އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
އީރާނުގެ އާންމު ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ވަރުގަދަ އަސްކަރީ ހަމަލާތަކުން ބޭނުންވާ މަގްސަދު ހާސިލްނުވާނެކަމަށް ސީއައިއޭގެ ރިޕޯޓަކުން ދައްކައިފި. މި ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު އުފުލި އެމެރިކާގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރަމުންދާއިރު، އީރާނުގެ އަސްކަރީ ގާބިލްކަމަށް ބޮޑު ބަދަލެއް ނާންނަކަން އިންޓެލިޖެންސް ރިޕޯޓްތަކުން ހާމަވޭ.

އީރާނުގެ ދެކުނުގެ ހުރްމުޒްގާން ޕްރޮވިންސަށް އެމެރިކާއިން ޖުލައި 17، 2026 ގައި ދިން ވައިގެ ހަމަލާތަކާ ގުޅިގެން، ކޯރުގެ ތެރެއަށް ވެއްޓި ހަލާކުވެފައިވާ ފާލަމެއް ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަމަލާތަކުން، ވައިޓް ހައުސްއިން ބޭނުންވާ އެއްވެސް މަގްސަދެއް ހާސިލްވުމުގެ ފުރުސަތު ކުޑަކަމަށް އެމެރިކާގެ އިންޓެލިޖެންސްގެ އާ ރިޕޯޓަކުން ދައްކައިފި އެވެ. މިއީ ހަނގުރާމައާ ގުޅޭގޮތުން ވޮޝިންޓަނުން ދައްކަމުން އައި ވާހަކަތަކަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މައިގަނޑު ގޮތެއްގައި ސީއައިއޭއިން ތައްޔާރުކޮށްފައިވާ މި އެސެސްމަންޓުގައި އެއްބަސްވެފައިވަނީ، އެމެރިކާއިން މެދުނުކެނޑި ދެމުންދާ ވައިގެ ހަމަލާތަކާއެކުވެސް، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ގައުމީ ސިޔާދަތީ ހައްގުތަކާއި، އަދި އިސްތިރާތީޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގައި އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
މި ހޯދުންތައް އާންމުވެފައި މިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް އިސްނަންގަވައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިކަން އިއުލާނުކުރެއްވި ފަހުން، އެމެރިކާއިން މެދުނުކެނޑި 11 ވަނަ ރޭ އީރާނަށް ބޮން އަޅަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އީރާނުގެ ގިނަ ބަޔަކު މަރުވެފައިވާއިރު، މިދިޔަ ހަފުތާ ބަންދުގައި އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާގެ ތިން ސިފައިން ވެސް ވަނީ މަރުވެފަ އެވެ. އެމެރިކާގެ ސިފައިން ދަނީ އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި ސިވިލް އިންފްރާސްޓްރަކްޗާ ނުވަތަ އާންމު ބޭނުންތަކަށް ބޭނުންކުރާ ބްރިޖްތަކާއި، ރޭލު ދަގަނޑުތަކާއި، އަދި ކަރަންޓު އުފައްދާ މަރުކަޒުތައް ހިމެނޭހެން އެތައް ސަތޭކަ ތަނަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.
މި ހަނގުރާމަ މިހާރު ވަނީ ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވާން ފަށާފަ އެވެ. އެގޮތުން ޔަމަނުން ވަނީ ރަތްކަނޑުގެ ދޮރާށި ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފަ އެވެ.
އިސްތިރާތީޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ ރިޒާވްގައި ހުރި ސާފުނުކުރާ ތެލުގެ މިންވަރު 1983 ވަނަ އަހަރަށް ފަހު އެންމެ ދަށަށް ގޮސްފައިވާއިރު، އެމެރިކާގެ ބާޒާރުގައި ތެޔޮ ގުލަންލެއްގެ އަގު ވަނީ އެވްރެޖްކޮށް 4 ޑޮލަރަށްވުރެ މައްޗަށް އުފުލިފަ އެވެ.
އަންގާރަ ދުވަހު ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ރައީސް ޓްރަމްޕް ވަނީ އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އަލުން ދެއްވާފަ އެވެ.
ފާއިތުވި ދުވަސްތަކުގައި ޓްރަމްޕް ވަނީ އީރާނުގެ ހުރިހާ ކަރަންޓު އުފައްދާ މަރުކަޒުތަކާއި، ބްރިޖްތަކާއި، އަދި ހަކަތައާ ގުޅޭ އިންފްރާސްޓްރަކްޗާތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފަ އެވެ.
ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާ ސިފައިން ވަނީ އީރާނުގެ އެކި ޕްރޮވިންސްތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތަކެއްގެ އާ ބުރެއް ފަށާފަ އެވެ. އީރާނުގެ ރަސްމީ ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާތައް އަމާޒުވެފައިވަނީ ގައުމުގެ އެކި ސަރަހައްދުތަކަށެވެ.
އީރާނުން ވަނީ މި ހަމަލާތަކަށް ރައްދުދީ، އުރުދުން އާއި ޕާޝިއަން ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އީރާނުން ދިން މި ރައްދު ހަމަލާތަކުގައި، ވަކިން ހާއްސަކޮށް އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ސީއައިއޭގެ އެސެސްމަންޓުން ހާމަވާ ގޮތުގައި، ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑު "ދަތި ހާލަތަކަށް" ވެއްޓިފަ އެވެ.
ނޭޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑެޕިއުޓީ އޮފިސަރު ޖޮނަތަން ޕެނިކޯފް، ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ސަރުކާރުގެ ސްޓްރެޓެޖީއާ މެދު ސުވާލު އުފައްދަވަމުން ވިދާޅުވީ، އީރާނަށް އަސްކަރީ ގޮތުން ދޭ ހަމަލާތައް ވަރުގަދަކުރަމުން ދިޔުމުން ތެހެރާނުން ދޫދޭނެ ކަމަށް ޓްރަމްޕްގެ ސަރުކާރަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ނުބައި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިން ނަމަވެސް، އީރާނަށް އޭގެ ސަބަބުން "ބޮޑު އަސަރެއް ކުރުމަކީ ނާދިރު ކަމެކެވެ."
ސީއެންއެންއިން ހަވާލާދީފައިވާ އޭޕްރީލް މަހުގެ އިންޓެލިޖެންސް ރިޕޯޓްތަކެއް ބުނާގޮތުން، އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކާއެކުވެސް، އީރާނުގެ މިސައިލް ފޮނުވުމުގެ ގާބިލްކަން އަދިވެސް ވަރަށް ވަރުގަދަ އެވެ. އަދި އީރާނުގެ ސިފައިން ތިބީ މުޅި ސަރަހައްދު އެކަމެއްގެ ތެރެއަށް ގެނބިގެންދާނެ ފަދަ ބޮޑު ހަމަލާއެއް ދިނުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް މަސްދަރުތަކުން ބުނެ އެވެ.










