ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި
ސައުދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ސިނާއަތެއް ބިނާކުރުމަށް އެމެރިކާއާއެކު 30 އަހަރުގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި. "123 އެގްރީމަންޓް" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން، ސައުދީގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ފަހިވެ، އެމެރިކާގެ ކުންފުނިތަކަށް އެ ގައުމުގެ ނިއުކްލިއާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ބައިވެރިވުމުގެ ގާނޫނީ ހުއްދަ ލިބިގެންދާނެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާނާ އެކު 2025 ނޮވެމްބަރު 18 ވީ އަންގާރަ ދުވަހު ވޮޝިންގޓަން ޑީސީގެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވެވި ދެ ގައުމުގެ ދެމެދުގައިވާ ރަސްމީ ބައްދަލުވުމުގެ ތެރެއިން. | ގެޓީ އިމޭޖަސް
ސައުދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ގާއިމުކުރުމަށާއި، އެ ގައުމުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ފަދަ އެއްބަސްވުމަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ހުއްދަ ދެއްވައިފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއު.އެސް.ޖޭ) އިން ބުދަ ދުވަހު ރިޕޯޓުކޮށްފި އެވެ.
މި އާ އެއްބަސްވުމަކީ 30 އަހަރުގެ މުއްދަތަށް ދެމިގެންދާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މަގްސަދަކީ ސައުދީ އަރަބިއްޔާގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ނުވަތަ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް މުހިންމު ދައުރެއް ހޯދައިދިނުމެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މުހިންމު މާއްދާއެއްގެ ދަށުން، ސައުދީ އަރަބިއްޔާގައި ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމެރިކާ އާއި ސައުދީ ގުޅިގެން ހަދާ ދިރާސާއަކުން ދައްކައިފި ނަމަ، އެމެރިކާގެ ކުންފުނިތަކުން އެފަދަ މަރުކަޒެއް އެ ގައުމުގައި ބިނާކޮށްދޭނެ އެވެ.
މީގެ އިތުރުން، ނިއުކްލިއާ ހަކަތައިގެ ޓެކްނޮލޮޖީ ހިއްސާކުރުމަށް ސައުދީ އަރަބިއްޔާއާއެކު ވެފައިވާ އެއްބަސްވުން އެމެރިކާގެ ކޮންގްރެސްއަށް ހުށަހެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރޮއިޓާސް އިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ޚަބަރުތައް ބުނާގޮތުން، "123 އެގްރީމަންޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި އެއްބަސްވުން ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ސަރުކާރުން ކޮންގްރެސްއަށް ހުށަހަޅާނެ އެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާނީ އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް އަދި ސައުދީ އަރަބިއްޔާގެ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން އެވެ.
މި ދެ ބޭފުޅުން ވަނީ މިދިޔަ އަހަރު ރިޔާޟްގައި މިކަމާ ގުޅޭ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.
މި އެއްބަސްވުމަކީ އެމެރިކާގެ 1954 ވަނަ އަހަރުގެ އެޓޮމިކް އެނާޖީ އެކްޓްގެ 123 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. މިއީ ސައުދީ އަރަބިއްޔާގައި އެތައް ބިލިއަން ޑޮލަރެއްގެ މަދަނީ ނިއުކްލިއާ ސިނާއަތެއް ތަރައްގީކުރުމަށްޓަކައި، އެމެރިކާ ސަރުކާރާއި އެ ގައުމުގެ ކުންފުނިތަކަށް ސައުދީގެ އިދާރާތަކާއެކު މަސައްކަތް ކުރުމުގެ ހުއްދަ ލިބުމަށް ކޮންމެހެން ބޭނުންވާ ގާނޫނީ އޮނިގަނޑެކެވެ.










