ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޯކޫގެ ފުރަތަމަ ދަރިފުޅު އުފަންވާއިރު އަންހެނުންގެ ކައިރީގައި ހުރުމަށްޓަކައި ވޯލްޑް ކަޕް މުބާރާތް ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެން ފާޑުކިޔަނީ
ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޯކޫގެ ފުރަތަމަ ދަރިފުޅު އުފަންވާ ވަގުތު އަންހެނުންގެ ކައިރީގައި ހުރުމަށްޓަކައި ވޯލްޑް ކަޕް ކޭމްޕު ދޫކޮށް ދާން ނިންމުމާ ގުޅިގެން، ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ. ޑޯކޫގެ މި ނިންމުމަށް 'ލެކީޕް' ޗެނަލްގެ ޕްރެޒެންޓަރަކު ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ގިނަ ބަޔަކު އަންނަނީ އާއިލާއަށް އިސްކަންދިނުމަށް ބާރުއަޅައި ޑޯކޫއަށް ތާއީދުކުރަމުން. މި މައްސަލަ ހޫނުވުމާ ގުޅިގެން ފާޑުކީ ޕްރެޒެންޓަރު ފަހުން މާފަށް އެދިފައިވާއިރު، ބެލްޖިއަމް ފެޑެރޭޝަނުން ވަނީ ޑޯކޫގެ ހާލަތު ދެނެގަނެ އޭނާއަށް އެއްބާރުލުން ދޭނެކަމުގެ އިޝާރާތެއް ދީފައި.

އެމެރިކާގެ ސިއެޓްލްގެ ރެންޓަންގައި ހުންނަ ސިއެޓްލް ސައުންޑާސްގެ ބޭސް ކޭމްޕުގައި، 2026 ޖޫން 19 ވާ ހުކުރު ދުވަހު ބޭއްވި ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމު "ރެޑް ޑެވިލްސް" ގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ޖެރެމީ ޑޯކޫ ބައިވެރިވަނީ. | ގެޓީ އިމޭޖަސް
ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޯކޫގެ ފުރަތަމަ ދަރިފުޅު އުފަންވާއިރު އޭނާގެ އަންހެނުންގެ ކައިރީގައި ހުރުމަށްޓަކައި ވޯލްޑް ކަޕް މުބާރާތް ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ޑޯކޫގެ އަންހެނުން ޝިރީން ވިހާނެ ކަމަށް ލަފާކުރެވެނީ ޖުލައި މަހުގެ ދެވަނަ ހަފުތާގައެވެ. މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް ބެލްޖިއަމް ދަތުރުކޮށްފައި އޮތް ނަމަވެސް، އެ ވަގުތު އެނބުރި ގައުމަށް ދިއުމަކީ ޑޯކޫ ބޭނުންވާ ގޮތެވެ.
ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި މެންޗެސްޓަރ ސިޓީއަށް ކުޅޭ އުމުރުން 24 އަހަރުގެ ފޯވާޑް ބުނީ، އެއީ އޭނާގެ ފުރަތަމަ ދަރިފުޅު ކަމަށްވާތީ، އެ ވަގުތު އަންހެނުންގެ ކައިރީގައި ހުރުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ޑޯކޫ އިތުރަށް ބުނި ގޮތުގައި، އޭނާ ބޭނުންވާ ގޮތާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އޮތް ޖަވާބަކީ، ފުރަތަމަ ދަރިފުޅު އުފަންވާ ވަގުތު އެތަނުގައި ހުންނަން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގައި އެހެން ކަންތައްތަކަކަށްވެސް ވިސްނަންޖެހޭކަން އޭނާ ގަބޫލުކުރެއެވެ.
"އަހަންނަށް އެނގޭ ފެޑެރޭޝަނުން ކުޅުންތެރިންނަށް އެއްބާރުލުންދޭނެކަން އަދި ކުޅުންތެރިންގެ ހާލަތުވެސް ދެނެގަންނާނެކަން. އެކަމުގައި ކުރެވޭނީ ކީއްތޯ އަހަރެމެން ބަލާނަން،" ޑޯކޫ ބުންޏެވެ.
އެހެންނަމަވެސް، އެމެރިކާ ދޫކޮށް އެނބުރި ގައުމަށް ދިއުމަށް ޑޯކޫ ރާވާފައިވާ ރޭވުމަށް 'ލެކީޕް' ޗެނަލްގެ ޕްރެޒެންޓަރ ފްރާންސް ޕިއެރޯން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅު އުފަންވާ ވަގުތު ބައްޕައަކީ "އެއްވެސް ބޭނުމެއް ނެތް" މީހެކެވެ.
ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ 'ލެކީޕް' ގެ ފޭސްބުކް ޕޭޖުގައި ޕިއެރޯން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވޯލްޑް ކަޕަކީ އިންތިހާއަށް އުފާވެރިކަން ލިބޭ ކަމެއް ކަމަށެވެ.
އަދި ޑޯކޫއަށް ލިބިފައިވާ ފުރުސަތު ހޯދުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވާން ތައްޔާރަށް ތިބި އެތައް ސަތޭކަ ފުޓްބޯޅަ ކުޅުންތެރިން އެބަތިބި ކަމަށާއި، މިއީ މުޅި އުމުރުގައިވެސް ލިބޭނެ ހަމައެކަނި ފުރުސަތަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ.
ޕިއެރޯން އިތުރަށް ބުނީ، ޑޯކޫ އެ އުޅެނީ ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށް ހަދަމުން ކަމަށާއި، ނަމަވެސް ދަރިފުޅު އުފަންވާ ވަގުތު އެތަނުގައި ހުރުމަށްޓަކައި އެ ހުރިހާ ކަމެއް ދޫކޮށްލާފައި ދާން އުޅޭ ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އެއީ ބައްޕައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ވަގުތެކެވެ.
'ދަރިފުޅަކީ މުޅި ދިރިއުޅުން'
ޕިއެރޯންގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޑޯކޫއަށް ތާއީދުކުރަމުންނެވެ. އޭގެ ތެރޭގައި 2000 ވަނަ އަހަރުގެ ސިޑްނީ އޮލިމްޕިކްސްގައި ފްރާންސަށް ރަން މެޑަލް ހޯދައިދިން ކުރީގެ ބޮކްސިން ތަރި ބްރަހީމް އަސްލޫމް ހިމެނެއެވެ.
އަސްލޫމް ލިޔެފައިވާ ގޮތުގައި، ދަރިފުޅަކީ މުޅި ދިރިއުޅުމެވެ. ނަމަވެސް ވޯލްޑް ކަޕަކީ އެ މުބާރާތް ނިމުމުން ނިމުނީއެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޕިއެރޯން ވަނީ އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) ޕޭޖުގައި ބަޔާނެއް ނެރެ، އޭނާގެ ވާހަކަތައް ސާފުކޮށްދީ މާފަށް އެދިފައެވެ.
ޕިއެރޯން ބުނީ އޭނާ ފާޅުކުރީ އަމިއްލަ ޚިޔާލެއް ކަމަށާއި، އެއީ ބަހުސެއްގެ ތެރެއިން ދެވުނު ޚިޔާލެއް ކަމަށެވެ.
އަދި އޭނާގެ ވާހަކަތަކުގެ ސަބަބުން ބައެއް މީހުންގެ ހިތުގައި ޖެހި ނުވަތަ ދެރަވިކަން ގަބޫލުކުރާ ކަމަށާއި، އެކަމަށްޓަކައި މާފަށް އެދޭ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މަގްސަދަކީ ދަރިންނާއި އަނބިންގެ ގާތުގައި ބައްޕައިން އަދާކުރާ ދައުރު ކުޑަކޮށްލުމެއް ނޫނެވެ.
ބެލްޖިއަމްގެ ފެޑެރޭޝަނުން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަލިވެ އުޅޭތީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާނާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި ޑޯކޫ ނުކުޅޭނެއެވެ. ރޫޑީ ގާސިއާގެ އިރުޝާދުގެ ދަށުން ކުޅޭ ބެލްޖިއަމް ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިސްރާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މަސްދަރު: ބީބީސީ






