ބެލްޖިއަމް އާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
29 ޖުލައި 2026 | ބުދަ 08:50ބެލްޖިއަމް އަދި އީޔޫއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ދިޔާނާ ސައީދު އައްޔަންކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓު 52 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައި. ބަންޑާރަ ނައިބުކަމާއި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ދިޔާނާ މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައި


ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު | މިހާރު
ކިންގްޑަމް އޮފް ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ ސައީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމީޓީ އިން ނެވެ. ބުދަ ދުވަހުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފަ އެވެ.
އެގޮތުން ކިންގްޑަމް އޮފް ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ ސައީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
ދިޔާނާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވުމުގެ އިތުރުން ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން މި ސަރުކާރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރު އާއި ތޯރިގް އިބްރާހީމް އާއެކު ދިޔާނާ ވަނީ އައްޔަނުކުރައްވާފަ އެވެ.









