އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ
އެމެރިކާ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޓެސްޓޮސްޓަރޯން ހޯރމޯން ހުރި މިންވަރު ބެލުމަށް ހަދާ ސްކްރީނިންގް ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ވަނީ ދެއްވާފައި. މި ޓެސްޓުތަކުން ހޯރމޯން ދަށްކަމަށް ދައްކާ ސިފައިންނަށް ހޯރމޯން ރިޕްލޭސްމަންޓް ތެރަޕީ ހޯދުމުގެ ފުރުސަތު ލިބިގެންދާއިރު، މީގެ ސަބަބުން ދުޅަހެޔޮ އަދި ވަރުގަދަ ފައުޖެއް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނޭ.

ޔޫއެސް މިލިޓަރީ އެކަޑަމީގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ (ދިފާއީ ވަޒީރު) ޕީޓް ހެގްސެތު އެ އެކަޑަމީގެ މިޗީ ސްޓޭޑިއަމަށް ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
އުމުރުން 30 އަހަރާއި އެއަށްވުރެ މަތީގެ އަސްކަރީ ސިފައިންގެ އަހަރީ ސިއްހީ ޗެކަޕްތަކުގެ ތެރޭގައި، ޓެސްޓޮސްޓަރޯން ހޯރމޯން ހުރި މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓުތައް ހިމެނުމަށް ނިންމާފައިވާކަން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއުލާން ކުރައްވައިފި އެވެ.
އެކްސްގައި "ހައި-ޓީ ޑިޕާޓްމަންޓް" ގެ ނަމުގައި އާންމުކުރެއްވި ވީޑިއޯއެއްގައި ހެގްސެތު ވިދާޅުވީ، ސިފައިންނަކީ އެންމެ ފުރިހަމަ ގާބިލުކަމާއެކު މަސައްކަތްކުރާ ބަޔަކަށް ހެދުމަށްޓަކައި، ހަށިގަނޑުގައި ޓެސްޓޮސްޓަރޯން ހުންނަންޖެހޭ މިންވަރު ހުރިތޯ ކަށަވަރުކުރުމަށް މި ސްކްރީނިންގ ޕްރޮގްރާމް ހިންގުމުގެ ހުއްދަ ދެއްވާފައިވާ ކަމަށެވެ.
މި ޓެސްޓުތަކުން ޓެސްޓޮސްޓަރޯން ހޯރމޯން ދަށްކަމަށް ދައްކާ ސިފައިންނަށް، އަމިއްލައަށް އެދިގެން ހޯރމޯން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ހޯރމޯން އިތުރުކުރުމުގެ ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޕެންޓަގަންގެ ޗީފް ސްޕޯކްސްޕާސަން ޝޯން ޕާނެލް ވިދާޅުވީ، އެކްޓިވް ޑިއުޓީގައި ތިބޭ ސިފައިންނާއި ރިޒާވް ފޯސްގައި ހިމެނޭ އުމުރުން 30 އަހަރާއި އެއަށްވުރެ މަތީގެ ހުރިހާ މުވައްޒަފުން، ސިއްހީ އެސެސްމަންޓްތަކުގެ ތެރެއިން ޓެސްޓޮސްޓަރޯން މަދުތޯ ބެލުމަށް ހަދާ ސްކްރީނިންގްގައި މަޖުބޫރުކަމާއެކު ބައިވެރިވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އުމުރުން 30 އަހަރު ނުވާ ސިފައިންނަށް ވެސް އަމިއްލައަށް އެދިގެން މި ސްކްރީނިންގްގައި ބައިވެރިވެވޭނެ ކަމަށް ޕާނެލް އިތުރަށް ވިދާޅުވި އެވެ.
ބުދަ ދުވަހު އާންމުކުރި ވީޑިއޯގައި ހެގްސެތު ވިދާޅުވީ، ގައުމުގެ ހަނގުރާމަވެރިންނަށް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، މި ޕްރޮގްރާމަކީ އެ ޒިންމާ އަދާކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"ދިގު މުއްދަތަކަށް ސިއްހަތަށް ބެލުމުގެ މާނައަކީ ތިބާއަކީ ވަރުގަދަ، ކެތްތެރި އަދި ގާބިލު މީހެއްގެ ގޮތުގައި ހުރިކަން ކަށަވަރުކުރުން. އެއީ ހަމައެކަނި ކުރިއަށް އޮތް އަސްކަރީ މިޝަނަކަށް އެކަންޏެއް ނޫން، ނަމަވެސް މުޅި އުމުރަށް، އަދި ސިފައިންގެ ޔުނީފޯމް ބޭލުމަށްފަހު ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރެއްގެ އިރުޝާދާ ނުލައި، މަސްތައް ވަރުގަދަކުރުން ފަދަ ސިއްހީ ނޫން ބޭނުންތަކަށް ޓެސްޓޮސްޓަރޯން ބޭނުންކުރުމަކީ އަސްކަރިއްޔާގައި މުޅިން މަނާކަމެކެވެ.
ހެގްސެތު ވިދާޅުވި ގޮތުގައި މި އާ ޕްރޮގްރާމަކީ އާޓިފިޝަލްކޮށް ހަށިގަނޑު ވަރުގަދަކުރުމަށް ކުރާ ކަމެއް ނޫނެވެ.
