Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ

26 ޖުލައި 2026 | އާދީއްތަ 09:11

އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައި.އާރު.ޖީ.ސީން ބުނެފި. މި ހަމަލާތަކުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރާޑަރުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން ލޮޖިސްޓިކް މަރުކަޒުތަކާއި ގުދަންތައް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުން ބުނޭ.

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 09:11

ޔޫއެސް ސެންޓްރަލް ކޮމާންޑުން އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އަރަބި ކަނޑުގެ ސަރަހައްދެއްގައި އެމެރިކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކާއި ސިފައިން ހަރަކާތްތެރިވަމުންދާ މަންޒަރު | ސެންޓްކޮމް

އެމެރިކާއާއެކު ދެ ހަފުތާ ވަންދެން ބަދަލުކުރި ހަމަލާތަކުގައި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބިމުގައި ހުރި އެމެރިކާގެ މަދުވެގެން 11 އަސްކަރީ މަތިންދާބޯޓާއި ހެލިކޮޕްޓަރު ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފި އެވެ.

އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހްސިން މުހިއްބީ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުލައި 8 އިން ޖުލައި 22 އާ ދެމެދު ދިން މި ހަމަލާތަކުގައި އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓަކާއި، ޕީ-8 މަރުކާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ބޯޓަކާއި، ސީ-17 މަރުކާގެ މުދާ އުފުލާ ބޯޓެއްގެ އިތުރުން، ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ 8 ބޯޓެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖާސޫސީ އަދި ހަނގުރާމަމަތީ މަދުވެގެން 17 ޑްރޯން ނައްތާލާފައިވާ ކަމަށާއި، އޭގެ ތެރެއިން 8 ޑްރޯނަކީ މުޅިން އަލަށް ގެނެސް، އަދި ފޮށިގަނޑުތަކުން ވެސް ނުނަގާ ހުރި ތަކެތި ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

މުހިއްބީ ވިދާޅުވީ މި ތަކެތި ހަލާކުކޮށްލާފައިވަނީ އެމެރިކާއިން އަލުން ފެށި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ހިންގި އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.

މި ހަމަލާތަކުގައި އެ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އެތައް ބައިވަރު ރާޑަރުތަކާއި ވައިގެ ދިފާއީ ނިޒާމުތައް ވެސް ވަނީ ހަލާކުކޮށްލާފަ އެވެ.

އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ކޮމާންޑް އެންޑް ކޮންޓްރޯލް 7 މަރުކަޒަކާއި، ސެޓެލައިޓް މުވާސަލާތީ 3 ނިޒާމެއްގެ އިތުރުން، ޕެޓްރިއަޓް އެއާ ޑިފެންސް ރާޑަރުގެ 6 ނިޒާމަކަށް ވަނީ އަމާޒުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައި.އާރު.ޖީ.ސީން ވަނީ ވައިގެ އަދި ކަނޑުގެ ސަރަހައްދު ބަލަހައްޓާ 3 ރާޑަރާއި، ކުރިއާލާ އިންޒާރުދޭ 8 ރާޑަރު ނިޒާމާއި، ވައިގެ ދިފާއީ މިސައިލްތަކަށް ބޭނުންކުރާ 7 ރާޑަރާއި، ދުރު ރާސްތާގެ 5 ރާޑަރާއި، ވައިގެ ދިފާއީ 2 ރާޑަރުގެ އިތުރުން ޓެކްޓިކަލް ރާޑަރު އެރޭއެއް ވެސް ހަލާކުކޮށްލާފަ އެވެ. މީގެ އިތުރުން އީ.ޕީ.އެސް މަރުކާގެ 3 ރާޑަރު ނިޒާމަކާއި އީ.ޕީ.އެސް 117 މަރުކާގެ 2 ރާޑަރު ވެސް ނައްތާލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޖެނެރަލް މުހިއްބީ ވިދާޅުވީ، މުޅި ސަރަހައްދުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން ކުޑަކުރުމުގެ ގޮތުން، އީރާނުގެ ފައުޖުތަކުން ވަނީ އެމެރިކާގެ ލޮޖިސްޓިކްސް އަދި ސަޕޯޓް އިންފްރާސްޓްރަކްޗަރަށް ސިސްޓަމެޓިކްކޮށް އަމާޒުކޮށް ހަމަލާދީފަ އެވެ.

އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި ހަނގުރާމަމަތީ ބޯޓުތަކާއި ހެލިކޮޕްޓަރު މަރާމާތުކުރާ 6 މަރުކަޒަކާއި، ލޮޖިސްޓިކްސް އަދި ސަޕޯޓްދޭ 3 މަރުކަޒެއްގެ އިތުރުން 12 ތެޔޮ ގުދަނެއް ވަނީ ހަލާކުކޮށްލާފަ އެވެ.

މީގެ އިތުރުން، ކަނޑު އުޅަނދުފަހަރާއި މަތިންދާބޯޓުތަކަށް ބޭނުންވާ ސާމާނާއި ސްޕެއާ ޕާޓްސް ރައްކާކޮށްފައި ހުރި 17 ގުދަނަކާއި، މިސައިލް ރައްކާކުރާ 6 ގުދަނަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

އަދި އީރާނުގެ ފައުޖުތަކުން ދިން ދެ ހަފުތާގެ ބަދަލުހިފުމުގެ ހަމަލާތަކުގައި ހަލާކުކޮށްލި އެމެރިކާގެ އޮޕަރޭޝަނަލް ވަސީލަތްތަކުގެ ތަފްސީލީ މައުލޫމާތު ވެސް އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ހިއްސާކުރެއްވި އެވެ.

