ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި
26 ޖުލައި 2026 | އާދީއްތަ 14:53މި ހާދިސާ ހިނގާފައި މިވަނީ، ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތި ދަތުރުކުރަން އުޅުނު ހަތަރު އުޅަނދެއް ހޮނިހިރު ދުވަހު ހިފަހައްޓާފައިވާ ކަމަށް އައި.އާރް.ޖީ.ސީން އިއުލާނުކޮށްފައި ވަނިކޮށް

މި ފައިލް ފޮޓޯއިން ފެންނަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ މަންޒަރު | ޕްރެސްޓީވީ
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއް، ކަނޑު އަޑީގައި ހުރި މައިނެއްގައި ޖެހި ގޮވައިފި އެވެ. މި ހާދިސާ ހިނގާފައި މިވަނީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅިން ގަވާއިދާ ހިލާފަށް ދަތުރުކުރަން އުޅުނު ހަ އުޅަނދެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހިފަހައްޓާފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ނޫސް އިދާރާއެއް ކަމަށްވާ "ދިފާއު ޕްރެސް" އިން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތެޔޮ ޓޭންކަރު ގޮވާފައިވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހާއްސަކޮށްފައިވާ މަގުން ނެއްޓި، ކަނޑު އަޑީގައި ހުރި މައިނެއްގައި ޖެހުމުގެ ސަބަބުންނެވެ.
އެ ނޫހުން މި އުޅަނދު ސިފަކޮށްފައިވަނީ "ގަވާއިދާ ހިލާފުވި ޓޭންކަރެއް" ގެ ގޮތުގަ އެވެ. އަދި ކަނޑައެޅިފައިވާ މަގުން ނެއްޓި ދަތުރުކުރާ އުޅަނދުފަހަރަށް ދިމާވާ ކޮންމެ ކަމެއްގެ ޒިންމާ އެ އުޅަނދަކުން އުފުލަންޖެހޭނެ ކަމުގެ އިންޒާރު އީރާނުގެ ކަމާބެހޭ ފަރާތްތަކުން މީގެކުރިން ދީފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ހާދިސާގައި ގޮވި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ ނުވަތަ ކޮން ފަރާތެއްގެ އުޅަނދެއްކަން، އަދި އެ އުޅަނދު ދަތުރުކުރަމުންދިޔަ މަންޒިލެއް ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ. މީގެއިތުރުން، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ތިމާވެއްޓަށް ގެއްލުމެއް ލިބުނުކަމެއް ވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ބަލަހައްޓާ ހުރްމުޒް ކަނޑުއޮޅިން "ހުއްދައަކާ ނުލައި އަދި ކަނޑައެޅިފައިވާ މަގުން ބޭރުން" ދަތުރުކުރަން އުޅުނު ހަ އުޅަނދެއް ވޭތުވެދިޔަ 24 ގަޑިއިރު ނުވަނީސް އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން ވަނީ ހިފަހައްޓާފަ އެވެ.
ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިން އެ އުޅަނދުތައް ހިފެހެއްޓުމުގެ ކުރިން އިންޒާރުގެ ބަޑި ޖަހާފައިވެ އެވެ. އަދި އެ އުޅަނދުތައް ދަތުރުކުރަމުންދިޔަ މިސްރާބު ބަދަލުކުރުމާ ހަމައަށް، ދަތުރު ކުރިއަށް ގެންދިއުން ވަނީ ހުއްޓުވާފަ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތި ދަތުރުކުރަން އުޅުނު ހަތަރު އުޅަނދެއް ހޮނިހިރު ދުވަހު ހިފަހައްޓާފައިވާ ކަމަށް އައި.އާރް.ޖީ.ސީން އިއުލާނުކޮށްފައި ވަނިކޮށެވެ.
ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ހާދިސާތަކެއް މިވަނީ ހިނގާފަ އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ފެށުނު އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުތައް ހުއްޓާލުމަށްޓަކައި، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި ފަހުމުނާމާއެއްގައި އީރާނާއި އެމެރިކާއިން މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ.
މި ފަހުމުނާމާގެ ދަށުން، 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއަކާ ނުލައި ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.
އެ ފަހުމުނާމާއާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން، އީރާނުން ވަނީ އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް ހާއްސަ މަގެއް ކަނޑައަޅާފަ އެވެ. އަދި ގަވާއިދާ ހިލާފު މަގުތަކުން ދަތުރު ނުކުރުމަށް އުޅަނދުފަހަރަށް ވަނީ އިންޒާރު ދީފަ އެވެ.
ނަމަވެސް، އެމެރިކާއިން ދަނީ ގަވާއިދާ ހިލާފު މަގަކުން އުޅަނދުފަހަރު ދަތުރުކުރުވުމަށް މަސައްކަތް ކުރަމުންނެވެ. މިއާއެކު، ސަރަހައްދީ ކަނޑުގެ ދަތުރުފަތުރަށް ވޮޝިންޓަނުން ނުފޫޒު ފޯރުވުން ހުއްޓާލަންދެން، އީރާނުން ވަނީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ކޮރިޑޯ ބަންދުކޮށްފަ އެވެ.










