Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުއެބޯލާ

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

3 ޖުލައި 2026 | ހުކުރު 12:33

ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ވައިރަހުގެ ނުރައްކާތެރި ބާވަތަކަށް ފަރުވާކުރުމަށް ތަހުލީލީ ބޭސްތަކެއް ޓެސްޓުކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފަށައިފި. މި ބަލީގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މީހުން އެއްވެ އުޅުން މަނާކޮށް، ބަލި ދެނެގަންނަ ލެބޯޓްރީތަކުގެ އަދަދު ވަނީ އިތުރުކޮށްފައި. ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް އައުޓްބްރޭކަށް ވުމުގެ ފުރުސަތު ބޮޑު.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 12:33
ކޮންގޯގައި އެބޯލާ ވައިރަސް ޖެހިފައިވާ ބަލިމީހެއްގެ ހަށިގަނޑުން، ސިއްހީ ޚިދުމަތްތެރިއަކު ސާމްޕަލް ނަގަނީ

ކޮންގޯގައި އެބޯލާ ވައިރަސް ޖެހިފައިވާ ބަލިމީހެއްގެ ހަށިގަނޑުން، ސިއްހީ ޚިދުމަތްތެރިއަކު ސާމްޕަލް ނަގަނީ | ގެޓީ އިމޭޖަސް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަހަށް ފަރުވާ ކުރުމަށް ތައްޔާރުކޮށްފައިވާ ބޭސްތަކެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޢުލާންކޮށްފި އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ބުރާސްފަތި ދުވަހު ވިދާޅުވީ، މި ތަހުލީލީ ފަރުވާ ދިނުމަށް ކޮންގޯއިން ފުރަތަމަ ބަލިމީހާ މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮންގޯގައި މިހާތަނަށް އެބޯލާ ޖެހިފައިވާ 1،400 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު، 438 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

މިހާރު ފެތުރެމުންދާ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ އެބޯލާ ވައިރަހުގެ ބާވަތަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބާވަތެއް ނަމަވެސް، މި ބާވަތަށް ޚާއްސަވެގެން ހުއްދަދެވިފައިވާ އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ޑަބްލިއުއެޗްއޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ތަހުލީލުތައް ވިލަރެސްކުރަނީ ކޮންގޯގެ އިންސްޓިޓިއުޓް ނޭޝަނަލް ޑި ރެޗެޗޭ ބަޔޯމެޑިކަލް އާއި، ބެލްޖިއަމްގެ އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޑިސިންގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސްވެރިން ގުޅިގެންނެވެ.

މި ތަހުލީލުގެ ދަށުން ބަލިމީހުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ދެ ބޭހެކެވެ.

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ މައި މަރުކަޒުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވީ، ރަސްމީކޮށް ހުއްދަދެވިފައިވާ ފަރުވާއެއް ނެތް ނަމަވެސް ބައެއް މީހުން ބަލިން ފަސޭހަވަމުންދާ ކަމަށެވެ. ނަމަވެސް، ރައްކާތެރި އަދި ފައިދާހުރި ފަރުވާއެއް ލިބެން ހުރިނަމަ މިއަށްވުރެ ގިނަ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮންގޯގެ ހެލްތު މިނިސްޓަރު ޑރ. ސެމިއުލް ރޮޖާ ކަމްބާ ވިދާޅުވީ، މި ތަހުލީލުތައް ފެށުމަކީ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް އާ އުންމީދެއް ލިބިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮންގޯގައި މިފަހަރު އެބޯލާ ފެތުރެން ފެށީ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް ބަލި ފެތުރޭކަން ދެނެގަނެވުމުގެ ކުރިން ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ.

މި ހާލަތަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ. ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށް ކޮންގޯއިން 1،460 މީހަކަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ 150 ކޭސްއެއް ވަނީ ފެނިފަ އެވެ. އަދި މިހާތަނަށް 452 މީހުން މަރުވެފައިވާއިރު، 213 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ.

މީގެ އިތުރުން، ޖުލައި 1 އާ ހަމައަށް ޔޫގެންޑާއިން 20 ކޭސް ފެނި ދެމީހަކު މަރުވެފައިވާއިރު، ފްރާންސުން ވެސް ވަނީ އެބޯލާގެ އެއް ކޭސް ފެނިފަ އެވެ.

އެބޯލާ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށާއި ގުނަވަންތަކަށް ހަމަލާދޭ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

އާންމުގޮތެއްގައި މި ވައިރަސް ޖެހެނީ ވާ ފަދަ ޖަނަވާރުންގެ ފަރާތުންނެވެ. ނަމަވެސް ބަލި ޖެހިފައިވާ ޖަނަވާރެއްގެ ގައިގައި އިންސާނުން އަތްލުމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ލެޔާއި ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެހީގެ ޒަރީއާއިން އިންސާނުންގެ ގަޔަށް މި ބަލި ފެތުރެ އެވެ.

ކޮންގޯގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި، މި ބަލި މިހާރު ފެތުރެމުންދަނީ އެގައުމުގެ އިރުމަތީގެ ތިން ޕްރޮވިންސެއް ކަމަށްވާ ސައުތު ކީވޫ، ނޯތު ކީވޫ އަދި އިޓޫރީގަ އެވެ.

ނަމަވެސް، ރޮއިޓާސް އަދި އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، އަވަށްޓެރި ޝޯޕޯ ޕްރޮވިންސުން މަރުވި މާބަނޑު އަންހެނެއްގެ ހަށިގަނޑުން ވަނީ އެބޯލާ ފެނިފަ އެވެ. އެ އަންހެންމީހާ މަރުވީ އިޓޫރީގައި ކަމަށްވީ ނަމަވެސް، އޭނާގެ ހަށިގަނޑު ސައިކަލެއްގައި ވަނީ 1.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޝޯޕޯގެ މައި ސިޓީ ކިސަންގަނީއަށް ގެންގޮސްފަ އެވެ.

އެބޯލާ ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރެން ފަށަނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. އަދި ބަލި ޖެހޭތާ 2 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށައެވެ.

މި ބަލީގެ އަލާމާތްތައް ފެންނަނީ ކުއްލިއަކަށެވެ. އެގޮތުން ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ފަދަ އިންފްލުއެންޒާ ނުވަތަ މެލޭރިއާގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެއް ފެންނަން ފަށަ އެވެ.

ކޮންގޯގެ ހެލްތު މިނިސްޓްރީން ބުނީ ބަލި ފެތުރޭ ސަރަހައްދުތަކުގައި ބަލި ދެނެގަތުމުގެ ނިޒާމު މިހާރު ހަރުދަނާކޮށްފައިވާ ކަމަށެވެ. ކުރިން އެބޯލާ ޓެސްޓު ކުރަމުން ދިޔައީ 4 ލެބޯޓްރީއެއްގައި ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 އަށް އިތުރުކޮށްފަ އެވެ.

އެފްރިކާ ސީޑީސީ އާއި އެމެރިކާގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި، މިފަހަރުގެ އައުޓްބްރޭކަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް އައުޓްބްރޭކަށް ވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ބަލި ފެތުރެނީ އެބޯލާކަން ކަށަވަރުވުމުގެ ކުރިން އެތައް ހަފުތާއެއް ވަންދެން ބަލި ފެތުރެމުން ދިއުމެވެ.

އެބޯލާގެ ހަ ބާވަތެއް ހުންނައިރު، އޭގެ ތެރެއިން ބަލިމަޑުކަން ފަތުރާކަމަށް އެނގެނީ ތިން ބާވަތެކެވެ. އަދި ކޮންމެ ބާވަތަކަށް ވެސް ވަކިވަކިން ވެކްސިން އުފައްދަން ޖެހެއެވެ.

މަސްދަރު: ބީބީސީ

އެބޯލާދުނިޔޭގެ ސިއްހަތު ޖަމިއްޔާސިއްހަތުކޮންގޯ

އިތުރަށް ކިޔާލަން

01 ޖުލައި 2026

ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ

01 ޖުލައި 2026
ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
28 ޖޫން 2026

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

28 ޖޫން 2026
ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ
27 ޖޫން 2026

ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި

27 ޖޫން 2026
ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް