Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސައުދީ އަރަބިއްޔާ

ސައުދީ ރެޑް ސީ މަޝްރޫއު: "މެދުއިރުމަތީގެ ދިވެހިރާއްޖެ" ހަގީގަތަކަށް ވަނީ!

ސައުދީ އަރަބިއްޔާގެ ރަތްކަނޑު ސަރަހައްދުގައި ތަރައްގީކުރާ "ދަ ރެޑް ސީ" މަޝްރޫއަކީ ރާއްޖެއާ އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް، ސަހަރާ އާއި ފަރުބަދަތައް ހިމެނޭހެން ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދޭނެ ބިޔަ މަޝްރޫއެއް. ތިމާވެށި އިއާދަކޮށްދޭ "ރިޖެނެރޭޓިވް ޓޫރިޒަމް" އަށް އަމާޒުކޮށްފައިވާ މި މަންޒިލަކީ 2030 ވަނަ އަހަރާ ހަމައަށް އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިންނަށް ޚިދުމަތްދޭނެ، ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ މަރުކަޒެއް.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 10:18
ސައުދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ ރަތް ކަނޑުގެ އައްސޭރިފަށުގައި، ރަށްތަކާއި، ފަރުތަކާއި، ސަހަރާ އަދި ފަރުބަދަތައް ހިމެނޭ ގޮތަށް މުނިފޫހިފިލުވުމުގެ ލަގްޒަރީ މަންޒިލެއް ތަރައްގީ ކުރަމުން.

ސައުދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ ރަތް ކަނޑުގެ އައްސޭރިފަށުގައި، ރަށްތަކާއި، ފަރުތަކާއި، ސަހަރާ އަދި ފަރުބަދަތައް ހިމެނޭ ގޮތަށް މުނިފޫހިފިލުވުމުގެ ލަގްޒަރީ މަންޒިލެއް ތަރައްގީ ކުރަމުން. | ރެޑްސީ ގްލޯބަލް

"މެދުއިރުމަތީގެ ދިވެހިރާއްޖެ" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސައުދީ އަރަބިއްޔާގެ ރެޑް ސީ މަޝްރޫއު އަށް އަމަލީ ސިފަ އަންނަން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ފަތުރުވެރިން ޝައުގުވެރިކުރުވުމަށްޓަކައި، ސައުދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ ރެޑް ސީ ނުވަތަ ރަތްކަނޑު ސަރަހައްދުގައި، ގުދުރަތީ ރީތިކަން ލިބިފައިވާ ރަށްތަކާއި، ފަރުތަކާއި، ސަހަރާ އަދި ފަރުބަދަތައް ހިމެނޭހެން މަތީ ފަންތީގެ މަންޒިލެއް ތަރައްގީކުރަމުންނެވެ.

ކަނޑުގެ ރީތިކަން ލިބިފައިވާ މަތީ ފަންތީގެ މަންޒިލަކާ މެދު މީހުން ވިސްނާލާއިރު، އާންމުކޮށް ހިތަށް ސިފަވަނީ ދިވެހިރާއްޖެ އެވެ. އެއީ ނޫކުލައިގެ ސާފު ފެނާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ފަޅުމަތީގައި އަތުރާލާފައިވާ ވިލާތަކެވެ. ސައުދީ އަރަބިއްޔާއިން ބޭނުންވަނީ އެ ސިފަތަކާއެކު، އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ ގައުމުގެ ހުޅަނގު އައްސޭރިފަށުގައި، ދުނިޔޭގެ ފެންވަރުގެ އާ މިންގަނޑަކަށް ވާސިލުވުމުގެ މަގްސަދުގައި ތަރައްގީކުރަމުންދާ "ދަ ރެޑް ސީ ޕްރޮޖެކްޓް" އަކީ ދުނިޔޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ޖުމްލަ 28,000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮންނަ މި މަންޒިލުގައި، ގުދުރަތީ ގޮތުން މުއްސަނދި 90 އަށްވުރެ ގިނަ ރަށް ހިމެނެ އެވެ. ނަމަވެސް، އެ ސަރަހައްދުގެ ގުދުރަތީ ވެށި ހިމާޔަތްކުރުމަށާއި މި މަޝްރޫއުގެ ޚާއްސަކަން ދެމެހެއްޓުމަށްޓަކައި، ތަރައްގީކުރުމުގެ ހުއްދަ ދީފައިވަނީ އޭގެ ތެރެއިން އެންމެ 22 ރަށެއްގަ އެވެ.

ރެޑް ސީ ގްލޯބަލްގެ ހެޑް އޮފް ޑިވެލޮޕްމަންޓް، ސްޓީވަން ޗީޒްބްރޯ ޔޫރޯނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ގުދުރަތީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށެވެ.

ދިވެހިރާއްޖެއަށްވުރެ މާ ފުރިހަމަ މަންޒިލެއް

މި މަޝްރޫއާއި ރާއްޖޭގެ ރިސޯޓުތަކާ ދެމެދު އަޅާކިޔުންތައް އަމާޒުވި ނަމަވެސް، ޗީޒްބްރޯ ގަބޫލުކުރައްވާ ގޮތުގައި ސައުދީގެ މި މަޝްރޫއަކީ އެހެން ތަންތަނުން ހޯދަން އުނދަގޫ ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ތަނެކެވެ.

 ނުޖުމާ ޖަޒީރާ ގައި ހުންނަ ވިލާތައް
ނުޖުމާ ޖަޒީރާ ގައި ހުންނަ ވިލާތައް | ރެޑްސީ ގްލޯބަލް

"މި ރަށްތަކުގެ ސާފު ފެނާއި ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ސަބަބުން ރާއްޖެ މަތިން ހަނދާންވުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް، އެއްގޮތްކަން ނިމެނީ އެ ހިސާބުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަންޒިލްތައް މާ ބޮޑަށް ވެސް ތަފާތު. ރަށްތަކުގެ އިތުރުން ފަރުބަދަތަކާއި، އަލިފާން ފަރުބަދަތަކާއި، ސަހަރާ އަދި އެތައް ކިލޯމީޓަރަކަށް ދެމިގެންދާ ގުދުރަތީ އައްސޭރިފަށެއް އެބައޮތް. ފަތުރުވެރިއަކަށް ހެނދުނު ފަރުތަކުގެ ރީތިކަން ބަލާލަން ޑައިވްކުރުމަށްފަހު، އެދުވަހުގެ މެންދުރުފަހު ސަހަރާއަށް ދިއުމުގެ ނުވަތަ ފަރުބަދައެއްގެ މަތީގައި ރޭގަނޑުގެ ކެއުމަކަށް އިންސާފުކުރުމުގެ ފުރުސަތު އޮންނާނެ. ދުނިޔޭގެ ވަރަށް މަދު ތަނެއްގައި ނޫނީ މިހާ ކައިރި ސަރަހައްދެއްގައި މިފަދަ ތަފާތު ތަޖުރިބާތަކެއް ނުލިބޭނެ."

ކަނޑާއި، ފަރުބަދަ އަދި ސަހަރާގެ މި ގުޅުމަކީ އިންޑިއާ ކަނޑާއި ކެރީބިއަންގެ އެހެން މަތީ ފަންތީގެ މަންޒިލްތަކާ ސައުދީ އަރަބިއްޔާ ތަފާތުކޮށްދޭނެ އެންމެ ބޮޑު ސިފަ ކަމަށް އެ ގައުމުން އުންމީދުކުރެ އެވެ.

1,800 ކިލޯމީޓަރުގެ ގުދުރަތީ އައްސޭރިފަށާއި، ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ ދިރުންތައް ހިމެނޭ ފަރުތަކާއެކު، ސައުދީގެ ރެޑް ސީ އައްސޭރިފަށުން އަމާޒު ހިފާފައިވަނީ ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ދަތުރުކޮށްފައިވާ، އަދި އާ ތަޖުރިބާތަކެއް ހޯދަން ބޭނުންވާ ފަތުރުވެރިންނަށެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަން

މި މަޝްރޫއުގައި ހަމައެކަނި މަތީ ފަންތީގެ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ބަދަލުގައި، އާންމުކޮށް މި ބޭނުންކުރާ ދެމެހެއްޓެނިވި ފަތުރުވެރިކަމަށްވުރެ ފުޅާ ދާއިރާއެއްގައި "ރިޖެނެރޭޓިވް ޓޫރިޒަމް" ނުވަތަ ތިމާވެށި އިއާދަކޮށްދޭ ފަތުރުވެރިކަމަށް ބޮޑު އަހަންމިއްޔަތެއް ދެއެވެ. "މިއަދު ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމަކުން ނުފުދޭ. އަސްލު ގޮންޖެހުމަކީ ތިމާވެށީގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުން،" ޗީޒްބްރޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ބޮޑު ފަތުރުވެރިކަމުގެ މަންޒިލެއް ތަރައްގީކުރާ ހިނދު، ތިމާވެށީގެ ދިރުންތައް އިތުރުކުރެވިދާނެކަން ދައްކައިދިނުން. މިއީ ހަމައެކަނި ތިމާވެއްޓާ ރައްޓެހި ހޮޓާތަކެއް އެޅުމެއް ނޫން. މިއީ ގުދުރަތީ ދިރުންތައް އިއާދަކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާ މަންޒިލްތަކެއް އުފެއްދުން."

މި މުޅި ސަރަހައްދު ހިންގަނީ އިއާދަކުރަނިވި ހަކަތައިންނެވެ. އަދި ބޭނުންކުރާ ހުރިހާ ފެނެއް ރީސައިކަލްކޮށް އަލުން ބޭނުންކުރާއިރު، އެއްވެސް ކުނިބުންޏެއް ގޮނޑުތަކަށް  ނުފޮނުވުމަކީ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މިހާރު އޮތް ވިސްނުމާ އެއްގޮތް ކަމެކެވެ.

"ކޮވިޑްގެ ބަލިމަޑުކަމަށްފަހު، މީހުން ދަތުރުފަތުރު ކުރުމުގައި ތިމާވެއްޓަށް ކުރާ އަސަރާ މެދު ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެ. އެމީހުން ބޭނުންވަނީ ތަފާތު ތަޖުރިބާތަކެއް ކުރަން، އެކަމަކު އެއާއެކު އެމީހުން ޒިޔާރަތްކުރާ ތަނަކީ ދުނިޔެއަށް ހެޔޮއެދޭ ތަނެއްކަން ޔަގީންކުރަން ބޭނުންވޭ،" އޭނާ ފާހަގަކުރެއްވި އެވެ.

ގައުމަށް ވަންނަ ދޮރާށި

މިހާރުވެސް މި މަންޒިލުގައި 11 ހޮޓަލެއް ހިންގަމުންދާއިރު، ކުރިއަށް އޮތް މަސްތަކުގައި އިތުރު ރިސޯޓްތައް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ޚާއްސަކޮށް މި މަޝްރޫއުގެ މަރުކަޒީ ރަށް ކަމަށްވާ "ޝޫރާ އައިލެންޑް" ގައި ބައިނަލްއަގުވާމީ ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި، ލޯންޗް ފަހަރު ބަނދަރުކުރާނެ މެރީނާއެއްގެ އިތުރުން 18 ހޯލްގެ ގޮލްފް ކޯހެއް ހިމެނޭނެ އެވެ.

ހުރުމުގެ އިންތިޒާމްތަކުގެ އިތުރުން، ޑައިވްކުރުމާއި، ރިޔާ ދޯނި ދުއްވުމާއި، ހައިކިންގް އަދި މޫދު ކުޅިވަރުތައް ފަދަ އެޑްވެންޗާ ތަޖުރިބާތައް ވެސް މިތަނުން ލިބޭނެ އެވެ. އަދި އަލަށް ތަރައްގީކުރާ "އެޑްރީނާ" ސަރަހައްދުގައި 20 އަށްވުރެ ގިނަ ހަރަކާތް ހިމެނޭއިރު، އޭގެ ތެރޭގައި އެ ގައުމުގެ އެންމެ ބޮޑު ލޮނުފެނުގެ ސާފް ޕޫލް ވެސް ހިމެނެ އެވެ.

ނަމަވެސް ރެޑް ސީ ގްލޯބަލްއިން ބޭނުންވަނީ ފަތުރުވެރިން ހަމައެކަނި ރިސޯޓްތަކުގައި ތިބުމުގެ ބަދަލުގައި، ސައުދީ އަރަބިއްޔާގެ އެހެން ހިސާބުތައް ވެސް ބަލާލުމަށެވެ. "ގިނަ ފަތުރުވެރިން ރެޑް ސީ ބޭނުންކުރަނީ ސައުދީގެ އެހެން ތަންތަން ހޯދުމަށް ފަށާ ދަތުރެއްގެ ގޮތުގައި. އެއަށްފަހު އެމީހުން އަލްއުލާ، ޖިއްދާ ނުވަތަ އެހެން މަންޒިލްތަކަށް ޒިޔާރަތްކުރޭ. އަޅުގަނޑުމެން ބޭނުންވަނީ ރެޑް ސީ އަކީ މުޅި ސައުދީ އަރަބިއްޔާ ބަލާލުމަށް ވަދެވެން އޮތް ދޮރާއްޓަކަށް ވާން،" ޗީޒްބްރޯ ވިދާޅުވި އެވެ.

އަހަރުގެ ހުރިހާ ދުވަހަކު ހުޅުވިފައިވާ މަންޒިލެއް

މި މަޝްރޫއަށް އޮތް އެއް ގޮންޖެހުމަކީ ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރެވޭނީ ހަމައެކަނި ފިނި މޫސުމުގައި ކަމަށް އޮންނަ ވިސްނުން ބަދަލުކުރުމެވެ. އަމާޒަކީ އަހަރުގެ 12 މަސްދުވަހު ޚިދުމަތް ދިނުމެވެ. "އަޅުގަނޑުމެން ބޭނުންވަނީ ވަކި މޫސުމަކަށް ބަރޯސާވާ ތަނަކަށް ނުވާން. މުހިންމީ ތަފާތު ތަޖުރިބާތަކެއް ހޯދަން ބޭނުންވާ ފަތުރުވެރިން ޝައުގުވެރިކުރުވުން. މަތީ ފަންތީގެ ޚިދުމަތްތަކުގެ އިތުރުން ގުދުރަތީ ރީތިކަމާއި، ކަނޑާއި، ބޭރުތެރޭގެ ހަރަކާތްތަކަށް ލޯބިކުރާ މީހުން ގެނައުން."

ރިޔާޟް، ޖިއްދާ، ދުބާއީ، ދޯހާ އަދި މިލާން ފަދަ ސިޓީތަކާ ގުޅާލެވިފައިވާ ރެޑް ސީ އިންޓަނޭޝަނަލް އެއާޕޯޓުން 2026 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް 78,000 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރުކޮށްފަ އެވެ. މީގެ ތެރޭގައި 11,000 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ފަތުރުވެރިން ހިމެނޭއިރު، 2,000 އެއްހާ ފްލައިޓް ވަނީ ޖައްސާފަ އެވެ.

އާ ހޮޓާތައް ހުޅުވެމުންދާ ވަރަކަށް ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ފުޅާވާނެއެވެ. "އަޅުގަނޑުމެން ދަނީ ޔޫރަޕްގެ ބައެއް އެއާލައިންތަކާއެކު މަޝްވަރާކުރަމުން. އަމާޒަކީ ބައިނަލްއަގުވާމީ ވިއުގަ ފުޅާކުރުން. ފަތުރުވެރިންނަށް ފަސޭހައިން އާދެވޭނެ ގޮތެއް ނެތި މިފަދަ ބޮޑު މަންޒިލެއް ތަރައްގީކުރުމުގެ ބޭނުމެއް ނެތް،" އޭނާ ކިޔައިދެއްވި އެވެ.

މި މަޝްރޫއުގައި މީހުން ދިރިއުޅޭނެ ތަންތަން ތަރައްގީކުރުން ވެސް ހިމެނެ އެވެ. 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރެޑް ސީ މަޝްރޫއުގެ ދަށުން 50 ހޮޓަލެއްގައި 8,000 އެއްހާ ކޮޓަރި އަދި 1,000 އަށްވުރެ ގިނަ އަމިއްލަ ގޭގެ (ރެސިޑެންސް) ހިމެނޭނެ އެވެ. އަދި އަހަރަކު އެއް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ހުންނާނެ އެވެ.

ރެޑްސީ ގްލޯބަލް ގެ އަމާލާ ނަމޯސް މެރީނާ
ރެޑްސީ ގްލޯބަލް ގެ އަމާލާ ނަމޯސް މެރީނާ | ރެޑްސީ ގްލޯބަލް

"ދުނިޔެ އަބަދުވެސް އޮންނަނީ އާ މަންޒިލްތަކަށް އިންތިޒާރުކޮށްގެން. އަދި ރެޑް ސީ އަކީ އެފަދަ ތަނެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއީ ހަމައެކަނި މަތީ ފަންތީގެ ރިސޯޓެއް ނޫން. މިއީ ގުދުރަތީ ރީތިކަމާއި، ދެމެހެއްޓެނިވި ގޮތްތަކާއި، މެހެމާންދާރީ އަދި ތަފާތު ތަޖުރިބާތައް އެކުލެވިގެންވާ މުޅިން އާ ތަނެއް. މިތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް އެކަން ވަގުތުން އިހުސާސްވާނެ،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު އުންމީދުކުރާ ގޮތަށް ކުރިއަށް ގޮސްފިނަމަ، ސައުދީ އަރަބިއްޔާއިން ދުނިޔެއަށް އާ މަންޒިލެއް ހުޅުވާލުމުގެ އިތުރުން، މަތީ ފަންތީގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މުހިންމު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށް ލިބޭ ބާރަކަށް ވެސް ވެގެންދާނެ އެވެ.

މަސްދަރު: ޔޫރޯ ނިއުސް

ރަތް ކަނޑުރެޑް ސީ ގްލޯބަލްދިވެހިރާއްޖެ ރާއްޖެ-ސަޢޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި

ޔަމަނުގެ އައްސޭރިފަށުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދީފައިވާތީ، ޔޫ.ކޭ.އެމް.ޓީ.އޯ އިން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، މީގެ ކުރިން ހޫޘީންނާއި ސޯމާލިއާގެ ކަނޑުފޭރޭ މީހުން އެ ސަރަހައްދުގައި މިފަދަ ހަރަކާތްތައް ހިންގާފައިވޭ.

05 ޖުލައި 2026
ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ރަތްކަނޑުގެ ސަރަހައްދުގައި އިޒްރޭލުގެ އުޅަނދުފަހަރު ދަތުރުފަތުރުކުރުން މުޅިން މަނާކޮށްފައިވާކަން އިއުލާންކޮށްފި. މިއީ މިއަހަރުގެ އޭޕްރީލް މަހުގެ ފަހުން އެ ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދިންކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރު. މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ.

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
15 ޖެނުއަރީ 2026

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

ޔަމަނުގެ ހޫޘީން ހަމަލާދޭން ފެށުމުން ދެ އަހަރަށްވުރެ ގިނަ ދުވަހު ޝިޕިންގ ކުންފުނިތަކުން އެފްރިކާ ބައްރު ވަށާލައިގެން ދަތުރުކުރަމުންދިޔަ. ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ކަނޑުގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް އަތުވެދާނެ ކަމުގެ އުންމީދު ވަނީ އާވެފައި.

15 ޖެނުއަރީ 2026
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ
23 ޑިސެމްބަރު 2025

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ގަތް ވިލާތައް ތަރައްގީ ކޮށްފައިވަނީ ދޮންވެލިގަނޑެއް ގެ ވަށައިގެން ސާފު މޫދު އޮންނަ ސަރަހައްދެއްގައި ކަމަށާއި، ރޮނާލްޑޯ އާއި ރޮޑްރިގޭޒް ވަނީ އެތަންތަނަށް ކުރިންވެސް ޒިޔާރަތްކޮށް، އެތަންތަނުގެ ރީތިކަމަށް ތައުރީފްކޮށްފައިވާ ކަމަށްވޭ.

23 ޑިސެމްބަރު 2025
ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި
19 އޮކްޓޯބަރު 2025

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެލް.އެން.ޖީ ޓޭންކަރެއްގައި އެއްޗެއް ގޮވައި އަލިފާންރޯވެ، އުޅަނދުގެ 26 ފަޅުވެރިންގެ ތެރެއިން 24 މީހުން ސަލާމަތްކުރެވުނު ނަމަވެސް 2 މީހުން ވަނީ ގެއްލިފައެވެ. ޙޫޘީ ޖަމާޢަތުން މި ހާދިސާގެ ޒިންމާ ނަގާފައި ނުވާއިރު، މިއީ އާންމުކޮށް އެ ޖަމާޢަތުން ހަމަލާދޭ ބާވަތުގެ އުޅަނދެއް ނޫންކަމަށް ބެލެވެއެވެ.

19 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު