އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި
24 ޖުލައި 2026 | ހުކުރު 04:48އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އީރާނުގެ އަސްކަރީ މަރުކަޒުތަކާއި މުއާސަލާތީ ނެޓްވޯކްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ޖެހިޖެހިގެން 13 ވަނަ ރޭ ވަނީ ދިފަ އެވެ. މި ހަމަލާތަކުގައި އާންމުންގެ ބަޔަކު މަރުވެފައިވާއިރު، މިއީ އީރާނުގެ އުދުވާންތަކަށް ދޭ ރައްދެއް ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި. އީރާނުން މި އަމަލު ކުށްވެރިކޮށް، ގައުމުގެ ދިފާއުގައި ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައި.
އެމެރިކާގެ އަސްކަރީ ބާރުތަކުން އީރާނަށް އަމާޒުކޮށް 13 ވަނަ ރެޔަށް ދެމުންދާ ހަމަލާތައް ފެންނަ ވީޑިއޯ އެއް އާންމުވެއްޖެއެވެ. | ސެންޓްކޮމް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ އެމެރިކާ ސިފައިން އީރާނަށް ބޮން އަޅާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުކުރު ދުވަހުގެ ފަތިހު ބުނި ގޮތުގައި، އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށާއި، ޑްރޯން ރައްކާކުރާ ތަންތަނަށާއި، މުއާސަލާތީ ނެޓްވޯކްތަކުގެ އިތުރުން އައްސޭރިފަށުގެ ސަވައިލަންސް ސައިޓްތަކަށާއި ކަނޑުގެ އަސްކަރީ ގާބިލުކަން ހުރި ތަންތަނަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ހަމަލާތަކުގެ މަގްސަދަކީ އީރާނު ޒިންމާދާރު ކުރުވުމާއި، ވިޔަފާރި އުޅަނދުފަހަރަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ކުރިމަތިކުރާ ނުރައްކާތައް ކުޑަކުރުމެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ފަހަކަށް އައިސް ހަމަލާތަކެއް ދީފައިވީ ނަމަވެސް، ހުރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ ދަތުރުފަތުރު ކުރުމަށް ހުޅުވާލެވިފައި ކަމަށް އެމެރިކާއިން ބުނެ އެވެ. އަދި އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ވިޔަފާރި އުޅަނދުފަހަރު އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރަމުންދާކަން ވެސް އެމެރިކާގެ އަސްކަރިއްޔާއިން ފާހަގަކުރި އެވެ.
އީރާނުގެ ހޫޒިސްތާން ޕްރޮވިންސްގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، އެމެރިކާގެ މިސައިލް ހަމަލާތައް އަންދިމޭޝްކް އަދި އޮމިދިޔޭ ސިޓީއަށް އަމާޒުވެފައިވާ ކަމަށް އީރާނުގެ މެހެރް ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.
އީރާނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާތަކުގައި ދެ މީހަކު ޒަހަމްވެފައިވާ ކަމަށް އީރާނުގެ ފާރްސް ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން ތެހެރާނާ ދެކޮޅަށް ބޭނުންކުރާ ބަސްމަގު ހަރުކަށި ކުރައްވާފައެވެ. ކުވެއިތުގެ މުއާސަލާތީ ޓަވަރަކަށް ހަމަލާދިނުން ހިމެނޭހެން، ގަލްފް ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން، އީރާނަށް މިހާތަނަށް ދޭ އެންމެ ވަރުގަދަ ހަމަލާތައް ދީފާނެ ކަމަށް އެމެރިކާގެ ނިއުސް ވެބްސައިޓެއް ކަމަށްވާ "އެކްސިއޯސް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
މީގެ ކުރިން ދުވަހަކުވެސް ނުދޭ ފަދަ "ބޮޑު ހަމަލާއެއް" ދިނުމަށް ވިސްނަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑު މިހުރީ ގޮތެއް ނިންމުމާ ވަރަށް ގާތުގައި. އަޅުގަނޑުމެން މިތިބީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން،" ކަމަށެވެ.
ހުކުރު ދުވަހުގެ ފަތިހު އަހްވާޒަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި އީރާނުގެ ހަތަރު މީހަކު ޝަހީދުވެ، ފަސް މީހަކު ޒަޚަމްވި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަހްވާޒް ސިޓީގެ ބޭރު ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން މި ހަމަލާތަކުގައި ހަތަރު ރައްޔިތަކު ޝަހީދުވެ، އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ޚޫޒެސްތާން ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޚޫޒެސްތާން ޕްރޮވިންސްގެ ސަލާމަތީ ކަންކަމާ ބެހޭ ޑެޕިއުޓީ ގަވަރުނަރު ވަލީއުﷲ ހަޔާތީ ވިދާޅުވި ގޮތުގައި، ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ގައުމުގެ ހުޅަނގު ދެކުނު ޕްރޮވިންސްގެ ވެރިރަށް އަހްވާޒް ކައިރީގައިވާ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަނީ މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މި ހާދިސާ ހިނގި ސަރަހައްދަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މެޑިކަލް ޓީމުތައް ވަގުތުން ގޮސްފައިވާއިރު، އަނިޔާވި މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަދި އެމެރިކާގެ މި ދުޝްމަން އަމަލުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލު ބަލައި ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
މިއީ އީރާނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ހިންގަމުންދާ ފިނޑި އުދުވާނީ ކެމްޕޭނުގެ ބައެއް ކަމަށް ތެހެރާނުން ސިފަކުރެ އެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވީ، އެމެރިކާއިން ކުރިމަތިކުރާ ކޮންމެ ދުޝްމަން އަމަލަކަށް ވަރުގަދަ އަދި ހަރުދަނާ ރައްދުދިނުމަށް އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. ގައުމުގެ ދިފާއުގައި ސާބިތުކަމާއެކު ގުރުބާނީތަކެއް ވަމުންދާ ޚޫޒެސްތާންގެ ރައްޔިތުން ވަނީ، ބޭރުގެ އުދުވާންތަކާ ދެކޮޅަށް އެމީހުންގެ ސާބިތުކަން އަނެއްކާވެސް ދައްކުވައިދީފައި ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުތަކުގައިވެ އެވެ.
އީރާނުގެ އޮފިޝަލުން ވައުދުވެވަޑައިގެންފައިވަނީ، ޝަހީދުވި މީހުންގެ ލޭގެ ސަބަބުން، މިނިވަންކަމާއި އިސްލާމްދީނުގެ ދުޝްމަނުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް އީރާނުގެ ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.










