އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!
25 ޖުލައި 2026 | ހޮނިހިރު 16:46އީރާން ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަންގެ ވެބްސައިޓުން އުނިވެފައިވާ މައްސަލައިގައި ސެނެޓަރުން ކަންބޮޑުވުން ފާޅުކޮށް، އެކަން އޮޅުންފިލުވައިދިނުމަށް ޑިފެންސް ސެކްރެޓަރީއަށް ވަނީ ގޮވާލައްވާފައި. މިކަމަކީ ޓެކްނިކަލް މައްސަލައެއް ކަމަށް ޕެންޓަގަންއިން ބުނި ނަމަވެސް، ހަނގުރާމައިގެ ގެއްލުންތަކުގެ ސައްހަ މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ސެނެޓަރުން ތުހުމަތުކުރޭ

އެމެރިކާގެ އަސްކަރިއްޔާގެ ސާޖަންޓް އެންޖެލް އެސް ރާމްޕަރްސާދްގެ ހަށިގަނޑު ޑޯވާ އެއާފޯސް ބޭސްއަށް ގެނައުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިހުތިރާމް އަދާކުރައްވަނީ | ގެޓީ އިމޭޖަސް
އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި މަރުވި އަދި އަނިޔާވި އެމެރިކާ ސިފައިންގެ އަދަދުތައް "ޑޭޓާ ޑިސްރަޕްޝަން" ނުވަތަ މައުލޫމާތަށް އައި ބުރޫއެއްގެ ސަބަބުން މަދުވެފައިވާ ކަމަށް ޑިފެންސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، ހަނގުރާމައިގެ ގެއްލުންތައް ބަލަހައްޓާ ޕެންޓަގަންގެ ވެބްސައިޓުގައި ހުރި ކުށްތައް އިސްލާހުނުވެ 24 ގަޑިއިރު ވެފައިވާ ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
ވެބްސައިޓަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށާއި، ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފުސީލު ހާމަކުރުމަށް އެދި ސެނެޓުގެ ޑިމޮކްރެޓިކް މެންބަރުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ސިޓީއެއް ފޮނުއްވާފަ އެވެ.
މި ހަފުތާގެ ކުރީކޮޅު "ޑިފެންސް ކެޝުއަލްޓީ އެނަލިސިސް ސިސްޓަމް" (ޑީ.ސީ.އޭ.އެސް) ވެބްސައިޓުގައި، ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދަކީ 18 ކަމަށް ރަނގަޅަށް ޖަހާފައި އޮތުމަށްފަހު، ބުރާސްފަތި ދުވަހު ވަނީ އޭގެ ތެރެއިން ހަތަރު މީހެއްގެ މަރާއި އެތައް ބައެއްގެ އަނިޔާގެ މައުލޫމާތު އުނިވެފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ހިންގި އޮޕަރޭޝަންތަކުގައި މަރުވި ހަތަރު ސިފައިންގެ ތެރޭގައި ހިމެނެނީ އުރުދުންގައި މަރުވި ތިން ސިފައިންނާއި އިރާގުގައި މަރުވި އެކަކެވެ.
ޑެލަވެއާގެ ޑޯވާ އެއާ ބޭސްއަށް ބުދަ ދުވަހު ގެނައި މި ހަތަރު ސިފައިންގެ ހަށިގަނޑާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި އެވެ. ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ހަނގުރާމައިގައި ޖުމްލަ 18 މީހުން މަރުވިކަން ރައީސް ކަށަވަރުކޮށްދެއްވި ނަމަވެސް، އެއީ މާ ބޮޑު އަދަދެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ޓްރަމްޕް ވާހަކަދެއްކެވި އެވެ.
"އެކަކު މަރުވުމަކީވެސް ބޮޑުވަރު، އެކަމަކު މި މަރުވީ 18 މީހުން. ވިއެޓްނާމް ހަނގުރާމައިގައި އަޅުގަނޑުމެންގެ 200،000 މީހުން ގެއްލުނު،" ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ޕެންޓަގަންގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ވިއެޓްނާމް ހަނގުރާމައިގައި މަރުވީ 58،220 މީހުންނެވެ.
ހުކުރު ދުވަހާ ހަމައަށްވެސް ޑީ.ސީ.އޭ.އެސް ވެބްސައިޓުގައި މަރުވި މީހުންގެ އަދަދަކަށް 14 ޖަހާފައި އޮތްއިރު، އޭގެ ތެރޭގައި ޖުލައި މަހުގެ ކުރީކޮޅު އަރަބި ކަނޑަށް ހެލިކޮޕްޓަރެއް ވެއްޓި މަރުވި ސިފައިންގެ މީހާ ހިމެނޭ ކަމަށް ބެލެވެ އެވެ. ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް މަދުވި މައްސަލަ މީޑިއާތަކުން ފެންމަތިކުރުމުން، ޕެންޓަގަންގެ އޮފިޝަލުން ވިދާޅުވީ އެއީ ޓެކްނިކަލް މައްސަލައެއް ކަމަށާއި، ހަނގުރާމައިގެ ގެއްލުންތައް ފޮރުވުމަށް ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.
"ޑިފެންސް ކެޝުއަލްޓީ އެނަލިސިސް ސިސްޓަމް (ޑީ.ސީ.އޭ.އެސް) ވެބްސައިޓަށް ދިމާވެފައިވާ ވަގުތީ މައްސަލަތަކުގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ވޯއަށް ވަނީ ލިބިފައި،" ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. އަދި އަސްކަރިއްޔާގެ އެކި ދާއިރާތަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި އަދަދުތައް މިހާތަނަށް އިސްލާހު ނުކުރެވި ވަނީ ކީއްވެގެންތޯއާއި، ކުރިއަށް އޮތް ތަނުގައި ސައްހަ މައުލޫމާތު ފެންނާނެހެން މި މައްސަލަ ހައްލުކުރެވޭނެތޯ ސީ.އެން.އެން އިން ހުކުރު ދުވަހު ޕެންޓަގަންއާ ސުވާލުކުރިއެވެ. ނަމަވެސް ސީއެންއެން އިން ބުނެފައިވަނީ ޕެންޓަގަންއިން އެއްވެސް ޖަވާބެއް ދީފައެއް ނުވާ ކަމަށެވެ.
