ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
28 ޖުލައި 2026 | އަންގާރަ 04:09އިންފަންޓީނޯގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓު ކޮށްފައިވާ އާންމު ސިޓީއެއްގައި އޭނާ ވަނީ، ފާޑު ކިޔާ ފަރާތްތަކުން ނަފުރަތާއި ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބޭއްވި މުބާރާތަކީ، އުފާވެރިކަމާއި، އެއްބައިވަންތަކަން އަދި ރައްކާތެރިކަން ފެނިގެން ދިޔަ މުބާރާތެއް ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އިންފަންޓީނޯގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓު ކޮށްފައިވާ އާންމު ސިޓީއެއްގައި އޭނާ ވަނީ، ފާޑު ކިޔާ ފަރާތްތަކުން ނަފުރަތާއި ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބޭއްވި މުބާރާތަކީ، އުފާވެރިކަމާއި އެއްބައިވަންތަކަން އަދި ރައްކާތެރިކަން ފެނިގެން ދިޔަ މުބާރާތެއް ކަމަށެވެ.
އިންފަންޓީނޯގެ ސިޓީގައި ވިދާޅުވީ، ގަލަމާއި ކަރުދާސް ހިފައިގެން އަދި ސްކްރީންތަކުގެ ފަހަތުގައި ތިބެގެން ނަފުރަތު ފަތުރާ މީހުންނަށް ބުނަން އޮތީ، އެމީހުން އެގޮތުގައި ތިބޭއިރު ފީފާ އިން އޮތީ ކުރީ ސަފުގައި މަސައްކަތްކޮށް ދުނިޔޭގެ އެންމެ ފުރިހަމަ ކުޅިވަރު ހަރަކާތް ބާއްވައި ދިނުމުގައި ކަމަށެވެ. އަދި މުބާރާތުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށާއި، ސަތޭކަ އިންސައްތަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިންފަންޓީނޯ މިހެން ވިދާޅުވިއިރު، ނިއު ޖާޒީގައި ބޭއްވި ފައިނަލް މެޗަށް ފަހު އާޖެންޓީނާ އާއި ސްޕެއިންގެ ކުޅުންތެރިންގެ މެދުގައި ހިނގި ކުރިމަތިލުމެއް ފީފާ އިން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މުބާރާތުގެ ތެރޭގައި އެމެރިކާގެ ވިސާ ދޫކުރުމުގެ ސިޔާސަތުތަކާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ވަކިން ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އީރާން ޓީމަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަ ކޮށްލެވެ އެވެ. އީރާން ޓީމުގެ ޓްރެއިނިން ކޭމްޕް އެމެރިކާގެ އެރިޒޯނާ އިން މެކްސިކޯގެ ޓިޖުއާނާ އަށް ބަދަލުކުރަން ޖެހުނުއިރު، މެޗުތަކަށް ދަތުރު ކުރުމުގައި ލޮޖިސްޓިކް ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. މީގެ އިތުރުން، ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްގާދިރު އަރްޓާން އަތުގައި ސައްހަ ވިސާއެއް އޮތް ނަމަވެސް، އޭނާ އެމެރިކާ އަށް އެތެރެވިޔަ ނުދީ ވަނީ ފޮނުވާލައިފަ އެވެ.
ވިސާގެ މައްސަލަތަކަށް ރައްދު ދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، މަދު ބަޔަކަށް ވިސާ ނުލިބުނު ވާހަކަ ދައްކާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުންނަށް ވިސާ ލިބުނުކަން ފާޑުކިޔާ ފަރާތްތަކަށް ނުފެންނަ ކަމަށެވެ. އަދި އީރާން ޓީމަށް އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ލިބުމަކީ ފުޓުބޯޅަ އަކީ ސިޔާސީ ކަމެއް ނޫން ކަމާއި، އެއީ ސުލްހައިގެ ވަސީލަތެއްކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އީރާންގެ ކޯޗު އާމިރު ގަލެނޯއި ވަނީ އެ ޓީމަކީ މުބާރާތުގައި އެންމެ ބޮޑަށް ނިކަމެތި ކޮށްލެވުނު ޓީމު ކަމަށް ބުނެފަ އެވެ.
މުބާރާތުގެ ތެރޭގައި ހިނގި ބައެއް އިދާރީ ނިންމުންތައް އިންފަންޓީނޯ ވަނީ ދިފާއު ކުރައްވާފައި އެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވުމާއެކު، އެމެރިކާގެ ފޯވާޑު ފޮލަރިން ބަލޮގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން އަންނަ ސަސްޕެންޝަން އުވާލި މައްސަލައިގައި އޭނާ ވިދާޅުވީ، ރެފްރީންގެ ނިންމުންތަކާއި ޑިސިޕްލިނަރީ މައްސަލަތަކަކީ ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ވެސް އާންމުކޮށް ހިނގާ ކަންކަން ކަމަށެވެ. އަދި މިފަދަ ކަންކަން އަމިއްލަ ޤައުމުތަކުގައި ހިނގާއިރު، ފީފާ އަށް ފާޑުކިޔުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންފަންޓީނޯ އާއި ޓްރަމްޕްއާ ދެމެދު އޮތް ގުޅުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ފެއަރ ސްކޮއަރ" އިން ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އަށް މައްސަލަ ހުށަހަޅާފައި އެވެ. އެ ޖަމާއަތުން ތުހުމަތުކުރާ ގޮތުގައި އިންފަންޓީނޯ ވަނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމަށް އޮންނަ އުސޫލާ ހިލާފުވެފައި އެވެ. ނަމަވެސް އައިއޯސީ އިން ވަނީ އެ މައްސަލަ އަކީ އެ ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައި އެވެ.










