އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
ކުރިއަށް އޮތް އިންތިޚާބުގައި ފީފާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ވާދަ ކުރައްވާނެކަން އިންފަންޓީނޯ އިއުލާން ކުރައްވާފައިވާއިރު، ޓެބާސް ވިދާޅުވީ އިންފަންޓީނޯއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުނިކުންނަނީ ބަލިވާނެކަން ޔަޤީން ވާތީ ކަމަށް. އެއާ އެކު ޓެބާސް ވިދާޅުވީ، ފީފާގެ މިހާރުގެ ނިޒާމަކީ އޭގެ އަސްލުން ފެށިގެން ވެސް ބަލިމަޑުކަމެއްގެ ތެރޭގައި އޮތް ނިޒާމެއް ކަމަށް


ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި، ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައި ޓެބާސް ވިދާޅުވީ، އިންފަންޓީނޯ އާއި ފީފާގެ މިހާރުގެ ސިޔާސަތުގެ ސަބަބުން މުޅި ފުޓުބޯޅަ ހަލާކުވަމުންދާ ކަމަށެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ފީފާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ވާދަ ކުރައްވާނެކަން އިންފަންޓީނޯ އިއުލާން ކުރައްވާފައިވާއިރު، ޓެބާސް ވިދާޅުވީ އިންފަންޓީނޯއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުނިކުންނަނީ ބަލިވާނެކަން ޔަޤީން ވާތީ ކަމަށެވެ. އެއާ އެކު ޓެބާސް ވިދާޅުވީ، ފީފާގެ މިހާރުގެ ނިޒާމަކީ އޭގެ އަސްލުން ފެށިގެން ވެސް ބަލިމަޑުކަމެއްގެ ތެރޭގައި އޮތް ނިޒާމެއް ކަމަށެވެ.
މީގެ އިތުރުން ޓެބާސް ވިދާޅުވެފައި ވަނީ އޭނާ އެމެރިކާގައި ހޭދަ ކުރެއްވި ދުވަސްތަކުގައި، އިންފަންޓީނޯއާ ދެކޮޅު އަދި އޭނާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށެވެ. އެ ފަރާތްތަކުން އެ ކަންކަމުގެ ވާހަކަ ދެއްކި ނަމަވެސް، އިސްލާޙީ ބަދަލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޓެބާސް ވަނީ ސިފަ ކުރައްވައިފަ އެވެ.
ފުޓްބޯޅަ އަށް ލިބެމުންދާ ގެއްލުންތަކާ މެދު ހަނުހުރުމަކީ އެކަމުގައި ބައިވެރިވުން ކަމަށް ވެސް ޓެބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނު ތިބޭ ފަރާތްތަކަށް ވެސް ފުޓްބޯޅަ އަށް ލިބެމުންދާ ގެއްލުންތައް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެހެންކަމުން، ބަހެއް ނުބުނެ ތިބުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ މީގެ ތެރެއިން ކޮން ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައި އެވެ.
ސްޕެނިޝް ލީގުގެ ރައީސް ޓެބާސް އަކީ މީގެ ކުރިން ވެސް ފީފާ އާއި ޔުއެފާގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. ޚާއްސަކޮށް ފީފާ އިން އަލަށް ތައާރަފު ކުރަން އުޅޭ މުބާރާތްތަކާއި، ކަލަންޑަރަށް ގެންނަ ބަދަލު ތަކުގެ ސަބަބުން ކުލަބު ފުޓުބޯޅަ އަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އަބަދު ވެސް ޓެބާސް ވަކާލާތު ކުރައްވަ އެވެ.










