ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާއިރު، ބައިކޮޅަށް ލަނޑެއް ވަނަނުދީ ހަ މެޗު ފުރިހަމަކޮށްފައިވާ ސްޕެއިން މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކާ. ނަމަވެސް އެމެރިކާ ބަލިކޮށް އިތުބާރު ހޯދާފައިވާ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ބުނީ ޔޫރަޕްގެ ޗެމްޕިއަނުން ބަލިކުރުމުގެ ގާބިލުކަން އެ ޓީމަށް އެބައޮތް ކަމަށް. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ފްރާންސްއާ.

މި ފޮޓޯއިން ފެންނަނީ، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގައި ތަރިންގެ ގޮތުގައި ބެލޭ، ސްޕެއިންގެ އުނާއި ސިމޯން، ލަމީން ޔަމާލް އަދި ރޮޑްރީގެ އިތުރުން ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ، ޗާލްސް ޑި ކެޓެލޭރޭ އަދި ތިބޯ ކޯޓުއާ. | ގެޓީ އިމޭޖަސް
- ކުރިމަތިލަނީ: ސްޕެއިން އާއި ބެލްޖިއަމް
- މުބާރާތް: ފީފާ ވޯލްޑް ކަޕް 2026 – ކުއާޓާ ފައިނަލް
- ކުޅޭ ތަން: އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ލޮސް އެންޖެލިސް ސްޓޭޑިއަމް
- ގަޑި: ހުކުރު ދުވަހު ޖީއެމްޓީން 19:00 ގައި
ސިޔާސީ ގޮތުން ފޯރިގަދަވި ކުރިމަތިލުމެއްގައި، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ބަލިކޮށް، އެ ގައުމުގެ "ވޯލްޑް ކަޕް ހުވަފެން" ފުނޑުފުނޑުކޮށްލުމަށްފަހު، ބެލްޖިއަމް މިހާރު ތައްޔާރުވަމުންދަނީ ދެން އޮތް ބޮޑު ގޮންޖެހުމަށެވެ.
ބެލްޖިއަމަށް މިފަހަރު ކުރިމަތިލާން ޖެހެނީ ވަރުގަދަ ސްޕެއިންއާ އެވެ. ސްޕެއިންގެ ވަރުގަދަ ޑިފެންސާއި، ބޯޅަ ހިފަހައްޓައިގެން ކުޅޭ ރޭވުންތެރި ކުޅުމުގެ ސަބަބުން، އެ ޓީމަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެޓިން މާކެޓްތަކުން އެންމެ ބޮޑަށް ލަފާކުރާ އެއް ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭގެ ފަހުން ކުޅުނު ކޮންމެ މެޗަކާއެކު ސްޕެއިންގެ ކުޅުން އައީ ރަނގަޅުވަމުންނެވެ. އެ ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ވަރަށް ފުރިހަމަ ނަތީޖާތަކަކާއެކުގަ އެވެ.
ސްޕެއިން އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓި ފުރަތަމަ ޓީމެވެ. މި ރެކޯޑް އެ ޓީމުން ހާސިލްކުރީ މިދިޔަ ހޯމަ ދުވަހު ޕޯޗުގަލް ބަލިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުންމީދު ނިމުމަކަށް ގެނައުމަށްފަހު އެވެ.
އުތުރު އެމެރިކާގައި ކުރިއަށްދާ މި މުބާރާތުގެ ނޮކައުޓް ބުރުގައި ބެލްޖިއަމުން ދައްކަމުންދަނީ ހައިރާންކުރުވަނިވި ކުޅުމެކެވެ. އަދި ހުކުރު ދުވަހު ޔޫރަޕްގެ މިހާރުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް ސެމީ ފައިނަލަށް ގޮސްފިނަމަ، މިއީ ބެލްޖިއަމްގެ ފުޓްބޯޅަ ތާރީޚުގައި އާ ބާބަކަށް ވާނެއެވެ.
ސްޕެއިން އާއި ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކުރީ ކިހިނެއް؟
ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބަލިކޮށް، ކޭޕް ވާޑޭއާ އެއްވަރުވެ ހަތް ޕޮއިންޓް ހޯދާފަ އެވެ. ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި (ގަދަ 32 ގައި) އޮސްޓްރިއާ އަތުން 3-0 އިން މޮޅުވިއިރު، ގަދަ 16 ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބުކުރީ މެޗުގެ ފަހުކޮޅު ޖެހި ލަނޑާއެކު 1-0 އިންނެވެ.
ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ ނިއުޒީލެންޑް ބަލިކޮށް، އީރާނާއި މިސްރާ އެއްވަރުވެ ފަސް ޕޮއިންޓް ހޯދާފައެވެ. ގަދަ 32 ގައި ސެނެގާލް އަތުން އިތުރު ވަގުތު ކުޅެގެން 3-2 އިން މޮޅުވިއިރު، ގަދަ 16 ގައި އެމެރިކާ އަތުން މޮޅުވީ 4-1 ގެ ބޮޑު ތަފާތަކުންނެވެ. އެމެރިކާ މެޗުގައި ފޯލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން ބޮޑު ބަހުސެއްވެސް އުފެދުނެވެ.
ސްޕެއިން ބަލިކުރެވޭނެ ކަމުގެ އިތުބާރު ކޯޓުއާ އަށް އެބައޮތް
ފީފާ ރޭންކިންއަށް ބަލާއިރު ސްޕެއިން ތިންވަނައިގައި އަދި ބެލްޖިއަމް އަށްވަނައިގައި އޮތުމުން ދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ފަސް ރޭންކުގެ ފަރަގެކެވެ. ނަމަވެސް ދެ ޓީމުގެ ކުޅުމުގެ ފެންވަރަށް ބަލާއިރު ބޮޑު ތަފާތެއް ފެންނަން އެބައޮތެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން، އެންމެ ފަހުން ކުޅުނު 35 މެޗުންވެސް ބަލިވެފައެއް ނުވެ އެވެ. ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން މިހާރު ފެންނަނީ އިދިކޮޅު ޓީމުތަކުގެ މައްޗަށް ފުރިހަމައަށް ކޮންޓްރޯލް ހޯދައިގެން ކުޅޭ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ.
ތާރީޚަށް ބަލާއިރު، ބޮޑެތި މުބާރާތްތަކުގައި ބެލްޖިއަމް އޮތީ ސްޕެއިންއަށްވުރެ މާ ފަހަތުގަ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ބުރުން ބެލްޖިއަމް ކެޓިއިރު، ޔޫރޯ 2024 ގައި އެ ޓީމު ކެޓީ ގަދަ 16 އިންނެވެ.
އެހެންނަމަވެސް، ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ގަބޫލުކުރާ ގޮތުގައި ސްޕެއިން ބަލިކޮށް ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ އެވެ. އޭނާ މިހެން ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބެލްޖިއަމުން ދެއްކި މޮޅު ކުޅުމަށް ރިއާޔަތްކޮށެވެ.
"އަހަރެމެންގެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް އެނގޭ މިއީ ކުރެވިދާނެ ކަމެއްކަން. އަހަރެމެންގެ ޓީމަކީ ސްޕެއިންއިންވެސް ސަމާލުވާންޖެހޭނެ ފަދަ ފެންވަރު ހުރި ޓީމެއް،" ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޓުއާ ބުންޏެވެ.
"މުބާރާތްތަކުގައި އަބަދުވެސް ހައިރާންކުރުވަނިވި ނަތީޖާތައް ފެނޭ. އަހަރެމެންނަކީވެސް އެފަދަ ނަތީޖާއެއް ނެރެދޭނެ ޓީމަކަށް ވެވިދާނެ. ޔޫރަޕްގެ ޗެމްޕިއަނުން މުބާރާތުން ބޭރުކޮށްލުމަކީ ބޮޑު ކާމިޔާބީއަކަށް ވާނެ. އަހަރެމެންގެ އަމިއްލަ ނަފްސަށް އެ އިތުބާރު އެބައޮތް."
