އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
އީރާނުގެ އަސްކަރީ މަރުކަޒުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައި. މި ހަމަލާތަކަކީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމަށް ދިން ހަމަލާތަކެއް ކަމަށް އެމެރިކާގެ ސެންޓްކޮމްއިން ބުނުމުގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ 50،000 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުން.
އެމެރިކާއިން އީރާނާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދަށް ހަމަލާދޭ މަންޒަރު | ސޯޝަލް މީޑިއާ
ބުދަ ދުވަހުގެ ރޭ އީރާނުގެ އެކި ޕްރޮވިންސްތަކުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، މީގެ ތެރޭގައި އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ ހޫޒެސްތާން ޕްރޮވިންސް ބޮޑަށް ހިމެނެ އެވެ.
އީރާނުގެ ބައެއް ސިޓީތަކުން ގޮވުންތަކުގެ ރިޕޯޓުތައް ލިބެމުންދާއިރު، އޭގެ ތެރޭގައި ތާރު ރައްކާކުރާ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާ ރާމްޝީރުގެ އިތުރުން އަހްވާޒް، މަހްޝަހްރު އަދި އަންދިމޭޝްކް ހިމެނެ އެވެ.
އެންމެ ފާހަގަކޮށްލެވޭ ގޮތުގައި، އިރާގު ބޯޑަރު ކައިރީގައި އޮންނަ ޝަލަމްޗޭގެ ފަސިންޖަރުން ބޭނުންކުރާ ސްޓޭޝަނެއްގެ ކައިރިން ވަނީ ގޮވުންތަކެއް ރިޕޯޓުކޮށްފަ އެވެ. އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން އަލްޖަޒީރާ އަށް މައުލޫމާތުދޭ ގޮތުގައި، މި ހަމަލާތަކުގައި މަދުވެގެން ދެ މީހަކު މަރުވެ، 11 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
އިރާގު ބޯޑަރު ކައިރީގައި އޮންނަ ޝަލަމްޗޭގެ ފަސިންޖަރުން ބޭނުންކުރާ ސްޓޭޝަނެއްގެ ކައިރިއަށް ދިން ހަމަލާ
ވޭތުވެދިޔަ މަދު ހަފުތާތަކުގެ ތެރޭގައި އީރާނުން މަދުވެގެން އަށް މީހަކު މަރުވެފައިވާކަން އެނގިފައިވާއިރު، އެމެރިކާއިން އަލުން ފެށި މި ވައިގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު މަދުވެގެން 10 އަށް އަރާފައިވާ ކަމަށް މިހާރު ބެލެވެ އެވެ.
ހުރްމުޒްގާން ޕްރޮވިންސްގެ ސީރިކް އަދި އެންމެ ފަހުން ޖާސްކް ސިޓީން ވެސް ވަނީ ގޮވުންތަކުގެ ރިޕޯޓުތައް ލިބިފަ އެވެ. މި ސިޓީތަކަކީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާއި ބާރު އޮތް ކަމަށް އީރާނުން ބުނަމުންދާ ސަރަހައްދު ބަލަހައްޓާ މުހިންމު މަރުކަޒުތަކެވެ.
މީގެ އިތުރުން ބޫޝެހްރުން ވެސް ދެ ގޮވުމެއްގެ ރިޕޯޓު ލިބިފައިވެ އެވެ. އޭގެ ތެރެއިން އެއް ގޮވުން ރޭގަނޑުގެ ކުރީކޮޅު އިވިފައިވާއިރު، ދެވަނަ ގޮވުމުގެ އަޑު އިވިފައިވަނީ އޭގެ ފަހުންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އާންމު ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުގެ ގާބިލުކަން އިތުރަށް ނައްތާލުމަށްޓަކައި، އެމެރިކާއިން ވަނީ އާ ބުރުގެ ހަމަލާތަކެއް ފުރިހަމަކޮށްފަ އެވެ.
ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންމެ ފަހުން ދިން މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން ކަނޑުގެ ބާރުތަކާއި، މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކާއި، އައްސޭރިފަށުގެ ސަވައިލަންސް ސައިޓުތަކުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށްފައިވާނެ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހިނގާ މަހުގެ ތެރޭގައި އެމެރިކާގެ ސިފައިން އީރާނުގެ އެއްގަމު އަސްކަރީ އެތައް މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށާއި، ހަމައެއާއެކު ކަނޑުގެ މަގުން ބްލޮކޭޑެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އަދި މިއަދާ ހަމައަށް ސެންޓްކޮމް އިން ވަނީ އީރާނުގެ ބަނދަރުތަކަށް ވަނުމާއި ނުކުތުން ހުއްޓުވުމުގެ ގޮތުން މުދާ އުފުލާ ނުވަ އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، އެއް އުޅަނދު ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
"މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ 50،000 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުން. އަދި އެ ސިފައިން ތިބީ ނުހަނު ސަމާލުކަމާއެކު، އަމާޒަށް ވާސިލުވުމަށް ތައްޔާރަށް،" ސެންޓްކޮމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.










