ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް
6 އޯގަސްޓު 2026 | ބުރާސްފަތި 14:04މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ނިއު ރޭޑިއަންޓް އިން އޮޑި ބަލިކޮށްފި ނަމަ، ނުވަތަ އެ މެޗު އެއްވަރުވެއްޖެ ނަމަ ނިއު އާއި މާޒިޔާ އަށް ފައިނަލްގެ ޖާގަ ލިބޭނެ


މާޒިޔާ އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން | އެފްއޭއެމް
މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕްގައި ކުޅުނު ދެ ވަނަ މެޗުގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކޮށްފައި ވަނީ 2-1 އިންނެވެ. މެޗުގައި ބުރުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބުރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ބުރަށް ޖަހައިދިނީ އަރީން ޢަބްދުﷲ އިބްރާހީމް އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައި އެވެ. އެ ލަނޑު މާޒިޔާ އަށް ޖަހައިދިނީ އިބްރާހީމް އައިސަމް އެވެ. އޭގެ ފަސް މިނެޓު ފަހުން މާޒިޔާ އަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ބެންޖަމިން ތޯމަސް ކުކޫ އެވެ.
މުބާރާތުގައި މާޒިޔާގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށްފައިވާއިރު، ބުރުން އަތުން މޮޅުވެ ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ އެއް ވަަނައިގައި އެވެ. ލީގު ބުރުގައި މާޒިޔާގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ނިއު ރޭޑިއަންޓް އިން އޮޑި ބަލިކޮށްފި ނަމަ، ނުވަތަ އެ މެޗު އެއްވަރުވެއްޖެ ނަމަ ނިއު އާއި މާޒިޔާ އަށް ފައިނަލްގެ ޖާގަ ލިބޭނެ އެވެ.










