Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުއާސަންދަ

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

އާސަންދަ ނިޒާމުގެ ދަށުން ދޭ ޚިދުމަތްތައް ފުޅާވެ، ދިވެހިންނަށް އޭގެ ފައިދާ ކުރި ނަމަވެސް، ބޭހުގެ އަގު ބޮޑުވުމާއި ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފައި. މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އިސްލާހުތައް ގެންނާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެފަދަ ފިޔަވަޅެއް އަޅާފަ އެއް ނުވޭ. އާސަންދަ އިސްލާހު ކުރުމަށް ސިޔާސީ އެއްބާރުލުން ބޭނުންވާކަން އޭޑީބީ އިން ފާހަގަ ކުރޭ.

ރާއްޖެ އެމްވީ | 7 ޖުލައި 2026 | އަންގާރަ 16:39
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދަނީ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއަކް ސެންޓަރުގެ ޓީމެއް ގުޅިގެން.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދަނީ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއަކް ސެންޓަރުގެ ޓީމެއް ގުޅިގެން. | އައިޖީއެމްއެޗް

ދިވެހިރާއްޖޭގެ އެންމެން ހިމެނޭހެން ސިއްހީ އިންޝުއަރެންސް ފޯރުކޮށްދޭ ނިޒާމު ކަމަށްވާ އާސަންދައިގެ ސަބަބުން، ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.

ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގި "މަދަނަ" ސްކީމްގެ ބަދަލުގައި 2012 ވަނަ އަހަރު ތައާރަފުކުރި އާސަންދަ އަކީ، އެއްވެސް ޕްރީމިއަމްއެއް ދައްކަން ނުޖެހޭ ގޮތަށް އެންމެހާ ރައްޔިތުންނަށް ހިލޭ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ނިޒާމެކެވެ.

މި ސްކީމް ފެށިއިރު މީހަކަށް އަހަރަކު ގާތްގަނޑަކަށް 6,500 އެމެރިކާ ޑޮލަރުގެ ހިދުމަތް ލިބޭ ގޮތަށް ކަނޑައަޅާފައި އޮތް ލިމިޓް 2014 ވަނަ އަހަރު ވަނީ އުވާލާފަ އެވެ. ހަމައެއާއެކު، ރާއްޖޭން ބޭރުން ފަރުވާ ހޯދުމާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމާއި، މާބަނޑު ދުވަސްވަރުގެ ފަރުވާތައް ވެސް މި ސްކީމްގެ ދަށުން ފުޅާކުރެވުނެވެ. 2015 ވަނަ އަހަރު ސަރުކާރުން ވަނީ އާސަންދަ ހިންގުމުގައި ބައިވެރިވި އިންޝުއަރެންސް ކުންފުނީގެ ހިއްސާ ގަނެ، އެއީ ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ހަދާފަ އެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ސްކީމެއް ތައާރަފުކޮށް، 2024 ވަނަ އަހަރުން ފެށިގެން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމާއި އައި.ވީ.އެފްގެ ފަރުވާ ވެސް ވަނީ އާސަންދައިގެ ދަށުން ހިލޭ ލިބޭ ގޮތަށް ހަމަޖައްސާފަ އެވެ.

އޭޑީބީން ފާހަގަ ކޮށްފައިވާ ގޮތުގައި އާސަންދައިގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވި ނަމަވެސް، މީގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ. ދިވެއްސެއްގެ އުމުރު އެވްރެޖްކޮށް 81 އަހަރުގައި ހުރިއިރު، މިއީ އެމެރިކާއަށް ވުރެ މަތީ އަދި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާ އެއްވަރުގެ އަދަދެއްކަން އޭޑީބީ އިން ފާހަގަ ކުރެ އެވެ. މި ނަތީޖާ ހާސިލުކޮށްފައިވަނީ ސިއްހީ ދާއިރާއަށް ބޮލަކަށް ޖެހޭ މިންވަރުން އެވްރެޖްކޮށް 1,200 ޑޮލަރު ހޭދަކޮށްގެންނެވެ.

