ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟
ޔަމަނުގެ ހޫޘީން ސައުދީގެ ބަނދަރުތައް ބަންދުކުރާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ރަތްކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރުތަކުގެ މިސްރާބު ބަދަލުކުރަން ފެށުމުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މިކަމުގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ދިގު މަގުތައް އިޚްތިޔާރުކުރަން ޖެހި، މުދާ އުފުލުމުގެ ޚަރަދު ބޮޑުވެ ތެލުގެ އަގު އުފުލިދާނެކަމުގެ ބިރު ވަނީ ހީވެފައި.

މިޞްރުގައި އޮންނަ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ސުއޭޒް ކެނަލްއިން ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރަމުންދާއިރު، ކްރޫޒް ޝިޕެއް އެ ސަރަހައްދުން ދަތުރުކުރަނީ. | ގެޓީ އިމޭޖަސް
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ބަނދަރުތައް ބަންދުކުރާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން، އޭޝިއާއަށް ސައުދީ ސާފުނުކުރާ ތެޔޮ ހިފައިގެން ދަތުރުކުރި ދެ ޓޭންކަރެއް ރަތްކަނޑުން އަނބުރާލައިފި އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް މަގަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު މިވަނީ ބޮޑުވެފަ އެވެ.
ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކުރާ ކެޕްލަރ (Kpler) އިން ހާމަކުރި ގޮތުގައި، 'ރޯޑޯސް' އަދި 'ޒިން ލޯންގް ޔަންގް' ނަމަކަށް ކިޔާ މި ދެ އުޅަނދުގައި ސައުދީގެ ހުޅަނގު ބަނދަރެއް ކަމަށްވާ ޔަންބޫއިން ފުރުވައިލި އިރު ޖުމްލަ 2.8 މިލިއަން ފީފާ ތެޔޮ ހުއްޓެވެ. މި އުޅަނދުތައް ފުރަތަމަ ދަތުރުކުރީ ޔަމަނާއި އެފްރިކާގެ "ހޯން އޮފް އެފްރިކާ" ވަކިކޮށްދޭ ބާބުލް މަންދަބު ކަނޑުއޮޅިއާ ދިމާލަށެވެ. ނަމަވެސް، ފަހުން ވަނީ މިސްރާބު ބަދަލުކޮށް އުތުރަށް ދަތުރުކުރަން ފަށާފަ އެވެ.
މި އުޅަނދުތަކުގެ ހަރަކާތްތަކަކީ ހޫޘީންގެ އިންޒާރުގެ ސަބަބުން ސައުދީގެ ތެޔޮ އެކްސްޕޯޓަށް އަސަރުކުރަން ފެށިކަމުގެ ފުރަތަމަ ހެއްކެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ސައުދީގެ ހަކަތައިގެ ވިޔަފާރި ރައްކާތެރިކުރުމަށް ރިޔާޟުން ކުރަމުންދާ މަސައްކަތްތަކުގައި ހުރި ބަލިފައިތައް ވެސް މިކަމުން ހާމަވެ އެވެ.
މީގެ ކުރިން ހުރްމުޒް ކަނޑުއޮޅިއަށް ދިމާވާ ހުރަސްތަކުން ސަލާމަތްވުމަށްޓަކައި، ސައުދީން ވަނީ ހޮޅިލައިންތައް މެދުވެރިކޮށް ރަތްކަނޑުގައި އޮންނަ ޔަންބޫ ބަނދަރަށް ތެޔޮ އުފުލައި، އެތަނުން އެކްސްޕޯޓްކުރަން ފަށާފަ އެވެ. ނަމަވެސް ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް މިހާރު ނުރައްކާ އޮތުމުން، ހުރްމުުޒް އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބޭނުންކުރި މި މަގަށް ވެސް މިވަނީ ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
އޭޝިއާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން މިހާރު ދަނީ ވަރަށް ދިގު މަގަކުން ތެޔޮ އުފުލުމާ މެދު ވިސްނަމުންނެވެ. އެއީ ޔަންބޫއިން ތެޔޮ ބަރުކޮށްގެން އުތުރު ހުޅަނގަށް ދަތުރުކޮށް، މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް މެޑިޓެރޭނިއަން ކަނޑަށް ވަނުމަށްފަހު، މުޅި އެފްރިކާ ބައްރު ވަށާލައި 'ކޭޕް އޮފް ގުޑް ހޯޕް' މަގުން އޭޝިއާއަށް ދަތުރުކުރުމެވެ.
ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުނުކުރެވޭ ހާލަތެއްގައި، މި މަގުން ސައުދީގެ ބައެއް ތެޔޮ ޝިޕްމަންޓްތައް އުފުލިދާނެއެވެ. ނަމަވެސް، މި ބަދަލާއެކު ދަތުރުގެ މުއްދަތަށް އިތުރު ހަފުތާތަކެއް އިތުރުވެ، މުދާ އުފުލުމުގެ އަގާއި ތެލުގެ ޚަރަދު ބޮޑުވެގެންދާނެ އެވެ. އަދި މީގެ ސަބަބުން ސައުދީއަށް އެކްސްޕޯޓް ކުރެވޭ ތެލުގެ މިންވަރު މަދުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އޭޝިއާގެ ކަސްޓަމަރުންނަށް ތެޔޮ ލިބުމުގައި ދިމާވެދާނެ ބޮޑު ގޮންޖެހުމަކުން ސަލާމަތްވެ، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ސުއޭޒް ކެނަލަކީ އެކަށީގެންވާ އަވަސް އަދި އަގުހެޔޮ މަގަކަށް ވެދާނެ ހެއްޔެވެ؟
ނުރައްކަލުގެ ތެރޭގައިވާ ދެ ކަނޑުއޮޅި
ރަތްކަނޑަށް ކުރިމަތިވެފައިވާ މި ނުރައްކަލަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި ކަމެކެވެ.
މި ހަމަނުޖެހުންތަކުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ ގަލްފުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ބާޒާރުތައް ގުޅުވައިދޭ މި ހަނި ކަނޑުއޮޅިންނެވެ. ނަމަވެސް، އީރާނުން އެ ސަރަހައްދުގެ ދަތުރުފަތުރު ހަނިކުރުމާއި، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ސަބަބުން، މި މަގުން ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ކެޕްލަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު އެކެއް މަދު އަދަދެކެވެ. އަދި ތެޔޮ އުފުލާ ބޮޑެތި އުޅަނދުތަކާއި ގޭސް ޓޭންކަރުތައް އެ ކަނޑުއޮޅިން ދަތުރުކުރަނިކޮށް ފެނިފައެއް ނުވެ އެވެ. މީގެ ސަބަބުން ގަލްފުގެ އެކި ގައުމުތަކަށް ކުރާ އަސަރު ތަފާތެވެ.
އިރާގު، ގަތަރު، ކުވެއިތު އަދި ބަހްރައިނަކީ ތެލާއި ގޭސް އެކްސްޕޯޓް ކުރުމަށް މުޅިންހެން ހުރްމުޒް ކަނޑުއޮޅިއަށް ބަރާސާވާ ގައުމުތަކެވެ. ސައުދީ އަރަބިއްޔާއާއި ޔޫއޭއީ ވެސް މި މަގަށް ބަރޯސާވި ނަމަވެސް، އެ ގައުމުތަކުގެ ތެޔޮ އުފައްދާ މަރުކަޒުތަކުން ރަތްކަނޑާއި އޮމާން ކަނޑުގެ ބަނދަރުތަކަށް ތެޔޮ ފޮނުވޭނެ ހޮޅިލައިންތައް ހުރެ އެވެ.
ވޭތުވެދިޔަ ފަސް މަސްދުވަހުގެ ބޮޑު ބައެއްގައި ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުން، ސައުދީން ވަނީ ޔަންބޫ ބަނދަރު މެދުވެރިކޮށް ގިނަ އަދަދެއްގެ ތެޔޮ އެކްސްޕޯޓްކޮށްފަ އެވެ. ކެޕްލަރގެ ހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހު އެ ބަނދަރުން ދުވާލަކު 4.1 މިލިއަން ފީފާ ތެޔޮ އެކްސްޕޯޓްކުރި އެވެ. މިއީ ހުރްމުޒް މަގުން ބޭރުކުރަން ޖެހޭ ސައުދީ ތެލުގެ 64 އިންސައްތަ އެވެ.
ނަމަވެސް، ސަންޢާގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ސައުދީ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދިނުމަށްފަހު، ހޫޘީން މިދިޔަ ހޯމަ ދުވަހު ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރުމުން، މި މަގާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޢަރަބިކަރައާއި އިރުމަތީ އެފްރިކާ ވަކިކޮށްދޭ އިސްތިރާތީޖީ ގޮތުން މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ބާބުލް މަންދަބުގެ ޔަމަނާވީ ފަޅީގައި، އެ ޤައުމުގެ މަސްވެރި އުޅަނދުފަހަރުތަކެއް ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް
ކެޕްލަރ އިން ބުނި ގޮތުގައި، ޔަންބޫއިން ތެޔޮ ބަރުކޮށްގެން ފުރި 12 އުޅަނދެއް އަދިވެސް ރަތްކަނޑުގައި އެބައޮތެވެ. އަދި ބާބުލް މަންދަބު ކައިރިން ދަތުރުކުރި އެހެން ދެ އުޅަނދަކުން ވަނީ އެމީހުންގެ ލޮކޭޝަން ދައްކައިދޭ އޭއައިއެސް ސިސްޓަމް ނިއްވާލާފަ އެވެ. މީގެ އިތުރުން، ތެޔޮ ބަރުކުރަން އަންނަ ހުސް ޓޭންކަރުތައް ވެސް އެ ސަރަހައްދަށް ވަނުމަށް ޖެހިލުންވާކަން ފާހަގަކުރެވެ އެވެ.
ކެޕްލަރގެ އެނަލިސްޓުން ކަމަށްވާ އެމަނުއަލް ބެލޮސްޓްރީނޯ އަދި ޖަޝަން ޕްރޭމާ ވިދާޅުވި ގޮތުގައި، މި އުޅަނދުތަކުގެ ހަރަކާތްތަކުން އެނގެނީ ހޫޘީންގެ ބްލޮކޭޑްގެ އިންޒާރުގެ އަސަރު ސައުދީގެ ތެޔޮ އެކްސްޕޯޓަށް ކުރަން ފަށާފައިވާ ކަމެވެ.
"މީގެ އިތުރުން، ހަމަނުޖެހުންތަކާ ގުޅިގެން ރިޔާޟުން ގެންގުޅޭ ސިޔާސަތުގެ ބަލިފައިތައް ވެސް މިކަމުން ހާމަވޭ. ހުރްމުޒް ކަނޑުއޮޅިއަށް ބަރާސާވާ މިންވަރު ކުޑަކުރުމަށް ސައުދީން ބޭނުންކުރި ރަތްކަނޑުގެ މަގަށް ވެސް މިހާރު މިވަނީ ސަލާމަތީ ނުރައްކާ ކުރިމަތިވެފައި،" އެ ބޭފުޅުން ވިދާޅުވި އެވެ.
މިއީ ރަތްކަނޑުގައި ހޫޘީން މިފަދަ ހަމަލާތަކެއް ދޭ ފުރަތަމަ ފަހަރެއް ނޫނެވެ. 2023 އިން 2025 އަށް އިސްރާއީލުން ޣައްޒާ ގައި ހިންގި ގަތުލުއާންމާ ގުޅިގެން ހޫޘީން ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިސްރާއީލާ ގުޅުންހުރި ކަމަށް ބުނާ އުޅަނދުތަކަށް ހަމަލާދީފަ އެވެ. އެ ފަހަރު ހަތަރު އުޅަނދެއް ފައްތާލައި، ނުވަ ފަޅުވެރިން މަރާލާފައިވާއިރު، ބާބުލް މަންދަބުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ދިޔަ އެވެ.
