އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026 | ހޮނިހިރު 05:23ޓްރަމްޕް ވިދާޅުވީ، ދުވަސްތައް ފާއިތުވަމުން އަންނަ ވަރަކަށް މަޝްވަރާތަކުގައި އީރާނުން ސީރިއަސްކަން ދައްކަމުން އަންނަ ކަމަށެވެ. އަދި އެކަން އެހެން ވަނީ ވެސް ސަބަބެއް އޮތުމުން ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދިނުމަށް ނިންމާފައި ނުވާނެ ކަމަށާއި، އީރާންގެ ފަރާތުން މިހާރު ސީރިއަސްކަން ފެންނަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ހުކުރު ދުވަހުގެރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އީރާނާ ދެކޮޅަށް ބޮޑެތި އަދި ބާރުގަދަ ހަމަލާތަކެއް ދިނުމުގެ އޮޕަރޭޝަނެއް ހިންގުމާ ބެގޭ ގޮތުން އެމެރިކާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ގެންދަވަނީ، އޭނާގެ ލަފާދޭ ބޭފުޅުންނާ ބައްދަލު ކުރައްވަމުން ކަަމަށް ބުނެފައިވެ އެވެ.
އީރާނަށް ބޮޑެތި ހަމަލާތަކެއް ދިނުމާ ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޓްރަމްޕް ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމަވާފައި ނުވާ ކަމަށެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، ދުވަސްތައް ފާއިތުވަމުން އަންނަ ވަރަކަށް މަޝްވަރާތަކުގައި އީރާނުން ސީރިއަސްކަން ދައްކަމުން އަންނަ ކަމަށެވެ. އަދި އެކަން އެހެން ވަނީ ވެސް ސަބަބެއް އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅު
އީރާން އާއި އެމެރިކާއާ ދެމެދު މިހާރު ވެސް ވާހަކަ ދެކެވެމުން އަންނަ ކަމަށް، އެކި އެކި މަސްދަރު ތަކުން ވަނީ ބުނެފައި އެވެ. އެެމެރިކާ އާއި އީރާންއާ ދެމެދު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އޮތީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ސަރަހައްދީ ނުފޫޒާ ބެހޭ ގޮތުންނެވެ. މިއީ އެމެރިކާ އާއި އީރާންއާ ދެމެދު އެންމެ ކުރިން ފެށިގެން ވެސް، ޚިޔާލު ތަފާތުވުން އޮންނަ މައްސަލަ ތަކެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަގުތެއްގައި އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އިން ބޮޑެތި އަދި ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރުސަތު އޮތް ވާހަކަ ފެތުރެމުން ދިޔަ ނަމަވެސް، ޓްރަމްޕް ވިދާޅުވެފައި ވަނީ އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
ވާހަކަތައް ކުރިއަށްދާއިރު އީރާނުން އިތުރަށް ސީރިއަސްވަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވުމުން، ދެ ގައުމުގެ މެދުގައި ހައްލެއް ހޯދުމުގެ އުންމީދު އިތުރުވެފައިވެ އެވެ. އެހެން ނަމަވެސް، ދެ ގައުމުގެ ދެ މެދުގައި އޮތް ބޮޑެތި ޚިލާފުތައް ހައްލު ކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ.
މަސްދަރު: އޭއެފްޕީ










