އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ކޮންމެ ބާރަކާ ދެކޮޅަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދިނުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އޮޕަރޭޝަނަލް ޕްލޭންތައް އެކުލަވާލާފައެވެ. އެމެރިކާގެ އިންޒާރުތަކާ ގުޅިގެން، އީރާނުގެ އައްސޭރިފަށާއި މުހިންމު ސަރަހައްދުތައް ދިފާއުކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރަމުން، ދުޝްމަނުންނަށް އެހީތެރިވާ އަވަށްޓެރި ގައުމުތަކަށްވެސް އެ ގައުމުން ވަނީ އިންޒާރު ދީފައި.

އޮމާން ކަނޑުގެ އައްސޭރިފަށުގައި ކުރިއަށްދިޔަ އީރާނުގެ އަސްކަރީ ތަމްރީނުތަކުގައި، އެ ގައުމުގެ އަސްކަރިއްޔާގެ ކޮމާންޑޯ ޔުނިޓުތަކާއި އަސްކަރީ އުޅަނދުތައް ބައިވެރިވަނީ | ގެޓީ އިމޭޖަސް
އީރާނުގެ ސަރަހައްދަށް ވަދެގަތުމަށް ދުޝްމަނުން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް، ދިފާއީ ވަރުގަދަ ސިނާރިއޯތަކާއި އޮޕަރޭޝަނަލް ޕްލޭންތައް އެ ގައުމުން މިހާރު އެކުލަވާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ވާހަކަދައްކަވަމުން އަކްރަމީނިއާ ވިދާޅުވީ، ބޭރުގެ އެއްވެސް ބާރަކަށް އީރާނުގެ ބިމުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު އެ ގައުމުގެ ރައްޔިތުން ދުވަހަކުވެސް ނުދޭނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވަދެގަންނަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ، މީހުން މަދުން ދިރިއުޅޭ ރަށްތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް އަމާޒުކޮށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ޕްލޭންތައް މިހާރު ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ދިފާއީ ސިނާރިއޯތަކާއި ޕްލޭންތައް ވަރަށް ސަރީހަކޮށް ކަނޑައަޅާފައި،" އޭނާ ވިދާޅުވި އެވެ. "ބޭއްވުނު ގިނަ އަދަދެއްގެ އަސްކަރީ ތަމްރީނުތަކުގެ އެހީގައި، ދުޝްމަނުންނަށް ފައިތިލަ ސާބިތުކޮށްލުމުގެ ފުރުސަތުވެސް ނުދީ، އެފަދަ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީ ދުޝްމަނުން ނައްތާލުމަށް އަޅުގަނޑުމެން ވަނީ ތަމްރީނުވެފައި."
އަކްރަމީނިއާ އިންޒާރު ދެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް ދުޝްމަނުން ބޭނުންކުރާ ކޮންމެ ސަރަހައްދަކަށް އީރާނުން ހަމަލާދޭނެ އެވެ. އެއީ އީރާނުގެ ބިމުގެ ތެރެއިން ދުޝްމަނުން ވަގުތީ ގޮތުން ހިފާފައިވާ ސަރަހައްދެއް ކަމުގައި ވީނަމަވެސް އެ ސަރަހައްދަކަށް ހަމަލާދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިމިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކާއި ފާލަންތަކަށް އަމާޒުކޮށް ހަމަލާދީ ހަނގުރާމަ ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މައި ޓާމިނަލް ހުންނަ ޚާރްގް އައިލެންޑް ހިފުމަށް އެއްގަމު ސިފައިން ފޮނުވާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
އަކްރަމީނިއާ ވިދާޅުވީ، ހަމަލާ އަންނަނީ ކޮންމެ ދިމާލަކުން ކަމުގައި ވީނަމަވެސް، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެކަމަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށެވެ.
ދުރުގައި ތިބެގެންދޭ ހަމަލާތަކާއި އެއްގަމު މަގުން ކުރާ ހަނގުރާމައިގެ ހުރި އިސްތިރާޖީ ތަފާތުތައް ކިޔައިދެއްވަމުން އަކްރަމީނިއާ ވިދާޅުވީ، ދުރު ރާސްތާގެ ކުރިމަތިލުންތަކުގައި އެމެރިކާއިން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އަސްކަރީ ސާމާނަށް ކަމަށެވެ.
"ނަމަވެސް، ކުރިމަތިލުން އެއްގަމު ހަނގުރާމައަކަށް ބަދަލުވެއްޖެނަމަ، އެއީ ސީދާ ކުރިމަތިލުމަކަށް ވާނެ. އެފަދަ ހާލަތެއްގައި، އެ ސަރަހައްދުގެ ބިމުގެ ހާލަތު ދުޝްމަނުންނަށް ނޭނގުމާއި، އެމީހުންގެ ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުން ނުކުރެވޭ ފަދަ ހާލަތަކަށް ދިއުމުން، ދުޝްމަނުން ބަލިކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ދުޝްމަނުންގެ ޓެކްނޮލޮޖީގެ ކުރިއެރުމަށްވުރެ އީރާނުގެ ރައްޔިތުންގެ އަޒުމް މާ ވަރުގަދަކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލަކީ އަސްކަރީ ގޮތުން ކުރިއަރާފައިވާ ގައުމުތަކެއް ކަމަށްވީ ނަމަވެސް، މިހާތަނަށް އެ ގައުމުތަކުގެ މަގްސަދުތައް ހާސިލުކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަކްރަމީނިއާ ވިދާޅުވި ގޮތުގައި، އީރާނުން ފާއިތުވި 20 އަހަރު ހޭދަކޮށްފައިވަނީ "އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުންނާ" ކުރިމަތިލުމަށް ތައްޔާރުވުމުގަ އެވެ.
"މިއަދު ހަނގުރާމައިގެ މައިދާނުގައި ތިބި އަޅުގަނޑުމެންގެ ސިފައިންނަކީ، ކޮންމެ ވަގުތެއްގައިވެސް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޖޯޝާއި، ހިތްވަރާއި، ނަފްސާނީ ތައްޔާރުކަން ލިބިފައިވާ ބައެއް،" އޭނާ ވިދާޅުވި އެވެ.
އަސްކަރިއްޔާގެ އަޒުމާއި އަގުތަކަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ސިފައިންގެ މެދުގައި އޮތް ވަރުގަދަ އީމާންތެރިކަމާއި ސާބިތުކަމަކީ، އެމީހުންގެ ޖޯޝް އެންމެ މަތީ ދަރަޖައަށް އުފުލައިދޭ ސަބަބު ކަމަށެވެ.
މި ހަފުތާގެ ކުރީކޮޅުވެސް އަކްރަމީނިއާ ވަނީ، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ އުދުވާނީ އަމަލުތައް ހުއްޓުވޭ ފަދަ "ފުރިހަމަ ދިފާއީ ބާރެއް" ގާއިމުކުރެވެންދެން އީރާނުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ އުދުވާނަށް އެހީތެރި ނުވުމަށް ފާރިސީ ކަނޑުއޮޅީގެ އަވަށްޓެރި ގައުމުތަކަށް އޭނާ އިންޒާރު ދެއްވި އެވެ. އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ކެމްޕޭނުގައި ބައިވެރިވާ ގައުމުތަކުން ހުރްމުޒް ކަނޑުއޮޅީގައި ނަތީޖާއާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި، އެ ކަނޑުއޮޅި އަދިވެސް އޮތީ އީރާނުގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.