"މީގެ ކުރިން މީހުން ތިބީ އަހަރެމެންގެ ކުޅުމާ މެދު މާޔޫސްވެފައި. އެކަމަކު މިހާރު އަހަރެމެން އެކަން ބަދަލުކޮށްފިން. އަހަރެމެންގެ ކުޅުން ދަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުން،" 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތިންވަނަ ހޯދި ބެލްޖިއަމްގެ ކީޕަރު އިތުރަށް ބުންޏެވެ.
މި ވޯލްޑް ކަޕަކީ ބެލްޖިއަމްގެ "ރަން ޖީލު" ގެ ގޮތުގައި ބެލެވޭ ކުޅުންތެރިން ކަމަށްވާ ކެވިން ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫ ފަދަ ކުޅުންތެރިންގެ ފަހު މުބާރާތަށް ވުން ގާތެވެ.
މި މުބާރާތުގައި ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ ތިން ލަނޑު ކާމިޔާބުކުރި ރޮމެލޫ ލުކާކޫ އެވެ. މީގެ އިތުރުން ލިއަންޑްރޯ ޓްރޮސާޑް ވަނީ ދެ ލަނޑު ޖަހައި ދެ އެސިސްޓް ހަދާފަ އެވެ. ޗާލްސް ޑި ކެޓެލެއާ އާއި ޔޫރީ ޓީލަމަންސްވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފަ އެވެ.
'ޔަމާލްގެ ސަބަބުން ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ': އޮލްމޯ
ސްޕެއިންގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލް އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި މަޑުމަޑުން ފައިތިލަ ސާބިތުކުރަމުންދާއިރު، އޭނާގެ ފަރާތުން އަދި އެންމެ އެދެވޭ ކުޅުމެއް ނުފެނެ އެވެ.
ފަސް މެޗުން އެންމެ ލަނޑެއް ޖަހާފައިވާ 18 އަހަރުގެ ވިންގަރަކީ މުބާރާތަށް އައިއިރު އަނިޔާގެ މައްސަލަތަކެއް ހުރި ކުޅުންތެރިއެކެވެ. މިވަގުތު ސްޕެއިންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހަތަރު ލަނޑު ކާމިޔާބުކުރި މިކޭލް އޮޔާޒަބާލް އެވެ.
ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯ ބުނީ، ބާސެލޯނާގައި އޭނާއާއެކު ކުޅޭ ޔަމާލްގެ ކުޅުން މުބާރާތް ކުރިއަށްދާ ވަރަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އޭނާގެ ޑްރިބްލިންގް އާއި ކުޅުމުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރޭ. އޭނާގެ އަތަށް ބޯޅަ ލިބުމުން އިދިކޮޅު ދެތިން ކުޅުންތެރިން އޭނާ ހުއްޓުވަން މަސައްކަތްކުރޭ. އޭގެ ސަބަބުން އެހެން ކުޅުންތެރިންނަށް ހުސް ޖާގަ ލިބޭ،" އޮލްމޯ ބުންޏެވެ.
"ލަމީން އަކީ ލަނޑު ޖަހާ އަދި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދޭ ކުޅުންތެރިއެއް. އޭނާގެ ކުރު ކެރިއަރުގައި އަބަދުވެސް އެކަން ކުރޭ. ލަނޑެއް ނުޖެހުނަސް އޭނާ ކުރާ މަސައްކަތުން ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ."
ސްޕެއިން އާއި ބެލްޖިއަމް މެޗުގެ ލަފާކުރުން
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ސްޕެއިން މޮޅުވުމުގެ ފުރުސަތު 59.3 އިންސައްތަ އެބައޮތެވެ. ބެލްޖިއަމް މޮޅުވުމުގެ ފުރުސަތަކީ 18.3 އިންސައްތަ އެވެ.
އަދި މެޗު އެއްވަރުވެ އިތުރު ވަގުތަށް ދިއުމުގެ ފުރުސަތު އޮތީ 22.4 އިންސައްތަ ކަމަށް ލަފާކުރެވެއެވެ.
ސެމީ ފައިނަލްގައި ބައްދަލުކުރާނީ ކޮން ޓީމަކާ؟
ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި އަންނަ އަންގާރަ ދުވަހު ޓެކްސަސްގެ ޑަލަސްގައި ބައްދަލުކުރާނީ ފްރާންސާ އެވެ. ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރީ ބުރާސްފަތި ދުވަހު މޮރޮކޯ އަތުން 2-0 އިން މޮޅުވެގެންނެވެ.
ކުރީގެ ކުރިމަތިލުންތައް
ސްޕެއިން އާއި ބެލްޖިއަމް މީގެ ކުރިން ވޯލްޑް ކަޕްގައި ދެ ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފަ އެވެ.
މި ދެ ޓީމު ފުރަތަމަ ބައްދަލުކުރީ 1986 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގަ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން 5-4 އިން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގެ ގްރޫޕް ބުރުގައި ބައްދަލުކޮށް 2-1 އިން މޮޅުވީ ސްޕެއިން އެވެ.
ހުކުރު ދުވަހުގެ މެޗަކީ ފާއިތުވި ހަތަރު ވޯލްޑް ކަޕްގެ ތެރޭގައި ބެލްޖިއަމް ކުޅޭ ތިންވަނަ ކުއާޓާ ފައިނަލެވެ. އަދި މިއީ އެ ޓީމުގެ ތާރީޚުގައި ކުޅޭ ހަތަރުވަނަ ކުއާޓާ ފައިނަލެވެ.
ސްޕެއިންއަށް ކުއާޓާ ފައިނަލަކީ މާ ކާމިޔާބު ބުރެއް ނޫނެވެ. އެ ޓީމަށް މި ބުރު ފަހަނައަޅައި ދެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ 1950 ވަނަ އަހަރާއި، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައެވެ. 2010 ވަނަ އަހަރު ސްޕެއިން ތަށި އުފުލާލީ ކުއާޓާގައި ޕެރަގުއޭ ބަލިކުރުމަށްފަހު އެވެ.
ޓީމުގެ ޚަބަރުތައް
ބެލްޖިއަމްގެ މިޑްފީލްޑަރު އަމާޑޫ އޮނާނާގެ ކަނާތު ކަކުލަށް އަށް ލިބުނު އަނިޔާއަކާ ގުޅިގެން، މި ވޯލްޑް ކަޕްގައި އޭނާއަށް ދެން ނުކުޅެވޭނެ އެވެ.
ސްޕެއިން ޓީމުގައި އެއްވެސް ކުޅުންތެރިއަކަށް އަނިޔާގެ މައްސަލައެއް އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
ސްޕެއިންގެ ފުރަތަމަ އެގާރަ (ލަފާކުރާ)
(4-2-3-1): ސިމޮން (ގޯލްކީޕަރު)؛ ޕޯރޯ، ކުބާސީ، ލަޕޯޓް، ކުކުރެއްލާ؛ ރޮޑްރީ، ޕެޑްރީ؛ ޔަމާލް، އޮލްމޯ، ބައޭނާ؛ އޮޔާޒަބާލް
ބެލްޖިއަމްގެ ފުރަތަމަ އެގާރަ (ލަފާކުރާ)
(4-3-3): ކޯޓުއާ (ގޯލްކީޕަރު)؛ ކަސްޓޭން، މެޗެލޭ، އެންގޯއީ، ޑި ކައިޕާ؛ ޓީލަމަންސް، ރަސްކިން، ވަނާކެން؛ ލުކެބާކިއޯ، ޑި ކެޓެލެއާ، ޓްރޮސާޑް
މަސްދަރު: އަލް ޖަޒީރާ





