މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
ނިއުޔޯކުގެ އާ މޭޔަރު ޒޮހްރާން މަމްދާނީ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ސިފަކޮށް އޭނާ ހައްޔަރުކުރުމުގެ ފުރުސަތު އޮތްތޯ ބަލަމުންދާ ކަމަށް ވިދާޅުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައި. އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާއިރު، އިސްރާއީލުން ވަނީ އެ ކޯޓުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި

ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ނިއުޔޯކުގައި ބާއްވާ އދ. ގެ ސަމިޓަށް ވަޑައިގަތުމުން އޭނާ ހައްޔަރު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ދެއްވައިފި އެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތަކާ ގުޅޭގޮތުން ނިއުޔޯކުގެ އާ މޭޔަރު ދިރާސާ ކުރަމުންދާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވީ، ބޭރު ގައުމެއްގެ ވެރިއަކު ހައްޔަރުކުރުމަށް ފުލުހުންނަށް އަމުރު ކުރުމުގެ ބާރު އޭނާއަށް ލިބިގެންވޭތޯ ޔަގީން ނުވާ ކަމަށެވެ. ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ކުރިން، އެ މައްސަލައާ ގުޅޭގޮތުން އޭނާގެ ގާނޫނީ ޓީމާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މަމްދާނީ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި ހުންނަވަނިކޮށް އެއްވެސް ހާލަތެއްގައި، އަދި އެއްވެސް ގޮތަކުން ބެންޖަމިން ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އަދި ނަތަންޔާހޫ އަކީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން 2024 ވަނަ އަހަރު ބުނެފައިވަނީ، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި، ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަށް ނަތަންޔާހޫ ޒިންމާވާންޖެހޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް އެބަހުރި ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު މަމްދާނީ ވިދާޅުވީ، ބޮޑުވަޒީރު ނަތަންޔާހޫ ހުންނަންޖެހޭނީ ދަ ހޭގްގެ ޖަލެއްގައި ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި މަމްދާނީ ސިފަކުރެއްވި އެވެ.
ނަތަންޔާހޫގެ އޮފީހުން ވަނީ މޭޔަރު މަމްދާނީގެ ވާހަކަތަކަށް ނުރުހުންވެ ރައްދުދީފަ އެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަކީ އެއްވެސް އުސޫލެއް ނެތް، ބޭއިންސާފު ކޯޓެއްގެ ގޮތުގައި ނަތަންޔާހޫގެ އޮފީހުން ސިފަކޮށްފައިވެ އެވެ.