އަމާޒުކުރި ތަންތަނުގެ ތެރޭގައި އެމް.ކިއު-9 މަރުކާގެ ޑްރޯން ބާއްވާ 6 ހޭންގަރާއި، އެފް-15 ހަނގުރާމަމަތީ ބޯޓުތައް ތައްޔާރުކުރާ ހާއްސަ ބޭއަކާއި، މުޅިން އަލަށް ގެނައި 8 ޑްރޯން ހުރި ހޭންގަރެއް ހިމެނެއެވެ. މީގެ އިތުރުން ޕީ-8 މަރުކާގެ ބޯޓެއް ބާއްވާ ހޭންގަރެއް ވެސް ވަނީ ހަލާކުކޮށްލާފަ އެވެ.

މުހިއްބީ ވިދާޅުވީ އީރާނުގެ ފައުޖުތަކުން ހައިމާސް (HIMARS) މިސައިލް ޕްލެޓްފޯމްގެ 4 ތަނަކަށާއި، މިސައިލް ފޮނުވާ 6 ޕްލެޓްފޯމަކާއި، ޕެޓްރިއަޓް ޑިފެންސްގެ 4 ކޮމްޕްލެކްސްއަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަނގުރާމަމަތީ ބޯޓުތައް ބާއްވާ 5 ހޭންގަރަކާއި، 4 ޝެލްޓަރަކާއި، ބޯޓުފަހަރު ދުއްވާ އަދި ޕާކުކުރާ 6 ސަރަހައްދަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި ކޮމާންޑް 2 މަރުކަޒަކާއި، މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ތެޔޮ އަޅާ ޕްލެޓްފޯމަކާއި، ތެޔޮ ޕަމްޕުކުރާ ސްޓޭޝަނަކާއި، ތެޔޮ ބަރުކުރާ ޖެޓީއަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެމެޒޯންއާ ގުޅުންހުރި އާޓިފިޝަލް އިންޓެލިޖެންސް ޑޭޓާ ޕްރޮސެސިން ސެންޓަރެއް ވެސް އީރާނުގެ ފައުޖުތަކުން ހަލާކުކޮށްލާފައިވާ ކަމަށް ޖެނެރަލް މުހިއްބީ ވިދާޅުވި އެވެ.

އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ހަމަލާގައި މުވާސަލާތީ 2 މަރުކަޒަކާއި، އިންޓެލިޖެންސް ޑޭޓާ ސެންޓަރަކާއި، ރިމޯޓުން ކޮންޓްރޯލްކުރާ އުޅަނދުފަހަރު ބަހައްޓާ ގުދަނެއް ވެސް ވަނީ ހަލާކުކޮށްލާފަ އެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި އިސްލާމްއާބާދު އެމް.އޯ.ޔޫއަށް އަމަލުކުރުން ހުއްޓާލުމަށްފަހު، އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފަށާފަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ތެހެރާނުން ވަރުގަދަކުރުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ދޭ ހަމަލާތަކެކެވެ.

ޖެހިޖެހިގެން 13 ރޭ ވަންދެން އެމެރިކާ އިން ދިން ހަމަލާތަކުގައި އާންމުންގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކުރަމުންދާއިރު، އޭގެ ތެރޭގައި މުވާސަލާތީ ވަސީލަތްތަކާއި، ފާލަންތަކާއި، ފެން އުފައްދާ ޕްލާންޓްތައް ހިމެނެ އެވެ. މި ހަމަލާތަކުގައި މިހާތަނަށް 55 މީހުން މަރުވެ، 645 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އީރާނުން މި ހަމަލާތަކަށް ރައްދު ދީފައިވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯން އަދި މިސައިލް ހަމަލާތަކުންނެވެ. ހުކުރު ދުވަހު އައި.އާރު.ޖީ.ސީން ބުނީ "އޮޕަރޭޝަން ނަސްރު-2" ގެ 27 ވަނަ މަރުހަލާގައި ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ މަގާމުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މިގޮތުން ކުވައިތުގައި އެމެރިކާއިން ހިންގާ އަލީ އަލް ސާލިމް އެއާ ބޭސްގައި ހުރި ވަޒަން ގުދަނަކާއި ސިފައިން ތިބޭ ބައެއް ހޭންގަރުތައް ހަލާކުކޮށްލައި، އެމެރިކާ ސިފައިންނަށް ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕެންޓަގަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ ގާތްގަނޑަކަށް 100 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ 18 ސިފައިން މަރުވެފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެމެރިކާއަށް ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލެއް އަދިވެސް ސާފެއް ނުވެ އެވެ.

މިހާލަތުގައި، އެމެރިކާގެ އަސްކަރިއްޔާގެ ވައިގެ ދިފާއީ މިސައިލްތަކާއި ދުރު ރާސްތާގެ ހަތިޔާރުގެ ރަސްމީ ރިޒާވް މަދުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ސަބަބުން އީރާނާ ދެކޮޅަށް ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ގާބިލުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އީރާނުން ބުނެފައިވަނީ ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅިއޮޕަރޭޝަން ނަޞްރު-2ޕެންޓަގަންއީރާން ހަނގުރާމައީރާން-އެމެރިކާ

އިތުރަށް ކިޔާލަން

26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!

25 ޖުލައި 2026
އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!
25 ޖުލައި 2026

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން އެހީތެރިވޭތަ؟

25 ޖުލައި 2026
ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން އެހީތެރިވޭތަ؟
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
24 ޖުލައި 2026

'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖުލައި 2026
'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް