އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026 | ހޯމަ 06:35ޓްރަމްޕް އާންމު ކުރެއްވި ފޮޓޯތަކުގެ ތެރޭގައި، އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއްގެ މަތީގައި ޓްރަމްޕް ހުންނަވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިމެނޭ. އެ ފޮޓޯގައި ފެންނަނީ އީރާންގެ ދިދަ ވައްޓާލުމަށް ފަހު، އެ އުޅަނދުގައި އެމެރިކާގެ ދިދަ ޖައްސަވައިގެން ޓްރަމްޕް ހުންނަވާ މަންޒަރު


އީރާންގެ ތެޔޮ ޓޭންކަރެއްގައި އެމެރިކާގެ ދިދަ ޖައްސަވައިގެން ޓްރަމްޕް ހުންނަވާ އޭއައި ފޮޓޯ | ސޯޝަލް މީޑިއާ
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި އެ އުޅަނދުގައި އެމެރިކާގެ ދިދަ ޖަހައި، އަދި އީރާންގެ ތެޔޮ އެކްސްޕޯޓު ކުރާ މައި މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ފެންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމު ކުރައްވައިފި އެވެ.
މި ފޮޓޯތައް ޓްރަމްޕް ހިއްސާ ކުރައްވާފައި ވަނީ އޭނާގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ، ޓްރުތު ސޯޝަލް މީޑިއާގައި އެވެ.
ޓްރަމްޕް އާންމު ކުރެއްވި ފޮޓޯތަކުގެ ތެރޭގައި، އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއްގެ މަތީގައި ޓްރަމްޕް ހުންނަވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިމެނެ އެވެ. އެ ފޮޓޯގައި ފެންނަނީ އީރާންގެ ދިދަ ވައްޓާލުމަށް ފަހު، އެ އުޅަނދުގައި އެމެރިކާގެ ދިދަ އާއެކު ޓްރަމްޕް ހުންނަވާ މަންޒަރެވެ.

އީރާންގެ ތެޔޮ ޓޭންކަރެއްގައި އެމެރިކާގެ ދިދަ ހިފައިގެން ޓްރަމްޕް ހުންނަވާ އޭއައި ފޮޓޯ | ސޯޝަލް މީޑިއާ
މީގެ އިތުރުން، އީރާންގެ ތެޔޮ ބޭރުކުރާ އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑްގެ ތެޔޮ ޓާމިނަލް އަށް ފައިޓަރު ޖެޓުތަކުން ބޮން އަޅާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ޓްރަމްޕް ވަނީ ހިއްސާ ކުރައްވައިފަ އެވެ. މީގެ އިތުރުން މިފަދަ ގިނަ ފޮޓޯތަކެއް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާާގައި އާންމު ކުރައްވައިފަ އެވެ.

ޚާރްގް އައިލެންޑަށް ހަމަލާ ދޭ މަންޒަރު ފެންނަ ގޮތަށް ޓްރަމްޕް ޕޯސްޓު ކުރައްވާފައިވާ އޭއައި ފޮޓޯ | ސޯޝަލް މީޑިއާ
މި ފޮޓޯތަކަކީ ހަގީގީ ފޮޓޯތަކެއް ނޫން ކަމަށް ވިޔަސް، މިއީ އީރާންއާ މެދު ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ހާމަކޮށްދޭ ފޮޓޯތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ޚާއްސަކޮށް އީރާންގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ، ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް މިފަދަ ތަަސްވީރުތަކެއް އާންމު ކުރުމަކީ ސިޔާސީ ގޮތުން ދެވޭ ވަރުގަދަ މެސެޖެއްގެ ގޮތުގައި ވަނީ ބެލެވިފައި އެވެ.
އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ މި ފޮޓޯތަކާ ގުޅިގެން އީރާންގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނު ވެއެވެ. ނަމަވެސް، ބައިނަލްއަޤުވާމީ މަސްރަހުގައި ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް މިފަދަ ތަސްވީރު ތަކެއް އާންމު ކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.
ޓްރަމްޕްގެ މި އަމަލުފުޅަކީ އާންމު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށާއި، އޭނާގެ ސަރުކާރުން އީރާންއާ މެދު ގެންގުޅޭނެ ހަރުކަށި އުސޫލުތައް ދައްކުވައި ދިނުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ސިޔާސީ މާހިރުން ސިފަ ކުރެ އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އެކި މުނާސަބަތުތަކާ ގުޅުވައިގެން އޭއައި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










