އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ވަދެގަތުން އަރަބި އަދި އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
24 ޖުލައި 2026 | ހުކުރު 06:28އިސްރާއީލުގެ ހަރުކަށި ވަޒީރަކާއި އެކު ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް އަމަލު، އިސްލާމީ އަށް ގައުމަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި އަމަލަކީ ގުދުސްގެ މުގައްދަސް ބިނާތަކުގެ ހައިސިއްޔަތު ބަދަލުކުރުމަށް ހިންގާ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފައި.

އިސްރާއީލުގެ ޔަހޫދީން އަލްއަޤްޞާ މިސްކިތުގެ ހަރިންމަތެރެއަށް ވަދެ އަޅުކަންކުރަނީ. މިއީ އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް ހިންގާނެ ކަމަށް ބެލެވޭ މިފަދަ ގިނަ ދަށުދަރަޖައިގެ އަމަލުތަކުގެ ތެރެއިން އެއް އަމަލު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އިންޒާރު ދީފައި. | އޭއެފްޕީ
އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ގްރޫޕްތަކާއި އެތައް ހާސް ޣައިރުގާނޫނީ ޔަހޫދީ ވަޒަންވެރިން ވަދެގަތް ވަދެގަތުން، އަރަބި އަދި އިސްލާމީ އަށް ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި މިސްރު، އިންޑޮނޭޝިއާ، އުރުދުން، ޕާކިސްތާން، ގަތަރު، ސައުދީ އަރަބިއްޔާ، ތުރުކީ އަދި އެކުވެރި އަރަބި އިމާރާތުގެ ޚާރިޖީ ވަޒީރުން ވަނީ، އިސްރާއީލުގެ ހަރުކަށި ވަޒީރުންގެ އިސްނެގުމާއެކު އިސްލާމީ މުގައްދަސް ބިމަށް ވަދެގަތް ވަދެގަތުން ކުށްވެރިކުރައްވާފަ އެވެ. އަދި އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިމަށް މި މީހުން ވަދެގަނެފައިވަނީ އިސްރާއީލުގެ ފުލުހުންގެ ހިމާޔަތުގެ ދަށުގައި ތިބެގެންކަން ޑިޕްލޮމޭޓުން ވަނީ ފާހަގަކުރައްވާފަ އެވެ.
"މިފަދަ ފިތުނަވެރި އަމަލުތަކުގެ ސަބަބުން ނަފުރަތާއި ހަރުކަށި ފިކުރު އިތުރުވެ، ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ،" ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިއީ ގުދުސްގެ މުގައްދަސް ބިނާތަކުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ހިންގާ ޣައިރު ގާނޫނީ އަމަލެއްގެ ގޮތުގައި އެ ބަޔާނުގައި ސިފަކޮށްފައިވެ އެވެ.
މީގެ އިތުރުން، އިސްރާއީލުން ހިފާފައިވާ ގުދުސްގެ މައްޗަށް ނުވަތަ އެތަނުގައިވާ އިސްލާމީ އަދި ނަސޯރާއިންގެ މުގައްދަސް ބިނާތަކުގެ މައްޗަށް އިސްރާއީލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޔަހޫދީންގެ ދީނީ ދުވަހެއް ކަމަށްވާ "ޓީޝާ ބީއޭވް" ފާހަގަކުރުމަށްޓަކައި، ބުރާސްފަތި ދުވަހު އިސްރާއީލުގެ 4،200 އަށްވުރެ ގިނަ ވަޒަންވެރިންނާއި ހަރުކަށި ފިކުރުގެ ގްރޫޕްތަކުން ވަނީ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެފަ އެވެ. މިއީ މިއަހަރުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އެ މިސްކިތަށް ވަދެގަތް ފުރަތަމަ ފަހަރެވެ.
އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވެސް ވަނީ ފުލުހުންގެ ވަރުގަދަ ހިމާޔަތާއެކު އެ ސަރަހައްދަށް ވަދެފަ އެވެ.
އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު މިސްކިތުގެ ހަރިންމަ ތެރޭގައި
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ މިސްކިތުގެ ދޮރުތަކުގެ ކައިރީގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ފަލަސްތީނުގެ ގިނަ އަދަދެއްގެ އަޅުވެރިންނާއި ދަރިވަރުން މިސްކިތަށް ވަނުން ހުއްޓުވައި، ބައެއް މީހުންނަށް އަނިޔާކޮށްފަ އެވެ.
އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރު އެވެ. އަދި 1980 ވަނަ އަހަރު ރަސްމީކޮށް އެ ސިޓީއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ވަނީ އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ އުޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ހުކުމްކޮށްފަ އެވެ.
އަލްއަޤްޞާ މިސްކިތް ބަލަހައްޓަމުން ދަނީ އުރުދުންއިން އައްޔަންކޮށްފައިވާ "ޖެރޫސަލަމް ވަގްފް" ކިޔާ އިދާރާއަކުންނެވެ.
ބުރާސްފަތި ދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި، އިސްރާއީލުގެ ވަޒީރުންނާއި ހަރުކަށި ގްރޫޕްތަކުން ހިންގާ ހަމަނުޖެހުންތަކާއި، މިސްކިތަށް ވަދެގަތުމަށް ގޮވާލައި ހިންގާ ޣައިރު ގާނޫނީ އަމަލުތައް ވަނީ ކުށްވެރިކޮށްފަ އެވެ.
އެ ބަޔާނުގައި ވަނީ، ބާރުގެ ބޭނުންކޮށްގެން އެ ބިން ހިފާފައިވާ ފަރާތުގެ ހައިސިއްޔަތުން، އަލްއަޤްޞާ މިސްކިތަށް ވަނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ވަގުތުން އުވާލުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން، ގުދުސްގައިވާ އިސްލާމީ އަދި ކްރިސްޓިއަން މުގައްދަސް ބިނާތަކަށް އިސްރާއީލުން ހިންގަމުންދާ އިހުތިރާމް ކުޑަ އަމަލުތަކާއި ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް، އިސްރާއީލަށް މަޖުބޫރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










