ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ
30 ޖުލައި 2026 | ބުރާސްފަތި 04:42މީީޑިއާ ތަކުގައި ބުނެފައިވާާ ގޮތުން މިފަދަ ޕްލޭނެއްގެ ވާހަކަ ދެކެވިފައި ވަނީ ފުޓުބޯޅައިގެ އިސްވެރިންނާ މަޝްވަރާ ކުރުމެއް ވެސް ނެތި. އެގޮތުން ފީފާގެ އަށް ނައިބު ރައީސުންގެ ތެރެއިން، ދެ ނައިބު ރައީސުންނާ ވެސް މިކަމުގެ މައުލޫމާތު ހިއްސާ ކޮށްފައި ނުވޭ. އަންގާރަ ދުވަހު މި ޕްލޭން އާންމު ކޮށްފައި ވަނީ، ފައިނޭންޝަލް ޓައިމްސް އަދި ދަ ޓައިމްސް އިން ރިޕޯޓު ތަކެއް ނެރެފައި ވަނިކޮށް


ޔުއެފާގެ ރައީސް އެލެގްސެންޑާ ޗެފެރިން | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ބޮޑެތި މުބާރާތްތަކުގެ ހިއްސާ ވިއްކަން ނިންމި ނިންމުމާ ދެކޮޅުކަން ޔުއެފާ އިން ހާާމަކޮށްފި އެވެ.
ފީފާ އިން ބުނެފައި ވަނީ އެ އިދާާރާގެ އިސް މުބާރާާތްތައް ހިންގުމަށް ވިޔަފާރީގެ ބައެއް ހެދުމަށް ފަހު، ބޭރުގެ އިންވެސްޓަރުންނަށް އެ ބައިގެ ހިއްސާ ވިއްކާނެ ކަމަށެވެ. މި މުބާރާތްތަކުގެ ތެރޭގައި ވޯލްޑް ކަޕް ވެސް ހިމެނެ އެވެ. މި މައްސަލައިގައި ކުއްލި ބައްދަލުވުމެއް މި ހަފުތާގެ ތެރޭގައި ބާއްވަން ޔުއެފާގެ މެމްބަރު ޤައުމުތަކުން ވަނީ ނިންމައިފަ އެވެ.
މި ޕްލޭންގެ ސަބަބުން ބޮޑެތި މުބާރާތްތަކުގައި ޕްރައިވެޓް އިންވެސްޓަރުންނަށް ވަރަށް ބޮޑު ނުފޫޒެއް ލިބިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި އެވެ. މިކަމުގެ ސަބަބުން ފިރިހެން އަދި އަންހެން ވޯލްޑް ކަޕް، އަދި ކުލަބު ވޯލްޑް ކަޕް ވަރަށް ބޮޑަށް ފުޅާ ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީީޑިއާތަކުގައި ބުނެފައިވާާ ގޮތުން މިފަދަ ޕްލޭނެއްގެ ވާހަކަ ދެކެވިފައި ވަނީ ފުޓުބޯޅައިގެ އިސްވެރިންނާ މަޝްވަރާ ކުރުމެއް ވެސް ނެތި އެވެ. އެގޮތުން ފީފާގެ އަށް ނައިބު ރައީސުންގެ ތެރެއިން، ދެ ނައިބު ރައީސުންނާ ވެސް މިކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވެ އެވެ. އަންގާރަ ދުވަހު މި ޕްލޭން އާންމު ކޮށްފައި ވަނީ، ފައިނޭންޝަލް ޓައިމްސް އަދި ދަ ޓައިމްސް އިން ރިޕޯޓުތަކެއް ނެރެފައި ވަނިކޮށެވެ.
އިނގިރޭސި އެފްއޭ އިން ބުނީ އެ ޕްލޭންއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ނޭންގޭ ކަމަށާއި، ތަފްސީލީ މައުލޫމާތެއް ލިބެން ނެތް ކަމަށެވެ. ލިބިފައިވާ މަދު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، މި ނިންމުން ނިންމުމުގައި ފުރިހަމަ ގޮތެއްގައި ކަންތައް ނުކުރެވުނު ކަމަށާއި، ހިންގުމުގެ އުސޫލު ތަކަށް ބަލާއި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އެ އެސޯސިއޭޝަން އިން ބުނެފައިވެ އެވެ.
ޔުއެފާ ބައްދަލުވުން ބާއްވަނީ އޮންލައިންކޮށް ކަމަށާއި، އެ ބައްދަލުވުމުގައި މި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މައްސަލައިގައި އިންތިހާ އަށް ކަންބޮޑުވުން އޮތްއިރު، މި މައްސަލައިގެ ތެރެއިން ބޮއިކޮޓްގެ ވާހަކަ ފެންމަތި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފީފާގައި 211 މެމްބަރު ޤައުމުތައް ހިމެނޭއިރު، ހަތަރު ބައި ކުޅަ އެއް ބަޔަކީ ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޓީމުތައް އޮތީ ވެސް ޔޫރަޕުގައި އެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދި އަށް ޓީމުގެ ތެރެއިން، ހަ ޓީމަކީ ޔޫރަޕަށް ނިސްބަތްވާ ޓީމުތަކެވެ.
މިކަމުގައި ފީފާ އިން ބުނެފައި ވަނީ، ދުނިޔޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ފައިސާ ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިކަމުގެ ސަބަބުން އަބަދުމެ ބޮޑެތި މުބާރާތްތަކެއް ބާއްވައި، ގިނަ ޓީމު ތަކަށް ފުރުސަތު ދިނުމުގެ ބިރު އުފެދިފައިވެ އެވެ. މިކަމުގެ ސަބަބުން ފުޓުބޯޅަ ކަލަންޑަަރަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އިނގިރޭސި ފުޓުބޯޅައިގެ އިސް ބޭފުޅަކު ވިދާޅުވެފައި ވަނީ، މިއީ ފުޓުބޯޅަ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި، މިއީ 2021 ވަނަ އަހަރު ހުށަހެޅި ޔޫރަޕިއަން ސުޕަ ލީގުގެ ޕްލޭންއާ އެއްވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ.









