ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް
30 ޖުލައި 2026 | ބުރާސްފަތި 06:13ބްލެޓާ ވަނީ 1998 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރާ ހަމައަށް ފީފާގެ ރައީސްކަން ކުރައްވާފައި. 17 އަހަރު ފީފާގެ ރައީސް ކަމުގައި ހުންނެވި ބްލެޓާ ވިދާޅުވީ، ފީފާ އަކީ ފައިދާ ހޯދުމަށް މަސައްކަތް ކުރާ ކޯޕަރޭޓް ބައެއްގެ ގޮތުގައި ބަދަލު ކޮށްފި ނަމަ، ފީފާގެ މުޅި ރޫޙު ގެއްލިގެން ދާނެ ކަމަށް


ފީފާގެ ކުރީގެ ރައީސް ބްލެޓާ އާއި މިހާރުގެ ރައީސް އިންފަންޓީނޯ އަދި އެމެރިކާގެ ރައީސް ޓްރަމްޕް | ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން އެމެރިކާ ޑޮލަރިގެ ސަބްސިޑިއަރީއެއް އުފެއްދުމަށް ހުށަހަޅުއްވާފައިވާ ޕްލޭން އަށް، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރޮއިޓާސް ނިއުސް އެޖެންސީ އަށް ދެއްވި ބަޔާނެއްގައި ބްލެޓާ ވިދާޅުވީ، ފުޓުބޯޅަ އަކީ ވަކި ފަރުދެއްގެ ނުވަތަ އެއްވެސް މުއައްސަސާ އަކަށް ނިސްބަތްވާ ކުޅިވަރެއް ނޫން ކަމަށާއި، އެއީ ފުޓުބޯޅަ ސަޕޯޓަރުންނަށް ނިސްބަތްވާ އެއްޗެއް ކަމަށެވެ.
ބްލެޓާ ވަނީ 1998 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރާ ހަމައަށް ފީފާގެ ރައީސްކަން ކުރައްވައިފަ އެވެ. 17 އަހަރު ފީފާގެ ރައީސް ކަމުގައި ހުންނެވި ބްލެޓާ ވިދާޅުވީ، ފީފާ އަކީ ފައިދާ ހޯދުމަށް މަސައްކަތް ކުރާ ކޯޕަރޭޓް ބައެއްގެ ގޮތުގައި ބަދަލު ކޮށްފި ނަމަ، ފީފާގެ މުޅި ރޫޙު ގެއްލިގެން ދާނެ ކަމަށެވެ.
ފީފާގެ ޕްލޭންއާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ވަގުތެއްގައި ބްލެޓާ ވިދާޅުވީ، ވޯލްޑް ކަޕް އަކީ ފައިދާ ހޯދުމަށް އުޅޭ އިންވެސްޓަރުންގެ އިންވެސްޓްމަންޓް ޕްރޮޑަކްޓެއް ނޫން ކަމަށެވެ. އެއީ މަދު އަދަދެއްގެ އިދާރީ މުވައްޒަފުންނަށް ނިސްބަތްވާ ވިޔަފާރި މުދަލެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ފުޓުބޯޅައިގެ ސަގާފީ ތަރިކައިގެ ބައެއް ކަމަށެވެ.
ފީފާ އިން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ބްލެޓާ ވިދާޅުވީ، ފީފާ އަކީ ވޯލްޑް ކަޕް ބެލެހެއްޓުމުގެ ޒިންމާ އޮންނަ ފަރާތް ކަމަށެވެ. އަދި ފީފާ އަކީ ވޯލްޑް ކަޕްގެ ވެރި ފަރާތް ނޫން ކަމަށް ވެސް ބްލެޓާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. ފީފާގެ ޚިޔާލާމެދު ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި، މީގެ ކުރިން ފީފާގެ ރައީސް ކަމުގައި ހުންނެވި ދިގު މުއްދަތުގައި މިފަދަ ކަމެއް ވިސްނުމަށް ވެސް އައިސްފައި ނުވާ ކަމަށް ބްލެޓާ ވިދާޅުވި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި ބްލެޓާ ވިދާޅުވީ، އެ ދެ ބޭފުޅުންގެ ގާތް ގުޅުމުގެ ސަބަބުން ގެއްލުން ވަނީ ފުޓުބޯޅަ އަށް ކަމަށެވެ. ފުޓުބޯޅަ ވިއްކާލުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ފާހަގަ ކުރައްވައި ބްލެޓާ ވިދާޅުވީ، ޒަމާނީ ފުޓުބޯޅަ ސަތޭކަ އަށް ވުރެ ގިނަ އަހަރަށް ދެމިގެން ގޮސްފައި އޮތީ އެއީ ރައްޔިތުން ނުވަތަ ސަޕޯޓަރުންނަށް ނިސްބަތްވާ އެއްޗަކަށް ވާތީ ކަމަށެވެ.
މިހާރު ވެސް އޮންނަން ޖެހޭނީ އެ އުސޫލު ކަމަށާއި، އެ އުސޫލަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ ކަމަށް ބްލެޓާ ވިދާޅުވި އެވެ. ބްލެޓާގެ އިތުރުން ފުޓުބޯޅައިގެ ގިނަ ފަރާތް ތަކަކުން އަންނަނީ ފީފާގެ މި ޕްލޭންއާ ދެކޮޅު ހެދުމުގެ ގޮތުން ވާހަކަ ދަައްކަމުންނެވެ.









