ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ
23 ޖުލައި 2026 | ބުރާސްފަތި 10:35ރޫބިއޯ ވިދާޅުވި ގޮތުގައި ހޫޘީން އިން މި އަމަލުތައް ހިންގަން ފެށީ އީރާން އިން އެމީހުންނަށް ދަޅަ ދައްކައިގެން. އަދި ހޫޘީން އިން މިހާރު ކުރިއަށް ގެންދާ ހަމަލާތައް ހުއްޓާލައި، މަސްލަހަތު ފިނި ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާާކޯ ރޫބިއޯ | ގެޓީ އިމޭޖަސް
ޔަމަންގެ ހޫތީން އިން ރަތް ކަނޑުގައި އުޅަނދު ފަހަރަށް ހަމަލާ ދޭން ފަށާފައި ވަނީ އީރާންގެ މަޅީގައި ޖެހިގެން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސްގެ މެނީލާގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ސަމިޓުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ހޫޘީން މިހާތަނަށް ތިބީ ވަރަށް ބުއްދިވެރިކަމާ އެކު އެކަންކަމާ ދުރުގައި ކަމަށެވެ. ނަމަވެސް، މިހާރު އެމީހުން ވަނީ އީރާންގެ މަޅީގައި ޖެހި، ސައުދީ އަރަބިއްޔާ އާއި އެ ޤައުމުގެ އުޅަނދު ފަހަރަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ރޫބިއޯ ވިދާޅުވި ގޮތުގައި ހޫޘީން އިން މި އަމަލުތައް ހިންގަން ފެށީ އީރާން އިން އެމީހުންނަށް ދަޅަ ދައްކައިގެންނެވެ. އަދި ހޫޘީން އިން މިހާރު ކުރިއަށް ގެންދާ ހަމަލާތައް ހުއްޓާލައި، މަސްލަހަތު ފިނި ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ހޫޘީން އިން މިކަމުގެ ތެރެއަށް ވަދެފައި ވަނީ އީރާންގެ ނުފޫޒުގެ ދަށުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
ރަތް ކަނޑުން ދަތުރުކުރާ އުޅަނދު ފަހަރަށް ހޫޘީން އިން ދެމުންދާ ހަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރަށް ބޮޑެތި ހުރަސް ތަކެއް ކުރިމަތި ވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ އިސް އޮފިޝަލަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހޫނު ވެގެން ދާނެ ކަމަށް ބެލެވެ އެވެ.
މި ސަމިޓުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވަނީ ހޫޘީންގެ މި އަމަލު ތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވާފައި އެވެ. އަދި އީރާން އިން ހޫޘީން މެދުވެރިކޮށް ހިންގާ މިފަދަ އަމަލު ތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތަށް ނުރައްކާ ވަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މަސްދަރު: އޭއެފްޕީ










