އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026 | ބުރާސްފަތި 12:40އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ ބޭސްތަކަށް މިސައިލުން ހަމަލާދީ ބަދަލުހިފާފައި. މި ކުރިމަތިލުންތަކާއެކު ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއްގައި ރޯވެފައިވާއިރު، ޔަމަނުގެ ހޫޘީން ވެސް ވަނީ ރަތްކަނޑުގައި ދަތުރުކުރި ސައުދީގެ ދެ އުޅަނދަކަށް ހަމަލާދީފައި.
އިރާނުގެ ކަނޑުގެ އަސްކަރީ ގާބިލުކަމާއި، މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކުގެ އިތުރުން، އައްސޭރިފަށުގެ ސަވައިލަންސް ސައިޓުތަކާއި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން ޖެހިޖެހިގެން 12 ވަނަ ރެޔަށް ދިން ހަމަލާތައް ނިންމާލައިފި ކަމަށް ވަނީ ބުނެފައި | ސެންޓްކޮމް
ޖެހިޖެހިގެން 12 ވަނަ ރެއަށް ބުރާސްފަތި ދުވަހުގެ ފަތިހު ވެސް އެމެރިކާއިން އީރާނަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ މީގެ ބަދަލުހިފުމުގެ ގޮތުން ގަލްފް ސަރަހައްދުގެ އެކި އަމާޒުތަކަށް، ހާއްސަކޮށް ކުވެއިތާއި އުރުދުންގައި ހުރި ތަންތަނަށް ހަމަލާދީފަ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، އޯމާންގެ އައްސޭރިފަށުން ދެކުނު މަގުން ދަތުރުކުރަން އުޅުނު ތެޔޮ ޓޭންކަރެއްގައި ގޮވުމެއް ގޮވައި، ހުރްމުޒް ކަނޑުއޮޅީގައި އެ އުޅަނދުގައި ވަނީ އަލިފާން ރޯވެފަ އެވެ.
ބުދަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ހުލާސާއެއް ތިރީގައި އެވަނީ އެވެ.
އެމެރިކާއިން އީރާނަށް ހަމަލާދިނީ ކޮން ތަންތަނަކަށް؟
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އީރާނަށް އަމާޒުކޮށް ދިން އެންމެ ފަހުގެ ހަމަލާތައް ބުރާސްފަތި ދުވަހުގެ ގްރީނިޗް މީން ޓައިމްއިން 02:30 ގައި ވަނީ ނިންމާލާފަ އެވެ.
މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ކަނޑުގެ އަސްކަރީ ގާބިލުކަން އިތުރުކުރާ ވަސީލަތްތަކާއި، މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކާއި، އައްސޭރިފަށް ބަލަހައްޓާ މަރުކަޒުތަކުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް ހިމެނޭ ކަމަށް ސެންޓްކޮމްއިން ބުންޏެވެ. ނަމަވެސް އީރާނުގެ ކޮން ސަރަހައްދުތަކަކަށް ކަމެއް ސެންޓްކޮމްއިން ހާމައެއް ނުކުރެ އެވެ.
އީރާނުގެ މެހެރް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ އޮފިޝަލަކު ވިދާޅުވީ، އިރާގު ބޯޑަރު ކައިރީގައި އޮންނަ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޝަލަމްޗޭގެ ޕަސިންޖަރު ޓާމިނަލް ހިމެނޭ ސަރަހައްދަށް އެމެރިކާގެ މިސައިލްތައް އަރާފައިވާ ކަމަށެވެ. އީރާނުގެ ޚޫޒިސްތާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު އެ ގައުމުގެ ދައުލަތުގެ މީޑިއާ، އައި.އާރު.އައި.ބީ އަށް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވި ގޮތުގައި މި ހަމަލާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން 11 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އީރާނުގެ ވެރިރަށް ތެހެރާނުން އަލްޖަޒީރާގެ ރިޕޯޓަރު ރިޕޯޓުކުރި ގޮތުގައި، ރޭގަނޑު ދިން ހަމަލާތައް އަމާޒުވީ ހުޅަނގު ދެކުނު ޚޫޒިސްތާން ޕްރޮވިންސްގެ މަދުވެގެން ތިން ސިޓީއަކަށެވެ. މީގެ ތެރޭގައި ރާމްޝީރު ސިޓީގައި ހުރި ތާރު އުފައްދާ ކާރުޚާނާއެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހުރްމުޒް ކަނޑުއޮޅިއަށް ފެންނަ ހިސާބުގައި އޮންނަ ހުރްމުޒްގާން ޕްރޮވިންސްގެ ސިރީކް ސިޓީން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓުކުރި އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ބޫޝެހްރުގައި ހުންނަ ނިއުކްލިއާ ޕަވަރ ޕްލާންޓް ކައިރީގައި ހުރި ކަރަންޓު ސަބްސްޓޭޝަނަކަށް ރޭގަނޑު ހަމަލާދީފައިވާކަން އެ ސިޓީގެ ގަވަރުނަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މި ހަމަލާއާ ގުޅިގެން އެ ސިޓީން މަދު ގަޑިއިރުތަކަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ.
