'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖުލައި 2026 | ހުކުރު 17:09އެމެރިކާއިން އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގައި މަރުވާ ކޮންމެ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް ބުނެ އީރާނުގެ އަސްކަރިއްޔާއިން އާ އުސޫލެއް އިއުލާނުކޮށްފި. މި އިންޒާރާއެކު އީރާނުން ވަނީ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިތުރު ހަމަލާދޭނެ ކަމަށާއި، އާންމު ރައްޔިތުން އެ ސަރަހައްދުތަކާ ދުރަށް ޖެހުމަށް އިލްތިމާސްކޮށްފައި.

މޭޖަރ ޖެނެރަލް ޢަލީ ޢަބްދުﷲހީ | ޕްރެސް ޓީވީ
އެމެރިކާގެ ހަމަލާތަކުގައި ޝަހީދުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި، އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް ބުނެ، ހަނގުރާމައިގެ މައިދާނުގެ އާ އުސޫލެއް އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު އިއުލާނު ކުރައްވައިފި އެވެ.
އީރާނުގެ އެންމެ މަތީ އަސްކަރީ ކޮމާންޑް ކަމަށްވާ ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާޒްގެ ކޮމާންޑަރު، މޭޖަރ ޖެނެރަލް އަލީ އަބްދުﷲހީ ވިދާޅުވީ، މި ސިޔާސަތަކީ މިހާރު ހަމައެކަނި ދޭ އިންޒާރެއް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ތަންފީޒުކުރަން ފަށާފައިވާ އަސްކަރީ އުސޫލެއް ކަމަށެވެ.
"މީގެ ކުރިން ވެސް އަމަލީ ގޮތުން ދުޝްމަނުންނަށް ސާބިތުކޮށްދީފައިވާ މި ގަވާއިދަކީ، މި ވަގުތުން ފެށިގެން ހަނގުރާމައިގެ މައިދާނުގައި ރަސްމީކޮށް އިއުލާނުކޮށްފައިވާ ސާފު އުސޫލެއް. އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ފަޚުރުވެރި ކޮންމެ ރައްޔިތަކު ޝަހީދުކޮށްލާ ކޮންމެ ފަހަރަކު، އޭގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލެވޭނެ،" ޖެނެރަލް އަބްދުﷲހީ ވިދާޅުވި އެވެ.
އެމެރިކާގެ ސިފައިންނަށް ރައްދުވާގޮތައް އޭނާ އިތުރަށް ވިދާޅުވީ، "އަހަރެމެން މިތިބީ ކަލޭމެން ނަރަކައަށް ފޮނުވާލުމަށްޓަކައި ހިލޭ، ސީދާ ޓިކެޓް ތައްޔާރުކޮށްގެން،" ކަމަށެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން މެދުނުކެނޑި 13 ވަނަ ރެއަށް އީރާނަށް ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ މި ހަމަލާތައް އަމާޒުވެފައިވަނީ ފާލަންތަކާއި ފެން ސާފުކުރާ ޕްލާންޓްތައް ފަދަ އާންމު އުމްރާނީ ވަސީލަތްތަކަށެވެ. މި ހަމަލާތަކުގައި މިހާތަނަށް 55 މީހުން މަރުވެ، 640 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ކުރީކޮޅު، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ކުވެއިތު، އުރުދުން، ބަހްރައިން އަދި އިރާގުގެ އަރުބީލްގައި ހުރި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ވަކިވަކިން ހަމަލާތަކެއް ދީފައިވާކަން އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން، އެމެރިކާ ސިފައިން ގާއިމުވެ ތިބޭ ގައުމުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުން، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ މަދުވެގެން 500 މީޓަރު ދުރަށް ޖެހުމަށް އައި.އާރް.ޖީ.ސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް އެ ޖަމާއަތުން ވަނީ ދީފަ އެވެ.
އުރުދުންގައި ހުންނަ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވި ކަމަށާއި، އިރާގުގައި އެކަކު މަރުވި ކަމަށް ވޮޝިންޓަނުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު ރަސްމީކޮށް ހާމަކުރި އަދަދަށްވުރެ މާ ގިނަ އެވެ.










