އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
25 ޖުލައި 2026 | ހޮނިހިރު 05:07ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ދާދި ފަހުން ޗައިނާގެ ބެއިޖިންގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރެއްވިއިރު، އެއްވެސް ޙާލަތެއްގައި އީރާން އަށް ހަތިޔާރު ނުވިއްކާނެ ކަމުގެ ޔަޤީންކަން ޝީ ދެއްވާފައިވާ ކަމަށް. އަދި މި ވައުދުގެ ތެރޭގައި ޗައިނާގެ އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފި ނަމަ، އެއީ އެ ޤައުމުތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ވިދާޅުވެ، އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.
ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ، މިހާރު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި ރަޝިޔާ އާއި ޗައިނާ ބައިވެރިވާ ކަމަަށް ޤަބޫލު ނުކުރެއްވި ނަމަވެސް، އެފަދަ ކަމެއް ކޮށްފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތި ވާނެ ކަމަށެވެ.
ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ދާދި ފަހުން ޗައިނާގެ ބެއިޖިންގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރެއްވިއިރު، އެއްވެސް ޙާލަތެއްގައި އީރާން އަށް ހަތިޔާރު ނުވިއްކާނެ ކަމުގެ ޔަޤީންކަން ޝީ ދެއްވާފައިވާ ކަމަށެވެ. އަދި މި ވައުދުގެ ތެރޭގައި ޗައިނާގެ އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ
މީގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވެސް، އީރާން އަށް ހަތިޔާރު ނުވިއްކާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. ޓްރަމްޕް ވިދާޅުވީ މި ދެ ޤައުމުން ވެސް އީރާން ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް އެ ޤައުމުތަކުން މި ހަނގުރާމައިގެ ތެރެއަށް ވަނުމަކީ އެ ޤައުމުތަކުގެ މަސްލަޙަތު އޮތް ގޮތެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އާއި އިސްރާއީލް އިން މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާން އަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން މި ހަނގުރާމަ ފެށުނުއިރު، މި ހަމަލާތަކުގައި އީރާންގެ އިސްވެރިންތަކެއް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އެގޮތުން އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.
މި ހަނގުރާމައިގެ ކުރީކޮޅު އީރާން އިން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ސީއައިއޭގެ އަމާޒުތަކަށް ދިން ހަމަލާތަކުގައި ރަޝިޔާގެ އެހީތެރިކަން ލިބިފައިވޭތޯ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ޚާއްސަކޮށް ހަމަލާ ދޭނެ ތަންތަނުގެ މައުލޫމާތު ހޯދުމާއި ޑްރޯން ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި ރަޝިޔާގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންދާއިރު، ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ވަނީ މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނުމަށް ދެކޮޅު ހަދައިފަ އެވެ.
އީރާން އަށް ހަތިޔާރު ގަތުމުގައި އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން ވަނީ މީގެ ކުރިން ވެސް ރަޝިޔާ އާއި ޗައިނާގެ ބައެއް ކުންފުނިތަކާއި ފަރުދުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި އެވެ.
މަސްދަރު: ރޮއިޓާސް










