ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް
30 ޖުލައި 2026 | ބުރާސްފަތި 04:40އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުޓުބޯޅަ އަކީ އިންވެސްޓަރުންނަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށް. އެއީ ކޮންމެ ހަފުތާ އަކު، ވާރޭގައި ނުވަތަ އަވީގައި ސްޓޭޑިއަމްތައް ފުރާ މީހުންނާއި، ފުޓުބޯޅަ ސަޕޯޓަރުންނަށް ނިސްބަތްވާ އެއްޗެއް ކަމަށް ވެސް ބޮޑު ވަޒީރު ބާންހަމް ވިދާޅުވި. އެއީ ވަރަށް ސާފުކޮށް ދަންނަވާ ވާހަކައެއް ކަމަށް ވެސް ބާންހަމް ލިޔުއްވާފައިވޭ


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ވިޔަފާރީގެ ބައެއް ހައްގުތައް ވިއްކުމަށް ފީފާ އިން ހުށަހަޅާފައިވާ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ފީފާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ފީފާ އިން ނިންމާފައި ވަނީ ވޯލްޑް ކަޕްއާ ގުޅޭ ވިޔަފާރީގެ ހައްގުތައް ހިމެނޭ އިންވެސްޓްމަންޓުގެ ބައެއް އުފައްދައި، އޭގެ ބައެއް އިންވެސްޓަރުންނަށް ވިއްކުމަށެވެ. މި ޕްލޭންގެ ދަށުން ފީފާ އަށް 4.2 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުޓުބޯޅަ އަކީ އިންވެސްޓަރުންނަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށެވެ. އެއީ ކޮންމެ ހަފުތާ އަކު، ވާރޭގައި ނުވަތަ އަވީގައި ސްޓޭޑިއަމްތައް ފުރާ މީހުންނާއި، ފުޓުބޯޅަ ސަޕޯޓަރުންނަށް ނިސްބަތްވާ އެއްޗެއް ކަމަށް ވެސް ބޮޑު ވަޒީރު ބާންހަމް ވިދާޅުވި އެވެ. އެއީ ވަރަށް ސާފުކޮށް ދަންނަވާ ވާހަކައެއް ކަމަށް ވެސް ބާންހަމް ލިޔުއްވާފައިވެ އެވެ.
މި ޕްލޭންއާ ގުޅޭ ގޮތުން ފީފާ އިން ބުނެފައި ވަނީ، އެ ޕްލޭންގެ ދަށުން ގްރާސްރޫޓްސް ފުޓުބޯޅަ އާއި، އަންހެން ފުޓުބޯޅާ އަށް އިތުރު އިންވެސްޓްމަންޓް ލިބޭނެ އެވެ. ނަމަވެސް، ޔޫރަޕުގެ ފުޓުބޯޅަ އެސޯސިއޭޝަން ނުވަތަ ޔުއެފާ އިން ވަނީ މި ޕްލޭންއާ ދެކޮޅު ހަދާ ކަމަށް ހާމަ ކޮށްފައި އެވެ. އަދި ނިމުނު ވޯލްޑް ކަޕްގެ ތެރޭގައި ފީފާ އިން އަމަލު ކޮށްފައިވާ ގޮތްތަކާ މެދު ވެސް ޔުއެފާ އިން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.
ބާންހަމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ވޯލްޑް ކަޕް އަކީ ވިއްކަން އޮތް މުދަލެއް ނުވަތަ ޕްރޮޑަކްޓެއް ނޫން ކަމަށެވެ. އެއީ ދުނިޔޭގެ ކުޅިވަރުގައި އޮތް އެންމެ ރަނގަޅު މުބާރާތް ކަމަށާއި، އެއީ އެއްވެސް މީހަކަށް ވިއްކަން އޮތް ހައްގެއް ނޫން ކަމަށް ވެސް ބާންހަމް ވިދާޅުވެފައިވެ އެވެ. އެއާ އެކު ބާންހަމް ވިދާޅުވީ މިހާރު ވެސް ފުޓުބޯޅަ ނިސްބަތް ވަނީ ސަޕޯޓަރުންނަށް ކަމަށާއި، އަބަދު ވެސް ފުޓުބޯޅަ ނިސްބަތް ވާނީ ސަޕޯޓަރުންނަށް ކަމަށެވެ.
މީގެ އިތުރުން ބާންހަމް ވިދާޅުވެފައި ވަނީ، އެކަން ކުރަން އުޅޭ މީހުން ބޭނުންވާ ގޮތަށް ބަހުސް ކުރިޔަސް، އެއް ފަހަރު ވެސް ވިއްކާލައިފި ނަމަ، އެއީ ވަފާތެރިކަން ދޫކޮށްލުން ނުވަތަ އެއްކޮށް ވިއްކާލުން ކަމަށެވެ.
ފީފާގެ މި ޕްލޭންއާ އެންމެ ގާތުން މަސައްކަތް ކުރަމުން އަންނަ ތުރައިވް ކެޕިޓަލްގެ ސީއީއޯ ޖޯޝް ކުޝްނާ އަކީ، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރޭޑް ކުޝްނާގެ ބޭބެ އެވެ.