މިއާ ހިލާފަށް ޔޫރަޕްގެ އިއްތިހާދުން ހޭދަކުރަނީ ބޮލަކަށް 5,800 ޑޮލަރެވެ. އަދި އެމެރިކާއިން 13,500 ޑޮލަރެވެ. 2001 ވަނަ އަހަރު ރާއްޖެއާއި، މޮރިޝަސް އަދި ސީޝެލްސްގެ މީހުންގެ އުމުރުގެ ދިގުމިން ހުރީ 72 އަހަރުގަ އެވެ. ނަމަވެސް މިހާރު ރާއްޖެ އުޅެނީ އެ ގައުމުތަކަށް ވުރެ ގާތްގަނޑަކަށް 10 އަހަރު ކުރީގަ އެވެ. އެހެންނަމަވެސް، މި ކުރިއެރުމާއެކު ހަރަދުތައް ވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އޭޑީބީ އިން ބުނާ ގޮތުގައި އާމްދަނީގެ ފެންވަރު އެއްވަރެއްގައި ހުރި ނަމަވެސް، 2023 ވަނަ އަހަރު ރާއްޖޭގެ ޖީ.ޑީ.ޕީގެ 9.2 އިންސައްތަ ސިއްހީ ދާއިރާއަށް ހޭދަކޮށްފައިވެ އެވެ. މިއީ ޗައިނާއާއި މެލޭޝިއާ ފަދަ ގައުމުތަކުން ހޭދަކުރާ 4 އިންސައްތައާއި 6 އިންސައްތައާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހަރަދުތައް ހުރީ އޮސްޓްރޭލިއާއާއި ޖަޕާން ފަދަ މުއްސަނދި ގައުމުތަކާ އެއް ފެންވަރެއްގައި ކަމަށް އޭޑީބީ އިން ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ މާލީ ގާބިލުކަން އެ ގައުމުތަކާ އެއްވަރު ނޫންކަން އޭޑީބީ އިން ފާހަގަ ކުރެ އެވެ.

އޭޑީބީ އިން ބުނާ ގޮތުގައި ފުޅާ ދާއިރާއެއްގައި ހިދުމަތް ދިނުމާއި، ދައުލަތުގެ މާލީ ތަނަވަސްކަން ހުރި މިންވަރާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

2020 ވަނަ އަހަރުން ފެށިގެން އާސަންދައިގެ ހަރަދުތައް ހުރީ ޖީ.ޑީ.ޕީގެ 2 އިންސައްތައިގަ އެވެ. މިއީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ މާ ބޮޑު އަދަދެކެވެ. އޭޑީބީ ގެ ހޯދުންތަކުން އެނގޭ ގޮތުގައި އާސަންދައިގެ ހަރަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ބޭހަށް ކުރާ ހަރަދެވެ. މިއީ އޯ.އީ.ސީ.ޑީގެ ގައުމުތަކުގައި ބޭހަށް ކުރާ ހަރަދާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެ ގައުމުތަކުގައި ބޭހަށް ހޭދަވަނީ ސިއްހީ ހަރަދުގެ ހަބައިކުޅަ އެއްބަ އެވެ. ބޭސް ގަތުމުގައި ބާރުވެރިކަން ކުޑަވުމާއި، ވަކިވަކި ފަރާތްތަކުން ބޭސް އެތެރެކުރުމާއި، އަދި ބޭސް ވިއްކާ އަގުތައް ކޮންޓްރޯލް ކުރުން ބަލިކަށިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ ބާޒާރަށް ވުރެ ރާއްޖޭގައި ބޭހުގެ އަގުތައް މާ ބޮޑުކަމަށް އޭޑީބީ އިން ބުނެފައިވެ އެވެ. މިސާލެއްގެ ގޮތުން އެ ބޭންކުން ބުނެފައިވަނީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ބަލާއިރު، 250 މިލިގްރާމްގެ އެމޮކްސިލިން ކެޕްސޫލެއްގެ އަގު އިންޑިއާއަށް ވުރެ ރާއްޖޭގައި ހަތް ގުނަ ބޮޑެވެ. މީގެ އިތުރުން، ރާއްޖޭގެ ޕްރައިމަރީ ކެއާ ބަލިކަށިވުމުގެ ސަބަބުން، ރާއްޖޭން ބޭރަށް ބަލިމީހުން ފޮނުވަންޖެހޭ މިންވަރު އިތުރުވެ، މިއީ ސްކީމްގެ ދެމެހެއްޓެނިވިކަމަށް އޮތް ބޮޑު ހުރަހަކަށް ވެފައިވާކަން އޭޑީބީން ފާހަގަކޮށްފައިވެ އެވެ. އަދި ހިންގުމުގެ ނިޒާމުގައި ހުރި ހުސްތަކާއި، ބިލްތައް ޗެކްކުރުން ބަލިކަށިވުމާއި، އަގުތައް ކަނޑައެޅުމުގައި ދެފުށް ފެންނަ ގޮތް ކުޑަވުމަކީ ވެސް ހަރަދު ބޮޑުވާ ސަބަބުތަކެވެ.

އޭޑީބީން ބުނާ ގޮތުގައި، އާސަންދައަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް ސަރުކާރުން ވަނީ ގަބޫލުކޮށްފައެވެ. އެ ގޮތުން 2025 ވަނަ އަހަރުގެ ބަޖެޓުގައި މި ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި، ތަނަވަސްކަން ހުރި މީހުން އާސަންދައިން ހިދުމަތް ހޯދާއިރު ވަކި މިންވަރެއް އަމިއްލައަށް ދައްކަންޖެހޭ ގޮތް ހެދުމާއި، ރާއްޖޭން ބޭރަށް ފަރުވާއަށް ދާއިރު ކޯ-ޕޭމަންޓް ނެގުން ހިމެނެ އެވެ. އަދި އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދައަށް ބިލްކުރާނެ ވަކި ރޭޓުތަކެއް ކަނޑައެޅުމާއި، ބޭކާރު ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ބޭރަށް ފަރުވާއަށް ދިއުން މަދުކުރުމަށްޓަކައި ރިފަރަލް ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން، އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުން ފުރަތަމަ އެ އިންޝުއަރެންސް ބޭނުންކުރަންޖެހޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ. ނަމަވެސް، އޭޑީބީ އިން ބުނާ ގޮތުގައި، މިހާތަނަށް މިކަންކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

އާސަންދަ އިސްލާހުކުރާނެ ގޮތްތައް ސާފުކޮށް އެނގެން އޮތް ނަމަވެސް، މިކަމަށް ބޭނުންވަނީ ސިޔާސީ އެއްބާރުލުން ކަމަށް އޭޑީބީ އިން ބުނެފައިވެ އެވެ. 2025 ގެ ބަޖެޓުގައި ހިމެނި ކަންކަމުގެ އިތުރުން، މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްދާ ބޭސް ގަނޑުކޮށް ގަތުމުގެ ނިޒާމު އިތުރަށް ފުޅާކުރަންޖެހޭކަން އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ. މަރުކަޒީކޮށް ބޭސް ގަތުމުގެ ސަބަބުން، އަގުބޮޑު ބޭސްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު ޖެނެރިކް ބޭސް މެދުނުކެނޑި ލިބޭނެ މަގު ފަހިވާނެ ކަމަށާއި، އަދި ބޭހާއި ސިއްހީ ސާމާނަށް އާސަންދައިން ފައިސާ ދޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި، ޓެކްނޮލޮޖީގެ އެހީގައި ބިލްތައް ޗެކްކުރާ ނިޒާމު ހަރުދަނާކޮށް، މަކަރާއި ހީލަތް ހުއްޓުވުމަށް މިނިވަން އޮޑިޓްތައް ހަދަންޖެހޭކަމަަށް އޭޑީބީ އިން ވަނީ ބުނެފަ އެވެ. އޭޑީބީ އިން އާންމު ކޮށްފައިވާ "އިކޮނޮމިކް ޓްރެންޑްސް އެންޑް ޕްރޮސްޕެކްޓް: ސައުތު އޭޝިއާ ރިޕޯޓުގައި ބުނެފައިވަނީ އިސްލާހުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގަ އެވެ.