ޑީ.ސީ.އޭ.އެސް ވެބްސައިޓަށް އަންނަ ބަދަލުތައް ބަލަމުންދާ ސީ.އެން.އެން އަށް ފާހަގަވި ގޮތުގައި، މި ހަފުތާގެ ތެރޭގައި އެކި ފަހަރު މަތިން ވެބްސައިޓަށް މައްސަލަ ދިމާވެ، މަރުވި މީހުންގެ ޖުމްލަ އަދަދުތަކަށް ބަދަލުތައް އައިސްފައިވެ އެވެ.
ހަނގުރާމައިގައި އަނިޔާވާ މީހުންގެ މައުލޫމާތު ހާމަކުރުމުގައި ޑިފެންސް ޑިޕާޓްމަންޓުން ލަސްތަކެއް އުޅޭއިރު، އޮފިޝަލުން ވިދާޅުވަނީ އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކުރާ ކަމެއް ކަމަށެވެ. ޖުލައި 7 ވަނަ ދުވަހުން ފެށިގެން ހަނގުރާމައިގައި "ގާތްގަނޑަކަށް 100 އެއްހާ ސިފައިންނަށް" އަނިޔާވެފައިވާ ކަމަށް ހޯމަ ދުވަހު ޕާނެލް އެއްބަސްވެވަޑައިގެންނެވިއިރު، އޭރު ޑީ.ސީ.އޭ.އެސް ވެބްސައިޓުން އެ އަދަދުތަކެއް ނުފެނެ އެވެ.
ސެނެޓް އާމްޑް ސާވިސަސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ 12 ސެނެޓަރުން ސޮއިކުރައްވައި ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި، ޑީ.ސީ.އޭ.އެސް ނިޒާމަށް މައްސަލަ ދިމާވާ ސަބަބު އޮޅުންފިލުވައިދިނުމަށާއި، ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ރިޕޯޓެއް ހުށަހެޅުމަށް ހެގްސެތުގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.
"ހަނގުރާމައިގެ ސަބަބުން އިންސާނުންގެ ފުރާނައަށް ލިބޭ ގެއްލުންތަކުގެ ސައްހަ އަދި ފުރިހަމަ މައުލޫމާތު އެނގުމަކީ އެމެރިކާގެ ރައްޔިތުންނާއި، ކޮންގްރެސްއާއި، ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ލިބިގެންވާ ހައްގެއް،" އެ ސިޓީގައިވެ އެވެ. އަދި މިހާތަނަށް އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު، ހަނގުރާމައިގެ ތެރޭގައި ލިބޭ ގެއްލުންތަކުގެ މައުލޫމާތު ޑިޕާޓްމަންޓުން އެކަށީގެންވާ ވަގުތުގައި އަދި ފުރިހަމައަށް ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ވެބްސައިޓް ރަނގަޅަށް މަސައްކަތްކުރާ ވަގުތުތަކުގައިވެސް، ޑީ.ސީ.އޭ.އެސްގެ މައުލޫމާތުތައް އަދާހަމަކުރުމުގައި ބޮޑެތި ލަސްތަކެއް ހުންނަކަން ފާހަގަކުރެވެ އެވެ. ޕެންޓަގަންގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ، ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތު ކަށަވަރުކުރުމަށް ވަގުތު ނަގާތީ، އަނިޔާވާ މީހެއްގެ މައުލޫމާތު ސިސްޓަމަށް އެރުވުމަށް ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ނަގައިފާނެ ކަމަށެވެ. ނަމަވެސް ޑީ.ސީ.އޭ.އެސް ޑޭޓާބޭސްއަކީ "ގަވާއިދުން އަދާހަމަކުރާ" އެއްޗެއް ކަމަށް އެ އޮފިޝަލް ސީ.އެން.އެން އަށް ވިދާޅުވި އެވެ.
ސިފައިން މަރުވާ ހާދިސާތަކާ ގުޅޭގޮތުން މީޑިއާތަކުން ޚަބަރު ފަތުރާ ގޮތަށް ހެގްސެތު މީގެ ކުރިން ވަނީ ފާޑުވިދާޅުވެފަ އެވެ. މިދިޔަ މާޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، "މަދު ޑްރޯން ހަމަލާއެއް އަމާޒަށް ވާސިލުވުމުން ނުވަތަ ހިތާމަވެރި ހާދިސާއެއް ހިނގުމުން، އެއީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާ ކަމެއް" ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ކަންތައް އޮތްގޮތް. ނޫސްވެރިން ބޭނުންވަނީ ހަމައެކަނި ރައީސްގެ އަގު ވައްޓާލަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އަންގާރަ ދުވަހު ދެއްވި ބަޔާނުގައި ހެގްސެތު ސިފައިން މަރުވި ވާހަކަ ފާހަގަނުކުރެއްވި ނަމަވެސް، އޭނާގެ އަރިހުގައި އިންނެވި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑޭން ކޭން ވަނީ ހަފުތާ ބަންދުގައި މަރުވި ހަތަރު ސިފައިންގެ ވާހަކަ ދައްކަވާފަ އެވެ. މިއީ ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން މި ދެ ބޭފުޅުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުން ފެންނަ އާންމު އުސޫލެކެވެ.
މަސްދަރު: ސީއެންއެން










