސްތައް ބިނދިގެންދާ ފަދަ ގޮތަށް ކަންފަތައް ގެއްލުންވާ ކަމެކެވެ. މިގޮތަށް ކަންފަތުގެ އެތެރޭގައި ހުންނަ ކުދިކުދި ލޯލިތައް ބިނދިއްޖެ ނަމަ، އެސްފިޔަ ފަދަ އެހެން އިސްތަށިތަކާ ޚިލާފަށް، އެއީ އަލުން ފަޅާނެ އެއްޗެއް ނޫނެވެ. ޕެވްލޮވިޗް ރަފް ވިދާޅުވި ގޮތުގައި، އިންސާނާ އުފަންވާއިރު ހުންނަ ކަންފަތުގައި ހުންނަ ލޯލިތައް ފިޔަވައި އިތުރު ލޯލިތަކެއް ކަންފަތަކު ނުފަޅާނެ އެވެ. އެހެންކަމުން އެ ސެލްތައް ހަލާކުވެއްޖެ ނަމަ، އެއީ ދާއިމީ ގެއްލުމެކެވެ.

ސައިންސްވެރިން މިހާރު ދަނީ ޖީން ތެރަޕީ ބޭނުންކޮށްގެން މި ލޯލިތައް އަލުން ފަޅުވޭތޯ ދިރާސާކުރަމުންނެވެ. ނަމަވެސް އެކަން ކާމިޔާބުވަންދެން އޮތް ހަމައެކަނި ހައްލަކީ މިހާރު ހުރި ސެލްތައް ރައްކާތެރިކުރުން ކަމަށް ރަފް ވިދާޅުވިއެވެ.

މިއުޒިކް ކޮންސަރޓްތަކާއި ހެޑްފޯން ބޭނުންކުރުން

ލައިވް މިއުޒިކް ކޮންސަރޓްތަކުގައި ބޭނުންކުރާ އަޑުގަދަކުރާ ނިޒާމުތަކުގެ ސަބަބުން، އެންމެ 10 ނުވަތަ 15 މިނެޓުގެ ތެރޭގައި ވެސް ކަންފަތަށް ގެއްލުންވާން ފަށާ ކަމަށް ރަފް ފާހަގަކުރެއްވި އެވެ. އެހެންކަމުން މުޅި ކޮންސަރޓްގައި މަޑުކުރަން ބޭނުން ނަމަ "އިއަރ ޕްލަގް" ބޭނުންކުރުން މުހިންމެވެ. 

އާދައިގެ ފޯމް ޕްލަގުގެ ބަދަލުގައި "ހައި-ފިޑެލިޓީ ޕްލަގް" ބޭނުންކުރުމުން އަޑުގެ ފެންވަރަށް ބަދަލު ނައިސް ބާރުމިން މަޑުކޮށްދެ އެވެ. މިފަދަ ޕްލަގްތައް 25 ޑޮލަރަށް ވުރެ ހެޔޮކޮށް ލިބެން ހުރެ އެވެ. އަދި މިއުޒިކަށް ލޯބިކުރާ މީހުންނަށް ޚާއްސަކޮށްގެން އޯޑިއޮލޮޖިސްޓުން ތައްޔާރުކޮށްދޭ 175 ޑޮލަރުގެ ޕްލަގްތައް ވެސް ހުރެ އެވެ.

ކުޅިވަރު މުބާރާތްތަކަށް ދާއިރު ވެސް މިކަމަށް ސަމާލުކަން ދޭންޖެހެ އެވެ. ސްޓޭޑިއަމްތަކުގައި ސަޕޯޓަރުން ހަޅޭއްލަވާ އަޑަކީ ކަންފަތަށް ނުރައްކާތެރި މިންވަރަކަށް ބާރު އަޑެކެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް ކަންފަތް ރައްކާތެރިކުރާ އާލާތްތައް ލައްވައިގެން ތިބޭއިރު، ބެލެނިވެރިން އަމިއްލަ ކަންފަތުގެ ސަލާމަތަށް ސަމާލުކަމެއް ނުދެ އެވެ.

ކޮންސަރޓްތަކަށް ދެވެނީ މަދު ފަހަރަކު ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކޮންމެ ދުވަހަކު ވެސް ހެޑްފޯން ބޭނުންކުރެ އެވެ. ރަފް ވިދާޅުވި ގޮތުގައި، މާ ގިނަ ވަގުތު ބާރަށް ހެޑްފޯން ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނަށް ވެސް މިހާރު އަޑުއިވުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. މިސާލެއްގެ ގޮތުން، އޭނާ ބެއްލެވި 6 އަހަރުގެ ކުއްޖެއްގެ ކަންފަތަށް ގެއްލުންވެފައިވަނީ ލެޕްޓޮޕްގެ އަޑު އެންމެ ބާރުކޮށްގެން ބޭނުންކުރުމުގެ ސަބަބުންނެވެ.

ސްވިޑަންގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހެޑްފޯން ބޭނުންކުރާ ކުދިންނާއި ބޭނުންނުކުރާ ކުދިންގެ އަޑުއިވުމުގެ ފެންވަރުގައި ފަރަގުތަކެއް ހުރެ އެވެ. އުމުރުން 35 އަހަރުން ދަށުގެ 1.35 ބިލިއަން މީހުންނަށް، ހެޑްފޯން ފަދަ އާލާތްތަކުގެ ސަބަބުން އަޑުއިވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.

ހެޑްފޯން ބޭނުންކުރާއިރު، ކައިރީގައި ހުންނަ މީހަކާ އާދައިގެ އަޑުން ވާހަކަދެއްކޭ ނަމަ އެއީ ރައްކާތެރި މިންވަރެކެވެ. ނަމަވެސް އަނެކާ ވާހަކަދައްކާ އަޑު އިވުމަށްޓަކައި ހަޅޭއްލަވަން ޖެހޭ ނަމަ، އެއީ އަޑު މާ ބާރުވީ އެވެ.

ގޯތިތެރޭގެ މަސައްކަތްތަކާއި ދަތުރުފަތުރު

ގަސް ކޮށާ މެޝިނާއި، ފަތް އުކާ މެޝިނާއި، ކަރަންޓު ކީސް ފަދަ ތަކެއްޗަކީ ހީނުކުރާހާ ބާރު އަޑުގަދަ ތަކެއްޗެވެ. މިފަދަ މަސައްކަތްތައް ކުރާއިރު ކަންފަތް ނިވާކުރާ އާލާތްތައް (earmuffs) ނުވަތަ އިއަރ ޕްލަގް ބޭނުންކުރުން ވަރަށް މުހިންމެވެ. ބޯގްލް ވިދާޅުވާ ގޮތުގައި، ކަންފަތް ނިވާކުރާ  އާލާތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި ރައްކާތެރިކަން ވެސް ބޮޑު އެއްޗެކެވެ.

މީގެ އިތުރުން، ހައިވޭތަކުގައި ދަތުރުކުރާއިރު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްގެން ދިއުމަކީ ވެސް ކަންފަތަށް ގެއްލުންވާ ކަމެކެވެ. ބާރު ދުވެލީގައި ދާއިރު ވަންނަ ވައިގެ އަޑަކީ ހީކުރާ ވަރަށް ވުރެ ބާރު އަޑެކެވެ. އަދި ވައިގެ އަޑު ގަދަވުމުން، ރޭޑިއޯގެ އަޑު ވެސް އިތުރަށް ބާރުކުރެވޭތީ، މިއީ ކަންފަތަށް ދެގުނަ ގެއްލުން ލިބޭ ކަމެކެވެ.

ސައިކަލު ދުއްވާ މީހުން ވެސް އިއަރ ޕްލަގް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އެމްބިއުލާންސް ފަދަ އުޅަނދުތަކުގެ އަޑު އިވޭ ފަދަ "ހައި-ފިޑެލިޓީ" ޕްލަގް ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.

އިއަރ ޕްލަގް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން

ކަންފަތް ރައްކާތެރިކުރުމަށް އިއަރ ޕްލަގް ބޭނުންކުރި ނަމަވެސް، ކަންފަތުގެ ތެރެއަށް އެއްޗެހި ލުމުގައި ސަމާލުވާންޖެހެ އެވެ. ކަންފަތަކީ އަމިއްލައަށް ސާފުވާ ނިޒާމެއް އެކުލެވިގެންވާ ގުނަވަނެކެވެ. ކަންފަތު މަޑަކީ ކަންފަތުގެ އެތެރެ ތެތްކޮށް ބެހެއްޓުމަށާއި ބެކްޓީރިއާތައް ބޭރުކުރުމަށް އުފެދޭ އެއްޗެކެވެ.

ކަފަބުރު (cotton buds) ނުވަތަ އިއަރ ޕްލަގް ކަންފަތުގެ ތެރެއަށް ލުމުން، ކަންފަތު މަޑު އެތެރެއަށް ކޮއްޕާލެވި، ކަންފަތުގެ އިއަރޑްރަމް އާ ހަމައަށް ފޯރަ އެވެ. މީގެ ސަބަބުން ކަންފަތް ހިރުވުމާއި، ބެދޭ ގޮތްވުމާއި، އިންފެކްޝަން އުފެދުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. ކަންފަތް ބެދިފައިވާ ކަމަށް ޝައްކުވާ ނަމަ، އަމިއްލައަށް ސާފުކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން ބުއްދިވެރި އެވެ.

ކޮންމެ ރެއަކު ނިދާއިރު އިއަރ ޕްލަގް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ދަތުރުފަތުރު ކުރާއިރު ނުވަތަ އަޑުގަދަ ތަނެއްގައި މަޑުކުރަންޖެހޭ ވަގުތުތަކުގައި ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ.

އަޑުއިވުމުގެ ޓެސްޓު ހަދަންވީ ކޮން އިރަކު؟

މީހުން ގިނަ ތަންތަނުގައި ދައްކާ ވާހަކަ ފަހުމްވާން އުނދަގޫވާ ނަމަ، އެއީ އަޑުއިވުމުގެ ޓެސްޓެއް ހަދަންވީ ވަގުތެވެ. އާންމުކޮށް 60 އަހަރުވުމުގެ ކުރިން ޓެސްޓު ހެދުމަށް ލަފާދިން ނަމަވެސް، ކޮންމެ އުމުރެއްގައި ވެސް އަޑުއިވުމުގެ މައްސަލަ ކުރިމަތިވެދާނެ އެވެ.

ޕެވްލޮވިޗް ރަފް ވިދާޅުވި ގޮތުގައި، ކަންފަތަށް އެއްވެސް ކަހަލަ އުނދަގުލެއްވާ ނަމަ ލަސްނުކޮށް ޓެސްޓު ހަދަންވާނެ އެވެ. ގިނަ ފަހަރަށް އަޑުއިވުމުގެ މައްސަލަ ކުރިމަތިވުމުގެ ކުރިން، ކަންފަތް ތެރޭގައި އަޑެއް ހަރުލާފައި ހުންނަހެން އިހުސާސު ކުރެވޭނެ އެވެ. އެހެންކަމުން ބާރު އަޑުތަކަށް ހުށަހެޅުމަށްފަހު ކަންފަތް ތެރޭގައި އަޑެއް ގޮވާހެން ހީވާ ނަމަ، ވީ އެންމެ އަވަހަކަށް އަޑުއިވުމުގެ ޓެސްޓެއް ހެދުން މުހިންމެވެ.

މަސްދަރު: ބީބީސީ

އަޑުއިވުންސިއްހަތު

އިތުރަށް ކިޔާލަން

16 ޖުލައި 2026

އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ

16 ޖުލައި 2026
އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ
08 ޖުލައި 2026

މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި

08 ޖުލައި 2026
މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި
07 ޖުލައި 2026

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

07 ޖުލައި 2026
އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ

01 ޖުލައި 2026
ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ
28 ޖޫން 2026

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

28 ޖޫން 2026
ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ
27 ޖޫން 2026

ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި

27 ޖޫން 2026
ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި

23 ޖޫން 2026
ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު