އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޮޑު ބަޖެޓެއް ބޭނުންވާކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް 150 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް މޫޑީސްއިން ލަފާކުރޭ. ހަނގުރާމައިގެ ސަބަބުން ހަތިޔާރުގެ ސްޓޮކް މަދުވެފައިވާތީ އިތުރު ފައިސާ ބޭނުންވާ ކަމަށް ޕެންޓަގަނުން ބުނި ނަމަވެސް، ސެނެޓަރުން ވަނީ އެ ބަޖެޓާ މެދު ސުވާލު އުފައްދާފައި.

ވޮޝިންގޓަންގެ ކެޕިޓަލް ހިލްގައި 2026 ޖުލައި 21 ވަނަ ދުވަހު ބޭއްވި ސެނެޓް ކޮމިޓީ އޮން އެޕްރޮޕްރިއޭޝަންސްގެ އަޑުއެހުމެއްގައި ބައިވެރިވުމަށްފަހު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް (ވައަތްފަރާތުގައި) އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން އެ ތަނުން ނުކުމެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ސެނެޓް އެޕްރޯޕްރިއޭޝަންސް ކޮމިޓީގައި ބޭއްވި އަޑުއެހުމެއްގައި ހެގްސެތު މި އަދަދު ކަށަވަރުކޮށްދެއްވީ، އެމެރިކާގެ ޑިފެންސް ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 1.5 ޓްރިލިއަން ޑޮލަރާ ގުޅޭގޮތުން ސުވާލުކުރުމަށް ބޭއްވި ބައްދަލުވުމުގަ އެވެ. މި ބަޖެޓުގެ ތެރޭގައި އީރާނު ހަނގުރާމައަށް ބޭނުންވާ ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ހިމެނޭއިރު، މި ބައްދަލުވުމުގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑެން ކޭންއާ ވެސް ވަނީ ސުވާލުކޮށްފަ އެވެ.
ސަރުކާރުން މިހެން ބުނި ނަމަވެސް، އެހެން އިދާރާތަކުން ލަފާކުރާ އަދަދުތަކަށްވުރެ މި އަދަދު ވަރަށް ބޮޑަށް ކުޑައެވެ. ޚާއްޞަކޮށް އެމެރިކާގެ އާންމު ރައްޔިތުންނަށް ކުރާ އަސަރުތައް ހިމަނައިގެން ލަފާކުރާ އަދަދުތައް މިއަށްވުރެ މާ މައްޗެވެ. މިސާލަކަށް، މޫޑީސް އެނަލިޓިކްސްއިން ލަފާކުރާ ގޮތުގައި، ހަކަތައިގެ އަގު ބޮޑުވުން ފަދަ ކަންކަމާއެކު މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރާ އަސަރު 150 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
ޑިމޮކްރެޓިކް ސެނެޓަރ ޑިކް ޑާބިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެގްސެތު ވިދާޅުވީ، މިއަދާ ހަމައަށް ލިބިފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ޚަރަދަކީ 37.5 ބިލިއަން ޑޮލަރު ކަމަށެވެ.
މި އަދަދުގެ ތެރޭގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިނގާނެ އޮޕަރޭޝަނަލް އަދި މެއިންޓެނަންސް ޚަރަދުތައް ހިމެނޭ ކަމަށް ހެގްސެތު ވިދާޅުވި ނަމަވެސް، އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.
މިހާރު ހާމަކުރި މި އަދަދަކީ، މިދިޔަ މެއި މަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހާމަކުރި 29 ބިލިއަން ޑޮލަރަށްވުރެ ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ހެގްސެތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ އެމެރިކާ އާއި އީރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. ޖޫން 17 އިން ފެށިގެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި އޮތް ފަހުމުނާމާ (އެމްއޯޔޫ) މިދިޔަ ހަފުތާގައި ވަނީ އުވާލާފަ އެވެ.
ވޭތުވެދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ އިތުރު ދެ ސިފައިން މަރުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން މީގެ "ބަދަލު ދޭންޖެހޭނެ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
ވޭތުވެދިޔަ ހަފުތާގައި ޓްރަމްޕް ވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް ހަމަލާދިނުމަށާއި، އީރާނުގެ ޚާރްޖް އައިލެންޑް ހިފުމަށް އެއްގަމު ސިފައިން ފޮނުވުމުގެ އިތުރުން، "ޕިކްއޭކްސް މައުންޓަން" ގެ ނަމުން މަޝްހޫރުވެފައިވާ ބިމުގެ އަޑީގައި ހުރި ނިއުކްލިއާ މަރުކަޒަށް ބޮން އެޅުމަށް އިންޒާރު ދެއްވާފަ އެވެ.
އެމެރިކާގެ ހަމަލާތައް މިހާތަނަށް އަމާޒުކޮށްފައިވަނީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުގެ ބާރު ދެއްކުމަށް ބޭނުންކުރާ ސަރަހައްދުތަކަށެވެ. މިއީ މި ހަނގުރާމައިގައި އީރާނަށް އޮތް އެންމެ މުހިންމު ސަރަހައްދެވެ.
މީގެ ރައްދުގައި އީރާނުން ވެސް ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. އެންމެ ފަހުން ދިން ހަމަލާތަކުގައި ކުވައިތުގައި ހުރި ފެން ސާފުކުރާ މަރުކަޒުތަކާއި ކަރަންޓު އުފައްދާ ތަންތަނުގައި ވަނީ ރޯކޮށްލާފަ އެވެ. މީގެ އިތުރުން ބަހްރައިން އާއި އުރުދުންގެ ބައެއް ތަންތަނަށް ވެސް ވަނީ ހަމަލާދީފަ އެވެ. އަދި އީރާނާ ގާތް ގުޅުމެއް އޮންނަ ޔަމަނުގެ ހޫޘީން ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުން ދަތުރުފަތުރު ހުއްޓުވުމުގެ ބްލޮކޭޑެއް އިއުލާންކޮށްފަ އެވެ.
ހެގްސެތު ދެއްވި ފެށުމުގެ ބަޔާނުގައި، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ފެށި މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރަސްމީ ސްޓޮކްޕައިލް އަށް ބާރުބޮޑުވެފައިވާކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށާއި، ބޭނުން ބޮޑުވެފައިވާ ހަތިޔާރުތައް އަވަހަށް ފޯރުކޮށްދިނުމަށް ފައިސާ ބޭނުންވާ ކަމަށެވެ. މީގެ ތެރޭގައި ރޮކެޓް މޮޓޯތަކާއި، ޖޭޑީއޭއެމް (ޖޮއިންޓް ޑައިރެކްޓް އެޓޭކް މިއުނިޝަން) އާއި، ހައިޕަސޯނިކް ހަތިޔާރުގެ އިތުރުން ޑްރޯން ހުއްޓުވުމުގެ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޓަގަންގެ ވެރިޔާ އިތުރަށް ވިދާޅުވީ، ބަޖެޓުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ބޭނުންވާ ބަޖެޓު އަވަހަށް ނުލިބިއްޖެނަމަ ކުރިއަށް އޮތް ތަނުގައި ތަމްރީނުތައް މަދުކުރަން ޖެހިދާނެ ކަމަށެވެ.
ޑިމޮކްރެޓިކް ސެނެޓަރ ޕެޓީ މުރޭ ވަނީ މި ބޮޑު ބަޖެޓާ މެދު ސުވާލު އުފައްދަވާފަ އެވެ. މި ބަޖެޓުގައި އީރާނު ހަނގުރާމައިގެ އިތުރުން، ވޮޝިންޓަން ޑީސީގައި ނޭޝަނަލް ގާޑް ބޭތިއްބުމަށާއި، ކެރީބިއަން ސަރަހައްދުގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށާއި، އެމެރިކާގެ ބޯޑަރު ބެލެހެއްޓުމަށް ވެސް ފައިސާ ހިމަނާފައިވެ އެވެ.
ސެނެޓަރ މުރޭ ވިދާޅުވީ، "ތެދަށް ބުނާނަމަ، ތިޔަ ހުށަހަޅާފައިވާ ބަޖެޓަކީ އެއްވެސް ބުއްދިއަކަށް ގަބޫލުކުރެވޭ ފަދަ ހަމަޖެހޭ ހުށަހެޅުމެއް ނޫން" ކަމަށެވެ.










