80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އަލް-އަޤްޞާ މިސްކިތަށް 80،000 އެއްހާ މީހުން ޖަމާވިއިރު، އިޒްރޭލުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހަރުކަށި ހުރަސްތަކެއް ކުރިމަތިކޮށްފައި. މިގޮތުން ހުޅަނގު އައްސޭރިން ނަމާދަށް އަންނަ މީހުންގެ ތެރެއިން ހުއްދަ ދޫކުރީ ވަކި އުމުރުފުރާތަކެއްގެ މަދު ބަޔަކަށް ކަމަށްވިޔަސް، ގިނަ ބަޔަކު ވަނީ ޗެކްޕޮއިންޓްތައް ހުރަސްކޮށް މިސްކިތަށް ވަދެފައި.

ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދު، އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައިވާ ޑޯމް އޮފް ދަ ރޮކް (ޤުއްބަތުއްޞަޚުރާ) ކައިރީގައި މުސްލިމުން އަދާކޮށްފި - 2026 ފެބުރުވަރީ 20، 2026. | އޭއެފްޕީ
އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް-އަޤްޞާ މިސްކިތަށް އެތައް ހާސް މުސްލިމުންނެއް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް ޖަމާވެއްޖެއެވެ. އިޒްރޭލުގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ނަމާދުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ އަލް-އަޤްޞާ މިސްކިތަށް ދިއުމަށްޓަކައި، ގިނަ ބަޔަކު ގުދުސްގެ ދަމަސްކަސް ދޮރުން ވަދެގެން ދިޔައިރު، އިޒްރޭލުގެ ފުލުހުން ދިޔައީ އެ ސަރަހައްދު ވަރަށް ގާތުން ބަލަހައްޓަމުންނެވެ.
އޭއެފްޕީގެ ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި އެތައް ހާސް ބަޔަކު ކޮނޑާއި ކޮނޑު ޖައްސައިގެން ސަފުތައް ހަދައިގެން ތިއްބެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި، އަވީގައި މުސައްލަތައް ފަތުރައިގެން ތިބެ، ލައުޑްސްޕީކަރުން އިވެމުން ދިޔަ އިމާމުގެ އަޑަށް އެންމެން އެކުގައި ނަމާދުކުރަމުން ކުރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ.
ނަމާދަށް ދިޔަ ގިނަ މީހުންނަކީ އިރުމަތީ ގުދުސް ނުވަތަ އިޒްރޭލުގެ ތެރޭގައި ދިރިއުޅޭ މީހުން ކަމަށްވީ ނަމަވެސް، ހިފާފައިވާ ހުޅަނގު އައްސޭރިން ވެސް ބައެއް މީހުން ވަނީ އިޒްރޭލުގެ ޗެކްޕޮއިންޓްތައް ހުރަސްކޮށް މިސްކިތަށް ގޮސްފައެވެ. މީގެ ތެރޭގައި ގުދުސް އާއި ރާމަﷲ އާ ދެމެދު އޮންނަ މައި މަގު ކަމަށްވާ ގަލަންޑިއާ ޗެކްޕޮއިންޓުން ވަތް މީހުން ހިމެނެއެވެ.
އޭއެފްޕީގެ ނޫސްވެރިޔަކު ބުނި ގޮތުގައި، ގަލަންޑިއާ ޗެކްޕޮއިންޓުން ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު ކިއޫގައި ތިބިއިރު، ހަމަނުޖެހުންތައް ކޮންޓްރޯލްކުރާ ހަތިޔާރާއެކު އިޒްރޭލުގެ ސިފައިން އެ ސަރަހައްދުގައި ފޯރިމަރަމުން ދިޔައެވެ.
އަލް-އަޤްޞާ މިސްކިތް ބަލަހައްޓާ އުރުދުންގެ އިސްލާމިކް ވަޤްފް އިދާރާއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް 80،000 އެއްހާ މީހުން މިސްކިތުގެ ގޯތިތެރެއަށް ޖަމާވިއެވެ.
ރަމަޟާން މަސް ފެށުމާއެކު އިޒްރޭލުން ވަނީ ގުދުސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު އެތައް ހާސް ފުލުހުންނެއް ނެރެފައެވެ. އަދި 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނަށް، މިދިޔަ އަހަރެކޭ އެއްފަދައިން ދަތުރުފަތުރު ކުރުމުގެ ހަރުކަށި ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފައެވެ.
އިޒްރޭލުން އިއުލާންކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ހުކުރު ނަމާދުތަކަށް ހުޅަނގު އައްސޭރިން އަންނަން ބޭނުންވާ މީހުންނަށް ދޫކުރާނީ އެންމެ 10،000 ހުއްދައެވެ. މި ހުއްދަ ލިބެނީ ވެސް އުމުރުން 50 އަހަރުން މަތީގެ އަންހެނުންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުންގެ އިތުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އެކަންޏެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ އުންމު އަވާދު ނަމަކަށް ކިޔާ އަންހެނަކު ބުނި ގޮތުގައި، އޭނާ ހުއްދައަށް އެދުނު ނަމަވެސް އިޒްރޭލުން އެކަން މަނާކުރުމުން، ގުދުސްއަށް ވަނުމަށް ޗެކްޕޮއިންޓް ހުރަސްކުރުމުގެ ފުރުސަތެއް ނުލިބުނެވެ.
"އެމީހުން ހުއްދަ މި ދެނީ ވަރަށް މަދު ބަޔަކަށް. އަހަރެމެން ހުއްދައަށް އެދުނިން، އެކަމަކު ބައެއް މީހުންނަށް ލިބުނުއިރު އަނެއް ބަޔަކަށް ނުލިބުނު. އަހަރެމެން ނަމާދުކުރުން ހުއްޓުވުމަކީ އެމީހުން ކުރާ ވަރަށް ގޯސް ކަމެއް،" އޭއެފްޕީއާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.
ގަލަންޑިއާ ޗެކްޕޮއިންޓުން ގުދުސްއަށް ވަނުން މަނާކުރި ޖިހާދު ބިޝާރާތު ނަމަކަށް ކިޔާ ފަލަސްތީނު މީހަކު ބުނީ، "މިއަދު އަހަރެމެން ދިއުން ހުއްޓުވި ނަމަވެސް، މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ދުވަހު ވެސް އަދި އޭގެ ފަހުން އަންނަ ހުކުރު ދުވަހު ވެސް އަހަރެން އަންނާނަން. ސަބަބަކީ މާތްﷲ މެނުވީ އެއްވެސް ފަރާތަކަށް އަހަރެމެން އަލް-އަޤްޞާއަށް ދިއުން ނުހުއްޓުވޭނެ،" ކަމަށެވެ.
ގުދުސްގެ ފުލުހުންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ހަމަނުޖެހުމެއް ހިނގުމެއް ނެތި ހުކުރު ނަމާދު ނިމިފައިވާ ކަމަށެވެ.
މަސްދަރު: އޭއެފްޕީ