ޔަމަން ޑޭޓާ ޕްރޮޖެކްޓުން ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ މާޗް 15 އިން މެއި 6 އަށް އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން 238 އާންމުން މަރުވި އެވެ. މީގެ ތެރޭގައި ސާދާގައި ހުރި ރެފިއުޖީން ބައިތިއްބާ މަރުކަޒަކަށް ދިން ހަމަލާގައި މަރުވި 68 މީހުންނާއި، ރަސް އީސާ ބަނދަރަށް ދިން ހަމަލާގައި މަރުވި 84 އާންމުން ހިމެނެ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހޫޘީން ސައުދީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ހަމަލާދީ، ހާލަތު އިތުރަށް ގޯސްކުރުމުގެ ފުރުސަތު އެބައޮތެވެ. ސައުދީގެ ހުޅަނގު އައްސޭރީގައި ދުވާލަކު 1.9 މިލިއަން ފީފާ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ހުރިއިރު، އެއީ ޔޫރަޕަށް ޑީސަލް ފޯރުކޮށްދޭ މުހިންމު ވަސީލަތެކެވެ. އެހެންކަމުން، މި ތަންތަނަށް ހަމަލާދީފިނަމަ ޔޫރަޕަށް ތެޔޮ ލިބުން ދަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ އެވެ.
އެންމެ ބޮޑު ނުރައްކަލެއް އޮތީ ކޮން ގައުމުތަކަކަށް؟
މި ހުރަސްތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އޭޝިއާގެ ގައުމުތަކަށެވެ. އެއީ އެ ސަރަހައްދުގެ ގައުމުތަކަކީ މެދުއިރުމަތީގެ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ، އަދި ދަތުރުގެ ޚަރަދު ކުޑަވުމުގެ ސަބަބުން އެ ސަރަހައްދުން ތެޔޮ ގަންނަ ގައުމުތަކަށް ވާތީއެވެ.
ހުރްމުޒް ކަނޑުއޮޅީގެ މައްސަލަތަކާއެކު މިހާރު ވެސް މި ގައުމުތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ބާބުލް މަންދަބަށް ނުރައްކާވުމުން، ތެޔޮ ލިބުން ލަސްވެ، އުފުލުމުގެ ޚަރަދު ބޮޑުވެ، ތެލުގެ އަގު އުފުލުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ކެޕްލަރ ގެ ހިސާބުތަކުން ދައްކާގޮތުގައި، ދުވާލަކު ގާތްގަނޑަކަށް 6 މިލިއަން ފީފާ ތެޔޮ ބާބުލް މަންދަބު ހުރަސްކޮށް އޭޝިއާއަށް ދަތުރުކުރެ އެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ ސައުދީ ތެލެވެ. ބާކީ ހުރި 1.9 މިލިއަން ފީފާއަކީ ރަޝިއާއިން އޭޝިއާއަށް ފޮނުވާ ތެލެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އިންޑިއާއަށެވެ. އެ ގައުމުން އެތެރެކުރާ ތެލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ތެޔޮ ދަތުރުކުރަނީ ބާބުލް މަންދަބު ހުރަސްކޮށެވެ. އަދި ގަލްފުގެ ގައުމުތަކުން އިންޑިއާއަށް ގެންނަ ތެލުގެ ދެބައިކުޅަ އެއްބައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން ޖެހޭތީ، މި ދެ މަގު ބަންދުވުމަކީ އިންޑިއާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މީގެ އިތުރުން ޕާކިސްތާނުން އެތެރެކުރާ ތެލުގެ 36 އިންސައްތަ، ފިލިޕީންސްގެ 37 އިންސައްތަ، ދެކުނު ކޮރެއާގެ 31 އިންސައްތަ، ޖަޕާނުގެ 28 އިންސައްތަ، ތައިވާނުގެ 22 އިންސައްތަ އަދި ޗައިނާގެ 19 އިންސައްތަ ތެޔޮ ދަތުރުކުރަނީ ބާބުލް މަންދަބު ހުރަސްކޮށެވެ.
