ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަން ގައި ހިފެހެއްޓުމަށް ރިފަރެންޑަމެއް ބާއްވަނީ
ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމަށް ކަނާތު ފިޔައިގެ ޕާޓީން ހުށަހަޅާފައިވާ މައްސަލައާ މެދު އެ ގައުމުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައި. މި ހުށަހެޅުމަށް ތާއީދުކުރާ ފަރާތްތަކުން ބޯހިޔާވަހިކަމާއި އާންމު ޚިދުމަތްތަކަށް އޮތް ބާރު ކުޑަކުރަން ވަކާލާތު ކުރާއިރު، ސަރުކާރާއި ވިޔަފާރިވެރިން ބުނަނީ މީގެ ސަބަބުން މަސައްކަތްތެރިން މަދުވެ، ޔޫރަޕިއަން ޔޫނިއަންއާއެކު އޮތް ގުޅުމަށް ބުރޫއަރައި ގައުމު އެކަހެރިވެދާނެ ކަމަށް. މި ރިފަރެންޑަމްގެ ނަތީޖާ ވަރަށް ގާތްވާނެ ކަމަށް ބެލެވޭއިރު، މިއީ އާބާދީގެ އަދަދު ގާނޫނީ ގޮތުން ހިފެހެއްޓުމަށް ދުނިޔޭގައި ކުރެވޭ ފުރަތަމަ މަސައްކަތް.

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށްވުރެ އިތުރުވިޔަ ނުދިނުމަށް ގޮވާލައި ހުށަހަޅާފައިވާ "ނޯ ޓު 10 މިލިއަން" އިމިގްރޭޝަން އިނިޝިއޭޓިވްއަށް ތާއީދު ހޯދުމަށް ޒިއުރިކްގެ ބޭރު ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އިޝްތިހާރެއް. ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށް ލިމިޓް ކުރުމަށް ހުށަހަޅާފައިވާ މި ހުށަހެޅުމަށް ރައްޔިތުންގެ މެދުގައި ނަގާ ވޯޓުލުން އޮންނާނީ ޖޫން މަހުގެ 14 ވަނަ ދުވަހު. | ގެޓީ އިމޭޖަސް
ގައުމެއްގެ އާބާދީ ވަކި މިންވަރެއްގައި ހިފެހެއްޓިދާނެ ހެއްޔެވެ؟ މިއީ އާދީއްތަ ދުވަހު ސްވިޒަލޭންޑުގެ ރައްޔިތުން ވޯޓުލާން ނުކުމެ، އެ ގައުމުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާއިރު ޖަވާބު ލިބޭނެ ސުވާލެކެވެ.
މި ހުށަހެޅުމަށް ތާއީދުކުރަނީ ކަނާތު ފިޔައިގެ "ސްވިސް ޕީޕަލްސް ޕާޓީ" އިންނެވެ. އެ ޕާޓީން މި ހުށަހެޅުން ސިފަކުރަނީ ބޯހިޔާވަހިކަމާއި، އާންމު ޚިދުމަތްތަކާއި ތިމާވެއްޓަށް ކުރިމަތިވެފައިވާ ބާރު ބޮޑުވުން ކުޑަކުރުމަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ "ދެމެހެއްޓެނިވި އިސްނެގުމެއް"ގެ ގޮތުގައެވެ.
ނަމަވެސް، ސްވިޒަލޭންޑް ސަރުކާރާއި، އެހެން ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކާއި، ވިޔަފާރިވެރިން އަދި ޓްރޭޑް ޔޫނިއަންތަކުން މި ހުށަހެޅުން ސިފަކުރަނީ "ގަޑުބަޑު އުފައްދާނެ އިސްނެގުމެއް"ގެ ގޮތުގައެވެ. އެ ފަރާތްތަކުން ވަކާލާތު ކުރާ ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ހޮސްޕިޓަލްތަކާއި ހޮޓާތަކަށް ބޭނުންވާ މުވައްޒަފުން ނުލިބި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު އޮތް ބަދަހި ގުޅުމަށް ބުރޫއަރާނެއެވެ. އަދި އީޔޫގެ މެންބަރަކަށް ނުވާ ސްވިޒަލޭންޑް، ނުރައްކާތެރި ދުނިޔެއެއްގައި އެކަހެރިވެގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
2002 ވަނަ އަހަރު 7.3 މިލިއަނުގައި އޮތް ސްވިޒަލޭންޑުގެ އާބާދީ ވަނީ ވަރަށް ބާރަށް އިތުރުވެފައެވެ. މިހާރު އެ ގައުމުގެ އާބާދީއަކީ 9.1 މިލިއަނެވެ. މީގެ ތެރެއިން 27 އިންސައްތައަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
އަނެއްކޮޅުން ރޭލުތައް ތޮއްޖެހުމާއި، އެޕާޓްމަންޓްތަކުގެ ކުލި ބޮޑުވުމާއި، ސިއްހީ ޚިދުމަތުގެ އަގު އުފުލެމުންދާތީ ގިނަ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ.
އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، މި ރިފަރެންޑަމްގެ ނަތީޖާ އުޅެނީ ވަރަށް ހަމަހަމަ ކޮށްނެވެ.
ވޯޓުލާ މީހުންގެ ތެރެއިން 52 އިންސައްތަ މީހުން މި ހުށަހެޅުމާ ދެކޮޅު ހަދާއިރު، 45 އިންސައްތަ މީހުން ތާއީދުކުރާ ކަމަށް ދައްކައެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން އަދިވެސް ވަކި ގޮތެއް ނުނިންމާ ތިބުމުން، ނަތީޖާ ކޮންމެ ފަރާތަކަށް ވެސް އެނބުރިދާނެ ކަމަށް ބެލެވެއެވެ.
އާބާދީގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ މީގެ ކުރިން އެއްވެސް ގައުމަކުން ކޮށްފައިވާ ކަމެއް ނޫނެވެ. ނަމަވެސް، ޗައިނާއިން މީގެ ކުރިން އަމަލުކުރި "އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު" މެދުވެރިކޮށް އާބާދީ އިތުރުވާ މިންވަރު މަޑުޖައްސާލަން މަސައްކަތް ކުރިއެވެ.
ސްވިޒަލޭންޑަށް ހުށަހަޅާފައިވާ މި ހުށަހެޅުމުގައި ބުނަނީ، 2050 ވަނަ އަހަރުގެ ކުރިން އެ ގައުމުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. އަދި އާބާދީ 9.5 މިލިއަނަށް އެރުމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި، ހިމާޔަތް ހޯދަން އަންނަ މީހުންގެ އަދަދު މަދުކުރުމާއި، ބޭރުގެ މަސައްކަތްތެރިންގެ އާއިލާތައް ގެނައުމުގެ ހައްގު ހަނިކުރުން ހިމެނިދާނެއެވެ.
އާބާދީ 10 މިލިއަނަށް އަރައިފިނަމަ، ސްވިޒަލޭންޑުން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތައް އުވާލަން ޖެހޭނެއެވެ. މީގެ ތެރޭގައި އީޔޫގެ ގައުމުތަކުގެ މެދުގައި މިނިވަންކަމާއެކު މީހުންނަށް ދަތުރުފަތުރު ކުރެވޭ އެއްބަސްވުން ވެސް ހިމެނެއެވެ.
މިކަމުގެ ސަބަބުން ސްވިޒަލޭންޑުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ "އިކޮނޮމީސުއިސް" އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޖަމިއްޔާގެ ޗީފް އިކޮނޮމިސްޓް ރޫޑޮލްފް މިންޝް ވިދާޅުވީ، މި ހުށަހެޅުން ފާސްވެއްޖެނަމަ ޔޫރަޕިއަން ޔޫނިއަންއާއެކު އޮތް ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
އޭގެ ސަބަބަކީ، އީޔޫގެ މެންބަރުން ނޫން ގައުމުތަކުން އީޔޫގެ މާކެޓުގެ ފައިދާ އެކަނި ނަގައި، މީހުންނަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭ އެއްބަސްވުން ފަދަ ޒިންމާތަކުން ރެކިނުގަނެވޭނެ ކަމަށް ބްރަސަލްސް އިން ތަކުރާރުކޮށް އިންޒާރު ދެމުންދާތީއެވެ.
"އީޔޫއަކީ އަދިވެސް ސްވިޒަލޭންޑުގެ އެންމެ މުހިންމު ވިޔަފާރި ބައިވެރިޔާ،" މިންޝް ތަފްސީލުކޮށްދެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއާއެކު ހަމަޖެހޭ އަދި ސާފު ގުޅުމެއް ބޭއްވުމަކީ ސްވިޒަލޭންޑުގެ މަސްލަހަތު އޮތް ގޮތް ކަމަށެވެ. ސްވިޒަލޭންޑުގެ ވަޒީފާދޭ ފަރާތްތަކުން ވެސް ތިބީ މަސައްކަތްތެރިން މަދުވެދާނެތީ އާއި، ޔޫރަޕުގެ ހުނަރުވެރި މަސައްކަތްތެރިން ލިބުމުގެ ފުރުސަތު ގެއްލިދާނެތީ ކަންބޮޑުވެފައެވެ.
ސްވިޒަލޭންޑުގެ ހޮޓާތަކުގައި މަސައްކަތްކުރާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ހިޖުރަކޮށްފައިވާ މީހުންނެވެ. ހޮސްޕިޓަލްތަކާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް ވެސް ބަރާސާވަނީ ބޭރުގެ މަސައްކަތްތެރިންގެ މައްޗަށެވެ.
ސްވިސް ޕީޕަލްސް ޕާޓީން ވަކާލާތު ކުރަނީ، ހިޖުރަކުރާ މީހުން އިތުރުވުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ އެނދާއި ސްކޫލްތަކުގެ ޖާގައަށް އޮތް ޑިމާންޑް އިތުރުވަމުންދާ ކަމަށާއި، ހިޖުރަކުރުން ހަނިކުރުމުން އެ ބާރު ކުޑަވާނެ ކަމަށެވެ.
ނަމަވެސް، މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ މިއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސްވިޒަލޭންޑުގެ އާބާދީގެ 20 އިންސައްތައަކީ މިހާރު ވެސް 65 އަހަރުން މަތީގެ މީހުންނެވެ.
އުމުރުން ދުވަސްވަމުންދާ އާބާދީއަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށާއި ފައިސާ ހޯދުމަށް ޒުވާން މަސައްކަތްތެރިންނާއި ޓެކްސް ދައްކާނެ ޒުވާނުން ބޭނުންވާ ކަމަށާއި، ސްވިޒަލޭންޑުގެ އަމިއްލަ އާބާދީން އެ އަދަދަށް ޒުވާނުން އުފެދެމުން ނުދާ ކަމަށް އެ ފަރާތްތަކުން އިންޒާރު ދެއެވެ.
ސޯޝަލް ޑިމޮކްރެޓްސްގެ މެންބަރެއް ކަމަށްވާ ޖޯން ޕަލްޓް ވިދާޅުވީ، އާބާދީ ހިފެހެއްޓުމުގެ ސަބަބުން އޭނާ އެންމެ ބޮޑަށް ބިރުގަންނަނީ "ނުރައްކާތެރި އަދި ހަމަޖެހުމެއް ނެތް ދުނިޔެއެއްގައި އެކަނިވެރިވާން ޖެހިދާނެތީ،" ކަމަށެވެ.
ޔޫރަޕުގެ އަވަށްޓެރި ގައުމުތަކެކޭ އެއްފަދައިން، ސްވިޒަލޭންޑުން ވެސް ދަނީ ދިފާއީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރަމުންނެވެ. އަދި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅުނު ނަމަވެސް، އަވަށްޓެރި ގައުމުތަކާއެކު ދިފާއީ ގުޅުން ބަދަހިކުރަން ދަނީ ރާވަމުންނެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އެރުމާއި އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ އަސަރު ސްވިޒަލޭންޑަށް ވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން، އެމެރިކާއިން ވަނީ ސްވިޒަލޭންޑުގެ އުފެއްދުންތަކުން ބޮޑު ޓެރިފެއް ނުވަތަ ޑިއުޓީއެއް ނަގަން ފަށާފައެވެ.
އާބާދީ ހިފެހެއްޓުމަށް ނިންމައިފިނަމަ، އީޔޫއާއެކު އޮތް އެއްބަސްވުންތަކަށް ނުރައްކާވެ، ބްރަސަލްސްގެ އެހީތެރިކަން ވެސް ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.






