އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
30 ޖުލައި 2026 | ބުރާސްފަތި 21:36ބަހްރައިން އަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް ސަލްމާން ވިދާޅުވީ، މިހާރު ގެންނަން ބޭނުން ވެގެން އުޅޭ ބަދަލަކީ މިހާރު ފުޓުބޯޅައިގައި އޮތް ބައްރުގެ ނިޒާމު ހަލާކު ކޮށްލާނެ ކަމެއް ކަމަށް. އޭނާ އެހެން ވިދާޅުވެފައި ވަނީ، އޭއެފްސީގެ މެންބަރު 47 ޤައުމަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި


އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ | ރޮއިޓާސް
ފީފާ އިން ވޯލްޑް ކަޕް ޚާއްސަ ވިޔަފާރި އަށް ވިއްކުމުގެ ޕްލޭންއާ ބެހޭ ގޮތުން އޭއެފްސީއާ މަަޝްވަރާ ކޮށްފައި ނުވާ ކަމަށާއި، އެއީ ބަަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ނުރުހުން ފާޅުކުރައްވައިފި އެވެ.
ބަހްރައިން އަށް ނިސްބަތްވެ ވަޑައިގަންނަވާ ޝައިޚް ސަލްމާން ވިދާޅުވީ، މިހާރު ގެންނަން ބޭނުން ވެގެން އުޅޭ ބަދަލަކީ ފުޓުބޯޅައިގައި އޮތް ބައްރުގެ ނިޒާމު ހަލާކު ކޮށްލާނެ ކަމެއް ކަމަށެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ، އޭއެފްސީގެ މެންބަރު 47 ޤައުމަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި އެވެ.
ފީފާ އިން އަންގާރަ ދުވަހު ބުނީ ވޯލްޑް ކަޕް އަދި އެހެނިހެން މުބާރާތްތައް ހިންގުމަށް 20 ޑޮލަރުގެ ވިޔަފާރި ބައެއް އުފައްދައި، އެކަމަށް ޚާއްސަ އިންވެސްޓަރުން ހޯދާނެ ކަމަށެވެ. މި ނިންމުމަށް އޭއެފްސީ ފަދަ ބައްރުގެ ކޮންފެޑަރޭޝަންތަކުން ވަނީ ފާޑު ކިޔައިފައި އެވެ. ކޮންފެޑަރޭޝަންތަކުން ބުނެފައި ވަނީ، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރީ ބައިގައި ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެ ސިޓީގައި ޝައިޚް ސަލްމާން ވިދާޅުވީ، އެ ޕްރޮޕޯސަލް އިއުލާން ކުރުމުގެ ކުރިން އެއްވެސް ފަންތިއެއްގައި ފީފާ އިން އޭއެފްސީއާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އެ ޕްރޮޕޯސަލްގެ ނަތީޖާތަކާ ބެހޭ ގޮތުން ޤާނޫނީ އަދި މާލީ ހިންގުމުގެ އެއްްވެސް ވިސްނުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ ފުރިހަމަ އަށް ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އޭއެފްސީ އިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ، ފީފާ އިން އެކަނި ނިންމާ ފިޔަވަޅުތަކަކީ އެއްބައިވަންތަކަން، އެކުވެރިކަން އަދި އިޚުލާސްތެރި ކަމުގެ މައްޗަށް ބިނާ ކޮށްފައިވާ ބައްރުގެ ފުޓުބޯޅައިގެ އަސާސްތައް ހަލާލު ކުރާ ކަމެެއް ކަމަށް ވެސް ޝައިޚް ސަލްމާން ވަނީ ވިދާޅުވެފައި އެވެ.
މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އޮފީސް ހުންނަ އޭއެފްސީ އަކީ ފީފާގެ ހަ ކޮންފެޑަރޭޝަނުގެ ތެރެއިން އެއް ބަޔެވެ. އޭޝިއާ، މެދުއިރުމަތި އަދި އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދެއްގައި ކުލަބު އަދި ޤައުމީ ޓީމުތަކުގެ މުބާރާތްތައް ހިންގުމުގެ ޒިންމާ އޮންނަނީ އޭއެފްސީ އަށެވެ. ޝައިޚް ސަލްމާން ވިދާޅުވީ، ހުރިހާ ކޮންފެޑަރޭޝަންތަކުގެ ތާއީދު ނެތި، އެ ޕްރޮޕޯސަލް ކާމިޔާބު ނުވާނެ ކަމަށެވެ.
އެކަމާ ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ޝައިޚް ސަލްމާން ގޮވާލެއްވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މި ޕްރޮޕޯސަލް ރަނގަޅަށް ބަަލައި، އެކަށީގެންވާ ޤާނޫނީ އަދި ހިންގުމުގެ ވަސީލަތްތަކުން މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. މި ޕްލޭން ފާސް ކުރުމަށް މެންބަރު އެސޯސިއޭޝަންތަކަށް ދީފައިވާ މުއްދަތު ވަރަށް ކުރު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ފީފާގެ 211 މެންބަރު ޤައުމުތަކަށް އިންފަންޓީނޯ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އެ އެސޯސިއޭޝަންތަކުން ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ޕްރޮޕޯސަލް އަށް އެއްބަސްވެއްޖެ ނަމަ، ކޮންމެ އެސޯސިއޭޝަނަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި ޝައިޚް ސަލްމާން ވިދާޅުވީ، މިފަދަ މުހިންމު ޕްރޮޕޯސަލްއަކާ މެދު ވިސްނާލުމަށް މިހާރު ދީފައި ވަނީ ވަރަށް ކުރު އަދި އެކަށީގެން ނުވާ ވަރުގެ މުއްދަތެއް ކަމަށެވެ.
ކޮންފެޑަރޭޝަންގެ މެންބަރުން ކިބައިން ޝައިޚް ސަލްމާން އެދިވަޑައިގެންފައި ވަނީ، އޭއެފްސީ އިން ފީފާއާ އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހު، ވަކި ނިންމުމެއް ނިންމަންދެން އެ ޕްރޮޕޯސަލް އަށް ގޮތެއް ނިންމުން ލަސް ކުރުމަށެވެ.