ސުއޭޒް ކެނަލަކީ މިކަމުގެ ހައްލު ހެއްޔެވެ؟

މިސްރުގެ އިސްމާއިލިއާ ކައިރިން، އެ ގައުމުގެ ސުއޭޒް ކެނަލްގައި 2025 އޭޕްރިލް 16 ވަނަ ދުވަހު އުޅަނދުފަހަރު ދަތުރުކުރަނީ. | ގެޓީ އިމޭޖަސް
އެއް ގޮތަކީ ސައުދީ ތެޔޮ އެފްރިކާ ބައްރު ވަށާލާފައި އޭޝިއާއަށް ފޮނުވުމެވެ. ސުއޭޒް ކެނަލް މެދުވެރިކޮށް މި މަގުން ދަތުރުކުރުމުން ހުރްމުޒް އާއި ބާބުލް މަންދަބުގެ ނުރައްކަލުން ސަލާމަތްވެވޭނެ އެވެ.
ނަމަވެސް، މީގެ ސަބަބުން ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ކެޕްލަރ އިން ބުނާ ގޮތުގައި، ޔަންބޫއިން ދެކުނު ކޮރެއާއަށް މި މަގުން ދަތުރުކުރުމުން، ކުރިން ހޭދަވާ 24 ދުވަހުގެ ބަދަލުގައި 54 ދުވަސް ހޭދަވާނެ އެވެ. އޭޝިއާގެ އެހެން ގައުމުތަކަށް ވެސް ދަތުރުގެ މުއްދަތަށް އިތުރު އެތައް ހަފުތާއެއް އިތުރުވާނެ އެވެ.
ބައެއް ކުންފުނިތަކުން މިހާރު ވެސް ދަނީ މި ބަދަލަށް ތައްޔާރުވަމުންނެވެ. ލައިބީރިއާގެ ދިދަ ޖަހާފައިވާ 'ރޯޑޯސް' ޓޭންކަރު، އިންޑިއާއަށް ދިއުމުގެ ބަދަލުގައި މިހާރު މިސްރާބު ހުރީ ސުއޭޒް ކެނަލާ ދިމާލަށެވެ. އަދި ދެކުނު ކޮރެއާގެ ހިޔުންޑާއީ އޮއިލްބޭންކުން ވެސް ދަނީ ސުއޭޒް ކެނަލާއި މިސްރުގެ ހޮޅިލައިން ބޭނުންކޮށްގެން ތެޔޮ ގެނެވޭނެ ގޮތްތައް ބަލަމުންނެވެ.
މިއީ އަމަލީ ގޮތުން ކުރެވިދާނެ ކަމެއް ހެއްޔެވެ؟
މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލޮޖިސްޓިކްސްއެވެ. ޔަންބޫއިން ތެޔޮ އުފުލުމަށް ގިނައިން ބޭނުންކުރަނީ ވަރަށް ބޮޑެތި ތެޔޮ ޓޭންކަރުތައް (VLCCs) އެވެ. ނަމަވެސް، މި އުޅަނދުތައް ތެލުން ފުރިފައި ހުންނައިރު، އޭގެ ބަރުދަނުގެ ސަބަބުން ސުއޭޒް ކެނަލުން ދަތުރެއް ނުކުރެވޭނެ އެވެ.
އެހެންކަމުން، މިސްރުގެ ހޮޅިލައިން މެދުވެރިކޮށް ތެލުގެ ބައެއް ބޭލުމަށްފަހު ކެނަލް ހުރަސްކުރަން ޖެހޭނެ އެވެ. ނުވަތަ ކުދި އުޅަނދުތަކަށް ތެޔޮ ބަދަލުކުރަން ޖެހޭނެ އެވެ. މި ދެ ގޮތުން ވެސް ވަގުތު އިތުރުވެ، ޚަރަދު ބޮޑުވާނެ އެވެ.
