ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟
24 ޖުލައި 2026 | ހުކުރު 14:29އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ވެސް ވަނީ ބަދަލުހިފުމުގެ ގޮތުން ގަލްފުގައި ހުރި އެމެރިކާގެ ބައިވެރިންގެ މަރުކަޒުތަކަށް ހަމަލާދީފައި. މި ހަމަލާތަކާ ގުޅިގެން ކަނޑުދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނަށް މިހާތަނަށް ދޭ އެންމެ ވަރުގަދަ ހަމަލާ ދޭނެކަމުގެ އިންޒާރު ދެއްވާފައި.

މެދުއިރުމަތީގައި ކުރިއަށްދިޔަ ތަމްރީނު ހަރަކާތެއްގެ ތެރެއިން، އެމެރިކާގެ މެރިން ސިފައިން "އެމް142 ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" (ހައިމާސް) އެއް "ކޭސީ-130ޖޭ ސުޕަރ ހަރކިއުލިސް" މަތިންދާބޯޓަކަށް އަރުވަނީ. | ސެންޓްކޮމް
ޖެހިޖެހިގެން 13 ވަނަ ރެއަށް ބުރާސްފަތި ދުވަހު ވެސް އެމެރިކާއިން އީރާނަށް ހަމަލާދީފައިވާއިރު، ހުކުރު ދުވަހުގެ ހެނދުނު އީރާނުގެ އެކި ސިޓީތަކުގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ހަމަލާތަކާ ގުޅިގެން ކަނޑުދަތުރުފަތުރަށް ކުރިމަތިވެފައިވާ ހުރަސްތައް ދަނީ އިތުރަށް ގޯސްވަމުންނެވެ. އުޅަނދުފަހަރު ދަތުރުކުރާ މަގުތައް ބަލާ ޑޭޓާތަކުން ދައްކާ ގޮތުގައި، ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ ޓޭންކަރެކެވެ. މިއީ މެއި މަހުގެ 7 ވަނަ ދުވަހަށްފަހު އެ ކަނޑުއޮޅިން ދަތުރުފަތުރު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ. ނަމަވެސް، ލަންޑަން ސްޓޮކް އެކްސްޗޭންޖް ގްރޫޕްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ތެޔޮ ހިފައިގެން ދަތުރުކުރި ޗައިނާގެ ދެ ސުޕަޓޭންކަރެއް ހުކުރު ދުވަހު ވަނީ ބާބުލް މަންދަބް ކަނޑުއޮޅިން ކާމިޔާބުކަމާއެކު ނުކުމެފަ އެވެ. މިއީ މިދިޔަ ހޯމަ ދުވަހު ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުއްޓުވާނެކަން އިޢުލާނުކޮށްފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ޚުލާސާއެއް ތިރީގައި އެވަނީއެވެ.
އެމެރިކާއިން ހަމަލާދިނީ އީރާނުގެ ކޮން ސަރަހައްދުތަކަކަށް؟
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ގްރީނިޗް މީން ޓައިމުން ހުކުރު ދުވަހުގެ 01:00 ގައި އެމެރިކާއިން ވަނީ އީރާނަށް ދެމުންދިޔަ އެންމެ ފަހުގެ ހަމަލާތައް ނިންމާލާފަ އެވެ.
ސެންޓްކޮމް އިން ހާމަކުރި ގޮތުގައި މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށާއި، ޑްރޯން ރައްކާކުރާ ތަންތަނަށާއި، މުވާސަލާތީ ނެޓްވޯކްތަކަށެވެ. މީގެ އިތުރުން އައްސޭރިފަށުގެ ސަވައިލަންސް ސައިޓްތަކަށާއި ކަނޑުގެ އަސްކަރީ ގާބިލުކަން ހުރި ތަންތަނަށް ވެސް ހަމަލާދީފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ހުކުރު ދުވަހު އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އެކި ސިޓީތަކަށް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ. ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ އިން ބުނީ ޚުންދާބް، ޚުރަމްއާބާދު، ކުނާރަކް އަދި ޖާސްކްގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށެވެ. އީރާނުގެ ފާރްސް ނިއުސް އެޖެންސީން، ލުރެސްތާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ފަތިހު ޚުރަމްއާބާދަށް ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އީރާނުގެ މެހެރު ނިއުސް އެޖެންސީން ހުކުރު ދުވަހު ރިޕޯޓްކުރި ގޮތުގައި، ޚޫޒެސްތާން ޕްރޮވިންސްގެ އަންދިމެޝްކް އަދި އުމިދިޔޭ ސިޓީއަށް އެމެރިކާގެ މިސައިލް ހަމަލާތަކެއް ވަނީ އަރާފަ އެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެ ނުވަތަ ޒަޚަމްވެފައެއް ނުވެ އެވެ. އަލްޖަޒީރާގެ ރިޕޯޓަރު ތެހެރާނުން ރިޕޯޓްކުރި ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ގޭޝްމް އައިލެންޑުން ވެސް ހުކުރު ދުވަހު ގޮވުންތަކުގެ އަޑު ވަނީ އިވިފަ އެވެ.
އީރާނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްއަށް ދިން ހަމަލާތަކުގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ހުކުރު ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އަހްވާޒް ކައިރިއަށް އެމެރިކާއިން ދިން މިސައިލް ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ، ފަސް މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އީރާނުން ހަމަލާދިނީ ގަލްފުގެ ކޮން ސަރަހައްދުތަކަކަށް؟
ބަހްރައިން: އީރާނުގެ މެހެރު ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ޑްރޯން ބޭނުންކޮށްގެން ބަހްރައިންގައި ހުންނަ ޝެއިޚް އީސާ އެއާ ބޭސްގެ ތެޔޮ ރައްކާކުރާ ތަންތަނަށާއި، އިކުއިޕްމަންޓް ގުދަންތަކުގެ އިތުރުން ސިފައިން ތިބޭ ތަންތަނަށް ހަމަލާދީފަ އެވެ.
އުރުދުން: އީރާނުގެ އަސްކަރިއްޔާއިން އިތުރަށް ބުނި ގޮތުގައި، އުރުދުންގައި ހުންނަ މުވައްފަގު ސަލްތީ/އަލް-އަޒްރަކް ބޭސްގެ މަތިންދާބޯޓު ބާއްވާ ހޭންގަރުތަކަށާއި، މަރާމާތުކުރާ ތަންތަނުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. އަދި އީރާނުގެ މަސްލަހަތުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލަކީ ސަރަހައްދީ ސަލާމަތާއި އިގްތިސާދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފައެވެ.
ދެ ފަރާތުގެ ލީޑަރުން ވިދާޅުވީ ކީކޭ؟
ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެހެރާނާ ދެކޮޅަށް ބޭނުންކުރާ ބަސްމަގު ހަރުކަށި ކުރައްވާފަ އެވެ. ކުވެއިތުގައި ހުރި މުވާސަލާތީ ޓަވަރަކަށް ހަމަލާދިނުން ހިމެނޭހެން، ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން، އީރާނަށް މިހާތަނަށް ދޭ އެންމެ ވަރުގަދަ ހަމަލާތައް ދީފާނެ ކަމަށް ޓްރަމްޕް ވަނީ އެމެރިކާގެ ނިއުސް ވެބްސައިޓެއް ކަމަށްވާ 'އެކްސިއޯސް' އަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ "މިހާތަނަށް ދެވޭ އެންމެ ބޮޑު ހަމަލާ" ދިނުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު މިހުރީ ގޮތެއް ނިންމުމާ ވަރަށް ގާތުގައި. އަޅުގަނޑުމެން މިތިބީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި އިންޒާރު ދެއްވަމުން ވިދާޅުވީ، އީރާނުން އުޅަނދުފަހަރަށް ހަމަލާދޭނަމަ، އެ އުޅަނދުތައް މަރާމާތުކުރުމުގެ ޚަރަދު ހަމަޖައްސާނީ އެމެރިކާގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހުކުރު ދުވަހު އިންޒާރު ދެއްވި ގޮތުގައި، ޓްރަމްޕް ވިދާޅުވި ގޮތަށް އީރާނުގެ ދައުލަތުގެ ހިފަހައްޓާފައިވާ ފައިސާ ބޭނުންކުރުމަކީ ދުނިޔޭގައި ނުރައްކާތެރި އުސޫލެއް ގާއިމުކުރުމެވެ.
"ގުޅުމެއް ނެތް ކަންކަމުގެ ބަދަލު ހޯދުމަށް އެހެން ގައުމެއްގެ މުދާ ފޭރުމަކީ ފިތުނަ އުފެދޭނެ ކަމެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ލިޔުއްވާފައިވެ އެވެ.
އޭނާ އިތުރަށް އިންޒާރު ދެއްވި ގޮތުގައި، "މިފަދަ ފައިސާއިން އުފާލިބޭ ނުވަތަ މަންފާ ހޯދާ ފަރާތްތަކުން ހަނދާންކުރަންވީ ކަމަކީ، ސަރުކާރުތަކުން މުދާ އަތުލުމަކީ އާންމު ކަމަކަށް ހަދައިފިނަމަ، އެއްވެސް މީހެއްގެ މުދަލަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމެވެ. އޭގެ ސަބަބުން އުފެދޭ ހަމަނުޖެހުންތައް ވެގެންދާނީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ކަންތައްތަކަކަށެވެ."