ޕާނެލް ނެރުއްވި ލިޔުމެއްގައި ވިދާޅުވީ، މި އުސޫލުގެ ސަބަބުން ޑިޕާޓްމަންޓަށް ފުރިހަމަ މައުލޫމާތުތަކެއް އެއްކުރެވި، ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޓެސްޓޮސްޓަރޯން ތެރަޕީ ދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ދުޅަހެޔޮ، ގާބިލު އަދި ކާމިޔާބު ހަނގުރާމަވެރި ފައުޖެއް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެސްޓޮސްޓަރޯންގެ މިންވަރު އިތުރުވަނީ ފުރާވަރަށް އަރާ ދުވަސްވަރުއެވެ. މި ހޯރމޯންގެ ސަބަބުން ފިރިހެން ކުދިންގެ މަސްތައް ވަރުގަދަވުމާއި، ހަށިގަނޑުގައި އިސްތަށި ފެޅުމާއި، ދަރިފަނި އުފެއްދުމަށް އެހީތެރިވެދެ އެވެ.
އާންމުގޮތެއްގައި އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދު، ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ޓެސްޓޮސްޓަރޯންގެ މިންވަރު ގުދުރަތީ ގޮތުން ދަށްވާން ފަށައެވެ.
އަންދާޒާކުރެވޭ ގޮތުގައި ދުނިޔޭގެ ނިސްބަތުން އުމުރުން ދުވަސްވީ ފިރިހެނުންގެ 10 އިންސައްތައާއި 40 އިންސައްތައާ ދެމެދު މީހުންގެ ޓެސްޓޮސްޓަރޯން ދަށެވެ. މިއީ އެމެރިކާގައި އެކަނިވެސް ގާތްގަނޑަކަށް 13 މިލިއަން ފިރިހެނުންނެވެ.
މި ހޯރމޯން ދަށްވުމުގެ ސަބަބުން މޫޑު ގޯސްވުމާއި، އަދި ހަށިގަނޑުގެ މަސްތައް އަނަރޫފަވުން ފަދަ ކަންކަން މެދުވެރިވެ އެވެ.
ލޭގެ ޓެސްޓެއްގެ އެހީގައި ޓެސްޓޮސްޓަރޯން ހުރި މިންވަރު ދެނެގަނެވި، އެކަމަށް ފަރުވާ ދެވިދާނެ އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) ގެ އެކްސްޕާޓް ޕެނަލެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޑރ. މޯހިތު ކޭރާ ބީބީސީއަށް ވިދާޅުވީ، އުމުރުން 30 އަހަރުން މަތީގެ ހުރިހާ ފިރިހެނުން ވެސް މި ޓެސްޓު ހަދަންޖެހޭ ކަމަށެވެ. ސަބަބަކީ މިއީ މީހެއްގެ މިހާރުގެ އަދި މުސްތަގުބަލުގެ ސިއްހަތު ދެނެގަތުމަށް ހުރި އެންމެ މުހިންމު ނިޝާން ކަމަށްވާތީ އެވެ.
"މީގައި މުހިންމު ކަމަކީ ގިނަ ޒުވާން ފިރިހެނުންގެ ޓެސްޓޮސްޓަރޯން ދަށްވުން. މީގެ ސަބަބުން މަސްތަކުގެ ބާރާއި ހަކަތަ ދަށްވެ، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާއިރު ދަތިތަކާ ކުރިމަތިވެދާނެ،" ބޭލާ ކޮލެޖް އޮފް މެޑިސިންގެ ޕްރޮފެސަރު ކޭރާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް އަލާމާތެއް ނެތް ނަމަ ޓެސްޓޮސްޓަރޯން ދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ.
ހޯރމޯން ރިޕްލޭސްމަންޓް ތެރަޕީގެ ސަބަބުން މަސްތައް ވަރުގަދަވުމާއި، ހަށިގަނޑުގެ ސަރުބީ މަދުވުމާއި، އަދި ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އޭނާ ކިޔައިދެއްވި އެވެ. އަދި ދިގު މުއްދަތެއްގައި މީގެ ސަބަބުން ކަށީގެ ވަރުގަދަކަމަށް ވެސް އެހީތެރިވެދޭނެ ކަމަށް ކޭރާ ވިދާޅުވި އެވެ.
އެހެންނަމަވެސް، މިއީ އެންމެންނަށް އެކަށީގެންވާ ފަރުވާއެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާން ފިރިހެނުން ޓެސްޓޮސްޓަރޯން ބޭނުންކޮށްފިނަމަ، އެމީހުންގެ ހަށިގަނޑުގައި ދަރިފަނި އުފެއްދުމުގެ މައްސަލަ ކުރިމަތިވެދާނެ،" ކޭރާ ވިދާޅުވި އެވެ. "މިކަމުގައި ވަރަށް ސަމާލުވާންޖެހޭނެ. ދަރިން ހޯދުމުގެ އުމުރުގައި ތިބި މީހުންނަށް، މީގެ ސަބަބުން ދަރިން ނުލިބުމުގެ ފުރުސަތު އޮތްކަން ސާފުކޮށްދޭންޖެހޭނެ."
މީގެ އިތުރުން، މީގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހެގްސެތު މިކަން އިއުލާން ކުރައްވާފައި މިވަނީ، އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އާއި ސަރުކާރުގެ އެހެން އިސްވެރިން، ފިރިހެނުންނަށް ޓެސްޓޮސްޓަރޯން ފަރުވާ ދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެފް.ޑީ.އޭ އިން މިދިޔަ މަހު ވަނީ ޓެސްޓޮސްޓަރޯން ރިޕްލޭސްމަންޓް ތެރަޕީގެ ލޭބަލްތަކުގައި ހުންނަ ސަލާމަތީ އިންޒާރުތަކަށް ބަދަލު ގެނައުމަށް އެދިފަ އެވެ. އަދި މި ފަރުވާ ދިނުމުގައި މިހާރު ހުރި ހަރުކަށި އުސޫލުތައް ލުއިކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.









