ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި
23 ޖުލައި 2026 | ބުރާސްފަތި 08:00ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ކުށްވެރިކޮށް، ދިވެހި ސަރުކާރުން ސައުދީއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފި. ޔަމަނަށް ސުލްހަ ގެނައުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސައުދީން ކުރާ މަސައްކަތްތައް ބަލައިގަންނަކަން ފާހަގަކޮށް، ރާއްޖެއިން އަބަދުވެސް އޮންނާނީ ސައުދީއާ އެކުކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައި.

ޔަމަނުގެ ސަންޢާގައި ހުންނަ އަލް ސަބީން މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އީރާނަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހޫޘީން ނުރުހުން ފާޅު ކުރަނީ | ގެޓީ އިމޭޖަސް
ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ އަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި އެވެ.
ޔަމަނުގެ އަޚުވަންތަ ރައްޔިތުން ހިސާރުކުރަމުންދާ ކަމަށް ބުނެ، ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކުށްވެރިކޮށް، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށް ދިވެހިރާއްޖޭގެ ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފަ އެވެ.
ޔަމަނަށް ސުލްހަ މަސަލަސްކަން ގެނައުމަށާއި، އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާ ގުޅިގެން އަދި އދ. ގެ މަސައްކަތްތަކަށް އެއްބާރުލުން ދީގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މީގެ އިތުރުން، ތަރައްގީގެ އެހީތެރިކަމާއި އިންސާނީ އެހީގެ ޒަރީއާއިން ޔަމަނުގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަންވެސް ދިވެހިރާއްޖެއިން ފާހަގަކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާ އެކުކަން ތަކުރާރުކޮށް ހާމަކުރަމުން، ޔަމަނުގެ ސުލްހަ މަސަލަސްކަމާއި، އަމާންކަމާއި އަދި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން އަލުން ދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން މި ބަޔާން ނެރުނީ ޔަމަނުގެ ހޫޘީންނާއި ސައުދީ އަރަބިއްޔާ އާ ދެމެދު މަސްލަހަތު ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު ހޫޘީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީގެ ކުށްވެރި ސަރުކާރުން ޔަމަނާ ދެކޮޅަށް ހިންގާ އުދުވާންތަކާއި، އެ ގައުމު ހިސާރުކޮށްފައި އޮތް އޮތުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތަކާ ސައުދީން ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ރިޔާޟްގެ ސަރުކާރުން ޔަމަނުގެ ޖުމްހޫރިއްޔާއާ މެދު އަމަލުކުރަމުންދަނީ އެއީ ސައުދީގެ ބާރުގެ ދަށުގައި އޮތް އަދި އެ ގައުމުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ސަރަހައްދެއްގެ ގޮތުގައި ކަމަށްވެސް ހޫޘީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ޔަމަނުގެ މިނިވަންކަމާއި އިސްތިގުލާލާ މެދު ސައުދީން އިޚުލާސްތެރިވާނަމަ، އެ ގައުމުން ޔަމަނުން މުޅިން ވަކިވެ، ފައިބާނެކަން އިއުލާން ކުރީހެވެ. ނަމަވެސް، ކާބޯތަކެއްޗާއި ބޭސް ހިފައިގެން އަންނަ އުޅަނދުފަހަރު ޔަމަނުގެ ބަނދަރުތަކަށް ކައިރިކުރުމުގެ ހުއްދަ ދޭ ކޮންމެ ފަހަރަކު، ސައުދީގެ ކުށްވެރި ސަރުކާރުން އަހަރެމެންނާ މެދު އަމަލުކުރަނީ ވަރަށް ބޮޑާ އަދި ދަށު ދަރަޖައިގެ ގޮތަކަށެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ސައުދީން ހިންގި އުދުވާންތަކުގެ ސަބަބުން، ޔަމަނުގެ އެތައް ހާސް އާންމު ރައްޔިތުންނެއް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން މަރާލާފައިވާ މަރުތަކުގެ ހަނދާންތައް ޔަމަނުގެ ރައްޔިތުން ދުވަހަކުވެސް ފޮހެލާފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެކަން ހަނދާން ނައްތާނުލާނެ ކަމަށް ހޫޘީ ސަރުކާރުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު، ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ލިބޭ ހިދުމަތްތަކާއި އަމާންކަން، ޔަމަނުގެ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ލިބެންޖެހޭނެ ކަމަށާއި، ރަތްކަނޑުގެ އައްސޭރީގައިވާ ސައުދީގެ ޔަންބޫ އަދި ޖީޒާން ބަނދަރު ސިޓީތަކުގެ ހާލަތާއި ޔަމަނުގެ ހުދައިދާ ބަނދަރުގެ ހާލަތު އެއްވަރުވާން ޖެހޭނެކަން ސައުދީގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރަންޖެހޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ހޫޘީ ހަނގުރާމަވެރި ޖަމާއަތުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުރަސްކުރުމުގެ އަމުރެއް އިއުލާނުކުރި ފަހުން، ފުރަތަމަ ފަހަރަށް ރަތްކަނޑުން ދަތުރުކުރި ސައުދީގެ ތެޔޮ އުފުލާ ދެ އުޅަނދަކަށް ހަމަލާދީފި ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުދަ ދުވަހު ވިދާޅުވީ، ސައުދީގެ ދިދަ ނަގައިގެން ދަތުރުކުރި "އެންސީލިއާ" އަދި "ލައިލާ" ނަމަކަށް ކިޔާ ދެ އުޅަނދަށް ހަމަލާދީފައިވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ކަމަށެވެ. މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ބްލޮކޭޑް އިއުލާނުކުރި ފަހުން، މިހާތަނަށް ގާތްގަނޑަކަށް 10 އުޅަނދަކުން ދަތުރުކުރާ މަގު ބަދަލުކޮށްފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.