އައި.އާރު.އައި.ބީ އިން ރިޕޯޓުކުރި ގޮތުގައި އީރާނުގެ ޖާސްކް ސިޓީން ވެސް ގޮވުންތަކުގެ އަޑު ވަނީ އިވިފަ އެވެ.
ތަސްނީމް ނިއުސް އެޖެންސީން ބުނީ އެންޑިމޭޝްކް ސިޓީގެ ބޭރު ސަރަހައްދަކަށް އެމެރިކާގެ މިސައިލެއް އަރާފައިވާ ކަމަށެވެ.
އީރާނުގެ ހުރްމުޒްގާންގެ ޕޯޓްސް އެންޑް މެރިޓައިމް އެޑްމިނިސްޓްރޭޝަނާ ހަވާލާދީ އިސްނާ (ISNA) ނިއުސް އެޖެންސީން ބުނި ގޮތުގައި، އެމެރިކާއިން ދިން ހަމަލާތަކުގައި ކަނޑުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓާ އަދި މީހުން ސަލާމަތްކުރާ ދެ އުޅަނދަކަށް ހަމަލާ އަރައި، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އީރާނުން ބަދަލުހިފީ ކޮން ތަންތަނަކަށް؟
ކުވެއިތު: އީރާނުގެ އައި.އާރު.ޖީ.ސީ އިން ބުރާސްފަތި ދުވަހު ވަނީ ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި، އަލީ އަލް ސާލިމް އެއާބޭސްގައި ހުރި އަސްކަރީ ސާމާނު ރައްކާކުރާ ބޮޑު ގުދަނަކަށާއި، ޕެޓްރިއަޓް މިސައިލް ދިފާއީ ނިޒާމަކަށާއި، އެމެރިކާގެ އެމް.ކިއު-9 (MQ9) ޑްރޯންތައް ބަހައްޓާ ހޭންގަރަކަށް ހަމަލާދީ ވަނީ ހަލާކުކޮށްލާފަ އެވެ.
ކުވެއިތުގެ ރައްޔިތުންނާ މުޚާތަބުކޮށް އައި.އާރު.ޖީ.ސީ އިން ބުނީ، ކުވެއިތުގެ ސަރަހައްދީ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތީ އީރާނުން ނޫން ކަމަށާއި، އެކަން ކުރީ އެމެރިކާ ކަމަށެވެ.
އީރާނުން ބުނި ގޮތުގައި އެމީހުން ހަމަލާދިނީ އެމެރިކާގެ ބޭސްތަކަށެވެ. އެއީ ކުވެއިތުގެ ބޯޑަރު ގާޑުންގެ ބާރުގެ ދަށުގައި ނެތް، އެމެރިކާގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކެއް ކަމަށް އީރާނުން ސިފަކުރި އެވެ.
"ތިޔަ ގައުމުގެ ސަރަހައްދީ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތީ އެމެރިކާ، އަހަރެމެންނެއް ނޫން. އަހަރެމެން ހަމަލާ މިދެނީ އެމެރިކާގެ ސިފައިން ހިސާރުކޮށްފައިވާ ބިންތަކަށް. އެއީ ކުށްކުރުން ފިޔަވައި އެހެން ކަމެއް ނުދަންނަ ސިފައިންގެ ބައެއް،" އައި.އާރު.ޖީ.ސީ އިން ބުންޏެވެ.
އުރުދުން: ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި އައި.އާރު.ޖީ.ސީ އިން ވަނީ އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެމެރިކާގެ ތާޑް (THAAD) މިސައިލް ދިފާއީ ނިޒާމުގެ ރާޑަރަކަށް ވަރުގަދަ ހަމަލާތަކެއްދީ ހަލާކުކޮށްލާފައިވާ ކަމަށް ބުންޏެވެ.
"ޕޭޓްރިއަޓް ނިޒާމަކަށާއި ސީ-ރޭމް (C-RAM) ރާޑަރަކަށް ވެސް އަމާޒުކޮށް ހަމަލާދީ ވަނީ ހަލާކުކޮށްލާފައި. އަދި އެމެރިކާގެ ބޭސްގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނުގައި ވަނީ އަލިފާން ރޯކޮށްލާފައި،" އައި.އާރު.ޖީ.ސީ އިން ބުންޏެވެ.
މީގެ އިތުރުން ހެލިކޮޕްޓަރުގެ ސާމާނު ރައްކާކުރާ ބޮޑު ގުދަނަކާއި، ހެލިކޮޕްޓަރު މަރާމާތުކުރާ ތަނެއްގައި ވެސް އަލިފާން ރޯކޮށްލައި، އެ ތަންތަން ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުންޏެވެ.
އުރުދުންގެ ރައްޔިތުންނާ މުޚާތަބުކޮށް އީރާނުން ބުނީ، މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ނޫން ކަމަށެވެ. އެމެރިކާގެ ސިފައިން އެ ގައުމުގައި ތިބުމަކީ އުރުދުންގެ އަމިއްލަ ބާރުވެރިކަމަށް އޮތް ހުރަހެއް ކަމަށާއި، އެމެރިކާ ސިފައިންނަށް ހަމަލާދިނުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް އީރާނުން ވަކާލާތުކުރި އެވެ.
ހުރްމުޒް ކަނޑުއޮޅިއާއި ރަތްކަނޑުގައި ހިނގީ ކޮން ކަމެއް؟
އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި ހުރްމުޒް ކަނޑުއޮޅީގައި ގޮވުމެއް ގޮވައި، ތެޔޮ ޓޭންކަރެއްގައި ވަނީ އަލިފާން ރޯވެފަ އެވެ.
އީރާނުގެ މީޑިއާތަކުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ ގޮވުމާއެކު އެ ސަރަހައްދުގައި ދަތުރުކުރި އެހެން ދެ އުޅަނދެއް ވަރަށް އަވަހަށް އެނބުރި ގޮސްފައިވާ ކަމަށެވެ.
އައި.އާރު.ޖީ.ސީ އިން ތުހުމަތުކުރި ގޮތުގައި އެ ތިން އުޅަނދަކީ ވެސް އެމެރިކާގެ އެންގުމަށް، ހުރްމުޒް ކަނޑުއޮޅީގެ ދެކުނުން މައިން ވަޅުލާފައިވާ ސަރަހައްދުން ދަތުރުކުރަން އުޅުނު އުޅަނދުތަކެކެވެ.
"އައި.އާރު.ޖީ.ސީގެ ވަރުގަދަ ކަނޑުގެ އަސްކަރިއްޔާއިން ބާރުލައި މި ބުނަނީ، ހުރްމުޒް ކަނޑުއޮޅި އޮތީ އަހަރެމެންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް. އަދި މި ސަރަހައްދުގައި އެމެރިކާގެ ނުބައި އަމަލުތައް ކުރިއަށްދާހާ ހިނދަކު، މި ކަނޑުއޮޅި އޮންނާނީ މުޅިން ބަންދުކޮށްފައި. އެއްވެސް ތެޔޮ ޓޭންކަރަކަށް މިތަނަށް ނުވަދެވޭނެ، އަދި ނުވެސް ނުކުމެވޭނެ،" އީރާނުން އިންޒާރު ދިނެވެ. "އެމެރިކާގެ މަޅީގައި ޖެހިގެން، އީރާނާ ކޯޑިނޭޓް ކުރުމެއް ނެތި މިތަނުން ދަތުރުކުރަން އުޅޭ ކޮންމެ އުޅަނދަކަށް ވެސް ޖެހޭނީ ހަމަ މި ހާލު."
ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ބުނި ގޮތުގައި، ސައުދީ އަރަބިއްޔާގެ އައްސޭރިފަށުން 70 ނޯޓިކަލް މޭލު (130 ކިލޯމީޓަރު) ބޭރުން އުޅަނދަކަށް ހަމަލާދީ، އޭގައި ވަނީ އަލިފާން ރޯވެފަ އެވެ. ނަމަވެސް އުޅަނދުގެ ފަޅުވެރިއަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.
މި ދަނޑިވަޅުގައި ހޫޘީން ވަނީ ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ ސައުދީގެ ދެ ތެޔޮ ޓޭންކަރެއް ކަމަށްވާ "އެންސެލިއާ" އާއި "ލައިލާ" އަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ. ސައުދީގެ އެސް.ޕީ.އޭ (SPA) ނިއުސް އެޖެންސީން ވަނީ އެންސެލިއާ އަށް ހަމަލާ އަރާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ހޫޘީން ބުނި ގޮތުގައި އެ ދެ ޓޭންކަރަށް ހަމަލާދިނީ ކްރޫޒް މިސައިލާއި، ބެލިސްޓިކް މިސައިލްގެ އިތުރުން ޑްރޯން ބޭނުންކޮށްގެންނެވެ. މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ގޮވުންތައް ގޮވައި، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ހޫޘީން މި ހަމަލާ ސިފަކުރީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފަށާފައިވާ "ބަދަލުހިފުމުގެ" ކެމްޕޭނެއްގެ ގޮތުގަ އެވެ. އެމީހުން މި ކެމްޕޭނަށް ކިޔަނީ "ހިސާރުގެ ބަދަލުގައި ހިސާރު" އެވެ. ހޫޘީން ބުނާ ގޮތުގައި ސައުދީން ޔަމަނުގެ ރައްޔިތުން ހިސާރުކޮށްގެން އުޅޭތާ 12 އަހަރު ވެއްޖެ ކަމަށާއި، މިހާރު މިއީ ޔަމަނާއި ހޫޘީން އޭގެ ބަދަލުހިފަންވީ ވަގުތު ކަމަށެވެ. ނަމަވެސް، ޔަމަނު ހިސާރުކޮށްފައިވާ ކަމަށް ބުނެ ހޫޘީން ކުރާ ތުހުމަތުތައް ރިޔާޟުން ވަނީ ދޮގުކޮށްފަ އެވެ.










