އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026 | ބުރާސްފަތި 16:15އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، އެ ގައުމުގެ އަސްކަރިއްޔާއިން ބަދަލުހިފުމުގެ އާ އުސޫލުތަކެއް ކަނޑައަޅައިފި. އީރާނުގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ، މުޅިން ތަފާތު ގޮތަކަށް ރައްދުދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފައި.

އީރާނުގެ ކަނޑުގެ ސިފައިން ކުރިއަށް ގެންދިޔަ "ސްމާޓް ކޮންޓްރޯލް އޮފް ދަ ސްޓްރެއިޓް އޮފް ހުރްމުޒް" ތަމްރީނުގައި އީރާނުގެ ސިފައިން މިސައިލެއް ފޮނުވާލަނީ. މި ތަމްރީންތައް އޮތީ 2026 ފެބްރުއަރީ 16 ގައި ޕާޝިއަން ގަލްފާއި ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި. | ގެޓީ އިމޭޖަސް
އީރާނުގެ މައްޗަށް އެމެރިކާއިން ހިންގަމުންދާ ޖަރީމާތަކާއި އުދުވާނީ ހަމަލާތައް ކުރިއަށްގެންދާނަމަ، އީރާނުގެ އަސްކަރިއްޔާއިން "އާ ސިނާރިއޯތަކެއް" ނުވަތަ އާ އުސޫލުތަކެއް އިޚްތިޔާރު ކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.
އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު އަކްރަމީނިއާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު "ޑެފާޕްރެސް" ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މިހެން އޭނާ ވިދާޅުވީ އީރާނުގެ ބްރިޖްތަކާއި އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވަމުން ގެންދަވާ އިންޒާރުތައް ވަރުގަދަ ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އަކްރަމީނިއާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމާ ގުޅިގެން ހަނގުރާމަ މިހާރު އާ މަރުހަލާއަކަށް ވަދެފައިވާ ކަމަށެވެ. އަދި ދުޝްމަނުން އީރާނުގެ އުމްރާނީ ވަސީލަތްތަކަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ހަމަލާދޭނަމަ، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ބަދަލުހިފުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް އަބަދު ކަންތައް ނުކުރެވޭނެކަން އެމެރިކާ މީހުން ދަންނަންޖެހޭނެ. އަހަރެމެންގެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެމީހުން ހިންގާ ނުބައި އަމަލުތައް ހުއްޓާނުލައިފިނަމަ، އަހަރެމެން އާ ފިޔަވަޅުތަކެއް އަޅާނަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
"އާ ސިނާރިއޯތަކެއް މިހާރު ވަނީ އެކުލަވާލެވި، އެކަމަށް ތައްޔާރުވެފައި. ދުޝްމަނުން މި ހަނގުރާމަ ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި، މުޅިން ތަފާތު ގޮތަކަށް އަހަރެމެން ރައްދު ދޭނަން."
އަސްކަރިއްޔާގެ ވައިގެ ބާރުތަކާއި އެއާ ޑިފެންސް ފޯސްތަކުން، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގެ ބޭނުން ހިފައި، ހަނގުރާމަ ކުރުމުގެ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އަދި ދުޝްމަނުންގެ ކޮންމެ އުދުވާނަކާ ކުރިމަތިލުމަށް ސިފައިންގެ ހިތްވަރާއި، އަޒުމް ވަރުގަދަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާނަށް އެއްގަމު މަގުން އަރައިގަނެފާނެ ކަމަށް ބެލެވޭ ފުރުސަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ދުޝްމަނުން ކޮށްފާނެ ކޮންމެ ކަމެއް ނުވަތަ އެއްވެސް ސިނާރިއޯއެއް އީރާނުން ދޫކޮށްނުލާނެ ކަމަށެވެ. އެހެންކަމުން، ދުޝްމަނުން ކުރިމަތިކޮށްފާނެ ކޮންމެ ހާލަތަކަށްވެސް އީރާނުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ދުޝްމަނުން އެއްގަމު މަގުން ހަމަލާއެއް ދީފިނަމަ، ވައިގެ މަގުން ނުވަތަ ދުރުންދޭ ހަމަލާތަކަށްވުރެ ބޮޑަށް އެމީހުންގެ ބަލިކަށިކަން ހާމަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ 12 ރޭ މެދުނުކެނޑި، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނަށް ނުރައްކާތެރި ވައިގެ ހަމަލާތަކެއް ދެމުންނެވެ. އަދި އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާދީ، އެމެރިކާއިން ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ.
މީގެ ރައްދުގައި، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަނީ ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ އިސްތިރާތީޖީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމަ ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް، އީރާނުން ދެއްކި ހިތްވަރުގަދަ ކުރިމަތިލުންތަކާއި، ބަދަލުހިފުމުގެ ކާމިޔާބު އޮޕަރޭޝަންތަކުގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުގަދަ ކޮންޓްރޯލްގެ ސަބަބުން، 40 ދުވަސް ފަހުން އޭޕްރީލް 8 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާކަން އެމެެރިކާ އިން އިއުލާނު ކުރި އެވެ.
ޖޫން މަހުގެ 17 ވަނަ ދުވަހު، ތެހެރާނާއި ވޮޝިންޓަނުން ވަނީ ޕާކިސްތާނު މެދުވެރިވެގެން، ހުރިހާ ދެކޮޅުވެރިކަމެއް ނިމުމަކަށް ގެނައުމަށާއި އިތުރު މަޝްވަރާތަކަށް މަގުފަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް، ވޮޝިންޓަނުން ވަނީ އެ ފަހުމުނާމާގެ ހުރިހާ މާއްދާތަކާ ޚިލާފުވެފައި ކަމަށް އީރާނުން ބުނެ އެވެ.










