ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
26 ޖުލައި 2026 | އާދީއްތަ 15:27އިރާނަށް ދެމުންދިޔަ ހަމަލާތައް އެމެރިކާއިން މެދުކަނޑާލީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ގައުމުން ބުނެފި. އެމެރިކާއިން ހަމަލާދިނުން ހުއްޓާލާފައިވާހާ ހިނދަކު އިރާނުންވެސް ހަމަލާ ނުދޭނެ ކަމަށް އެ ގައުމުން ބުނި ނަމަވެސް، މިއީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުން އެމެރިކާއިން ނިންމި ނިންމުމެއް ކަމަށް ބެލެވޭތީ އިރާނުން ވަނީ ޝައްކު އުފައްދާފައި.

އީރާނުގެ ހުރްމުޒްގާން ޕްރޮވިންސްގައި ހުންނަ މުވާސަލާތީީ އިމާރާތަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި އެ އިމާރާތަށް ލިބިފައިވާ ގެއްލުންތައް ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް
އިރާނަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ، ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ފޮކްސް ނިއުސްއަށް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު އެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މައިކް ވޯލްޓްޒް ވިދާޅުވީ، މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ރައީސް ޓްރަމްޕް މިހާރު ވަގުތާއި ފުރުސަތު ދެއްވަމުން ގެންދަވާ ކަމަށެވެ.
މި މަޝްވަރާތަކާ ގުޅޭ އިތުރު ތަފްސީލެއް ވޯލްޓްޒް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ނިމިދިޔަ ބަންދު ދުވަސްތަކުގައި އެމެރިކާއާއި އިރާނާ ދެމެދު ހިނގަމުންދިޔަ ކުރިމަތިލުންތަކަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. ޖެހިޖެހިގެން 13 ރޭ ވަންދެން ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ވަނީ ބޮން އެޅުން މެދުކަނޑާލާފަ އެވެ. އަދި އެމެރިކާ އިން ބޮންއެޅުން ހުއްޓާލިފަހުން އިރާނުން އެ ސަރަހައްދުގެ އަވަށްޓެރި ގައުމުތަކަށް ހަމަލާއެއް ދިން ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ސުވާލުކުރުމުން، ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވީ، ރައީސް ޓްރަމްޕް އަބަދުވެސް އިސްކަންދެއްވަނީ ޑިޕްލޮމެޓިކް ހައްލަކަށް ކަން ވަރަށް ސާފުކޮށް ހާމަކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، ސީރިއަސްކަމާއެކު މަޝްވަރާގެ މޭޒަށް އިރާނުން ނައިސްފިނަމަ ވާނެ ގޮތް މިހާރު އެ ގައުމަށް ދައްކާލާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިރާނުގެ އިސް މަސްދަރަކުން އާދީއްތަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، އެމެރިކާއިން ހަމަލާދިނުން ހުއްޓާލާފައި އޮންނަހާ ހިނދަކު އިރާނުންވެސް ހަމަލާދިނުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ނިޔަތާ މެދު ތެހެރާނުން އަދިވެސް ޝައްކު އުފައްދާ ކަމަށް އޭނާ ބުންޏެވެ.
"އިރާނުގެ ސިޔާސަތަކީ 'ހަމަލާއަކަށް ހަމަލާއެއް' ދިނުން. އެމެރިކާއިން ހަމަލާތައް ހުއްޓާލައިފިނަމަ، އިރާނުންވެސް އޮޕަރޭޝަންތައް ހުއްޓާލާނެ. އެ މެސެޖު މިހާރު ވަނީ އެމެރިކާއަށް ފޮނުވާފައި،" ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ހަމަލާތައް މެދުކަނޑާލުމާ މެދު އުންމީދަށްވުރެ ބޮޑަށް އޮތީ ޝައްކު ކަމަށެވެ. އަދި މިގޮތަށް ހަމަލާތައް މެދުކަނޑާލީ އިޚުލާސްތެރި ނިޔަތެއްގައި ނޫން ކަމަށާއި، އެއީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުން (ޓެކްޓިކަލް) ނިންމި ނިންމުމެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.