ކެޕްލަރގެ ތެލާބެހޭ ކަންކަން ދިރާސާކުރާ ބައިގެ ވެރިޔާ ހުމާޔޫން ފަލަކްޝާހީ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ސުވާލަކީ ބޭނުންވާ މިންވަރަށް، އަވަހަށް ތެޔޮ އުފުލިދާނެތޯ އެވެ. އޭނާ ވިދާޅުވީ މިގޮތަށް މަގު ބަދަލުކުރުމުން އެކްސްޕޯޓް ކުރެވޭ ތެލުގެ މިންވަރު މަދުވެ، ލޮޖިސްޓިކްސްގެ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
ކެޕްލަރގެ އެހެން އެނަލިސްޓެއް ކަމަށްވާ ސުމިތު ރިޓޯލިއާ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ދަތުރުތައް ދިގުވުމުން ތެޔޮ އެންދުމާއި، އިންޝުއަރެންސް ޕްރީމިއަމް އަދި މުދާ އުފުލާ އަގުތައް އުފުލިގެންދާނެ އެވެ. މީގެ ސަބަބުން މުޅި ދުނިޔޭގެ ޝިޕިންގ މާކެޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.
އިތުރު އެހެން ގޮތްތަކެއް އެބައޮތް ހެއްޔެވެ؟
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެހެން ގޮތްތައް ހުއްޓަސް، އެއިން ކޮންމެ ކަމެއްގައި ވެސް ހުރަސްތަކެއް އެބަހުއްޓެވެ. އެއް ގޮތަކީ ރަޝިއާއިން އެތެރެކުރާ ތެޔޮ އިތުރުކުރުމެވެ. ނަމަވެސް، ރަޝިއާގެ ތެޔޮ ވެސް އޭޝިއާއަށް ދަނީ ރަތްކަނޑު ހުރަސްކޮށް ކަމަށްވާތީ، ހޫޘީންގެ ބްލޮކޭޑް ފުޅާވެއްޖެނަމަ އެއީ ވެސް ހައްލަކަށް ނުވާނެ އެވެ.
ހަކަތައާ ބެހޭ ދިރާސާވެރިޔާ މާކް އަޔޫބް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ޔޫކްރޭނުން ރަޝިއާގެ ތެޔޮ ސާފުކުރާ ތަންތަނަށް ދޭ ހަމަލާތަކުގެ ސަބަބުން، ގަލްފުން ލިބޭ ތެލުގެ ބަދަލުގައި ރަޝިއާއަށް އެ މިންވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމަކަށް ނުބެލެވެ އެވެ.
އެމެރިކާއާއި ވެނެޒުއޭލާގެ ތެޔޮ ބޭނުންކުރެވިދާނެ ނަމަވެސް، އެއީ ދަތުރުގެ ދުރުމިނާއި ޚަރަދަށް ބަލާއިރު ވަރަށް އަގުބޮޑު ކަމެކެވެ. އަދި އެމެރިކާގެ ތެޔޮ ސާފުކުރާ ތަންތަން މިހާރު ވެސް ހުރީ އެންމެ މަތީ މިންވަރަށް މަސައްކަތްކުރާ ހާލަތުގައި ކަމަށް އަޔޫބް ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސުއޭޒް ކެނަލުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ހުރްމުޒް އާއި ބާބުލް މަންދަބު ކަނޑުއޮޅިން ކުރާ ދަތުރުތަކުގެ ފުރިހަމަ ބަދަލަކަށް އެތަން ނުވާނެ ކަމަށެވެ. މި ދެ މަގަށް ހުރަސްތައް ކުރިމަތިވެފައި އޮންނަނަމަ، އޭޝިއާގެ ގައުމުތަކަށް ކުރާ ޚަރަދު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ އެވެ.
މަސްދަރު: އަލް ޖަޒީރާ









