ހޫޘީން ސައުދީ ޓާގެޓް ތަކަށް ހަމަލާދޭން ފަށައިފި، ތެޔޮޓޭންކަރަކަށް ހަމަލާދީ އަލިފާންރޯވިއްޖެ
ޔަމަނުގެ ހޫޘީން ރަތްކަނޑުގައި ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދީފި. ސައުދީން ޔަމަނަށް ކުރިމަތިކޮށްފައިވާ ހިސާރުގެ ބަދަލުހިފުމުގެ ގޮތުން ދިން މި ހަމަލާތަކާއެކު، ސައުދީއާ ގުޅުންހުރި އުޅަނދުތަކަށް ރަތްކަނޑުން ދަތުރުކުރުން މަނާކޮށްފައިވާކަން ހޫޘީން ވަނީ އިއުލާނުކޮށްފައި. ސައުދީން މިކަން އިތުރަށް ގޯސްކޮށްފިނަމަ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް އެ ޖަމާއަތުން ވަނީ ދީފައި.
ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ދިން ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓެއް ގޮވާ މަންޒަރު ފެންނަ ވީޑިއޯ ފޫޓޭޖް | ސޯޝަލް މީޑިއާ
ރަތްކަނޑުން ދަތުރުކުރި އުޅަނދަކަށް ދިން ހަމަލާތަކެއްގެ ސަބަބުން އެ އުޅަނދުގައި އަލިފާން ރޯވެފައިވާކަން ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފި އެވެ. އަދި މި ހާދިސާގައި އުޅަނދުގެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބި، އެންމެންގެ ސަލާމަތްތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޔަމަނުގެ އަންސާރުﷲ ނުވަތަ ހޫޘީންނެވެ. ހޫޘީން ވަނީ ރަތްކަނޑުގައި ދިން މި ހަމަލާތަކަކީ އެމީހުން ދިން ހަމަލާތަކެއް ކަމަށް ބުނެފަ އެވެ.
މިއީ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުން ހުރަސްތަކެއް ކުރިމަތިކުރާނެކަން އިއުލާނުކުރި ފަހުން، ހަނގުރާމަ ފުޅާވެގެން ގޮސް ފެނިގެންދިޔަ އެންމެ ނުރައްކާތެރި އެއް ކުރިމަތިލުމެވެ.
މި ހަމަލާތަކުގެ ސަބަބުން މިހާރުވެސް އަމަލީގޮތުން ބަންދުވެފައިވާ ހުރްމުޒް ކަނޑުއޮޅީގެ އިތުރުން، ހަކަތަ ސަޕްލައިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބާބުލް މަންދަބް ކަނޑުއޮޅިއަށްވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. ރަތްކަނޑުގައި ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބުނީ ސައުދީގެ އަމާޒުތަކަށް ދޭ ރައްދު ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށާއި، ސަންޢާގެ "ހިސާރުގެ ބަދަލުގައި ހިސާރު" ސިޔާސަތު ދަމަހައްޓާނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބުނެފައިވަނީ، މި އޮޕަރޭޝަނަކީ ސައުދީގެ ދުޝްމަނުން ވޭތުވެދިޔަ 12 އަހަރު ވަންދެން ޔަމަނުގެ ލޮބުވެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބޭއިންސާފު އަދި އަނިޔާވެރި ހިސާރު މުގުރާލުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އަދި މިއީ "ހިސާރުގެ ބަދަލުގައި ހިސާރު" ކުރުމުގެ އުސޫލު ކަށަވަރުކުރުމަށާއި، "ސައުދީ އާއި އެމެރިކާގެ ބޭއިންސާފާއި އަނިޔާވެރިކަމާ" ދެކޮޅަށް ތެދުވުމަށް ޔަމަނަށް ލިބިގެންވާ ހައްގުގެ ބޭނުން ހިފައި، އެ ގައުމުގެ މުއްސަނދިކަމާއި ގާނޫނީ ހައްގުތައް އަނބުރާ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން، މި އޮޕަރޭޝަންގައި އަމާޒުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ "އެންސެލިއާ" (ENCELIA) އަދި "ލައިލާ" (LAYLA) ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރަށެވެ. މި ދެ އުޅަނދަކީ ރަތްކަނޑުގައި ހޫޘީން ކަނޑައަޅާފައިވާ ބްލޮކޭޑާ ނުވަތަ ދަތުރުފަތުރު ހުރަސްކުރުމުގެ އަމުރާ ޚިލާފުވެފައިވާ ދެ އުޅަނދު ކަމަށް ޔަމަނުގެ ފައުޖުތަކުން ބުނެ އެވެ.
މި ހަމަލާތައް ދިނުމުގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލްގެ އިތުރުން ޑްރޯން ބޭނުންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން، މި ހަމަލާތަކަކީ ވަރަށް "ސީދާ" ހަމަލާތަކެއް ކަމަށާއި، އޭގެ ސަބަބުން ދެ އުޅަނދުގައިވެސް ބޮޑު އަލިފާންގަނޑެއް ރޯވިކަން އެ ފަރާތުން ފާހަގަކުރި އެވެ.
މި އޮޕަރޭޝަންގެ ތެރޭގައި ގާތްގަނޑަކަށް 10 އުޅަނދެއް ފަހަތަށް ޖެހި، އަނބުރާ ދިއުމަށް މަޖުބޫރުކުރުވާފައިވާ ކަމަށްވެސް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހާމަކުރި އެވެ.
ނަމަވެސް، އެއީ ކޮން ގައުމެއްގެ ނުވަތަ ކޮން ބާވަތެއްގެ އުޅަނދުތަކެއް ކަމެއް އަދި އެ އުޅަނދުތައް އަނބުރާ ދިޔަ ހާލަތާ ބެހޭ އިތުރު ތަފްސީލެއް އެ ބަޔާނުގައި ދީފައެއް ނުވެ އެވެ.
ސައުދީގެ "އިސްތިއުމާރީ" ފިޔަވަޅުތަކާ ދެކޮޅަށް ސަންޢާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ ސައުދީ އަރަބިއްޔާއިން ޔަމަނަށް ހަމަލާ ނުދިނުމަށް އިންޒާރު ދީފަ އެވެ.
"އަހަރެމެން ސައުދީގެ ދުޝްމަނުންނަށް ކަށަވަރުކޮށްދެނީ، އަހަރެމެންގެ ގައުމަށް އަމާޒުކޮށް ހިންގާ ކޮންމެ މޮޔަ އަމަލަކަށް ނުވަތަ އުދުވާނަކަށް، ސައުދީގެ އެތެރޭގެ އެންމެ ފުންމިނަށް އަމާޒުކޮށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުން ރައްދު ދޭނެ ކަމެވެ. އަދި އޭގެ ނަތީޖާ އެ ގައުމަށް ވަރަށް ހިތްދަތިވާނެ އެވެ." ހޫޘީންގެ ބަޔާނުގައިވެ އެވެ.
ޔަމަނުގެ ރައްޔިތުން އެ ގައުމުގެ ފައުޖުތަކަށް ތާއީދުކޮށް ބާއްވަމުންދާ މުޒާހަރާތަކަށް ތައުރީފުކުރަމުން، ސައުދީން ޔަމަނަށް ކުރިމަތިކޮށްފައިވާ ހިސާރު ނިމުމަކަށް ގެނައުމުގެ މަގްސަދު އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުން ދަތުރުފަތުރު ކުރުން މަނާކުރާ "މެރިޓައިމް ބްލޮކޭޑް" އެއް ޔަމަނުން އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ވިދާޅުވީ، ސައުދީއާ ގުޅުންހުރި ކަނޑުގެ ދަތުރުފަތުރުތައް މަނާކުރުމުގެ ނިންމުމަށް، އެ ބަޔާން ނެރުނު ވަގުތުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އަދި ސައުދީން މިކަން އިތުރަށް ގޯސްކޮށްފިނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ވެސް ބުނެފެފައިވެ އެވެ.










