ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން ހޫޘީން ސައުދީއަށް މިސައިލް ފޮނުވަން ފެށުމުން، އެ ސަރަހައްދުގައި އޮތް ސުލްހަ ވަނީ ގެއްލިފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ މުހިންމު މަގުތައް ކަމަށްވާ ބާބުލް މަންދަބާއި ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ބައިނަލްއަގުވާމީ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރުމުގެ ބިރު މިވަނީ އިންތިހާއަށް ބޮޑުވެފައި.

އީރާނުގެ ތާއީދާއެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތަށް ތާއީދުކުރާ ހަތިޔާރު އެޅި މީހުން، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް 2026 ޖުލައި 10 ވީ ހުކުރު ދުވަހު ސަންޢާގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެމީހުންގެ ހަތިޔާރުތައް އުފުލަނީ. | ގެޓީ އިމޭޖަސް
ޔަމަނުގައި ކުއްލިއަކަށް މަސްރަހު ގޯސްވެ، ހަނގުރާމަ ވަރުގަދަވުމާ ގުޅިގެން، ފާއިތުވި ހަތަރު އަހަރު ދުވަހު އެ ގައުމުގައި ގާއިމުވެފައި އޮތް ސުލްހަ މިވަނީ ރޫޅިފަ އެވެ. މީގެ ސަބަބުން މިހާރު ހިނގަމުންދާ ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތައް ރަތް ކަނޑަށް ފެތުރި، ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް މަގު ބަންދުވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރާތާ ދުވަސްތަކެއް ވުމަށްފަހު، ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން ހޯމަ ދުވަހު ވަނީ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ބޮން އަޅާފަ އެވެ. ސަރުކާރުން މި ހަމަލާ ދިނީ އީރާނުގެ މަތިންދާބޯޓެއް އެ އެއާޕޯޓަށް ޖެއްސުން ހުއްޓުވުމަށެވެ. މީގެ ބަދަލުހިފުމެއްގެ ގޮތުން، ހޫޘީ ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ. ހޫޘީން ތުހުމަތުކުރާ ގޮތުގައި އެއާޕޯޓަށް ދިން ހަމަލާގެ ފަހަތުގައި އޮތީ ސައުދީ އެވެ. އަދި އަވަށްޓެރި ސައުދީއާއެކު އޮތް ހަމަޖެހުމުގެ ދުވަސްވަރު މިހާރު ރަސްމީކޮށް ނިމިއްޖެ ކަމަށްވެސް ހޫތީން ވަނީ އިއުލާންކޮށްފަ އެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އެއާޕޯޓުގެ މައްސަލައަށް އަމާޒުވެފައި އޮތް ނަމަވެސް، މިއީ މުޅި ސަރަހައްދަށް ފެތުރި، ބާބުލް މަންދަބު ކަނޑުއޮޅިއަށް މީގެ ނުރައްކާ ފޯރުމުގެ ފުރުސަތު ބޮޑުކަމަށް މުހައްލިލުން އިންޒާރުދެ އެވެ.
ސަންޢާ އެއާޕޯޓުގެ މައްސަލަ
މި ފަހަރުގެ މައްސަލަ ގޯސްވާން މެދުވެރިވި ސަބަބުން ހާމަވެގެންދަނީ ޔަމަނުގެ ތެރޭގައި އޮތް ސަރަހައްދީ ބޮޑު ކޯޅުމެވެ. ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ އެހީތެރިކަން ލިބޭ ޔަމަނު ސަރުކާރުން ބުނާ ގޮތުގައި، އެއާޕޯޓަށް ހަމަލާދިނީ އީރާނުގެ ބޯޓުގައި އަސްކަރީ މާހިރުންނާއި، ޑްރޯން ޓެކްނޮލޮޖީ އަދި މުއާސަލާތީ ސާމާނު އުފުލަމުންދާތީ އެވެ.
ނަމަވެސް ހޫޘީ މަސްއޫލުވެރިން މިކަން ދޮގުކުރެ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެ ބޯޓަކީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް ތެހެރާނަށް ދިޔަ ވަފުދަކާއި، ބޭރުގައި ތާށިވެފައި ތިބި 200 އަށްވުރެ ގިނަ ބަލިމީހުން ގޮތް ހުސްވެގެން އެނބުރި އައި ބޯޓެކެވެ. އެންމެ ފަހުން ހޫޘީން ވަނީ އެ ބޯޓު ހުދައިދާގެ އެއާޕޯޓަށް މިސްރާބު ބަދަލުކުރުވައި، ސައުދީގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ. ސައުދީ ކޯލިޝަނުން ބުނި ގޮތުގައި އެ މިސައިލްތައް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.
ކަނޑުގެ ދެމަގު ބަންދުވުމުގެ ބިރު
ޔަމަނުގައި އަލުން ހަމަނުޖެހުންތައް މި ފެށުނީ ދުނިޔޭގެ ވިޔަފާރިއަށް ނާޒުކު ދަނޑިވަޅެއްގަ އެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އީރާނުން ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާއިރު، ބާބުލް މަންދަބު މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފަ އެވެ.
ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ޕްރޮފެސަރު އިބްރާހިމް ފްރައިހާތު އަލްޖަޒީރާއަށް މި މައްސަލަ އާ ގުޅޭ ގޮތުން ވިދާޅުވި ގޮތުގައި، ޔަމަނުގެ މަސްރަހާއި ބާބުލް މަންދަބު ސަރަހައްދު އޮތީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެންވެސް ގޮވަން ތައްޔާރަށް އޮތް ހާލަތެއްގަ އެވެ. އަދި މި ހަމަނުޖެހުންތައް ވަށައިގެންވާ ސަރަހައްދުތަކަށް ފެތުރުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ތެހެރާނަށް ބަލާއިރު، ރަތް ކަނޑަށް ސަމާލުކަން ހުއްޓުމަކީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ކުރިމަތިކުރާ ކަނޑުގެ ބަންދަށް ދެވޭނެ ވަރުގަދަ ރައްދެކެވެ. އީރާނުގެ ރޫހާނީ ލީޑަރުގެ އިސް މުޝީރު އަލީ އަކްބަރު ވަލާޔަތީ ވަނީ، އީރާނުގެ މަދަދުލިބޭ ހޫޘީން ހިމެނޭ "އެކްސިސް އޮފް ރެސިސްޓެންސް" ކޯލިޝަނަށް މި ދެ ކަނޑުއޮޅިވެސް ބަންދުކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް އެތައް ފަހަރަކު އިންޒާރު ދެއްވާފަ އެވެ.
ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމާ ބެހޭ މާހިރު މުހައްމަދު ޗެރްކާއީ އިންޒާރު ދެއްވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ ޕްރެޝަރާއި ކަނޑުގެ ބަންދު ވަރުގަދަވާ ވަރަކަށް، އީރާނުން އެހެން މަގަކުން ބޭރު ދުނިޔެއާ ގުޅެން މަސައްކަތް ކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާ އެކުއެކީގައި ބާބުލް މަންދަބުގެ މައްސަލަ ގޯސްވެއްޖެނަމަ، މުޅި ގަލްފް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާނެ އެވެ.
މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރިއަށްދާ ކަމެއް ކަމަށް ބެލެވެ އެވެ. އެރަބް ސެންޓަރ ފޯ އިރާނިއަން ސްޓަޑީޒްގެ ޑިރެކްޓަރު މުހައްމަދު ސާލިހު ސިދްގިއާން ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ ދާދިފަހުން ވަނީ ހުރްމުޒް ކަނޑުއޮޅިއާއި ބާބުލް މަންދަބާ ދެމެދު "ބެލްޓެއް" ނުވަތަ ރައްކާތެރި މަގެއް އުފައްދާނެ ކަމަށް ވިދާޅުވެފަ އެވެ.
"ކަރުނައިގެ ދޮރާށި"

ތާރީޚީ ގޮތުން އަރަބި ބަހުން "ބާބުލް މަންދަބު" ނުވަތަ "ކަރުނައިގެ ދޮރާށި" ގެ ނަމުން ނަންދެވިފައިވާ މި ކަނޑުއޮޅިއަކީ، ރަތް ކަނޑާއި އަދަން ކަނޑުއޮޅި އަދި އިންޑިއާ ކަނޑު ގުޅުވައިދޭ 29 ކިލޯމީޓަރުގެ ހަނި މަގެކެވެ.
ދުނިޔޭގެ ވިޔަފާރީގެ ގާތްގަނޑަކަށް 12 އިންސައްތަ ކޮންމެ ދުވަހަކުވެސް މި މަގުން ދަތުރުކުރެ އެވެ. މީގެ ތެރޭގައި އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ އުފުލާ ބޮޑެތި ކޮންޓެއިނަރު އުޅަނދުފަހަރު ހިމެނެ އެވެ.
މީގެ އިތުރުން، މިއީ ހަކަތަ އުފުލާ އެންމެ މުހިންމު އެއް މަގެވެ. 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލަކު އެވްރެޖްކޮށް 4.0 މިލިއަން ފީފާ ތެޔޮ މި މަގުން އުފުލަ އެވެ. މިއީ ސާފުނުކުރާ ތެލާއި، ތެލުގެ އުފެއްދުންތަކުގެ އިތުރުން އެލް.އެން.ޖީ ޔޫރަޕާއި އުތުރު އެމެރިކާގެ ބާޒާރުތަކަށް ފޯރުކޮށްދިނުމަށް އޮތް އެންމެ މުހިންމު މަގެވެ.
މަގު ބަންދުވެއްޖެނަމަ ވާނީ ކިހިނެއް؟
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ދަނޑިވަޅެއްގައި، ބާބުލް މަންދަބު ބަންދުވެއްޖެނަމަ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ގުޅުންހުރި ހުރިހާ އުޅަނދެއް އެ މަގުން ދަތުރުކުރުން މަނާކޮށް، ކަނޑުގެ ބަންދެއް އިއުލާންކުރައްވާފަ އެވެ.
ބާބުލް މަންދަބާއި ހުރްމުޒް ކަނޑުއޮޅި އެއްފަހަރާ ބަންދުވެއްޖެނަމަ، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 25 އިންސައްތަ ހުއްޓުމަކަށް އަންނާނެ އެވެ. އޭރުން އުޅަނދުފަހަރަށް ޖެހޭނީ އެފްރިކާގެ ދެކުނުން "ކޭޕް އޮފް ގުޑް ހޯޕް" މަގުން ދަތުރުކުރާށެވެ. މީގެ ސަބަބުން ދަތުރުގެ މުއްދަތަށް 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް އިތުރުވެ، މުދާ އުފުލުމުގެ އަގާއި އިންޝުއަރެންސް ފީ އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާނެ އެވެ.
އެމެރިކާގެ މިލިޓަރީ އިންޓެލިޖެންސް ރެޑިނަސް ކޮމާންޑްގެ ކުރީގެ ކޮމާންޑަރު ބިލް ޕުޓްނަމް ވިދާޅުވި ގޮތުގައި، ސައުދީން ހަމަލާ ފެށީ ކަމަށް ގަބޫލުކޮށް ހޫޘީން ރައްދު ދޭން ނިންމައިފިނަމަ، ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވާނެ އެވެ. އަދި ރަތް ކަނޑުގެ ދަތުރުފަތުރަށް އޮތް ނުރައްކަލާ މެދު އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
ސައުދީގެ ބަދަލު މަގަށް އޮތް ނުރައްކާ
ބާބުލް މަންދަބު ބަންދުވެއްޖެނަމަ، ސައުދީ އަރަބިއްޔާއަށް އޮތް އެންމެ ބޮޑު ސްޓްރެޓީޖިކް ކުރިއެރުން ގެއްލިގެންދާނެ އެވެ.
ކުވެއިތު، ބަހްރައިން، ގަތަރު އަދި ޔޫއޭއީ ފަދަ އަވަށްޓެރި ގައުމުތަކުގެ ތެޔޮ ބޭރުކުރަން ހުރްމުޒް ކަނޑުއޮޅިއަށް ބަރޯސާވާން ޖެހުނު ނަމަވެސް، ސައުދީން ވަނީ އެ ގައުމުގެ "އީސްޓް-ވެސްޓް ޕައިޕްލައިން" ބޭނުންކޮށްގެން އެކަމަށް ހައްލެއް ހޯދާފަ އެވެ.
ސައުދީ އަރާމްކޯއިން ހިންގާ 1,200 ކިލޯމީޓަރުގެ މި ޕައިޕްލައިނަކީ އިރުމަތީގެ އަބްގައިގް ތެޔޮ މަރުކަޒުތަކާއި ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރާ ގުޅުވައިދޭ މަގެކެވެ. ދާދިފަހ
ސައުދީ އަރަމްކޯއިން އޮޕަރޭޓްކުރާ 1،200 ކިލޯމީޓަރު (745 މޭލު) ގެ ދިގު މި ހޮޅިލައިނަކީ، އިރުމަތީގައި ހުންނަ އަބްގަައިގް ތެޔޮ މަރުކަޒުތަކާއި ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރު ސިޓީއާ ގުޅުވައިދޭ މައި މަގަކަށް ވަނީ ވެފަ އެވެ. މީގެ ކުރިން ދިން ހަމަލާތަކަކާ ގުޅިގެން މަރާމާތުކޮށް، ދާދިފަހުން އަލުން އޮޕަރޭޝަނަށް ގެނައި މި ހޮޅިލައިނުން ދުވާލަކު 7 މިލިއަން ފީފާގެ ތެޔޮ ފޮނުވުމުގެ ގާބިލުކަން މިހާރު ވަނީ ލިބިފަ އެވެ. މީގެ ސަބަބުން، ހަމަނުޖެހުން ބޮޑު ގަލްފުގެ ކަނޑުގެ ސަރަހައްދުތަކާ ދުރުން، ރައްކާތެރިކަމާއެކު ގިނަ އަދަދެއްގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ސައުދީއަށް ވަނީ ފަހިވެފަ އެވެ.
ނަމަވެސް، ޔަންބޫއިން ތެޔޮ އެކްސްޕޯޓް ކުރުމުގެ މުޅި ނިޒާމު ބިނާވެފައިވަނީ އޭޝިއާގެ މާކެޓްތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް ބާބުލް މަންދަބް ކަނޑުއޮޅި ހުޅުވިފައި އޮތުމުގެ މައްޗަށެވެ. ހޫޘީ ހަނގުރާމަވެރިން ދެމުންދާ އިންޒާރުތަކާ އެއްގޮތަށް ރަތްކަނޑުގެ މި މުހިންމު މަގު ބަންދުކޮށްފިނަމަ، ގަލްފުގެ ސަރަހައްދު ދޫކޮށް ތެޔޮ ފޮނުވުމަށް ސައުދީ އަރަބިއްޔާއިން ކުރި މަސައްކަތް ބޭކާރުވެގެންދާނެ އެވެ. މީގެ ސަބަބުން އަވަށްޓެރި ގައުމުތަކުގެ ތެލެކޭ އެއްފަދައިން ސައުދީގެ ތެޔޮވެސް ބޭރުނުކުރެވި ތާށިވެ، ދުނިޔޭގެ އިގްތިސާދު އިތުރު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނެ އެވެ.
މަސްދަރު: އަލް ޖަޒީރާ




