Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާ

އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!

އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ވެއްޓި މަރުވި ހާދިސާއަކީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރޭވުމެއްގެ ދަށުން ހިންގި މަރުގެ އަމަލެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައި. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، ސީސީޓީވީ ފުޓޭޖާއި އެހެނިހެން ހެކިތަކުގެ އެހީގައި ފުލުހުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުން. ކައިވެނި ކުރަން ތައްޔާރުވެފައިވަނިކޮށް ހިނގި މި ހާދިސާއާ ގުޅިގެން އިންޑިއާގެ މީޑިއާގެ ސަމާލުކަން މިކަމަށް ވަރަށް ބޮޑަށް ވަނީ ހުއްޓިފައި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 11:58
ކެޓަން އަގަރްވާލް އާއި ސިޔާ ގޯޔަލް އެންގޭޖްވީ މިއަހަރުގެ ފެބްރުއަރީ މަހު

ކެޓަން އަގަރްވާލް އާއި ސިޔާ ގޯޔަލް އެންގޭޖްވީ މިއަހަރުގެ ފެބްރުއަރީ މަހު | އެކްސް

ޖޫން މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ފޯޓު މަތިން ޒުވާނަކު ވެއްޓި މަރުވުމުން، އެއީ ފުރަތަމަ ބެލެވުނީ ހިތާމަވެރި އެކްސިޑެންޓެއްގެ ގޮތުގަ އެވެ.

އުމުރުން 26 އަހަރުގެ ކެޓަން އަގަރްވާލް، ފަތުރުވެރިންނާއި ހައިކިންގްއަށް ދާ މީހުންގެ މެދުގައި މަގުބޫލު ރީތި މަންޒިލެއް ކަމަށްވާ ލޯހަގަދް ފޯޓަށް އޭނާގެ ލޯބިވެރިޔާ ސިޔާ ގޯޔަލްއާއެކު ޒިޔާރަތްކުރަނިކޮށް ވެއްޓުނީ އެ ސަރަހައްދުގައި އޮތް މާ ކަނޑަކަށެވެ.

ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން، ފުލުހުން ވަނީ އުމުރުން 20 އަހަރުގެ ސިޔާ އާއި އޭނާގެ އެކުވެރިޔާ، އުމުރުން 22 އަހަރުގެ ޗެތަން ޗައުދަރީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ދެމީހުން ވަނީ ކެޓަން އުސްތަނަކުން ކޮށްޕާލައި ވައްޓާލައިގެން މަރާލާފަ އެވެ. އަދި ސިޔާ އާއި ޗެތަންއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ.

ސިޔާ އާއި ޗެތަން މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ. އެމީހުން މިހާތަނަށް އެއްވެސް ބަޔާނެއް ދީފައި ނުވާއިރު، ދެ މީހުންގެ ވަކީލުން ވެސް ވަނީ މި ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކޮށްފަ އެވެ.

ފަހަކަށް އައިސް އިންޑިއާގައި ހިނގާފައިވާ ބޮޑެތި އެހެން ކުށްތަކެކޭ އެއްފަދައިން، މި މައްސަލައާ ގުޅިގެން ވެސް މީޑިއާގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް މިކަމަށް ހުއްޓިފަ އެވެ.

ފުލުހުން ތަހުގީގުގެ ބައެއް މައުލޫމާތުތަކާއި އެމީހުންގެ ދެކޭގޮތް ނޫސްވެރިންނަށް ހިއްސާކުރަމުންދާއިރު، ވޭތުވެދިޔަ ހަފުތާގައި މި މައްސަލަ ވަނީ ހަބަރުތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދާފަ އެވެ.

މީސްމީޑިއާގައި ކެޓަން އާއި ސިޔާގެ އަމިއްލަ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

ޚާއްޞަކޮށް ސިޔާއަށް އަމާޒުކޮށް ގިނަ ބައެއްގެ ނުރުހުން ދަނީ އޮހެމުންނެވެ. ތަހުގީގު ކުރިއަށްދާއިރު ވެސް އޭނާއަކީ ގާތިލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، ހައްޔަރުކުރުމުގެ ކުރިން އޭނާގެ ލޯބިވެރިޔާގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް އާންމުކުރި ވީޑިއޯއަކަށް ވެސް ގިނަ ބަޔަކު ދަނީ މަލާމާތް ކުރަމުންނެވެ.

މީސްމީޑިއާގައި ދައުރުވާ ބައެއް ޕޯސްޓުތަކުގައި ޒުވާން އަންހެނުންނަށް ނަސޭހަތްތެރިވަމުން ބުނެފައިވަނީ، "ނޫނެކޭ ބުނަން ދަސްކުރާށެވެ، މަޖުބޫރުން ކައިވެނިކުރުވަން އުޅޭނަމަ އެކަމާ ދެކޮޅު ހަދާށެވެ، ނަމަވެސް މީހުން މަރައިގެންނުވާނެ އެވެ."

މިހާތަނަށް އެނގެނީ ކޮން ކަންތައްތަކެއް؟

އާއިލާތަކުން ބުނާ ގޮތުގައި ކެޓަން އާއި ސިޔާގެ ރަންކިޔާފައިވަނީ ފެބްރުއަރީ މަހުގަ އެވެ. އަދި މި އަހަރުގެ ފަހުކޮޅު ކައިވެނިކުރުމަށް އޮތީ ހަމަޖެހިފަ އެވެ.

ކައިވެނި ކުރާނެ ތަން ބުކްކޮށް، ކައިވެނީގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދިޔަ ކަމަށް އާއިލާތަކުން ބުނެ އެވެ.

ކެޓަންގެ މަރުގެ މައްސަލަ ހަބަރުތަކަށް އެރީ، ޕޫނޭ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސަންދީޕް ގިލް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މި މައްސަލައިގައި ބަޔަކު ހައްޔަރުކުރިކަން އިއުލާންކުރި ހިސާބުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކެޓަން މަރުވިކަން ރިޕޯޓުކުރީ އޭނާއާއެކު ފޯޓަށް ދިޔަ ސިޔާ އެވެ.

"ނަމަވެސް ތަހުގީގުގެ ތެރެއިން ލިބުނު ބައެއް މައުލޫމާތުތަކާއި، އެމީހުންގެ ރައްޓެހިންނާއި ތިމާގެ މީހުންނާ ވާހަކަދެއްކުމުން އަހަރެމެންނަށް ޝައްކުތަކެއް އުފެދުނު،" ގިލް ވިދާޅުވި އެވެ.

"ކެޓަންއަކީ ހައިކިންގްގެ ތަޖުރިބާހުރި މީހެއް. އެހެންކަމުން އޭނާ ކުއްލިއަކަށް ފައި ކައްސާލައިގެން އެގޮތަށް ވެއްޓި މަރުވެދާނެ ކަމަށް ގަބޫލުކުރަން އުނދަގޫ. އޭނާގެ އާއިލާއިން ވެސް ޝައްކުތަކެއް ހުރިކަން ފާހަގަކޮށް މައްސަލަ ހުށަހެޅި،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ގިލް ވިދާޅުވީ ފުލުހުން މައްސަލަ އިތުރަށް ބެލުމުން، ސިޔާ އާއި ޗެތަންއާ ދެމެދު ގުޅުމެއް އޮތްކަމާއި، ކެޓަންއާ ކައިވެނިކުރަން ސިޔާ ބޭނުންނުވާކަން އެނގުނު ކަމަށެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި ސިޔާ އާއި ޗެތަން ރޭވީ ކެޓަން ފޯޓު މަތިން ކޮށްޕާލައިގެން މަރާލުމަށްފަހު، އެއީ އެކްސިޑެންޓެއްގެ ގޮތުގައި ދެއްކުމަށެވެ.

ސީނިއާ ޕޮލިސް އިންސްޕެކްޓަރު ދިނޭޝް ފަހުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގެ ހަގީގަތް ހޯދުނީ ފޯޓުގެ ސީސީޓީވީ ކެމެރާއަކުން ބޮލާއެކު ނިވާވާގޮތަށް ޖެކެޓެއް (ހޫޑީއެއް) ލައިގެން ހުރި މީހަކު ފެނުމުން ކަމަށެވެ. އެއީ ޗެތަން ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

"ޖޫން 18 ވަނަ ދުވަހުގެ ފިނިހޫނުމިން ބެލިއިރު އެދުވަހު ހުރީ 33 ޑިގްރީ ސެލްސިއަސްގައި. ފޯޓުގެ ތިރީގައި ހުރި ސީސީޓީވީ ފުޓޭޖްތައް ބެލިއިރު، ބޯ ނިވާކޮށްގެން ހޫޑީއެއް ލައިގެން، ހެޑްފޯން އަޅައިގެން ހުރި މީހަކު ފާހަގަވި."

"މޫސުން ހުރި ގޮތުން އެފަދަ ހެދުމެއް އެވަގުތު ލައިގެން ހުރުމަކީ އާދަޔާ ހިލާފު ކަމަކަށްވާތީ ޝައްކު އުފެދުނީ،" ދިނޭޝް ވިދާޅުވި އެވެ.

ސިޔާ އާއި ޗެތަންގެ ވަކީލުން ތުހުމަތުތައް ދޮގުކުރޭ

ސިޔާ އާއި ޗެތަން މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ. އަދި ހުކުރު ދުވަހު އެމީހުން ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެމީހުންގެ ވަކީލުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޗެތަންގެ ވަކީލު ބުނި ގޮތުގައި ސީސީޓީވީން ފެންނަ ހޫޑީ ލައިގެން ހުރި މީހަކީ އޭނާގެ މުވައްކިލެއް ނޫނެވެ.

"ސިޔާ ބުނަނީ އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށް. އަދި ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ދެމުންދާ ކަމަށް. އޭނާއާ ދެކޮޅަށް ކުރާ ހުރިހާ ތުހުމަތެއް އޭނާ ދޮގުކުރޭ،" ސިޔާގެ ވަކީލު ވިޕުލް ދުޝިންގް ބީބީސީއަށް ބުންޏެވެ.

"އޭނާ ހައްޔަރުކޮށްފައިވަނީ ކެޓަންގެ މައިންބަފައިން ކުރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް. އޭނާ ހައްޔަރުކުރުމަކީ ބޭނުންތެރި ކަމެއް ނޫން، އަދި އެކަން ކޮށްފައިވަނީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ވަރަށް ބޮޑަށް އަވަސްއަރުވާލައިގެން. އެއްވެސް ހެއްކެއް ނެތް، ފުލުހުން ހަމައެކަނި އަމިއްލަ ނިންމުންތަކެއް ނިންމަނީ،" އޭނާ ބުންޏެވެ.

ޗެތަންގެ ވަކީލު ރާމް ޝަހާނޭ މީޑިއާއަށް ބުނީ، އޭނާގެ މުވައްކިލާ ދެކޮޅަށް "ސީދާ އެއްވެސް ތުހުމަތެއް" ނެތް ކަމަށާއި، އޭނާ މި މައްސަލައިގައި ހިމެނީ ހަމައެކަނި ސިޔާގެ އެކުވެރިއަކަށް ވާތީ ކަމަށެވެ.

"ލޯހަގަދް ސަރަހައްދުގައި ޗެތަން އުޅުނު ކަމުގެ އެއްވެސް ވަރުގަދަ ހެއްކެއް ފުލުހުންގެ އަތަކު ނެތް. އަދި މިކަމާ ގުޅޭ އެއްވެސް ލިޔުމެއް ކޯޓަށް ހުށަހަޅާފައެއް ވެސް ނުވޭ،" އޭނާ ބުންޏެވެ.

ބުދަ ދުވަހު ފުލުހުން ވަނީ ޗެތަން އެ ފޯޓަށް ގެންގޮސް، ކުށް ހިނގި ގޮތް އަލުން ދައްކުވައިދީފަ އެވެ. އަދި ސީސީޓީވީން ފެނުނު މީހާގެ ހިނގުމާއި ޗެތަންގެ ހިނގުމާ ދިމާވޭތޯ ބެލުމަށް "ގޭޓް އެނަލިސިސް" އެއް ވެސް ވަނީ ހަދާފަ އެވެ.

ހަބަރު ފަތުރާ ޗެނަލްތަކުން ވަނީ ހޫޑީއެއް ލައިގެން ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ކިއްލާއަށް ވައްދާ މަންޒަރު ދައްކާފަ އެވެ.

ނަމަވެސް ސިޔާގެ ވަކީލު ވަނީ މިކަމާ މެދު ސުވާލު އުފައްދާފަ އެވެ. އޭނާ ބުނި ގޮތުގައި މިއީ ސައިންޓިފިކް ގޮތުން ކަށަވަރު ހެއްކެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ނޫނެވެ.

"މީގެން ހަމައެކަނި އެނގޭނީ ހޫޑީ ލައިގެން ހުރި މީހާއާ ވައްތަރު ގޮތެއް ހުރިކަން. އެކަމަކު އެއީ ހަމަ އެ މީހާކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް މީގެން ނުލިބޭނެ،" ދުޝިންގް ބުންޏެވެ.

ކެޓަންގެ އާއިލާއިން އެދެނީ މަރުގެ އަދަބަށް

ކެޓަންގެ މަރާއެކު، ހިތާމައިގައި ތިބި ދެ އާއިލާއެއް ވަނީ މީޑިއާގެ ބޮޑު ސަމާލުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ކެޓަންގެ މައިންބަފައިން ބުނަނީ ދަރިފުޅުގެ މަރާ މެދު ވަރަށް ބޮޑަށް ދެރަވެ، ސިޔާ އާއި ޗެތަންގެ މައްޗަށް ރުޅިވެރިކަން އެބައޮތް ކަމަށެވެ.

އޭނާގެ ބައްޕަ ވިޝާލް އަގަރްވާލް ބުނީ، "ކެޓަން އާއި ސިޔާގެ ރަންކިޔާފައިވަނީ ފެބްރުއަރީ މަހު. ކައިވެނިކުރަން ބޭނުން ނޫން ނަމަ އޭނާއަށް އެކަން ބުނެވުނީސް. އޭރުން އަހަރެމެން ވަގުތުން ކައިވެނި ކެންސަލް ކުރީމުސް،" ކަމަށެވެ.

ކެޓަންގެ މަންމަ ޕާކީ އަގަރްވާލް ބުނީ، "އަހަރެން ސިޔާއާ މެދު ދެކުނީ އަހަރެންގެ ޅީދަރިއެއްގެ ގޮތުގައި. އޭނާ އަހަރެމެންގެ ގޭގައި ބޭއްވި އުފަންދުވަހުގެ ޕާޓީތަކަށާއި ރޭގަނޑުގެ ކެއުންތަކަށް އައިސް އުޅުނު. އަހަރެން އޭނާއާ ވަރަށް ގިނައިން ބައްދަލުވި، އަދި އެކުގައި ބާޒާރުކުރަން ވެސް ދިޔައިން،" ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަގަރްވާލްގެ އާއިލާއިން ވަނީ މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދެވެންދުރަ ފަދުނަވިސްއާ ބައްދަލުކޮށް، ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ. ވިޝާލް އަގަރްވާލް ބުނީ މި މައްސަލައިގައި އޭނާ އެދިފައިވަނީ "މަރުގެ އަދަބު" ދިނުމަށް ކަމަށެވެ.

ދައުލަތުން މިހާރު ވަނީ މި މައްސަލައިގެ ޕްރޮސިކިއުޓަރަކަށް މަޝްހޫރު ވަކީލު އުއްޖަލް ނިކަމް އައްޔަންކޮށްފަ އެވެ. ނިކަމްއަކީ 2008 ވަނަ އަހަރު މުމްބާއީއަށް ދިން ހަމަލާގެ މައްސަލައިގައި މުހައްމަދު ގަސާބަށް މަރުގެ އަދަބު ހޯދައިދިނުމުގައި އިސްކޮށް އުޅުނު ވަކީލެވެ.

ސިޔާގެ މައިންބަފައިން ބުނަނީ ކީކޭ؟

ސިޔާގެ މައިންބަފައިން ބުނަނީ ކަންތައްތައް ވެގެންދިޔަ ގޮތުން އެމީހުން ތިބީ ވަރަށް ބޮޑު ހައިރާންކަމެއްގެ ތެރޭގައި ކަމަށެވެ.

ސިޔާ ހައްޔަރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އޭނާގެ ބައްޕަ ޕްރަވީން ގޯޔަލް ހޭނެތިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

"މިއީ ވަރަށް ހިތާމަވެރި ކަމެއް، މި ހުރިހާ ކަމެއް ހިނގި ގޮތް އަދިވެސް ގަބޫލެއް ނުކުރެވޭ،" އޭނާ ފަހުން މީޑިއާއަށް ބުންޏެވެ. "އަގަރްވާލްގެ އާއިލާއަށް އެމީހުންގެ ދަރިފުޅު ގެއްލިއްޖެ. އަހަރެމެން ވެސް ކެޓަންދެކެ ވަރަށް ލޯބިވިން، އަހަރެން އޭނާއާ މެދު ދެކުނީ އަމިއްލަ ދަރިއެއްގެ ގޮތުގައި. އޭނާގެ މަރުގެ ސަބަބުން ވަރަށް ބޮޑު ހިތާމައެއް ލިބިއްޖެ،" އޭނާ ބުންޏެވެ.

ސިޔާގެ މަންމަ ޕޫޖާ އަގަރްވާލް މީޑިއާއަށް ބުނީ، މި ހާދިސާގެ ސަބަބުން ދެ އާއިލާ ވެސް "ހަލާކުވެއްޖެ" ކަމަށެވެ.

"އަހަރެމެންގެ ހިތްތައް ވަނީ ކުދިކުދިވެފައި. ކެޓަންއަކީ ވަރަށް ރަނގަޅު މީހެއް. މިކަމުގައި ކުށްވެރިވާ ބަޔަކަށް އެންމެ ހަރުކަށި އަދަބު ލިބެންޖެހޭނެ،" އޭނާ ބުންޏެވެ.

ސިޔާ ކެޓަންއާ ކައިވެނިކުރަން ބޭނުންނުވާ ކަމަށާއި، އާއިލާއިން އޭނާއަށް މަޖުބޫރުކުރާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރި އެވެ.

"އަހަރެމެން ތަކުރާރުކޮށް ސިޔާ ގާތު އެހިން ކެޓަންއާ ކައިވެނިކުރަން ބޭނުންތޯ. އޭނާ ބުނީ ކެޓަންދެކެ ލޯބިވާ ކަމަށް. އެ ދެމީހުން އެކުގައި އުޅުނީ ވަރަށް އުފަލުން."

"ސިޔާގެ އެއްވެސް މައްސަލައެއް އޮތް ނަމަ އަދި އެކަން އަހަރެމެންނާ ހިއްސާކުރި ނަމަ، އަހަރެމެން ކައިވެނި ކެންސަލް ކުރީމުސް. އެކަމަކު އެއްވެސް މައްސަލައެއް ނެތް. ސިޔާ އޭނާދެކެ ވަރަށް ލޯބިވޭ،" އޭނާ ބުންޏެވެ.

މަސްދަރު: ބީބީސީ

ކެޓަން އަގަރްވާލްސިޔާ ގޯޔަލްޗެތަން ޗައުދަރީޕޫނޭލޯހަގަދް ފޯޓްއިންޑިއާ

އިތުރަށް ކިޔާލަން

01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

އިންޑިއާއިން ބޭރުކުރާ ތެލުގެ ބާވަތްތަކުން ނަގާ އެކްސްޕޯޓް ޓެކްސްއަށް ބަދަލުތަކެއް ގެނެސް، އެ ޓެކްސް ދައްކަން ނުޖެހޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފި. މި ބަދަލާއެކު ޑީސަލާއި ބޯޓުދެލިން ނަގާ ޓެކްސް ކުޑަކޮށް، ޕެޓްރޯލުން ނަގާ ޓެކްސް ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައި. މިއީ ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، އިންޑިއާގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ތެޔޮ ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއް.

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

ޓާޓާ އިލެކްޓްރޯނިކްސްގެ ސާވަރތަކަށް ދިން ސައިބަރ ހަމަލާއެއްގައި، 2026 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 18 ޕްރޯ މެކްސްގެ މަދަރބޯޑުގެ ކުރެހުންތަކާއި 2 ނެނޯމީޓަރުގެ ޗިޕްސެޓްގެ ޓެކްނޮލޮޖީގެ މައުލޫމާތުތައް ވަނީ ލީކުވެފަ. މި ހާދިސާގައި ފޯނުގެ އެތެރޭގެ އޮނިގަނޑާއި ކެމެރާ ސިސްޓަމަށް ގެންނަ ބަދަލުތައް ހާމަވުމަކީ އެޕަލްގެ ވިޔަފާރި އާއި ރައްކާތެރިކަމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް މުހައްލިލުން ދެކެ.

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

މިއީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ގައުމީ ދުވަހުގެ މުނާސަބަތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

އަމްރިތުސާ އެއާޕޯޓުގެ ރަންވޭ ބަންދުކުރުމާ ގުޅިގެން، އެއާ އިންޑިއާގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި އޮޅުމަކުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއް ފެންމަތިވެއްޖެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ ކަމަށްވާއިރު، މިކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައި ނުވާތީ ފްލައިޓް ކުރޫންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރާ މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައި.

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

އިންޑިއާގެ މެޑިކަލް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ނިއުދިއްލީގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި. ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ހަރަކާތުގެ ސަބަބުން ޒުވާނުންގެ މެދުގައި އުފެދިފައިވާ ނުރުހުންތައް މަގުމަތީގެ ހަރަކާތްތަކަކަށް ބަދަލުވެފައިވާއިރު، ފުލުހުންގެ ހުރަސްތަކާއެކުވެސް މުޒާހަރާގެ ބައިވެރިން ދަނީ ކޭމްޕް ޖަހައިގެން އެ ސަރަހައްދުގައި މަޑުކުރަމުން. މި ހަރަކާތުގެ ސަބަބުން ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވަނީ، އިމްތިހާންތަކުގެ އިތުބާރު ގެއްލި ދަރިވަރުންގެ މެދުގައި ނަފްސާނީ ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި.

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު