އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
29 ޖުލައި 2026 | ބުދަ 04:22މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފީފާ އިން ސުލްޙައިގެ ނަމުގައި އެވޯޑެއް ތައާރަފު ކުރުމަށް ފަހު ޓްރަމްޕް އަށް ދިނުމާއި، ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީސް ހިންގުން އަދި ވޯލްޑް ކަޕްގެ ގުރު ނެގުން އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީ އަށް ބަދަލު ކުރި ކުރުމާ މެދު ވެސް، އެ ސިޓީގައި ވަނީ ސުވާލު އުފައްދަވާފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރުކުރުމުގެ މަސައްކަތް، އެ ޤައުމުގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި އެވެ.
އެމެރިކާގެ ހައުސް ޖުޑީޝަރީ ކޮމެޓީގެ މެންބަރު ރެޕްރެޒެންޓޭޓިވް ޖޭމީ ރާސްކިން އާދީއްތަ ދުވަހުގެ ރޭ ފޮނުވާފައިވާ ސިޓީގައި ވަނީ، ފީފާ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ ސަރުކާރު އަދި ޓްރަމްޕް އޯގަނައިޒޭޝަންއާ ދެމެދު ހިންގާފައިވާ ހުރިހާ މުއާމަލާތްތަކުގެ ރެކޯޑުތައް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ސިޓީގައި އެދިފައި ވަނީ ކުރިއަށް އޮތް އޯގަސްޓު ނުވަ ވަނަ ދުވަހުގެ ކުރިން އެ ރެކޯޑުތައް ހުށަހެޅުމަށެވެ.
އިންފަންޓީނޯ އަށް ފޮނުވާފައިވާ ސިޓީގައި ރާސްކިން ވިދާޅުވެފައި ވަނީ، ޓްރަމްޕް އާއި އޭނާގެ ސަރުކާރުގެ މެންބަރުންނާއި، އެ ބޭފުޅުންގެ އާއިލާގެ މެންބަރުންނަށް ދިން އަގުހުރި ތަކެއްޗާއި، ފައިސާ އާއި ހަދިޔާގެ އިނާމުތައް އަދި އެވޯޑުތަކުގެ ލިސްޓެއް ހުށަހަޅަން ޖެހޭ ކަމަށެވެ.
ޓްރަމްޕް އާއި އިންފަންޓީނޯއާ ދެމެދު އޮންނަ ގުޅުމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެ އެވެ. ޚާއްސަކޮށް ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ހިނގި ބައެއް ކަންތައްތަކުގެ ސަބަބުން ފާޑު ކިޔުން ވަނީ ބޮޑުވެފައި އެވެ. އެގޮތުން އެމެރިކާގެ ފަލޮރިން ބަލޮގަންގެ ސަސްޕެންޝަން ފީފާ އިން އުވާލީ ޓްރަމްޕްގެ ނުފޫޒުގެ ސަބަބުން ކަަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އެ ދުވަސް ކޮޅު ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި އޭނާ އިންފަންޓީނޯ އަށް ގުޅުވައްއި، އެކަމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ސިޓީގައި ރާސްކިން އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި އެމެރިކާގެ މިއާމީ އާއި ނިއު ޔޯކް ސިޓީގެ އޮފީސްތަކުގެ ވިޒިޓަލް ލޮގް ވެސް ހުށަހަޅަން ޖެހެ އެވެ. އަދި އެ ސިޓީގައި އެދިވަޑައިގެންފައި ވަނީ، ޓްރަމްޕްގެ ސަރުކާރާ ގުޅޭ ގޮތުން ފީފާއި ހުރި މުއާމަލާތްތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށެވެ.
މީގެ އިތުރުން އެ ސިޓީގައި ރާސްކިއަން ވަނީ، ކޮންގްރެސްގެ ކޮމެޓީ އަށް އިންފަންޓީނޯ ހާޒިރުވުމަށް ވެސް ވަނީ އެދިވަޑައިގެންފައި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފީފާ އިން ސުލްޙައިގެ ނަމުގައި އެވޯޑެއް ތައާރަފު ކުރުމަށް ފަހު ޓްރަމްޕް އަށް ދިނުމާއި، ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީސް ހިންގުން އަދި ވޯލްޑް ކަޕްގެ ގުރު ނެގުން އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީ އަށް ބަދަލު ކުރުމާމެދު ވެސް، އެ ސިޓީގައި ވަނީ ސުވާލު އުފައްދާފަ އެވެ.
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރު ކުރުމަށް އެދިފައިވާއިރު، އިންފަންޓީނޯގެ މައްސަލަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، އައިއޯސީ އިން ވަނީ އެ މައްސަލަ ބަލައި ނުގަންނަން ނިންމައިފަ އެވެ.