އާސަންދަމަދަނަސިއްހަތު

އިތުރަށް ކިޔާލަން

07 ޖުލައި 2026

ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!

އަޙްސަނާގެ މި ވޭނީ އަޑަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތް ފަޅައިގެންދާނެ ފަދަ ހިތްދަތި އަޑެއް. ސިއްހީ ނިޒާމުގެ އިހުމާލުން މީހާ ނުކުޅެދުންތެރި ކޮށްލުމަށްފަހު، ދިރިއުޅެން ބޭނުންވާ އަސާސީ ބޭސްފަރުވާއަށް ސަލާމްޖަހަން ޖެއްސުމަކީ އިންސާނިއްޔަތުކަމުގެ ކޮން އުސޫލެއްތޯއެވެ؟ ކަމާބެހޭ ފަރާތްތަކުން ވަގުތުން ވަގުތަށް އަޙްސަނާގެ ހާލަތު ބަލައި، އޭނާއަށް ބޭނުންވާ ވެލްފެއަރ އެހީތެރިކަން ދާއިމީގޮތެއްގައި ހަމަޖައްސައިދޭންޖެހޭ. މިއަދު އަޙްސަނާ އެދެނީ ސަދަގާތަކަށް ނޫނެވެ، އޭނާ ގެ ހައްގަށެވެ!

07 ޖުލައި 2026
ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

ޑރ.ފައިސަލް ވިދާޅުވީ އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ގަދަޔަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި މިއަހަރު ރާއްޖެ ހިމެނިފައިވާ ކަމަށް. މިހާތަނަށް 72 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް ޑރ. ފައިސަލް ވިދާޅުވި. އަދި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގެ މަސައްކަތްތެރިން ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި، އާބާދީގެ 95 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށް.

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ވައިރަހުގެ ނުރައްކާތެރި ބާވަތަކަށް ފަރުވާކުރުމަށް ތަހުލީލީ ބޭސްތަކެއް ޓެސްޓުކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފަށައިފި. މި ބަލީގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މީހުން އެއްވެ އުޅުން މަނާކޮށް، ބަލި ދެނެގަންނަ ލެބޯޓްރީތަކުގެ އަދަދު ވަނީ އިތުރުކޮށްފައި. ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް އައުޓްބްރޭކަށް ވުމުގެ ފުރުސަތު ބޮޑު.

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ

ސްމާޓްފޯނު ބޭނުންކުރާއިރު އިސްޖަހައިގެން ހުރުމުގެ ސަބަބުން ކަރުގެ މައިބަދައަށް ބާރުބޮޑުވެ، އަތުގެ އިނގިލިތަކާއި ހުޅުތަކުގެ ބައްޓަމަށް ބަދަލު އައުމުގެ ސިއްހީ މައްސަލަތައް ދަނީ އިތުރުވަމުން.

01 ޖުލައި 2026
ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ
28 ޖޫން 2026

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

ސްމާޓްފޯނަށް ދެވިހިފުމުގެ މައްސަލަ ބޮޑުވަމުންދާތީ ތަޖުރިބާކާރުން ދަނީ އިންޒާރު ދެމުން. މިކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމާއި ވަޒީފާއަށް ބުރޫއަރާ ހިސާބަށް ކަންތައްތައް ދާތީ، ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ދަނީ ތެރަޕީގެ އެހީގައި މި ވަބާއިން މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން. ފޯނާ ދުރުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ހަގީގީ ދުނިޔޭގެ ކަންކަމަށް ސަމާލުކަން ދިނުމަކީ މި ދެވިހިފުމުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ފަރުވާކަމަށް މާހިރުން ފާހަގަކުރޭ.

28 ޖޫން 2026
ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު