އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026 | އާދީއްތަ 17:04އީރާން ހަނގުރާމައިގެ ސަބަބުން އެގައުމުގެ ދިފާއީ ނެޓްވޯކް ބަލިކަށިވެ، ސަރަހައްދީ ގައުމުތަކަށް އިގްތިސާދީ އަދި އަސްކަރީ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. ނަމަވެސް، މި ހަނގުރާމައިގެ ތެރެއިން އިސްރާއީލުގެ ދިފާއީ ސިނާއަތާއި ފައިސާގެ އަގު އުފުލި، އެ ގައުމުގެ އިސްތިރާޖީ މަގާމު ވަނީ ކުރިއަށްވުރެ ވަރުގަދަވެފައި. އެހެންކަމުން، ހަނގުރާމައިގެ އަސްލު ބުރަ އުފުލަންޖެހިފައިވަނީ އީރާނުގެ މަދަދުވެރި ޖަމާއަތްތަކާއި އަވަށްޓެރި ގައުމުތަކަށް

އިޒްރޭލުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ތެލް އަވީވްގެ ގޮނޑުދޮށުގައި ބަޔަކު ފުޓުބޯޅަ ކުޅެ އުފާކުރަނީ - ޖުލައި 7، 2026 | ގެޓީ އިމޭޖަސް
ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނީއްސުރެ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ ތެލް އަވީވް އާއި ތެހެރާނުގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރެވިފަ އެވެ. ނަމަވެސް، ވޭތުވެދިޔަ ފަސް މަސްދުވަހުގެ ހަނގުރާމައާއި، ރޫޅިގެންދާ ސުލްހައިގެ އެއްބަސްވުންތަކަށް ފުންކޮށް ބަލާލުމުން ހައިރާންކުރުވަނިވި ހަގީގަތެއް ހާމަވެ އެވެ. އެއީ މި ހަނގުރާމަ ފެށުމަށް މަގުފަހިކުރި ފަރާތަކީ، ހަނގުރާމައިގެ ނުރައްކަލާ އެންމެ ކުޑަކޮށް ކުރިމަތިލާންޖެހިފައިވާ އަދި އޭގެ ފައިދާ އެންމެ ބޮޑަށް ނަގަމުންދާ ފަރާތަށް ވެފައިވާ ކަމެވެ.
އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ގަލްފުގެ މުހިންމު ވަސީލަތްތަކަށް އަމާޒުވަމުންދާއިރު، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އޭޝިއާ އާއި އަރަބި ގައުމުތަކުގެ ކަސްޓަމަރުންނަށް އޭގެ މާލީ ބުރަ އުފުލަން ވަނީ ޖެހިފަ އެވެ. އަދި އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިން މަރުވަމުންދާއިރު، ތެލް އަވީވްގެ ސްޓޮކް އެކްސްޗޭންޖް ދަނީ އާ ރެކޯޑުތަކެއް ގާއިމުކުރަމުންނެވެ. ހަމައެއާއެކު އިސްރާއީލުގެ ފައިސާ، "ޝެކޭލް" ގެ އަގު އުފުލި، އެ ގައުމުގެ ދިފާއީ ސިނާއަތްތަކުން ދަނީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. އިސްރާއީލުން މި ހަނގުރާމައިގެ އެންމެ ކުޑަ އަގު އުފުލަމުންދާއިރު، މި ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ދުޝްމަނުންގެ ދިފާއީ ބާރުތައް ދަނީ ބަލިކަށިވެ، އަވަށްޓެރި ގައުމުތައް ދަނީ ސުންނާފަތިވަމުންނެވެ.
އީރާނުގެ ދިފާއީ ނިޒާމު ރޫޅިގެންދިއުން
ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި އީރާނުން ބިނާކުރި ދިފާއީ ސިޔާސަތު މިހާރު ދަނީ ރޫޅެމުންނެވެ. އެ ސިޔާސަތު ބިނާވެފައި އޮތީ، ލުބުނާނުގެ ހިޒްބުالله އާއި، ޔަމަނުގެ ހޫޘީންނާއި، އިރާގުގެ އެކި ހަތިޔާރު އެޅި ޖަމާއަތްތައް ފަދަ "ޕްރޮކްސީ" ނުވަތަ އެހީތެރި ޖަމާއަތްތައް މެދުވެރިކޮށް، ކުރިމަތިލުންތައް އީރާނުގެ ފަސްގަނޑާ ދުރަށް ޖެއްސުމުގެ މައްޗަށެވެ.
އެ ނެޓްވޯކަކީ އީރާނުގެ ދިފާއީ ބާރުގެ މައިބަދަ އެވެ. އަދި އެއީ އެ ގައުމުގެ ނުފޫޒު ފެތުރުމަށް ބޭނުންކުރި މައިގަނޑު ވަސީލަތެވެ. ނަމަވެސް މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މި ސިޔާސަތަށް ވަނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ބޮޑު ގެއްލުމެއް ލިބިފަ އެވެ.
2024 ވަނަ އަހަރު އިސްރާއީލާއެކު ކުރި ހަނގުރާމައާއި، ސޫރިޔާގައި އޮތް ބާރު ކެނޑުމުގެ ސަބަބުން ހިޒްބުالله އޮތީ 2026 ވަނަ އަހަރާ ކުރިމަތިލީއިރުވެސް ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. މާރިޗު މަހުގެ ތެރޭގައި، ތެހެރާނުގެ ދިފާއުގައި ހަނގުރާމައަށް ވަދެ، އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް އެ ޖަމާއަތަށް އަމާޒުވުމަކީ ހިޒްބުالله އަށް ހެދުނު ބޮޑު ގޯހެކެވެ. އޭގެ ފަހުން، އެމެރިކާއިން ލުބުނާނުގެ ސަރުކާރަށް ޕްރެޝަރުކޮށް، ހިޒްބުالله ގެ އަސްކަރީ ހަރަކާތްތައް މަނާކުރުވައި، އެ ޖަމާއަތުގެ ހަތިޔާރު އަތުލުމުގެ ވާހަކަތައް ވަނީ ފެށިފަ އެވެ.
އީރާނަށް ތާއީދުކުރާ އިރާގުގެ ޖަމާއަތްތަކުންވެސް އެމީހުންގެ މަދަދުގާރުންގެ ދިފާއުގައި ހަނގުރާމައަށް ވަތް ނަމަވެސް، އެމެރިކާގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މީގެ އިތުރުން، އީރާނަށް ތާއީދުކުރާ ނޫރީ އަލް މާލިކީ އިރާގުގެ ބޮޑުވަޒީރުކަމަށް އައުން އެމެރިކާއިން ވަނީ ހުއްޓުވާފަ އެވެ. އޭގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރީ މާ ބޮޑު މަގުބޫލުކަމެއް ނެތް ބޭންކަރެއް ކަމަށްވާ އަލީ އަލް ޒައިދީ އެވެ. އޭނާގެ ސަރުކާރަށް މިހާރު އޮތް ޕްރެޝަރަކީ، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ހަތިޔާރު އަތުލުމެވެ. އެހެން ނޫންނަމަ އެމެރިކާއިން އިރާގާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅު އަޅާނެ އެވެ.
ހޫޘީންނަށް ހިޒްބުالله ގެ ހާލަތާއި އެމެރިކާއާ ކުރިމަތިލުމުން ލިބޭ ގެއްލުން އެނގޭތީ، މި ހަނގުރާމައިގެ ތެރެއަށް ވަންނަން ފުރަތަމަ ފަސްޖެހުނެވެ. ނަމަވެސް މިހާރު އެމީހުންނަށް ވަނީ ހަރަކާތްތެރިވާން މަޖުބޫރުވެފަ އެވެ. އެކަމަކު އެމީހުން އަމާޒުކުރަނީ ސީދާ އެމެރިކާ ނުވަތަ އިސްރާއީލަކަށް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ހަމަލާދެނީ ސައުދީ އަރަބިއްޔާގެ މަސްލަހަތުތަކަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރިއްޔާއާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާ ކުރިމަތިލާން ހޫޘީންނަށް ވަނީ ޖެހިފަ އެވެ.
މީގެ ނަތީޖާއަކީ، ހަނގުރާމައިގެ ހުރިހާ ބުރައެއް އީރާނުން އެކަނި އުފުލަންޖެހޭ މިންވަރު އިތުރުވުމެވެ. އިސްރާއީލަށް ލިބުނު އެންމެ ބޮޑު އިސްތިރާޖީ ކުރިއެރުމަކީ މިއެވެ. އެއީ އީރާނުން ސާޅީސް އަހަރު ދުވަހުގެ ތެރޭގައި ބިނާކުރި ނެޓްވޯކް ހަލާކުވެ، އިސްރާއީލު ވަށާލައިގެން އެކި ފަރާތްތަކުން ހަމަލާދިނުމަށް ގެންގުޅުނު އުސޫލު ނެތިގެންދިއުމެވެ.
ގައުމުގެ އެތެރެއަށް ނުރައްކަލެއް ނެތް ހަނގުރާމައެއް
ހަނގުރާމައިގެ ކުރީކޮޅު އިސްރާއީލަށް އީރާނުގެ މިސައިލް ހަމަލާތަކެއް އަމާޒުވި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ހަމަލާތަކެއް އިސްރާއީލުގެ "އަޔަން ޑޯމް" އާއި އެމެރިކާއިން ގާއިމުކޮށްދިން ދިފާއީ ނިޒާމުތަކުން ވަނީ ހުއްޓުވާފަ އެވެ. އޭގެ ބަދަލުގައި، ގަލްފުގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތައް މާ ވަރުގަދަ އެވެ. އެ ހަމަލާތައް އަމާޒުވީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި ހަކަތަ އުފައްދާ ތަންތަނަށާއި އާންމު ވަސީލަތްތަކަށްވެސް ހަމަލާދިނެވެ.
މިހާރު ހަނގުރާމަ ވަރުގަދަވެފައިވާއިރު، އީރާނުގެ ހަމަލާތައް އަމާޒުކުރަނީ ގަލްފުގެ ގައުމުތަކާއި އުރުދުންގެ އާންމު ވަސީލަތްތަކަށެވެ. ނަމަވެސް އިސްރާއީލާއި، އީރާނުގެ އައްސޭރިފަށުގައިވާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމުން ގަސްތުގައި ދަނީ ދުރުހެލިވަމުންނެވެ.
އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީފިނަމަ އީރާނަށް ބޮޑު ހަލާކެއް އަތުވެދާނެކަން ތެހެރާނަށް އެނގެ އެވެ. އަދި އިސްރާއީލުގެ އެތެރެއަށް އަލުން ހަމަލާދީފިނަމަ، އެމެރިކާއާއެކު މަޝްވަރާކުރުމަށް އޮތް ފުރުސަތު ގެއްލި، ހަނގުރާމަ ފުޅާވެގެންދާނެކަންވެސް އެ ގައުމަށް އެނގެ އެވެ. އެހެންކަމުން އީރާނުން އިޚްތިޔާރުކުރީ ގަލްފުގެ އަވަށްޓެރި ގައުމުތަކަށް ހަމަލާދީގެން އެމެރިކާއަށް ޕްރެޝަރު ކުރުމަށެވެ.
މީގެ ނަތީޖާއަކީ، އިސްރާއީލުގެ އެތެރޭގެ މަސްލަހަތުތައް ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވުމެވެ. މި ހަނގުރާމަ ފެށުމަށް ބާރުއެޅި ފަރާތުގެ ހައިސިއްޔަތުން އިސްރާއީލުން އުފުލަންޖެހޭ ތަކުލީފުތައް މިހާރު އުފުލަން ޖެހިފައިވަނީ، މިކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ގަލްފުގެ އާންމު ރައްޔިތުންނަށެވެ. އޭގެ ތެރޭގައި އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނެތް ގައުމުތައްވެސް ހިމެނެ އެވެ.
އެމެރިކާގެ ވައިގެ ހަމަލާތަކުން އީރާނުގެ މިސައިލް ގާބިލުކަމާއި، އަސްކަރީ ވަސީލަތްތަކާއި، އިސް ކޮމާންޑަރުން ނައްތާލަމުންދާއިރު، އިސްރާއީލަށް އެއްވެސް ގެއްލުމެއް ނުލިބި މި ހުރިހާ އިސްތިރާޖީ ފައިދާތަކެއް ދަނީ ލިބެމުންނެވެ.
ހަނގުރާމައިގެ ފައިދާ އިތުރުވުން
ހަނގުރާމައިގެ އަސްކަރީ ބުރަ އެމެރިކާ އާއި ގަލްފުގެ ގައުމުތަކުގެ ބޮލަށް އިސްރާއީލުން ޖަހަމުންދާއިރު، އެ ގައުމުގެ އިގްތިސާދު އޮތީ ވަރަށް ރަނގަޅު ހާލަތެއްގަ އެވެ. ހަނގުރާމައިގެ ސަބަބުން އަންދާޒާކުރި މިންވަރު ދަށްކުރި ނަމަވެސް، އިސްރާއީލުގެ މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދު 4 އިންސައްތަ ކުރިއަރާނެ އެވެ. މިއީ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގެ އާންމު ހާލަތަށްވުރެ ވެސް މަތީ އަދަދެކެވެ. އަދި 2027 ވަނަ އަހަރު އިގްތިސާދު 5.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ.
ބާޒާރުގެ ހާލަތުން މިކަން މާ ސާފުކޮށް ފެންނަން އެބައޮތެވެ. ވޭތުވެދިޔަ އަހަރު އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިސްރާއީލުގެ ޝެކޭލްގެ އަގު ވަނީ 20 އިންސައްތަ އުފުލިފަ އެވެ. ތެލް އަވީވް-35 އިންޑެކްސް ދަނީ އާ ރެކޯޑުތައް ގާއިމުކުރަމުންނެވެ. އަދި ހަނގުރާމަ އެންމެ ގަދަވި މާރިޗު މަހުގެ ތެރޭގައި، ގޫގުލް ކުންފުނިން ވަނީ އިސްރާއީލުގެ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ވިޒް" 32 ބިލިއަން ޑޮލަރަށް ގަނެފަ އެވެ.
މިކަމުން ދޭހަވަނީ، ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން މި ހަނގުރާމަ ބަލައިގަންނަނީ ނުރައްކަލެއްގެ ގޮތުގައި ނޫން ކަމެވެ. އޭގެ ބަދަލުގައި އެމީހުން ދެކެނީ މިއީ މުޅި ސަރަހައްދު އިސްރާއީލަށް ފައިދާވާ ގޮތަށް ބަދަލުކޮށްލަން ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން، ހަނގުރާމައާ ގުޅިފައިވާ އިގްތިސާދަށް ބަލާއިރު، 2025 ވަނަ އަހަރު އިސްރާއީލުގެ ދިފާއީ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން 19.2 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ޖޫން މަހު ވަނީ އިއުލާންކޮށްފަ އެވެ. މިއީ 30 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަނގުރާމައިގެ މައިދާނުގައި އިސްރާއީލުގެ މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތައް ދައްކަމުންދާ ކާމިޔާބީ އެވެ. ކޮންމެ އާ ކުރިމަތިލުމަކީ އިސްރާއީލުގެ ދިފާއީ ސިނާއަތްތަކަށް އެމީހުންގެ އުފެއްދުންތައް އިސްތިހާރުކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
ހަކަތައިގެ ދާއިރާއަށް ބަލާއިރު، އިސްރާއީލުގެ "ލެވިއަތަން" އަދި "ތަމާރު" ގޭސް ދަނޑުތަކުން ދުވާލަކު ތިން ބިލިއަން ކިއުބިކް ފީޓަށްވުރެ ގިނައިން ގޭސް އުފައްދާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރެއިން އިތުރުވާ ބައި މިސްރަށް އެކްސްޕޯޓްކޮށް، އެ ގައުމުން ގޭސް ދިޔާކޮށްގެން ދުނިޔޭގެ ބާޒާރުގައި ބޮޑު އަގުގައި ދަނީ ވިއްކަމުންނެވެ.
އިސްރާއީލުގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށްވެސް ހަނގުރާމައިގެ ސަބަބުން މާ ބޮޑު އަސަރެއް ނުކުރެ އެވެ. އެ ގައުމުގެ މެޑިޓެރޭނިއަން ބަނދަރުތައް ދަނީ ފުރިހަމަ ގާބިލުކަމާއެކު ހިދުމަތް ދެމުންނެވެ. ނަމަވެސް، އީރާނުން ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ގެއްލުންވަނީ ގަލްފުގެ ގައުމުތަކަށާއި އޭޝިއާގެ ގައުމުތަކަށެވެ.
ހަނގުރާމައިގެ އަގު އުފުލުމުގެ ހަގީގަތް
މީގެ މާނައަކީ އިސްރާއީލަށް އެއްވެސް ގެއްލުމެއް ނުލިބި ހަނގުރާމަ ކުރަމުންދާ ވާހަކައެއް ނޫނެވެ. ދިފާއީ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އިގްތިސާދީ ކުރިއެރުން ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ ދަށްވެފަ އެވެ. މީގެ އިތުރުން، ސިފައިން ތައްޔާރީ ހާލަތުގައި ގިނަ ދުވަހު ބޭތިއްބުމުގެ ސަބަބުން އިޖުތިމާއީ އަދި މާލީ ބޮޑެތި ބުރަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ނަމަވެސް، އިސްތިރާޖީ ގޮތުން ކަންކަން މިނެކިރަނީ ހަމައެކަނި ލިބޭ ގެއްލުމަކުން ނޫނެވެ. އެއީ ލިބޭ ގެއްލުމާއި ލިބޭ ފައިދާއާ ދެމެދު އޮތް ގުޅުމުންނެވެ. އެ ގޮތުން ބަލާއިރު، އިސްރާއީލުގެ މަގާމު އެ ގައުމުގެ ދުޝްމަނުންނަށްވުރެ މާ ވަރުގަދަ އެވެ.
މިއީ މި ހަނގުރާމައިގެ އެންމެ ބޮޑު ހަގީގަތެވެ. އިސްރާއީލަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ލިބުނު ކާމިޔާބީއެއް ނޫނެވެ. އޭގެ ބަދަލުގައި، ސަރަހައްދީ މަސްލަހަތުތަކަށް އައި ބަދަލެވެ. އީރާނުގެ އެހީތެރި ޖަމާއަތްތަކަށް ޕްރެޝަރު ބޮޑުވުމާއި، އީރާނުގެ އަސްކަރީ ސަމާލުކަން އެކި ދިމަދިމާއަށް ބެހިގެންދިއުމާއި، ހަނގުރާމައިގެ ބޮޑު ބައެއް އެހެން ގައުމުތަކުގެ ބޮލުގައި އެޅުވުމެވެ. ހަނގުރާމައިގެ ގެއްލުންތައް ބެހިގެން ގޮސްފައިވަނީ ވަރަށް ބޮޑަށް ބޭއިންސާފުންނެވެ.
މި ހާލަތަކީ ވަގުތީ ކަމެއްތޯ ނުވަތަ މިއީ ސަރަހައްދީ އާ ނިޒާމެއްގެ ބިންގާ ތޯ ބަލަން އަދި ދުވަސް ނަގާނެ އެވެ. މި ހަފުތާގައި އެމެރިކާގެ ވޮޝިންޓަނަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރައްވާ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީވެސް، މި ހާލަތު މިގޮތުގައި ދެމެހެއްޓުން ކަމަށް ބެލެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ









