ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ގާއިމުކުރާނެ ކަމަށް ބުނެ ހޫޘީން ދިން އިންޒާރުތައް ސައުދީ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުޅަނދުފަހަރު ހިމާޔަތްކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނަމުން، ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ވަގުތުން އަދި ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފައި.

ޔަމަނުގެ ހޫޘީ ޖަމާއަތައް ތާއީދުކުރާ ބަޔަކު ހަތިޔާރާ އެކު | ގެޓީ އިމޭޖަސް
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރަށް ހުރަސްއަޅާނެ ކަމަށް އިއުލާން ކުރުމާ ގުޅިގެން، ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.
ޔަމަނުގެ ވެރިރަށް ކޮންޓްރޯލު ކުރާ ހޫޘީންގެ މި ނިންމުން ސައުދީން ވަނީ ހަރުކަށި އިބާރާތުން ހޯމަ ދުވަހު ކުށްވެރިކޮށްފި އެވެ.
ސައުދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޫޘީ "ޓެރަރިސްޓް" ޖަމާއަތުގެ މިލިޓަރީ ތަރުޖަމާނު ކަމަށް ބުނާ މީހާ، ސައުދީ އަރަބިއްޔާއިން ޔަމަނުގެ އަޚުވަންތަ ރައްޔިތުން ހިސާރުކުރަމުންދާ ކަމަށް ބުނެ ކުރި ތުހުމަތުތަކާއި، ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ގާއިމުކުރާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހޫޘީން ހޯމަ ދުވަހުގެ ކުރީކޮޅު އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ޖަމާއަތުން ބުނެފައިވަނީ ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް، ސައުދީން ހަކަތައާއި އެހެނިހެން މުދާ އެކްސްޕޯޓް ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން ސައުދީ ޚާރިޖީ ވުޒާރާއިން ބުނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި 1982 ވަނަ އަހަރުގެ އދ. ގެ ކަނޑުތަކާ ބެހޭ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގައުމުގެ އުޅަނދުފަހަރު ހިމާޔަތްކުރުމަށް އަޅަންޖެހޭ "ހުރިހާ ފިޔަވަޅެއް" އަޅާނެ ކަމަށެވެ.
ސައުދީއަށް ކަނޑުގެ ބްލޮކޭޑެއް އަޅާނެ ކަމަށް ޔަމަނުން ބުނި ދަނޑިވަޅަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އިންތިހާ އަށް އުފުލުމުގެ ބިރު އޮތް ދަނޑިވަޅެއްގަ އެވެ.
ސައުދީ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ބުނި ގޮތުގައި، ރިޔާޟުން ދަނީ ޔަމަނުގެ އަޚުވަންތަ ރައްޔިތުންނަށާއި އެ ގައުމުގެ ގާނޫނީ ސަރުކާރަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޔަމަނު ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް ގިނަ އަހަރުތަކެއް ވަންދެން ސައުދީން ކުރި މަސައްކަތްތައް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ހޫޘީން ވަނީ ޔަމަނު ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް ދަމައިގަނެ، ރަތްކަނޑުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށް ހަމަލާދީފައި. މީގެ ސަބަބުން ޔަމަނު ރައްޔިތުންގެ ތަކުލީފުތައް އިތުރުވެ، ދަތުރުފަތުރު ކުރުމަށް ހުރަސް އެޅި، އިގްތިސާދީ ހާލަތު ވަނީ ގޯސްވެފައި. ޚާއްސަކޮށް ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ހާލަތު މާ ބޮޑަށް ގޯސް،" ވުޒާރާގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ސަންޢާ އެއާޕޯޓުން ދަތުރުތައް އަލުން ފެށުމަށް ހުށަހެޅި ހުރިހާ ހުށަހެޅުންތަކަކަށް ހޫޘީން އިންކާރުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. މީގެ ތެރޭގައި އުރުދުންގެ އައްމާނަށް ސީދާ ދަތުރުތައް ފެށުމަށް މީގެ މަދު ދުވަސްކޮޅެއް ކުރިން ހުށަހެޅި ހުށަހެޅުން ވެސް ހިމެނެ އެވެ.
"ހޫޘީން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޖަމާއަތަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމުގެ ޒިންމާއިން ރެކުމަށްޓަކައި، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ދޮގު ތުހުމަތުތަކެއް އުފައްދަން،" ސައުދީ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ކޯލިޝަންގެ ޖޮއިންޓް ފޯސަސް ކޮމާންޑްގެ މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމަށް ކޯލިޝަނުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް އަރަބިއްޔާ










