ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ
23 ޖުލައި 2026 | ބުރާސްފަތި 12:19ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުފޫޒު ފޯރުއްވައިގެން ފޯލަރިން ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލަ ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާގެ އެތިކްސް ކޮމިޓީއަށް ހުށަހަޅަން ދަނީ ތައްޔާރުވަމުން. ސިޔާސީ ނުފޫޒުން ފުޓްބޯޅައިގެ ގަވާއިދުތަކަށް ބަދަލު ގެނައުމަކީ ކުޅިވަރުގެ އިތުބާރު ގެއްލި، ނުރައްކާތެރި ނަމޫނާ އެއް ގާއިމުވުން ކަމަށް އެ ފެޑެރޭޝަންގެ ރައީސާ ލީސާ ކްލެވަނަސް ވިދާޅުވި. އޭނާ ވަނީ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ކުރާ މަސައްކަތަށް ވެސް ފާޑުވިދާޅުވެފައި.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، އެމެރިކާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗުގައި، އެމެރިކާގެ ފޯލަރިން ބަލޯގަން (ޖާޒީ ނަންބަރު 20) ބޮސްނިއާގެ ތާރިކް މުހަރެމޮވިޗް (ޖާޒީ ނަންބަރު 4) އަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކި | ގެޓީ އިމޭޖަސް
ވޯލްޑް ކަޕްގައި ފޯލަރިން ބަލޯގަން އަށް ކުރި ސަސްޕެންޝަން ފީފާއިން އުވާލި މައްސަލައިގައި އެ އިދާރާއަށް ރަސްމީ ޝަކުވާއެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސާ ލީސާ ކްލެވަނަސް "ދަ ޓައިމްސް" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފީފާގެ މި ނިންމުމުގެ ސަބަބުން މުޅި ފުޓްބޯޅައިގެ އިތުބާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަން (އެން.އެފް.އެފް) ގެ ރައީސާ ލީސާ ކްލެވަނަސް ވިދާޅުވީ، ދުވަހަކުވެސް ހިނގައިގެން ނުވާނެ ފަދަ މި ހާދިސާއާ ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށްޓަކައި އެ ފެޑެރޭޝަންގެ ބޯޑުގެ ތާއީދު ހޯއްދަވާނެ ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފީފާގެ ފުރަތަމަ "ޕީސް ޕްރައިޒް" އެރުވުމަށް ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެން.އެފް.އެފް އިން ވަނީ އެ މައްސަލައިގައި ވެސް މީގެ ކުރިން ޝަކުވާ ހުށަހަޅާފަ އެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި "ދަ ޓައިމްސް" ގެ އިންޓަވިއުއެއްގައި ކްލެވަނަސް ވިދާޅުވީ، މި މައްސަލަ ބޯޑު ބައްދަލުވުމަށް ހުށަހަޅައި މެންބަރުންނާ މަޝްވަރާ ކުރުމަށްފަހު، ރަސްމީކޮށް ފީފާއަށް ހުށަހަޅާނެ ކަމަށެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައަކީ ވެސް އަޚުލާގީ މިންގަނޑުތަކާ ޚިލާފު، ސީރިއަސް މައްސަލައެކެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ ބަލޯގަންގެ ސަސްޕެންޝަނާ ގުޅޭ ކަންކަމުގެ ތެރެއަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަދެވަޑައިގަތުމާ ގުޅިގެންނެވެ.
މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން މޮޅުވި މެޗުގައި ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން، ބެލްޖިއަމާ ދެކޮޅަށް ކުޅެން އޮތް މެޗަށް އޭނާ ހުރީ އޮޓޮމެޓިކް ސަސްޕެންޝަނެއްގަ އެވެ.
ނަމަވެސް، ރައީސް ޓްރަމްޕް ފީފާގެ ރައީސް އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވިކަން ހާމަވި ދަނޑިވަޅެއްގައި، ފީފާއިން ވަނީ ބަލޯގަންގެ ސަސްޕެންޝަން އުވާލާފަ އެވެ. މި ނިންމުމާއެކު ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ބޮޑު ފާޑުކިޔުމެއް ފީފާއަށް ވަނީ އަމާޒުވެފަ އެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ކުޅުނު މެޗުން ބެލްޖިއަމް ވަނީ މުބާރާތް ބާއްވާ ގައުމުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ.
ކްލެވަނަސް ވިދާޅުވީ، މިފަދަ ގޮތަކަށް ގަވާއިދުތަކަށް ބަދަލު ގެނައުމަކީ މުޅި ފުޓްބޯޅަ ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށެވެ.
އަދި ފުޓްބޯޅައިގެ އަސާސީ ގަވާއިދުތަކަށް ދޫދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި، މިކަމުގައި އިޚުލާޞްތެރިކަމާއެކު މުއާމަލާތް ކުރުން މުހިންމު ކަމަށެވެ. އަދި މި ނިންމުމަކީ ބޭރުގެ ނުފޫޒުން ނިންމާފައިވާ، އުސޫލުތަކުން ބޭރު ނިންމުމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ހެދުނު ގޯހެއް ކަމަށް ފީފާގެ ވެރިޔާ އެއްބަސްވާންޖެހޭ،" ކްލެވަނަސް ވިދާޅުވި އެވެ.
'ކަންކަން ފޮރުވުން'
ނޯވޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި 2022 ވަނަ އަހަރުން ފެށިގެން އެން.އެފް.އެފްގެ ރައީސާގެ މަގާމު ފުރުއްވަމުން ގެންދަވާ ކްލެވަނަސް ވިދާޅުވީ، ދައުލަތްތަކުގެ ވެރިންގެ ކުރިމަތީގައި ފީފާއިން ކުޑަކަކޫ ޖެހުމަކީ ނުރައްކާތެރި މިސާލެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގައުމުތަކުގެ ވެރިންނާއި ސިޔާސީ ކަންކަމަށް ފީފާގެ އުސޫލުތައް ބަދަލުކުރަން ފަށައިފިނަމަ، އެ އިދާރާގެ މިސްރާބު ގެއްލި، ސިޔާސީވެރިން ކަންކަމާ ބެހުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އަދި މިހާރު ކަން ހިނގާފައިވަނީ ވެސް އެ މަގުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ދަ ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަލޯގަންގެ ސަސްޕެންޝަން އުވާލުމުގެ ނިންމުން ނިންމާފައިވަނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ އެހެން މެންބަރުންގެ މަޝްވަރާއެއް ނެތި، ހަމައެކަނި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލް ކަމާލީ އެކަންޏެވެ. މިކަމާ މެދު ވެސް ކްލެވަނަސް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ބޭރުގެ ބާރުގަދަ ފަރާތްތަކުގެ ނުފޫޒު އޮތް މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު، ގިނަ ބައެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ނޫންނަމަ އެއީ ބޮޑު ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައަކީ ފަސްއަޅައި ފޮރުވާލެވޭނެ މައްސަލައެއް ނޫން ކަމަށް ކްލެވަނަސް ވިދާޅުވި އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ 45 އަހަރުގެ ކްލެވަނަސް ވިދާޅުވީ، ކޯޗުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
އަންނަ އަހަރު އޮންނަ ފީފާގެ ރިޔާސީ އިންތިޚާބުގައި އިންފަންޓީނޯއާ ވާދަނުކުރައްވާނެ ކަމަށް ވިދާޅުވަމުން ކްލެވަނަސް ވަނީ، ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމަށް ދެކުނު އެމެރިކާގެ ގައުމުތަކުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވެސް ފާޑުވިދާޅުވެފަ އެވެ.
ނޯވޭއިން ވަނީ 28 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕަށް އެނބުރި އައިސް، ކުއާޓާ ފައިނަލުގައި އިންގްލެންޑް އަތުން ބަލިވުމާ ހަމައަށް ކާމިޔާބު ދަތުރެއް ކޮށްފަ އެވެ.
ކްލެވަނަސް ވިދާޅުވީ، ވޯލްޑް ކަޕް 48 ޓީމަށް ބަދަލުކުރުމުން ނޯވޭ ފަދަ ކުދި ގައުމުތަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. ނަމަވެސް 64 ޓީމަށް އަދަދު އިތުރުކުރުމަކީ ފުޓްބޯޅައަށް ފައިދާހުރި ކަމެއް ނޫން ކަމަށާއި، އެއީ ބުއްދިވެރި ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބާރުގަދަ ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަން ފެށުމުން އިތުބާރު ގެއްލިގެންދާނެ އެވެ. އަދި ވޯލްޑް ކަޕަކީ ގައުމީ ލީގުތަކާއި ކޮންފެޑެރޭޝަންތަކުގެ ކަންކަމަށް މިހާރު ވެސް ނުފޫޒު ފޯރުވާ މުބާރާތަކަށް ވާއިރު، އެ ނުފޫޒު އިތުރަށް ބޮޑުވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.










